މޯބައިލް ސެކިއުރިޓީ: ޑިވައިސްތަކަށް ވުރެއް ތޫނުފިލި ވާންޖެހޭ

އާރު 18 ސެޕްޓެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޝައްކެނެތެވެ! ސްމާރޓް ފޯން ތަކަކީ އެންމެ އާއްމު އެއް އިލެކްޓްރޯނިކް ޑިވައިސްއޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ. ރާއްޖެއަކީ އާބާދީގެ ނިސްބަތުން ވަރަށް ފުޅާކޮށް މޯބައިލް އިންޓަނެޓް ބޭނުންކުރާ އާބާދީއެކެވެ. ތަފާތު އެކި އެކި ބޭނުން ތަކަށެވެ. މިގޮތުން ރަސްމީ އެކި މުއާމަލާތްތަކާއި، އާއިލާތަކާއެކު ގުޅުން ދެމެހެއްޓުމަށާއި، މުނިފޫހިފިލުވުމަށާއި، އުގެނުމާއި އުގަންނާއި ދިނުމަށް އަދި މިހެން ގޮސް ކަނޑު ފަޅުތަކުގައި އެންވެރިކަމާއި މަސްވެރިކަމަށްވެސް މިއަދު މިވަނީ ދިވެހިން ސްމާޓްފޯން ތަކާއި އެކި އެކި އެޕްލިކޭޝަންތައް އަދި އިންޓަނެޓް އަށް ބަރޯސާވެފައެވެ.

ޕޯރޓަބަލް ޑިވައިސް ތަކުގެ އެހީގައި އިންޓަނެޓް ބޭނުންކުރާ މީހުންގެ އަދަދު ކޯވިޑް-19 އާއި އެކު އެތަކެއް ދަރަޖައެއް މިވަނީ މައްޗަށް ޖެހިލާފައެވެ. ގޭގައި ތިބެގެން މަސައްކަތް ކުރުމާއި، އޮންލައިން ލާރނިންގް އާއި އެކު އިންޓަނެޓް ބޭނުންކުރަން ޖެހޭ ނިސްބަތްވެސް އިތުރުވެގެން ގޮސްފައިވާކަން އެންމެން ދަނެއެވެ. ޒަމާނީ ތަރައްގީ އާއި އެކު މޯބައިލް އިންޓަނެޓް އަދި ޕޯޓަބަލް ޑިވައިސްތަކަށް ބޮޑެތި ކުރިއެރުން ތަކެއް އައި ކަމުގައި ވިޔަސް ރައްކާތެރިކަމަށް ނުވިސްނާ އެތަކެތީގެ ބޭނުން ކުރުމުގެ ސަބަބުން އަހަރުމެންގެ އެތަކެއް ޒާތީ މައުލޫމާތުތަކާއި ރައްކާތެރިކުރަންޖެހޭ އެތަކެއް ނާޒުކު މައުލޫމާތެއް ނުރައްކަލަށް ހުޅުވިފައިވާ މިންވަރުވެސް އިތުރުވެއްޖެއެވެ.

