ޓެސްލާއިން ރޮބޮޓެއް އުފައްދަނީ

ހަސަންވީ 28 އޯގަސްޓު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ބެޓަރި ކާރު އުފައްދާ ޓެސްލާ ކުންފުނިން ރޮބޮޓެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށްފިއެވެ. މިމަހުގެ 19 ވަނަ ދުވަހު އޮތް ޓެސްލާގެ "އޭ.އަި ޑޭ" ވަނީ އެކުންފުނީގެ ރޮބޮޓް "ޓެސްލާބޮޓް" ހުންނާނެ ގޮތް ދައްކާލައިފައެވެ. އަދި ޕްރޮޓޯޓައިޕެއް ހެދިފައިނުވާތީ މިއިވެންޓުގައި ރޮބޮޓްގެ ކޮސްޓިއުމުގައި ހުރީ ނެށުންތެރިއެކެވެ. މިރޮބޮޓުގެ ދިގުމިނުގައި 5 ފޫޓް 8 އިންޗި ހުރެއެވެ. އަދި ބަރަދުނުގައި 56 ކިލޯ ހުރެއެވެ. މިރޮބޮޓް ހަރަކާތްތެރިވާނީ މިހާރު ޓެސްލާ ކާރުތަކުގައި ބޭނުންކުރާ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެންނެވެ. އަދި ޓެސްލާގެ ކާރުތަކުގައި ބޭނުންކުރާ ކެމެރާތައްވެސް މިރޮބޮޓްގައި ބޭނުންކުރާނެއެވެ.


ޓެސްލާގެ ސީއީއޯ އިލޮން މަސްކް ހާމަކުރިގޮތުގައި މިރޮބޮޓަކީ އިންސާނުންނާއި ރައްޓެހި އަދި ރައްކާތެރި ރޮބޮޓެކެވެ. އެގޮތުން ރޮބޮޓަށް ހިނގޭނެ އެންމެ ބާރުމިނަކީ ގަޑިއަކު 8 ކިލޯމީޓަރެވެ. އަދި ރޮބޮޓް ޕްރޮގްރާމްކޮށްފައިވާ ގޮތުން އިންސާނަކަށް ރޮބޮޓް ވައްޓާލަން ފަސޭހަވާނެއެވެ. މިއީ ރޮބޮޓް މެލްފަންކްޝަންކޮށް ފިލްމުތަކުގައި ފެންނަގޮތަށް "ސެލްފް އެވެއަރ" ވެއްޖެ ހާލަތެއްގައި އިންސާނުންނަށް ރޮބޮޓް ހުއްޓުވޭނެގޮތް ހެދުމަށްޓަކައި ހަދާފައިވާގޮތެކެވެ.

އިލޮން މަސްކް ހާމަކުރިގޮތުގައި މިރޮބޮޓްގެ މައިގަނޑު ބޭނުމަކީ ތަކުރާރުކޮށްކުރަން ޖެހޭ، ފޫހި، ނުރައްކާތެރި މަސައްކަތްތައް ކުރުމެވެ. މިސާލަކަށް ފިހާރައަކަށްގޮސް ލިސްޓްގައިވާތަކެތި ގަނެގެން އަންނަން ބުނެފިނަމަ ރޮބޮޓް އެކަންކުރާނެއެވެ. މިރޮބޮޓަށް 20 ކިލޯގެ ސާމާނު އުފުލޭނެއެވެ. މަސްކް ދެކޭގޮތުގައި މުސްތަގުބަލުގައި ލޭބަރ މަސައްކަތް އިންސާނުން ކުރަންޖެހޭނީ ބޭނުންނަމަ އެކަންޏެވެ. ބޭނުންނުވާނަމަ ރޮބޮޓް ލައްވާ ކުރުވާނީއެވެ. އެހެންނަމަވެސް ޓެސްލާބޮޓް މާކެޓަށް ނެރެވޭނެ ދުވަހެއް ނޭންގެއެވެ. މަސްކް ވިދާޅުވިގޮތުގައި ރޮބޮޓްގެ ފުރަތަމަ ޕްރޮޓޯޓައިޕް އަންނަ އަހަރުގައި ދައްކާލެވޭ ވަރުވާނެއެވެ. އެހެންނަމަވެސް މީގެ ކުރިން ޓެސްލާގެ ބައެއްކާރުތަކުގެ ޕްރޮޓޯޓައިޕްތައް ދައްކާލެވިފައިވަނީ އަންދާޒާ ކުރިތާރީތާރީޚުތަކަށްވުރެ މާލަހުންނެވެ.


ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.