ހަމަލާތަކުން ދިފާއު ވުމަށް ހަތިޔާރު އެޅި ޑްރޯން ބޭނުންކުރަނީ

އަޙްމަދު ދާއޫދު 06 ޖޫން 2022


ސްކޫލްތަކާއި އެފަދަ އެހެނިހެން ތަންތާންގައި ހިންގާ ބަޑިޖެހުން ފަދަ ނުރައްކާތެރި ޓެރަރިސްޓް ހަމަލާތައް ހުއްޓުވުމަށް ޓޭސަރ ހަތިޔާރު އެޅި ޑްރޯންތައް ބޭނުން ކުރުމަށް އެމެރިކާގެ ކުންފުންޏަކުން ހުށަހަޅައިފި އެވެ.

ޓޭސަރ ޑިވެލޮޕަރު "އެކްސަން" އިން މި ހަފްތާގައި ބުނީ އިލެކްޓްރިކް ސްޓަނިން ހަތިޔާރުތަކާއެކު ސްކޫލްތަކުގައި އުދުހުމުގެ ޤާބިލްކަން ލިބިފައިވާ ހަތިޔާރު އެޅި ޑްރޯންތައް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެފަދަ ޑްރޯން ތަކުގެ އެހީގައި ބަޑިޖެހުން ފަދަ ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކުން ސްކޫލްތަކާއި އެފަދަ މުއައްސަސާތައް ހިމާޔަތް ކުރެވިދާނެކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ޓޭސަރ ކުންފުނިން މިހެންބުނިނަމަވެސް އެ ކުންފުނީގެ ޓެކްނޮލޮޖީ އެޑްވައިޒަރުން ވަނީ އެ ޚިޔާލަކީ ނުރައްކާތެރި ޚިޔާލެއް ކަމަށް ބުނެ އެކަމާ ދެކޮޅު ހަދާފައެވެ.

ޓޭސަރސް އާއި ފުލުހުންގެ ބޮޑީ ކެމެރާ ވިއްކާ ޕަބްލިކް ޓްރޭޑް ކުންފުނިން މިދިޔަ އަހަރު ފުލުހުންގެ އާ ޑްރޯން ޕްރޮޑަކްޓެއް އުފެއްދުމުގެ އެ ޚިޔާލު ޓެކްނޮލޮޖީ، ޕޮލިސިން އަދި ޕްރައިވެސީގެ ދާއިރާއިން ފުންނާބު އުސް ތަޖުރިބާކާރުންގެ ގްރޫޕެއް ކަމަށްވާ އާޓިފިޝަލް އިންޓެލިޖެންސް އެތިކްސް ބޯޑަށް ހުށަހެޅި އެވެ.

އެ ބޯޑުންވެސް ސުވާލު އުފެއްދީ ރަނގަޅު ގޮތުގައި އެކަށީގެންވާ މިންވަރަކަށް ސެކިއުރިޓީ ބަލަހައްޓާ ކޮމިއުނިޓީތަކުގައި ބޭނުންކުރާ ޑްރޯންތަކަށް ހަތިޔާރު ދިނުމާ މެދުގަ އެވެ. އެކަމަކު އެކްސަން އިން އިއުލާން ކުރި ގޮތުގައި އެ މީހުންގެ ޑްރޯންތައް އެއަށްވުރެ މާ ކުޅަދާނަވެފައި ހުނަރުވެރި ވާނެކަމަށާއި، ކްލާސްރޫމްތަކަށް ވަދެގެން އަންނަ ހަތިޔާރު އެޅި މީހަކު ހަރަކާތްތެރި ވުމުގެކުރިން އެމީހަކަށް ހަމަލާދީ އެކަން ހުއްޓުވުމުގެ ޤާބިލްކަން ޑްރޯންތަކަށް ލިބިގެން ވާނެކަމަށެވެ.

އެސޯސިއޭޓެޑް ޕްރެސްއަށް ދިން އިންޓަވިއުއެއްގައި އެކްސަންގެ ފައުންޑަރ އަދި ސީއީއޯ ރިކް ސްމިތު ބުނީ ޓެކްސަސްގެ އުވަލްޑޭގެ އެލިމެންޓަރީ ސްކޫލެއްގައި ބަޑިޖަހައި ގިނަ ބަޔަކު މަރާލި ހާދިސާއަށް ފަހު އެ ޚިޔާލު އާންމު ކުރަން މަޖުބޫރުވާ ކަމަށް ދެކިލައްވާ ކަމަށެވެ.

އެކަމަކު އޭނާ ފާހަގަކުރެއްވި ގޮތުގައި އަދި މިހާތަނަށް އެކަމާ ގުޅޭ އެއްވެސް ޕްރޮޑަކްޓެއް އެކުންފުނިން ލޯންޗުކޮށްފައި ނުވާނެއެވެ. އަދި އެފަދަ އެއްވެސް ޕްރޮޑަކްޓެއް އުފައްދާފައެއްވެސް ނުވެއެވެ. އެ ޚިޔާލު، ހިއްސާކުރަން ޖެހުނީ، ފުލުހުންނަށް ހަމަލާދޭ މީހުންނާ ރައްކާތެރިކަމާއެކު ކުރިމަތިލާނެ ފައިދާހުރި ގޮތްތަކާއި، ސްކޫލްތަކުން ރައްކާތެރިކަން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން އާންމުކޮށް ވާހަކަ ދައްކާތީ ކަމަށްވެސް އޭނާ ހާމަކޮށްފައިވެއެވެ.

"މިއީ އަޅުގަނޑުމެންގެ ސިކުނޑި އެކަމަށް ހުޅުވިފައި އޮއްވާ އާންމުންގެ ހޭލުންތެރިކަމަށް ވަންނަން ޖެހޭ ޚިޔާލެއް. އަދި އަޅުގަނޑަށް އިހުސާސް ކުރެވުނީ އިތުރު ހަ މަސް ދުވަހު މަޑުކޮށްފިއްޔާ ދުނިޔެ ބަދަލުވެގެން މި ކަން މީހުން ހަނދާން ނައްތާލާނެ ކަމަށް." އަޅުގަނޑުމެން ހައްލުކުރަންޖެހޭ މި މައްސަލައިގެ ނުރައްކާތެރި ކަމަށްވުރެ ބޮޑަށް މީހުން ފޯކަސް ކުރަނީ އަޅުގަނޑު މެން އުފައްދަން މިއުޅޭ ޕްރޮޑަކްޓްގެ ސަބަބުން އިތުރަށް ކަމެއް ގޯސްވެދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ކޮންމެއަކަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ދެމުން ގެންދާ މިފަދަ ނާތަހުޒީބު ޓެރަރިސްޓް ހަމަލާ ތަކުގެ ސަބަބުން މިފަދަ ޓެކްނޯލޮޖީއަކަށް ދުނިޔެ ބޭނުންވެފައިވާ މިންވަރު އެނގެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.