ވީޕީއެން އަކީ އަހަރެމެންނަށް ރައްކާތެރި ސިސްޓަމެއް ހެއްޔެވެ؟

އަޙްމަދު ދާއޫދު 15 ޖޫން 2022

އިންޓަނެޓްގައި ހިނގާ ނުވަތަ ހިންގާ ތަފާތު އެކިއެކި ކަންކަމާހެދި ވީޕީއެން (ވާޗުއަލް ޕްރައިވެޓް ނެޓްވޯކް) އަށް ދަނީ ޕްރެޝަރ ކުރިމަތިވަމުންނެވެ. ބައެއް ޤައުމުތަކުގައި ވީޕީއެން ބޭނުންކުރުން މަނާކުރާ ހިސާބަށް ސައިބަރ ކްރައިމް ނުވަތަ އިންޓަނެޓްގައި ކުރާ ވައްކަމާއި، ފޭރުމުގެ އަމަލުތައް ވަނީ އިތުރުވެފައެވެ. ނަތީޖާއެއްގެ ގޮތުން ތިބާ ދުވަހަކުވެސް އެފަދަ ކަމެއް ވެދާނޭ ހީވެސް ނުކުރާޒާތުގެ ކަންކަން އަންނަނީ ކުރިމަތިވަމުންނެވެ. މިއީ ހަޤީޤަތުގައި މިއަދު އަޅުގަނޑުމެން އެންމެންނަށްވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު ބިރުވެރިކަމެކެވެ. އެހެންކަމުން އެފަދަ ބިރުތަކުން ސަލާމަތްވުމުގެ ބޭނުމުގައި ތަފާތު ވީޕީއެން ބޭނުން ކުރާ ފަރާތްތައް މިއަދު މިވަނީ ނުހަނު އިތުރުވެފައެވެ.

ވާޗުއަލް ޕްރައިވެޓް ނެޓްވޯކެއް މަސައްކަތްކުރާ ގޮތަކީ ކަނެކްޝަން ރީރޫޓްކޮށް ސެކިއުރިޓީކޮށް، ޓްރެކް ކުރަން ވަރަށް ބޮޑަށް އުނދަގޫވާ ގޮތް ހެދުމެވެ. ނަމަވެސް ވީޕީއެންތަކަކީ ބުލެޓްޕްރޫފް އެއްޗެއް ނޫން ކަމުން މި ޕްރޮސެސްގައިވެސް ރައްކާތެރި ނޫން ކަންކަން ހުރިކަން އަހަރެމެން ޤަބޫލުކުރަންޖެހެއެވެ. އެހެނީ ލޮގްތައް ރައްކާކުރެވެމުންދާ ވީޕީއެންގެ ސަރވަރތަކާ ގުޅިފައިވަނީ ކޮންބައެއްކަން އަދި ކޮން އިރަކުކަން ނޭންގޭއިރު، ޒިޔާރަތްކުރި ހުރިހާ ސައިޓްތަކާއި އެހެނިހެން ހަރަކާތްތަކުގެ ފުރިހަމަ ލިސްޓެއް ރެކޯޑް ކުރެވިފައިވާނެއެވެ.

ވީޕީއެން ތަކުން ލޮގްތައް ރައްކާކޮށްފައި ނުބެހެއްޓުމަށް ވައުދުވާ ސަބަބާއި ނޯ-ލޮގް ވީޕީއެން ކަމަށް ބުނާ ސަބަބަކީ ޔޫޒަރުންގެ އިތުބާރާ ޔަޤީންކަން ހޯދުމެވެ. އެހެނީ ލޮގްސްތަކުން ޓްރެކްކުރުމަކީ ވަރަށް ފަސޭހަކަމަކަށް ވާއިރު ލޮގްތައް ރައްކާކޮށްފައި ބަހައްޓާނަމަ އެއީ ޔޫޒަރުންނަށް އޮތް އިތުރު ބިރުވެރިކަމެކެވެ. ނަމަވެސް ތިޔަބޭފުޅުންނަށް ތަޞައްވުރު ކުރެވޭނެ ފަދައިން، ލޮގް ނުބެހެއްޓުމުގެ އުސޫލަކީ، އެއްވެސް ޤާނޫނަކުން ލާޒިމް ކުރާ އުސޫލަކަށް ނުވާއިރު އެއްވެސް ވީޕީއެން އަކުން އެފަދަ ތެދުވެރި ކަމެއް އޮވެދާނެހެއްޔެވެ؟

ޚާއްޞަކޮށް ޗައިނާ ފަދަ ފާރަވެރި ޤައުމުތަކުގައި، މީހުން ކުރާ ކަންތައްތަކަށް ޓްރެކް ކުރުމަށް ވީޕީއެން ބޭނުން ނުކުރާނެކަމަށް ޤަބޫލެއް ނުކުރެވެއެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ކުށްވެރިން ވީޕީއެން ބޭނުންކުރަނީ އެމީހުން ކުރާ ކަންތައްތައް ފޮރުވުމަށެވެ. ވީޕީއެންތައް ނުވިނަމަ ފުލުހުންނަށް ސައިބަރ ކްރައިމްތައް މާ ފަސޭހައިން ހައްލުކުރެވޭނެ ކަމަށްވެސް އެމީހުން ޤަބޫލުކުރެއެވެ.

ވީޕީއެންތަކާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކާ އޮންނަ ގުޅުމަކީ ނުކިއްސަރު ގުޅުމެކެވެ. އެއްފަރާތުން ކުންފުނިތަކުގެ ޕްރައިވެސީއަށް ވައުދުވެ ފުލުހުންނާ އެއްވެސް ކަމެއް ހިއްސާނުކުރާނެކަމަށް ބުނެއެވެ. ނަމަވެސް އަނެއްކޮޅުން، ފުލުހުންގެ ހުރިހާ ސައްހަ ވޮރެންޓަކަށް އެއްބާރުލުން ދޭން ޖެހެއެވެ. އެއީ އެމީހުންގެ ގާނޫނީ ވާޖިބެކެވެ.

މިސާލަކަށް ޕްރޮޓޮންމެއިލް އާއި ޕްރޮޓޮންވީޕީއެންގެ ފަހަތުގައިވާ ކުންފުނި ސްވިޒަލޭންޑްގައި ހުންނަ ޕްރޮޓޮން އަށް ފްރާންސްގެ އަމުރެއް ތަންފީޒު ކުރުމަށް ސްވިޒަލޭންޑްގެ ކަމާބެހޭ ފަރާތްތަކަށް އެންގުމުން މޫސުމާ ބެހޭ އެކްޓިވިސްޓެއްގެ ބިރުވެރިކަމަށްޓަކައި އެއްބާރުލުން ދޭން މަޖުބޫރުވި އެވެ. އެ ކުންފުނިން އެ އަމުރާ ދެކޮޅު ހަދަން މަސައްކަތް ކުރި ނަމަވެސް، ކޯޓުން އެކުންފުންޏާ ދެކޮޅަށް ހުކުމް ކުރުމުން އެމީހާ ހައްޔަރު ކުރީ ޕްރޮޓޮންވީޕީއެން އިން ފޯރުކޮށްދިން މައުލޫމާތުތަކަށް ބިނާކޮށެވެ.

ނަމަވެސް ވީޕީއެންގެ ހުރިހާ ހިދުމަތެއް އެއްގޮތަކަށް ނުދާނެކަންވެސް ޤަބޫލުކުރަންޖެހެއެވެ. މިސާލަކަށް ޕިއުރވީޕީއެން އިން 2017 ވަނަ އަހަރު އެފްބީއައި އަށް އެހީތެރިވެދީ ސައިބަރސްޓޯކަރަކު ހައްޔަރު ކުރުމަށް އެހީވީ ވޯރެންޓެއްގެ އެއްވެސް ޕްރެޝަރެއް ނެތި އެވެ.

އަދި މީގެ އަހަރެއްހާ ދުވަސް ކުރިން އައިޕީވެނިޝް އިން ހޯމްލޭންޑް ސެކިއުރިޓީއަށް އެމެރިކާގެ އެހެން ރައްޔިތެއްގެ ލޮގްތައް ފޯރުކޮށްދިން ނަމަވެސް، އޭގެ ފަހުން އެ ކުންފުނީގެ ވިސްނުން ބަދަލުވެފައިވާކަން ފާހަގަކޮށްލަން ޖެހެ އެވެ.

ނަމަވެސް ވީޕީއެން ބޭނުންކުރާ ފަރާތްތަކަށް އޮތް އެންމެބޮޑު ކަންބޮޑުވުމަކީ އެމެރިކާގެ ސާވަރުތަކުގައި ލޮގްތައް ރައްކާކުރެވިފައި ހުރުމެވެ. އެފަދަ ސާވާތަކުން އެމީހުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ބޭނުންވެއްޖެ ކޮންމެ މީހެއްގެ ލޮގްތައް ޓްރެކް ކޮށްލެވޭނެއެވެ. އެހެންކަމުން އެއްގޮތަކަށް ބަލާއިރު މިއީ ވީޕީއެން ބޭނުން ކުރުމުގައި އޮތް އެންމެ ބިރުވެރި ކަމެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.