ޑީޕް ލަރނިންއަކީ ކޮން އެއްޗެއް؟

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

1956 ވަނަ އަހަރު މެސެޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ)ގެ ކޮމްޕިއުޓަރ ސައިންޓިސްޓުންކަމުގައިވާ ޖޯން މެކަރތީ އަދި މާވިން މިންސްކީ ބޭއްވި ރިސާރޗް ކޮންފަރެންސަކުން އާޓިފިޝަލް އިންޓެލިޖެންސް އަކީ ކޮމްޕިއުޓަރ ސައިންސްގެ ވަކި ދާއިރާއެއްގެ ގޮތުގައި ދެކެވެން ފެށިއެވެ. އެދުވަހުން ފެށިގެން އާޓިފިޝަލް އިންޓެލިޖެންސަށް ވަނީ އެތައް ކުރިއެރުމަކާއި އިންގިލާބީ އެތައް ބަދަލުތަކެއް އައިސްފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކުރިއެރުމަކީ ޑީޕް ލަރނިންއެވެ.

ޑީޕް ލަރނިން އުފެއްދުމުގެ ފަހަތުގައިވާ އަސްލަކީ އިންސާނުންގެ ސިކުނޑިއެވެ. ދިރާސާތަކުން ފެންނަގޮތުގައި ސިކުނޑި މަސައްކަތް ކުރަނީ ސިކުނޑީގައިވާ ނަރވް ސެލް ނުވަތަ ނިއުރޯން، އެއް ނިއުރޯން އަނެއް ނިއުރޯންއާއި ގުޅިފައިވާ ގޮތުގެ މައްޗަށް ބިނާކޮށެވެ. ހަމަ އެފަދައިން ޑީޕްލަރނިންގައި ބޭނުން ކުރާ "އާޓިފިޝަލް" ނިއުރޯން ތަކަކީވެސް އެކަތި އަނެކައްޗާ ގުޅި ލާމެހިފައިވާ ތަކެއްޗެވެ.

މިގޮތަށް ގުޅިލާމެހިފައިވާ އެތައް އާޓިފިޝަލް ނިއުރޯންއެއް ފައްޗަކަށް ބަރިބަރި އަށް އަތުރައި އެތަކެތި ގުޅުވާލުމުން އެއަށް ކިޔެނީ ޑީޕް ނިއުރަލް ނެޓްވޯކްއެކެވެ. ޑީޕް ނިއުރަލް ނެޓްވޯކް އަކަށް އެއްޗެއް ދަސްކޮށްދިނުމަށް ކިޔަނީ ޑީޕް ލަރނިންއެވެ.

ޑީޕްނިއުރަލް ނެޓްވޯކެއް. ވަށްކޮށް ފެންނަން އެހުރީ ނިއުރޯން. ރަތް އަދި ނޫ ރޮނގުތަކުން ދައްކުވައިދެނީ އެއް ނިއުރޯން އަނެއް ނިއުރޯންއާއި ގުޅިފައިވާގޮތް


ޑީޕް ލަރނިން ބޭނުންކުރެވެނީ ކޮން ކަންކަމަކަށް؟

މައިގަނޑު ގޮތެއްގައި ޑީޕް ލަރނިން ބޭނުންކުރަނީ ކޮމްޕިއުޓަރ ވިޝަން އަދި ނެޗުރަލް ލޭންގުއޭޖް ޕްރޮސެސިންގެ ދާއިރާ ތަކުގައެވެ. މިދާއިރާތަކުގައި ތަފާތު އެތައް ކަމެއް ޑީޕް ލަރނިން ބޭނުން ކޮށްގެން ކުރެވެއެވެ. މިގޮތުން ސިއްހީ ދާއިރާގައި ސިކުނޑި، ފުއްޕާމޭ އަދި ސެލްތަކުގެ ސްކޭންތަކުން ކެންސަރުފަދަ ބަލިތައް ހުރިތޯ ބަލައި ދެނެގަތުމަށް ބޭނުންކުރެއެވެ.

