އަލިފާނުގެ ކާރިސާތައް މަދުކުރުމަށް އޭއައި ބޭނުންކުރަނީ!

ދުނިޔޭގެ އެކި ޖަންގަލިތަކާއި، ސަރަޙައްދުތަކުގައި ޚާއްޞާކޮށް ހުޅަނގުގެ ޤައުމުތަކުގައި ހިނގާ އަލިފާންގެ ހާދިސާތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ދެން އޮތް ވަސީލަތަކީ އާޓިފިޝަލް އިންޓެލިޖެންސް ހެއްޔެވެ؟

ހުޅަނގުގެ ޤައުމުތަކުގެ ހޫނުމޫސުމުގައި ޖަންގަލިތަކުގައި އަލިފާން ރޯވުންތައް ގިނަވެ ބޮޑެތި ގެއްލުންތައް ވަމުންދާއިރު، އަލިފާން ރޯވުން ހުއްޓުވުމާއި އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ހަވާލުވެފައިވާ އިދާރާތަކަށާއި އޮފިޝަލުންނަށް ވަރަށް އަވަހަށް އާ ވަސީލަތެއް ލިބިދާނެ ކަމަށް ކަމުގެ މާހިރުން ބުނެފިއެވެ.

ޖެފަރސަން ކައުންޓީގައި ހުންނަ ލޮކްހީޑް މާޓިން ސްޕޭސް އިން ދަނީ ސެޓެލައިޓްތައް ބެލެހެއްޓުމާއި، ޖައްވު ހޯދުމާއި، އެމެރިކާގެ އަސްކަރިއްޔާއަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ގްރައުންޑް ކްރޫންނަށް އަވަހަށް އިތުރު ޞައްޙަ ޑޭޓާ ފޯރުކޮށްދިނުމަށް ލިބިފައިވާ ދިހަވަރަކަށް އަހަރު ދުވަހުގެ ތަޖުރިބާ ޓެޕް ކުރަމުންނެވެ. އެމީހުންގެ ޓެކްނޮލޮޖީގެ ސަބަބުން އެހީތެރިވެދެވޭނެ ގޮތްތަކާ ބެހޭގޮތުން އެމެރިކާގެ ފޮރެސްޓް ސާވިސްއާއި ޔުނިވަރސިޓީގެ ދިރާސާވެރިންނާއި ކޮލޮރާޑޯ ސްޓޭޓްގެ އިދާރާއަކާ ދަނީ ވާހަކަ ދައްކަމުންދެއެވެ.

އެކި ސަރަހައްދުތަކުގެ މާހައުލުގެ ހާލަތާ ބެހޭ އިތުރު މައުލޫމާތު ހޯދައި، ގިނަ އަދަދެއްގެ ޑޭޓާ ޕްރޮސެސް ކުރުމަށް ކޮމްޕިއުޓަރ ޕްރޮގްރާމްތައް ބޭނުންކުރަމުންދާ، ލޮކްހީޑް މާޓިންގެ މަންދޫބުން ބުނާ ގޮތުގައި އަލަށް ތަޢާރަފްކުރާ ޓެކްނޮލޮޖީގެ ޒަރީއާއިން، އަލިފާނުގެ ހާދިސާތަކަށް އެޓެންޑްވާން މިހާރު ނަގާ ގަޑިތަކުގެ ބަދަލުގައި މަދު މިނިޓްތަކެއްގެ ތެރޭގައި އަލިފާނުގެ ޕެރިމީޓަރުތައް މެޕް ކުރެވޭނެ އެވެ. އެމީހުން ބުނާ ގޮތުގައި އެ ކުންފުނިން އަސްކަރީ ބޭނުންތަކަށްވެސް އަމާޒުކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި އާއި މެޝިން ލާނިންގެ ސަބަބުން އަލިފާނުގެ މިސްރާބާއި ސްޕީޑާ ބެހޭ ގޮތުން ލަފާކުރެވޭ ގޮތްތައް އިތުރުވެގެންދާނެ އެވެ.

“ވައިލްޑްލޭންޑް ފަޔަރ އޮޕަރޭޓަރުންނާއި ކޮމާންޑަރުން މަސައްކަތްކުރާ މަންޒަރަކީ އަޅުގަނޑުމެންގެ ވަޒަނާއި އެކުވެރިން ދިފާއުކުރާ ޖަމިއްޔާތަކާއި ފޯލްކްސް އާއި ވަރަށް ވައްތަރު މަންޒަރެއް. އެއީ ގިނަ ހަރަކާތްތަކާއި ޒިންމާތަކެއްގެ ތެރެއިން ނުރައްކާތެރި މާހައުލެއް،” ލޮކްހީޑް މާޓިންގެ އާޓިފިޝަލް އިންޓެލިޖެންސް ސެންޓަރުގެ އޭއައި އިންޓަގްރޭޝަންގެ ސީނިއާ މެނޭޖަރު ޑޭން ލޯޑަން ވިދާޅުވި އެވެ.

