އަމިއްލައަށް ދުވާ ކާރާ މެދު ދިވެހިން ދެކޭ ގޮތް

އިލޯން މަސްކްގެ ކުންފުނި ޓެސްލާއިން އުފައްދައިފައިވާ އަމިއްލައަށް ދުވާ ކާރެއް

ސެލްފް ޑްރައިވިން ކާރު ނުވަތަ އަަމިއްލައަށް ދުވާ ކާރަކީ ޑްރައިވަރަކު ނުވަތަ ދުއްވާ މީހަކު ނުލައި އާޓިފިޝަލް އިންޓެލިޖެންސް ޕްރޮގްރާމްތައް ބޭނުންކޮށްގެން އަމިއްލައަށް ދުވާ ކާރެކެވެ. މިފަދަ ކާރުތަކުގެ ސަބަބުން މަގުމަތީގެ އެކްސިޑެންޓުތައް މަދުވެ، ވަގުތު ސަލާމަތްވުމުގެ އިތުރުން ޓްރެފިކުވެސް މަދުވާނެކަމަށް ލަފާ ކުރެވެއެވެ.

އެމެރިކާ، ޗައިނާ، ކެނެޑާ، އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތް ފަދަ ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާފައިވާ ގައުމުތަކުން ވަނީ މިފަދަ ކާރުތައް މަގުތަކަށް ތައާރަފު ކުރުމަށްޓަކައި ގާނޫނަށް ބަދަލުގެނެސް، މަގުމަތީގެ އާގަވާއިދުތައް ތައާރަފުކޮށް ސަލާމަތީ ޓެސްޓުތައް ކުރަން ފަށާފައެވެ. އެމެރިކާގެ މަގުތަކުގައި މިހާރުވެސް ކޮންމެވެސް މިންވަރަކަށް އަމިއްލައަށް ދުވާ ކާރު ބޭނުންކުރެއެވެ.

ކުރިއަށް އޮތް ތާނގައި ދިވެހިރާއްޖޭގެ މަގުތަކުގައިވެސް މިފަދަ ކާރުތައް ދުއްވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އަމިއްލައަށް ދުވާ ކާރާމެދު ދިވެހިން ދެކޭގޮތް ހޯދުން ވަރަށް މުހިއްމެވެ. ވުމާއެކު މިއަހަރު މާރިޗުމަސް ތެރޭގައި އަމިއްލައަށް ދުވާ ކާރާ ބެހޭގޮތުން އަޅުގަނޑުމެން 100 އަށްވުރެ ގިނަ ދިވެހިންގެ މެދުގައި ސަރވޭއެއް ކުރީމެވެ. ތިރީގައި މިވަނީ މިސަރވޭގެ ނަތީޖާއެވެ.

ހަމަ ލޮލުން އަމިއްލައަށް ދުވާކާރެއް ދުށީ އެންމެ %17 ދިވެހިންނެވެ. ނަމަވެސް ހުންގާނުގައި އިންސާނެއް ނެތި އަމިއްލައަށް ދުވާކާރެއްގައި ދަތުރުކުރަން ކެރޭނެކަމަށް %70 ދިވެހިން ބުނެއެވެ.

މިފަދަ ކާރެއްގައި ދަތުރުކުރަން ކެރޭނެކަމަށް ބުނިކަމުގައި ވިޔަސް، ގިނަ ދިވެހިންނަށް ބޮޑަށް އިތުބާރުކުރެވެނީ އާޓިފިޝަލް އިންޓެލިޖެެންސް ޕްރޮގްރާމް އަކަށްވުރެ ދުއްވަން އިންނަ އިންސާނަކަށެވެ.

66% ދިވެހިން ގަބޫލުކުރާ ގޮތުގައި އަމިއްލައަށް ދުވާ ކާރުގެ ސަބަބުން މަގުމަތީގައި ހިނގާ އެކްސިޑެންޓު މަދުވާނެއެވެ. ކަމާބެހޭ މާހިރުންވެސް މިކަމަށް އެއްބަސްވެއެވެ. އެހެނީ، މަގުމަތީގެ ގިނަ އެކްސިޑެންޓުތައް ހިނގަނީ ހިއުމަން އެރާރއެއް (ދުއްވަން އިންނަމީހާއަށް ހެދޭ ގޯހެއް) ގެ ސަބަބުންނެވެ. ނަމަވެސް އަމިއްލައަށް ދުވާ ކާރެއްގައި މިމައްސަލަ ދިމާއެއް ނުވާނެއެވެ. އަދި މީގެ އިތުރުން އަމިއްލައަށް ދުވާ ކާރުތައް އަބަދުވެސް ޓްރެފިކު ގަވާއިދުތަކަށް ތަބާވާގޮތަށް ޕްރޮގްރާމް ކުރެވެއެވެ.