ޑީޕް ލަރނިންގައި ބޭނުންކުރެވޭ ބީސީސީޑީ ޑޭޓާސެޓުގައި ލޭގައިވާ ސެލްތަކާއި ޕްލޭޓްލެޓް ވަކިކޮށްފައި

އަމިއްލައަށް ދުވާ ކާރު: ޑްރައިވަރަކު ނުލައި އަމިއްލައަށް ކާރުދުއްވުމާއި، އެގޮތަށް ދުއްވާ ކާރުތަކުގައި ހުންނަ ކެމެރާތަކުން މަގުމަތި ހުރި ގޮތާއި، މަގުމަތީގައި ދުއްވާ އެހެން އުޅަނދުފަހަރާއި، މަގުމަތީ ހިނގާ މީހުން ވަކިކުރުން ހިމެނެއެވެ.

އަމިއްލައަށް ދުވާ ކާރަކަށް މަގުމަތި ފެންނަގޮތް


އަދި ގޫގުލް ޓްރާންސްލޭޓް، މައިކްރޯސޮފްޓް ޓްރާންސްލޭޓަރ ފަދަ ސިސްޓަމްތަކުން ކޮންޕިއުޓަރެއް ލައްވައި އެއްބަހުން އަނެއްބަހަށް ލިޔުންތައް ތަރުޖަމާކުރެއެވެ.

މައިކްރޯސޮފްޓް ޓްރާންސްލޭޓަރ އިން އިނގިރޭސިން ދިވެހި ބަހަށް ތަރުޖަމާކޮށްފައި


އަދި، ލިޔުން ވާހަކަ ދެއްކުމަށް (ޓެކްސްޓް ޓު ސްޕީޗް)، އަދި ވާހަކަދެއްކުން ލިޔުމަށް (ސްޕީޗް ޓު ޓެކްސްޓް) ބަދަލުކުރުން

ރޮބޮޓިކްސް: އިންސާނެއް ކަމެއް ކުރާތަން ބަލައިގެން އެކަމެއް ކުރަން ރޮބޮޓަކަށް ދަސްކޮށްދިނުން

ޑިޖިޓަލް އެސިސްޓެންޓް: ސިރީ، ގޫގުލް އެސިސްޓެންޓް އަދި އެލެކްސާފަދަ ޑިޖިޓަލް އެސިސްޓެންޓުން އަހަރުމެން ބުނާ އެއްޗެއް ދެނެގަތުން (ނެޗުރަލް ލޭންގުއެޖް އަންޑަސްޓޭންޑިން) ހިމެނެއެވެ.


ޑީޕް ލަރނިން މަސައްކަތް ކުރަނީ ކިހިނެއް؟

ޑީޕް ނިއުރަލް ނެޓްވޯކް އަކަށް އެއްޗެއް "ދަސްކޮށްދެނީ" ކުޑަކުއްޖަކަށް އެއްޗެއް ދަސްކޮށްދޭ ގޮތާއި ދާދި އެއްގޮތަކަށޭ ބުނެވިދާނެއެވެ. މިސާލަކަށް ކުޑަކުއްޖަކަށް އާފަލަކާއި އޮރެންޖެއް ދެއްކުމަށް ފަހު، މިއީ އާފަލެކޭ މިއީ އޮރެންޖެކޭ ބުނުމުން، ދެން އެހެން އާފަލެއް ނުވަތަ އޮރެންޖެއް ފެނިއްޖެނަމަ އެކުއްޖަކަށް އޮރެންޖާއި އާފަލު ވަކިކުރަން އެނގެއެވެ.

ހަމަ މިއާއި ދާދި އެއްގޮތަކަށް ޑީޕް ނިއުރަލް ނެޓްވޯކްއަކަށް ވެސް ތަކެތި މިގޮތަށް ދަސްކޮށް ދެވޭނެއެވެ. މިސާލަކަށް ވަކިކުރަން ބޭނުންވާ އެއްޗެއްގެ ފޮޓޯ (ޑޭޓާ) އަދި ވަކިކުރާ އެއްޗެއްގެ ނަން (ލޭބަލް) ޑީޕް ނިއުރަލް ނެޓްވޯކް އަކަށްވެސް ދައްކާނީއެވެ. މިގޮތަށް ޑީޕް ނިއުރަލް ނެޓްވޯކްއަކަށް އެއްޗެއް ދައްކައި ދަސްކޮށްދިނުމަށް ކިޔެނީ ސުޕަވައިޒްޑް ލަރނިންއެވެ.

