އެންމެ މިނެޓެއްގައި އިންޓަނެޓުގައި ކިހާ ކަމެއް ހިނގާ؟

ޝުޖާޢަތު ރަޝީދު 19 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކޮންމެ ދުވަހަކު އާންމު ދިރިއުޅުމުގައި އެންމެ މިނެޓެއް ތެރޭގައި ހިނގާ ކަންތައްތަކަކީ ވަރަށް މަދު ކަމަކަށް ވެދާނެއެވެ. އިންޓަނެޓުގައި އެއް މިނެޓް ތެރޭގައި ހިނގާ ކަންތައްތަކަކީ ވަރަށް ހައިރާންވާ ފަދަ ބާރު މިނެއްގައި ގިނައިން ހިނގާ ކަންތައްތަކެވެ.

މިއަދާއި ހަމައަށް މުޅި ދުނިޔޭގައި އިންޓަނެޓުގެ ޒަރިއްޔާއިން އެކި ކަންތައްތައް ކުރާ މީހުންގެ އަދަދު ގާތްގަނޑަކަށް 5 ބިލިއަނަށް އަރާނެއެވެ.

މިފަދަ އެކްޓިވިޓީ ބަލައި ދިރާސާކޮށް މިކަންތަކާއި ގުޅޭ މުހިންމު ޑޭޓާ އެއްކޮށް ރިޕޯޓު ހަދާމީހުން މިހާރު މަދެއްނުވާނެއެވެ. މިގޮތުން ކޮންމެ އަހަރަކު، ޑޯމޯއިން ކުރިއަށް ގެންދާ ދިރާސާއެއްކަމުގައިވާ "ޑޭޓާ ނެވާ ސްލީޕްސް" އިން ވަރަށް ގިނަ މަޢުލޫމާތުތަކެއް އެނގެން ހުރެއެވެ.

މިދިރާސާއިން ދައްކާ ގޮތުގައި އިންޓަނެޓުގައި އެއްމެ މިނެޓެއް ތެރޭގައި މިކަންތައްތައް ހިނގައެވެ.

- އެމޭޒަން ކަސްޓަމަރުން ގާތްގަނޑަކަށް 283،000 ޔޫ.އެސް ޑޮލަރު އެ ވެބްސައިޓުގައި ތަކެތި ގަތުމަށް ހަރަދު ކުރެއެވެ.

- 12 މިލިއަން މީހުން އެޕަލްގެ ޑިވައިސްތަކުގެ އެހީގައި އައި މެސެޖް ފޮނުވައެވެ.

- 6 މިލިއަން މީހުން އޮންލައިން ވިޔަފާރި އެކި ތަންތަނުން ކުރެއެވެ.

- އިންސްޓާކާޓް ބޭނުންކުރާ މީހުން 67،000 ޔޫ.އެސް ޑޮލަރު ހަރަދު ކުރެއެވެ.

- ސްލެކް މެދުވެރިކޮށް 148،000 މެސެޖް މި ޕްލެޓްފޯމް ބޭނުންކުރާ މީހުން އެކަކު އަނެކަކަށް ފޮނުވައެވެ.

- މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް 100،000 މީހުން ކަނެކްޓްވެއެވެ.

- ފޭސްބުކް ލައިވްތައް 44 މިލިއަން މީހުން ބަލައެވެ.

- އިންސްޓަގްރާމް މެދުވެރިކޮށް 65،000 ފޮޓޯ ޝެއާ ކުރެވިގެންދެއެވެ.

- ޓިކްޓޮކް ބޭނުންކުރާ މީހުން 167 މިލިއަން ވީޑިއޯ ބަލައެވެ.

މި ސްޓެޓިސްޓިކްސްތަކުން ދައްކާ ގޮތުގައި ބިގްޓެކް ކުންފުނިތަކާއި އެކި މީސް މީޑިއާތަކުގެ ނުފޫޒު އަހަރެމެންގެ ދިރިއުޅުމުގެ މައްޗަށް ވަރަށް ބޮޑެވެ.