ލޮކްހީޑް މާޓިންގެ އަމާޒަކީ އަހަރުތަކެއް ވަންދެން ތަރައްގީކޮށްފައިވާ ޓެކްނޮލޮޖީ އެހެން ދާއިރާތަކުގައި ބޭނުންކޮށް، ޖަންގަލީގައި ހިނގާ އަލިފާނުގެ ހާދިސާތަކާ ގުޅޭ މައުލޫމާތު އެއްކުރުމާއި ނިންމުންތައް ނިންމުމަށް ނަގާ ވަގުތު މަދުކުރުން ކަމަށް ލޮކްހީޑް މާޓިން ސްޕޭސްގެ މިޝަން ސޮލިއުޝަންސްގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑިރެކްޓަރު ރިޗް ކާޓާ ވިދާޅުވި އެވެ.

"އަވަހަށް ރިއެކްޓް ކުރެވޭވަރަކަށް އަލިފާންގަނޑު އަވަހަށް ހިފެހެއްޓި، މީހުންގެ މުދަލާއި ފުރާނަ ހިމާޔަތް ކުރެވޭނެ،" ކާޓާ ވިދާޅުވި އެވެ.

ފާއިތުވެ ދިޔަ ހޫނުމުސުމުގެ އަހަރުތަކުގައި، ހުޅަނގުގެ ޤައުމުތަކުގައި އަލިފާނުގެ ނުރައްކާތެރި ބޮޑެތި ކާރިސާތައް ހިނގާފައިވާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު މާޝަލްގައި ރޯވި އަލިފާނުގެ ހާދިސާގައި ބޯލްޑަރ ކައުންޓީގައި 991 ގެ އަނދާފައިވާއިރު ދެ މީހަކު ވަނީ މަރުވެފައެވެ. ޑެންވަރ ސަރަހައްދުގައި މިހާތަނަށް ތިން ފަހަރެއްގެ މަތިން ހޫނުމިން ރެކޯޑް އަދަދަކަށް އަރާފައިވާއިރު، އެންމެ ހޫނުގަދަވި އޭޕްރީލް މަހު ތެތްކަމުގެ އެވްރެޖް ނިސްބަތް ލިބިފައިވަނީ އެންމެ 0.06 އިންޗީއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފަ އެވެ.

ފާއިތުވި 15 އަހަރު ތެރޭގައި އޭޕްރީލް މަހު އެންމެ ގިނަ އަދަދަކަށް އަލިފާން މޫސުމުގެ އެލާޓް ދިން ގައުމަކީ ކޮލޮރާޑޯ އެވެ. ފްރަންޓް ރޭންޖާއި އިރުމަތީ ފަޅުތަކުގައި ވައިގެ ސަބަބުން ރޯވެފައިވާ އަލިފާންގަނޑުތައް ކްރޫއިން ވަރަށް އަވަހަށް ކޮންޓްރޯލްކޮށް، އެތަންތަނުން މީހުން ނެރެން މަޖުބޫރުކޮށްފައިވެ އެވެ. އެކަމަކު މޮންޓެ ވިސްޓާގެ ހަ އާއިލާއެއްގެ ގެދޮރު ގެއްލުނީ އޭޕްރީލް މަހު ދެކުނު ކޮލޮރާޑޯގެ ޓައުންގެ ބައެއްގައި އަލިފާން ރޯވުމުންނެވެ.

2014 ވަނަ އަހަރުން ފެށިގެން ކޮލޮރާޑޯ ޑިވިޝަން އޮފް ފަޔަރ ޕްރިވެންޝަން އެންޑް ކޮންޓްރޯލް އިން ވަނީ ޖަންގަލީ އަލިފާންގަނޑު ދެނެގަނެ، ފަޔަރފައިޓަރުންނަށް ވީހާވެސް ޒަމާނީ މައުލޫމާތު ފޯރުކޮށްދިނުމަށް އިންފްރާރެޑް އަދި ކުލަ ސެންސަރު ޖަހާފައިވާ ބޯޓުތައް ބޭނުންކޮށްފަ އެވެ. އޮންބޯޑް އިކުއިޕްމަންޓް އިންޓަގްރޭޓްކޮށްފައިވަނީ ލޯކަލް ފަޔަރ މެނޭޖަރުންނަށް ތަސްވީރުތަކާއި ތަފްސީލުތައް ފޯރުކޮށްދޭ ޑޭޓާބޭސްއެއް ކަމަށްވާ ކޮލޮރާޑޯ ވައިލްޑްފައިއާ އިންފޮމޭޝަން ސިސްޓަމް އެވެ.

ކޮންމެއަކަސް އަލަށް ތަޢާރަފްކުރާ އޭއައިގެ ސަބަބުން ދުނިޔޭގައި ހިނގާ އަލިފާނުގެ ހާދިސާތައް އެތައް ތަނަކުން މަދުކުރެވި ޢާއްމުންގެ މުދަލާއި، ގެދޮރު ހިމާޔަތްކުރެވޭ ނިސްބަތް ބޮޑުތަނުން އިތުވެގެންދާނެކަމަށް ބެލެވެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.