އަހަރުމެންގެ ޖީބުތަކާއި އަތްދަބަސްތަކުގައި މޯބައިލް ފޯން އަބަދުހެން އޮންނަ އިރު އެޑިވައިސް ތަކަކީ އަހަރުމުންނަށް ޖާސޫސް ކުރުމަށް ބޭނުން ކުރެވިދާނެ އެއްޗެއްކަން ގިނަ ބަޔަކަށް ގަބޫލުކުރަން ދައްޗެއެވެ. ޓެކްނޮލޮޖީގެ ހަލުވި ކުރިއެރުން ތަކާއި އެކު މިހާރު ގިނަ ސްމާރޓްފޯން ތަކުގައި ކެމެރާ އަދި މައިކްރޯފޯން ހިމެނޭގޮތަށް ތަފާތު އެތަކެއް ސެންސަރި އިކުއިޕްމަންޓް ތަކާއި، ޓްރެކިންގް މައުލޫމާތުތައް ދެނެގަތުމުގެ ޤާބިލްކަން ލިބިދީފައިވެއެވެ. މިދިޔަ ޖުލައިމަހުގެ ތެރޭގައި އިވިގެން ގޮސްފައިވަނީ އިޒްރާއީލުގެ ކުންފުންޏަކުން އުފައްދާފައިވާ ސްޕައިވެއާ ސޮފްޓްވެއާ މެދުވެރިކޮށް ސިޔާސީ ފަރާތްތަކާއި ނޫސްވެރިންގެ ފޯނު ހެކްކޮށްފައިވާ ކަމުގެ އަޑުތަކެވެ. ކަންމިހެން ހުރިކަމުގައިވިޔަސް ބާޒާރުން ފޯނު ގަންނަ އިރު އެތަކެތީގައި ރައްކާތެރިކަން ހުރިމިންވަރަށް ވުރެއް އެންމެ ފިޔަވަޅެއްވެސް އިތުރަށް ނާޅަނީ ފަހަރުގައި އެތަކެތި އުފެއްދި ކުންފުނިތަކަށް ކުރެވޭ ބަރޯސާ އެއްގެ ސަބަބުންނެވެ. އަހަރުމެންނަށް މިވަނީ މޯބައިލް ޑިވައިސް ތަކުގެ ރައްކާތެރިކަމާއި މެދު ވަރަށް ބޮޑަށް އިހުމާލު ވެވިފައެވެ.

ދޭދޭ މީހުންގެ މެދުގައި މުވާސަލާތީ ގުޅުން ޤާއިމް ކުރުމަށް ވުޖޫދުކުރެވުނު މޯބައިލްފޯނުތައް މިހާރުމިވަނީ ވަރަށްވެސް ބާރުގަދަ އާލާތަކަށް ވެފައެވެ. އެންމެ ފަހުން އިހަކަށް ދުވަހު އެޕަލް ކުންފުނިން އެ އިއުލާން ކުރީ 1 ޓެރަބައިޓް ގެ އައިފޯން އެކެވެ. މޮބިލިޓީ އަދި ކްލައުޑް ޓެކްނޮލޮޖީތައް މިވަނީ ޑިޖިޓަލް ދުނިޔެއްގައި އަހަރުމެންގެ އާއްމު ފެޝަަނަކަށް ބަދަލުވެފައެވެ. މައުލޫމާތުތަކުގެ ހާއްޔަކަށް ވެފައިވާ ޓެބްލެޓް ތަކާއި ސްމާރޓްފޯން ތަކަކީ ސައިބަރ މުޖުރިމުންގެ ވަކި ތަކުންނާއި ޖާސޫސް ކުރާ އެކި އެޕްލިކޭޝަން ތަކުން ރައްކާތެރިވެގެންވާ އެއްޗެއްކަން ދެކުމަކީ ކުންހީއެކެވެ.

ހެކަރުންގެ އަމާޒުފަތްގަނޑަކަށް ވަނީ ހަމައެކަނި ސަރުކާރު ނުވަތަ ބޮޑު ކުންފުންޏެއްގެ އިސްވަޒީފާއެއް އަދާކުރާ ފަރާތަކަށް ވީތީ އެކަންޏެއް ނޫނެވެ. އެންމެ އާދައިގެ މިހާގެ ޑިވައިސްތަކަށްވެސް މިފަދަ މުޖުރިމުންގެ ނުރައްކާ އެބަ އޮތެވެ. އެންޑްރޮއިޑް އެއް ނުވަތަ އައިއޯއެއް ޑިވައިސް އެއް ތަފާތު ކުރުމެއްނެތި އަހަރުމެންގެ ނާޒުކު ޒާތީ މައުލުމާތުތަކާއި ކުންފުނިތަކުގެ އެކި އަމިއްލަވަންތަ އުފެއްދުންތަކާއި، ދައުލަތްތަކުގެ ސިއްރުތައް ނުރައްކަލަށް ހުޅުވާލަދެނީ ފޯނު ބޭނުން ކުރާމީހާ ވާވައްދާލައިގެނެވެ. އެހެންވީމާ ސްމާރޓް ޑިވައިސްތައް ބޭނުން ކުރާނަމަ އަހަރުމެންގެ ސިކުނޑިތައްވެސް ސްމާރޓް ވާންޖެހެއެވެ.