އެއް މިނެޓު ތެރޭގައި އިންޓަނެޓު ބޭނުންކުރާ މިންވަރާއި ޕްލެޓްފޯމްތައް - ޑޯމޯ ވެބްސައިޓުން

އެ ނުފޫޒުގެ ސަބަބުން މިކަންތައްތައް އަޅާނުލާ ދޫކޮށްލަން އުނދަގޫވެ، މިކަމަށް މީޑިއާއާއި ސިޔާސީ ސަމާލުކަން ދަނީ އިތުރުވަމުންނެވެ.

އަދި ބައެއް މީހުން ދެކޭ ގޮތުގައި ފޭސްބުކްއިންވެސް އެމީހުންގެ ނަން ބަދަލުކުރީ މިފަދަ ކަންތައްތަކެއް ހުރުމުންނެވެ.

މި ނުފޫޒުތައް ކިރާލެވޭ އެއް މިންގަނޑަކީ ބިގް ޓެކް ކުންފުނިތަކަށް އަބަދުވެސް ލިބޭ ބޮޑެތި އާމްދަނީތަކުންނެވެ. ބިގް ޓެކް ކުންފުނިތަކުން އެއް މިނެޓުތެރޭގައި ރެވެނިއު ޖެނެރޭޓް ކުރާ މިންވަރު ބަލާލައިފިނަމަ މިކަން ޔަޤީންވެއެވެ.

ވިޝުއަލް ކެޕިޓަލިސްޓް ވެބްސައިޓުން ނަގާފައިވާ ސްޓެޓިސްޓިކްސް

މި އެލީޓް ޓްރިލިއަން ޑޮލަރުގެ ސްޓޮކްތަކުން ލިބޭ އާމްދަނީގެ ބޮޑުބައަކީ މިކުންފުނިތަކުގެ އެކިއެކި ނެޓްވޯކްތަކުގަޔާއި ޕްލެޓްފޯމްތަކުން ލިބޭ އާމްދަނީކަން ހާމަވެއެވެ.

އެހެން ގޮތަކަށް ބުނާނަމަ ކޮންމެ މިނެޓަކު ހިނގާ 5.7 މިލިއަން ގޫގުލް ސާޗްކުއަކުން ގޫގަލްއަށް 433،014 ޑޮލަރުގެ އާމްދަނީއެއް ލިބޭނެއެވެ.

Infographic: Tech Giants Crush Profit Records in Q2 | Statista

ފާއިތުވި އަހަރުތަކުގެ ތެރޭގައި އިންޓަނެޓް

ޑިޖިޓަލް ދުނިޔެއެއްގައި ޑޭޓާއާއި މަޢުލޫމާތުގެ މިންވަރު ކޮންމެ ދެއަހަރަކުން އެއް އަހަރު ދެގުނައަށް އިތުރުވެ، އިންޓަނެޓް މިނެޓަކީ ފާއިތުވި އަހަރުތަކުގައި ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައިވާ އެއްޗެކޭ ބުނުމަކީ އިންސާފަކަށް ވާނެކަމެކެވެ.

ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އިންޓަނެޓު ބޭނުންކުރާ މީހުންގެ އަދަދު - ޑޯމޯ ވެބްސައިޓުން

- 2016 ވަނަ އަހަރު 527 ހާސް ފޮޓޯ އެއް މިނެޓު ތެރޭގައި ސްނެޕްޗެޓު މެދުވެރިކޮށް ފޮނުވާފައިވާއިރު މިއަދަދު 2021 ގެ އެއް މިނެޓުގައި 2 މިލިއަނަށް އަރާފައިވެއެވެ.

- 2017 ވަނަ އަހަރު ޓްވިޓާ މެދުވެރިކޮށް އެންމެ މިނެޓެއްގައި 452 ހާސް ޓްވީޓް ކުރެވިފައިވާއިރު މިއަދަދު މިހާރު 2021 ގެ އެއް މިނެޓުގައިވަނީ 575 ހާހަށް އަރާފައެވެ.