އެމް.އައި.ޓީ. މޯރަލް މެޝިން

ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެއިން އެންމެ ކުރިއަރާފައިވާ އެއް ޔުނިވަރސިޓީ ކަމުގައިވާ އެމް.އައި.ޓީ. (މެސެޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ) އިންވަނީ މޯރަލް މެޝިން ކިޔާ ޕްލެޓްފޯމެއް ހަދާފައެެވެ. މި ޕްލެޓްފޯމްގެ ބޭނުމަކީ އާޓިފިޝަލް އިންޓެލިޖެންސް ޕްރޮގްރާމްތައް ނިންމަންޖެހޭ ނިންމުންތަކާ މެދު އިންސާނުން ދެކޭގޮތް ހޯދުމެވެ. ދުއްވާ މީހަކު ނެތި ދުއްވާ ކާރެއް އެކްސިޑެންޓުވާ ހާލަތެއްގައި ނިންމަންޖެހޭ ނިންމުންތަކާމެދު މި ޕްލެޓްފޯމްގައިވާ ބައެއް ސުވާލު އަޅުގަނޑުމެންގެ ސަރވޭގައި ހިމަނާފައިވާނެއެވެ.

މިސުވާލުތައް އަމާޒުކޮށްފައިވާ ހާލަތަކީ، އަމިއްލަައަށް ދުވާ ކާރެއް ކޮންޓްރޯލުން ނައްޓައިގެންގޮސް އެކްސިޑެންޓެއް ވާނެކަން ޔަގީން ވުމުން، ސަލާމަތް ކުރާނީ ކޮންބައެއްގެ ފުރާނަތޯ ދެނެގަތުމެވެ.

މި ސުވާލުތަކަށް ދީފައިވާ ޖަވާބުތަކުން ދިވެހިން އިސްކަންދެނީ ކޮންބައެއްގެ ފުރާނަ ސަލާމަތްކުރުމަށްކަން އެނގިގެންދެއެވެ. އެމް.އައި.ޓީ. ގެ ދިރާސާތަކުން ދައްކާގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ އެކި ސަގާފަތްތަކަށް ނިސްބަތްވާ މީހުން ދޭ ޖަވާބުތައް ވަރަށް ތަފާތެވެ. މިސާލަކަށް ދުނިޔޭގެ ބައެއް ހިސާބުތަކުގައި އިސްކަންދެނީ ޒުވާނާ ސަލާމަތްކުރުމަށެވެ. އަނެއްބައި ހިސާބުތަކުގައި އިސްކަންދެނީ ޒުވާނާގެ ބަދަލުގައި އުމުރުން ދުވަސްވީ މީހާ ސަލާމަތްކުރުމަށެވެ. މިއިން ދޭހަވާ ކަމަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭމީހުން ރަނގަޅުގޮތް ނިންމާގޮތް ތަފާތުކަމެވެ.

ނަމަވެސް މިފަދަ ސުވާލުތަކަށް ކަމާބެހޭ މާހިރުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެހެނީ މިސުވާލުތަކުން ދައްކައިދޭ ހާލަތްތަކަކީ އަސްލު އެކްސިޑެންޓެއް ދިމާވާއިރު ވުން އެކަށީގެންވާ ހާލަތްތަކެއް ނޫނެވެ. އަސްލު އެކްސިޑެންޓެއް ވާއިރު އަމިއްލައަށް ދުވާ ކާރުން ނެގޭ ސަލާމަތީ ފިޔަވަޅުތަކާއި، ނިންމަންޖެހޭ ނިންމުންތައް މާ ގިނަވާނެއެވެ. އެހެނީ އެކްސިޑެންޓެއްވާ ހާލަތްތަކަކީ ކޮންމެވެސް އެއްބައެއްގެ ފުރާނަ ސަލާމަތް ކުރަން ނިންމައި، މަގުގެ ކޮންމެވެސް އެއްފަރާތަކަށް ކާރު އަނބުރާލުންހައި ފަސޭހަ ހާލަތްތަކެއް ނޫނެވެ.

އަމިއްލައަށް ދުވާ ކާރާބެހޭ ގާނޫނުތައް

އާޓިފިޝަލް އިންޓެލިޖެންސް ޕްރޮގްރާމްތައް ބޭނުންކޮށްގެން އަމިއްލައަށް ދުވާ ކާރެއް އެކްސިޑެންޓު ވެއްޖެނަމަ ޒިންމާ ނަގަންޖެހޭ ފަރާތެއް ކަނޑައެޅުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އެކްސިޑެންޓު ވާން މެދުވެރިވި ސަބަބަށްބަލައި ޒިންމާނަގަންޖެހޭ ފަރާތް ތަފާތުވެދާނެއެވެ.

87% ދިވެހިން ގަބޫލުކުރާ ގޮތުގައި އަމިއްލައަށް ދުވާކާރު ޕްރޮގްރާމްކޮށްފައި ހުންނަންޖެހޭނީ އަބަދުވެސް ޓްރެފިކް ގަވާއިދަށް ތަބާވާ ގޮތަށެވެ. ނަމަވެސް ޓްރެފިކް ގަވާއިދާ ހިލާފުވާން ޖެހިދާނެ އިމަޖެންސީ ހާލަތެއް އަތުވެދާނެކަމަށް އަނެއްބަޔަކު ގަބޫލުކުރެއެވެ.