ޑީޕް ލަރނިން ބޭނުންކޮށްގެން ހަދާފައިވާ ހެދިކާ ކްލެސިފަޔަރއެއް. ހެދިކާގެ ފޮޓޮއެއް އަޕްލޯޑްކުރުމުން މިމޮޑެލް އަށް އެއީ ކޮންބާވަތެއްގެ ހެދިކާއެއްކަން ބުނެދެން އެނގޭ. މިމޮޑެލް ހަދާފައިވަނީ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން މާސްޓަރސް ހާސިލްކޮށްފައިވާ ޝަހޫ ކަރީމް


ޑީޕް ލަރނިން މިހާރު އެހާ މަޝްހޫރީ ކީއްވެ؟

އާޓިފިޝަލް އިންޓެލިޖެންސްގެ މެޝިން ލަރނިން ދާއިރާގައި ޑީޕްލަރނިން ބޭނުންކުރުން މިވަނީ އާންމުކަމަކަށް ވެފައެވެ. މިހާރަކަށް އައިސް ޑީޕްލަރނިން އެހާ މަޝްހޫރުވީ މައިގަނޑު ދެ ސަބަބަކަށް ޓަކައެވެ. ފުރަތަމަ ސަބަބަކީ މިހާރު ލިބެން ހުރި ޑޭޓާގެ މިންވަރު އެތައް ގުނައަކަށް އިތުރުވެފައިވުން.

ޑީޕް ނިއުރަލް ނެޓްވޯކް އަކަށް އެއްޗެއް ދަސްކޮށްދިނުމަށް އާއްމުގޮތެއްގައި ވަރަށް ބައިވަރު ޑޭޓާ ބޭނުންވެއެވެ. މިސާލަކަށް ޑީޕްލަރނިންގައި ބޭނުންކުރުމަށް މަޝްހޫރު އިމޭޖްނެޓް ޑޭޓާސެޓުގައި 14 މިލިއަނަށްވުރެ ގިނަ ފޮޓޯވެއެވެ. އަދި މިފޮޓޯ ތަކުގައި 1000 އަށްވުރެ ގިނަ ތަފާތު ލޭބަލް ހިމެނެއެވެ.

ދެވަނަ ސަބަބަކީ މިހާރު ބޭނުންކުރާ ކޮމްޕިއުޓަރުގެ ޕްރޮސެސިން ޕަވަރ އިތުރު (ފާސްޓްވުން) ވުމެވެ.

ޑީޕް ނިއުރަލް ނެޓްވޯކް އަކަށް އެއްޗެއް ދަސްކޮށްދިނުމަކީ ވަރަށް ގިނަ ކޮމްޕިއުޓިން ޕަވަރ ބޭނުންވާ ކަމެކެވެ. ކޮމްޕިއުޓަރުތަކުގެ ޕްރޮސެސިންގް ޕަވަރ މަތި ވުމުގެ ސަބަބުން އަވަހަށް ޑީޕް ނިއުރަލްނެޓްވޯކްތައް ޓްރެއިންކޮށް ޓެސްޓް ކުރެވެއެވެ.

މިގޮތުން އަވަހަށް ޓްރެއިންކޮށް ޓެސްޓްކޮށް ހަދަން ގްރެފިކްސް ޕްރޮސެސިންގް ޔުނިޓް (ޖީޕީޔޫ) ބޭނުންކުރުން މިވަނީ އާއްމުކަމަކަށް ވެފައެވެ. އަދި ޑީޕް ލަރނިން އަށް ހާއްސަކޮށް 2016 ވަނަ އަހަރު ގޫގުލް އިން ވަނީ ޓެންސަރ ޕްރޮސެސިން ޔުނިޓް (ޓީޕީޔޫ) އޭކިޔާ އާ ޕްރޮސެސިން ޔުނިޓްތަކެއް ތައާރަފު ކޮށްފައެވެ.


ކުރިއަށް އޮތްތާނގައި ޑީޕް ލަރނިންއަށް ވާނީ ކިހިނެއް؟

ތަފާތު އެތައް ދާއިރާއެއްގައި ޑީޕް ލަރނިން ބޭނުން ކުރެވެމުން ދިޔަކަމުގައި ވިޔަސް ޑީޕްލަރނިންއަށް އަތްނުފޯރާ އެތައް މައްސަލަތަކެއް އަދިވެސް އެބަހުއްޓެވެ. އިންސާނުންގެ ސިކުނޑިއާ ޑީޕް ނިއުރަލްނެޓްވޯކް އަކާއި އެއްގޮތް ސިފަތަކެއް ހުރިކަމުގައިވިޔަސް މިހާރުގެ އެންމެ ކުޅަދާނަ (ސްޓޭޓް އޮފް ދި އާޓް) ޑީޕް ނިއުރަލް ނެޓްވޯކްތައް ވެސް އިންސާނުންގެ ސިކުނޑީގެ ގާބިލުކަމާ ގާތްވެސް ނުކުރެވެއެވެ.