- 2018 ވަނަ އަހަރު އެއް މިނެޓް ތެރޭގައި 862،823.00$ އޮންލައިން ވިޔަފާރިތަކަށް ހަރަދުކޮށްފައިވެއެވެ. މިއަހަރު އެންމެ މިނެޓެއްގައި 2 މިލިއަން މީހުން އޮންލައިންކޮށް ވިޔަފާރި ކުރިއެވެ.

- 2019 ވަނަ އަހަރު 4.5 މިލިއަން ވީޑިއޯ ޔޫޓިއުބްގައި އެންމެ މިނެޓެއްގައި މީހުން ބަލަމުން ދިޔައެވެ. 2021 ގައި 694 ހާސް ގަޑިއިރުގެ ވީޑިއޯ ޔޫޓިއުބްގައި ސްޓްރީމް ކުރެއެވެ.

- 2020 ގައި ނެޓްފްލިކްސް ބޭނުންކޮށްގެން ޖުމްލަކޮށް 404 ގަޑިއިރުގެ ކޮންޓެންޓް އެއް މިނެޓް ތެރޭގައި މީހުން ބެލިއެވެ. މިހާރު މިއަދަދުވަނީ 452 ހާސް ގަޑިއިރަށް ބަދަލުވެފައެވެ.

މިފަދަ މުހިންމު ދިރާސާތަކުން ލިބޭ މަޢުލޫމާތުތަކުގެ އެހީގައި އެތަކެއް ގިނަ ކަންތައްތަކެއް ހާމަވެގެންދެއެވެ. އިންޓަނެޓަކީ މިހާރު އަހަރެމެންނަށް އެއާއި ނުލައި އުޅެން ދަތި އެއްޗަކަށް މިވަނީ ވެފައިކަން ޔަޤީނެވެ.

ދުވާލެއްގެ މައްޗަށް ކޮންމެ މީހަކުވެސް ކުރާ މަސައްކަތުގައްޔާއި އަދި އަމިއްލައަށް މުނިފޫހިފިލުވުމަށްވިޔަސް އިންޓަނެޓް ކޮންމެ މީހަކުވެސް ބޭނުންކުރާނެއެވެ. 1993 ގައި އިންޓަނެޓް ބޭނުންކުރާ މީހުންގެ އަދަދަކީ އެންމެ 14 މިލިއަނެވެ.

Infographic: A Minute on the Internet in 2021 | Statista

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އިންޓަނެޓް ބޭނުންކުރާ މީހުންގެ އަދަދު ކޮންމެ މިނެޓަކު 950 އިން އިތުރުވެއެވެ.

މިއާއިއެކީ ފާހަގަކޮށްލެވެނީ ކުރިއަށް އޮތްތާގައި އެކަށީގެންވާ ހަމަތަކެއް އުފެދި، ކުރިއަރަމުން އަންނަ ޤަޢުމުތަކުން އިންޓަނެޓް ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހެއް ދާނީ އިތުރުވަމުންނެވެ.

Infographic: What Types of Media Take Up Most People's Time? | Statista

މިހާރު އިންޓަނެޓާއި އަދި ޓެކްނޮލޮޖީއާއި ދުރު ސަރަޙައްދުތަކަށް ބަލައި ކުރިއަށް އޮތް ދުވަސްތަކާއި އަހަރުތަކުގެ ތެރޭގައި އިންޓަނެޓު ބޭނުންކުރާނެ ކަމަށް ބޮޑަށް ބެލެވޭ ސަރަޙައްދުތައް ޑޯމޯގެ ދިރާސާތަކުން ދައްކަނީ ތިރީގައިވާ ތަންތަން ކަމުގައެވެ.

ކުރިއަށް އޮތްތާގައި އިންޓަނެޓް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވާނެވަރު

މި އަދަދުތަކަށް ބަލައި ގްރޯތް ޓްރެޖެކްޓަރީއަށް ރިޢާޔަތްކޮށް، މުސްތަޤްބަލުގެ ހިސާބުތައް މިހާރަށްވުރެވެސް ހައިރާންވާނެ އެއްޗަކަށް ވެގެންދާނެކަމަށް ލަފާކުރެވިދާނެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.