އެންމެ އާއްމުކޮށް ފޯނުތަކުން ޖާސޫސް ކުރުމަށްޓަކައި ހެކަރުން ބޭނުންކުރާ އުކުޅަކީ މަޝްހޫރު ފިޝިންގް ލިންކްތައް ފޮނުވައިގެން ފޯނަށް އަޅާ ސްޕައިވެއަރ އެޕްލިކޭޝަންތައް މެދުވެރިކޮށެވެ. އެފަދަ ފިޝިންގް ލިންކުތައް ފަރުމާ ކޮށްފައި ހުނަންނީ އަހަރުމެންނަށް އޮޅުވާލެވޭފަދަ ސޯޝަލް އިންޖިނިއަރިންގް އުކުޅުތައް ބޭނުން ކޮށްގެނެވެ. މިފަދަ ހަމަލާތަކުން ރައްކާތެރިވުމަށް އޮތް އެންމެ ފަސޭހަ ހައްލަކީ ގޮތްނޭންގެ ލިންކް ތަކަށް ކްލިކް ނުކުރުމާއި، ނުދަންނަ މީހުން ފޮނުވާ މެސެޖުތައް ނުހުޅުވުމާއި ނުދަންނަ މީހުންނަށް އިންޓްނަންޓް މެސެޖިންގް އެޕްލިކޭޝަންތައް މެދުވެރިކޮށް މެސެޖް ނުކުރެވޭފަދަ ގޮތްތައް ހެދުމެވެ.

ހެކަރުން އަހަރުމެންގެ ޑިވައިސްތަކަށް ވަދެގަތުމަށް އާ އުކުޅުތައް އަބަދުވެސް ހޯދަމުން ގެންދާނެއެވެ. އަހަރުމެންގެ އަޒުމަކަށްވާންވާނީ އެހާފަސޭހައިން ކޮމްޕްރޮމައިޒް ނުވުމަށެވެ. އެ މުޖުރިމުން ކުރާ މަސައްކަތް އިތުރަށް ދަތިކުރެވޭނެ ގޮތެއް ހެދުމަށް އަހަރުމުން ތޫނުފިލިވަންޖެހެއެވެ.

އިތުރަށް ކިޔާލުމަށް :

އިޒްރާއީލުގެ ސޮފްޓްވެއާއެއް ބޭނުންކޮށްގެން ފޯނު ހެކްކުރަނީ

ފޭސްބުކް ހިލޭ ބޭނުންކުރެވެނީ ޓްރެކިން ޑާޓާގެ އެހީގައި

އާރު

އާރު

ޓެކްނޮލޮޖީގެ ރޮނގުން 19 ވަރަކަށް އަހަރު ހިދުމަތްކޮށްފައިވާ މަލްޓިސްޕެޝަލިސްޓެއް. ލިޔުންތެރިކަމުގެ ރޮނގުން މުޅިން އާ ނުވި ނަމަވެސް ޒަމާންތަކެއް ވަންދެން ހަބަރު ލިޔުމާއި ދުރުގައި އުޅެފައި ޓެކްނިއުސް އަށް ލިޔަން ފަށާފައިވަނީ މިދާއިރާއަށް ޙާއްސަ ނޫހަކަށް ވެފައި މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރުމުގެ ނިޔަތުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.