ސޮފްޓްވެއަރ ސޯސްކޯޑް އާންމުކުރަން ފެންނަކަމަށް ބުނާ ފަރާތްތަކުން ގަބޫލުކުރާގޮތުގައި، އެކަމުގެ ސަބަބުން އާންމުން މިފަދަ ކާރުތައް މަސައްކަތް ކުރާގޮތް ދެނެގަނެ، މިފަދަ ކާރުތަކަށް އިތުބާރުކުރާ މިންވަރު ބޮޑުވާނެއެވެ. ނަމަވެސް ސޯސްކޯޑް އެންމެނަށް ފެންނަން އޮތުމުގެ ސަބަބުން ކާރު ހެކްކުރުމުގެ ފުރުސަތު ބޮޑުވާނެކަމަށް އަނެއްބަޔަކު ބުނެއެވެ.

ހަގީގަތުގައި މިފަދަ ކާރުތަކުގެ ސޮފްޓްވެއަރ ސޯސްކޯޑް އާންމުކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ހެކްކުރުމުގެ ފުރުސަތު ބޮޑުވުމަކީ އެންމެ މައްސަލައެކެވެ. މި ސޮފްޓްވެއަރ ތަކަކީ ކުންފުނިތަކުން ކުރި އެތައް އަހަރެއްގެ ދިރާސާތަކާއި އެތައް ބިލިއަން ޑޮލަރެއްގެ އިންވެސްޓްމެންޓުގެ ނަތީޖާއެވެ. އެހެންކަމުން އަމިއްލައަށް ދުވާ ކާރު ހަދާ ކުންފުނިތަކުން މިފަދަ އިންޓެލެކްޗުއަލް ޕްރޮޕަޓީއެއް އާއްމުކުރާކަށް ބޭނުމެއް ނުވާނެއެވެ.

އަމިއްލައަށް ދުވާ ކާރުތަކުގެ ޑޭޓާއަށް ސަރުކާރަށް އެކްސެސް އޮންނަންވާނެކަމަށް %44 ދިވެހިން ގަބޫލުކުރެއެވެ. ސަބަބަކީ ކުށުގެ ތަހުގީގުތަކުގައި މި ޑޭޓާ ބޭނުންކުރެވޭނެތީއެވެ. ސަރުކާރަށް މިޑޭޓާއަށް އެކްސެސްދޭން ބޭނުންނުވާ %56 މީހުން ޑޭޓާ ޕްރައިވަސީގެ މުހިންމުކަން ހާމަކުރެއެވެ.

އާޓިފިޝަލް އިންޓެލިޖެންސްއާއި، އަމިއްލައަށް ދުވާ ކާރުގެ ޓެކްނޮލޮޖީ ދަނީ ދުވަހެއް ދުވަހަކަށް ކުރިއަރަމުންނެވެ. ކުރިއަށް އޮތް 10 އަހަރުތެރޭގައި މަަގުތަކުގައި އަމިއްލައަށް ދުވާކާރު އާންމުވާނެކަމަށް ކަމާބެހޭ މާހިރުން ލަފާކުރެއެެވެ. އެހެންކަމުން ކުރިއަށް އޮތް ތާނގައި ރާއްޖޭގެ މަގުތަކުގައިވެސް މިފަދަ ކާރުތައް ދުއްވުމަކީ އެކަށީގެންވާ ކަމެކެވެ.

އަމިއްްލައަށް ދުވާ ކާރު ރާއްޖޭގެ މަގުތަކަށް ތައާރަފުކުރާނަމަ، އޭގެކުރިން މަގުމަތީގެ އާ ގާނޫނުތައް އުފައްދަންޖެހެއެވެ. އަދި މިފަދަ ކާރުތަކުގެ ސަލާމަތީ ޓެސްޓުތައް ރާއްޖޭގައި ހެދުމުގެ އިންތިޒާމު ހަމަޖައްސަންޖެހެއެވެ.

މިއީ އެންމެ 107 ދިވެހިންގެ މެދުގައި ކުރެވިފައިވާ ސަރވޭއެކެވެ. ރާއްޖޭގެ މަގުތަކަށް އަމިއްލައަށްދުވާ ކާރު ތައާރަފުކުރާނަމަ އޭގެ ކުރިން، މިކާރުތަކާމެދު އާންމުން ދެކޭގޮތް ފުޅާ ދާއިރާއެއްގައި ހޯދައި، މި ޓެކްނޮލޮޖީއަށް އާންމުން ހޭލުންތެރި ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ.

އަޙްމަދު އަމާން އިބްރާހީމް

އަޙްމަދު އަމާން އިބްރާހީމް

އަޅުގަނޑަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ޑިގްރީއަށް ކިޔަވަމުން އަންނަ ދަރިވަރެއް. މިވަގުތު މަސައްކަތް ކުރަނީ އެމެރިކާގެ ސްޓާޓަޕް ކުންފުނި އައިބެރީގެ މެޝިން ލަރނިންގ ރިސަރޗް ޓީމްގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.