މިގޮތުން ގޫގުލްގައި މަސައްކަތް ކުރަމުންދާ ޑީޕްލަރނިންގެ މާހިރު ފްރާންސުއާ ޝޮލޭ ބުނެފައިވާ ގޮތުގައި ސައިންޓިފިކް ރިސަރޗްއެއް ހެދުން ނުވަތަ ސޮފްޓްވެއަރ ޕްރޮޖެކްޓެއްގެ ސްޕެސިފިކޭޝަންއަށް ބަލައި އެއަށް އެކަށީގެންވާ ކޯޑް ލިޔުމަކީ މިހާރުގެ ޑީޕްލަރނިން މޮޑެލްތަކަށް ކިތަންމެ ވަރަކަށް ޑޭޓާ ދިންކަމުގައިވިޔަސް ކުރެވޭނެ ކަމެއް ނޫނެވެ. ޑީޕް ނިއުރަލް ނެޓްވޯކްއަކަށް އާދައިގެ ސޯޓިން އަލްގޮރިދަމްއެއް (މިސާލަކަށް ލިސްޓެއްގައިވާ ނަންބަރުތަކެއް ބޮޑުން ކުޑައަށް އަތުރައިލުން) ދަސްކޮށްދިނުމަކީވެސް އެހާމެ އުނދަގޫ ކަމެކެވެ. މިފަދަ އެތައް މިސާލުތަކެއްވެއެވެ.

އެހެންނަމަވެސް ތަކުރާރުކޮށް އެއްކަމެއް ކުރަންޖެހޭ ދާއިރާތަކުގައި (ރެޕެޓިޓިވް ޓާސްކްތަކުގައި) ޑީޕް ލަރނިން ވަރަށް ކާމިޔާބުކަމާއެކީގައި ބޭނުންކުރެވެމުން ދެއެވެ. އަދި އެތައް ވަގުތެއް ހޭދަކޮށްގެން ކުރިން ކުރަމުން އައި މިފަދަ މަސައްކަތްތައް ޑީޕް ލަރނިން ބޭނުންކޮށްގެން ވަރަށް ފަސޭހަކަމާއެކު ކުޑަހިނދުކޮޅެއްގެ ތެރޭގައި ކޮށްލެވެއެވެ.

ކުރިއަށް އޮތްތާނގައި ޑީޕްލަރނިންއަށް ވާނެގޮތް ބުނަން އަދި މާއަވަހެވެ. ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް ކުރިއެރުވެން އޮތީ ހަމައެކަނި ޑީޕް ލަރނިންއަށް ބަރޯސާނުވެ މުޅިން އާ އަލްގޮރިދަމް ތަކެއް އީޖާދުކޮށްގެނެވެ. އެހެން ނަމަވެސް ކައިރި މުސްތަގުބަލެއްގައި ހަލުވިކާމާއެކު ކުރިއަރަމުންދާ ޑީޕްލަރނިން އެތައް ދާއިރާއެއްގައި ބޭނުން ކުރެވި އޭގެސަބަބުން އިންސާނުންނަށް މަސައްކަތްތަކުގައި އެތައް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އިތުރަށް ކިޔާލުމަށް :

މެޝިނަކަށް ވިސްނޭނެތަ؟

މިއީ އޭއައިގެ ޒަމާން!

އަޙްމަދު އަމާން އިބްރާހީމް

އަޙްމަދު އަމާން އިބްރާހީމް

އަޅުގަނޑަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ޑިގްރީއަށް ކިޔަވަމުން އަންނަ ދަރިވަރެއް. މިވަގުތު މަސައްކަތް ކުރަނީ އެމެރިކާގެ ސްޓާޓަޕް ކުންފުނި އައިބެރީގެ މެޝިން ލަރނިންގ ރިސަރޗް ޓީމްގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.