އިންޑިއާގެ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓް ހިމެނޭ ޓްވީޓްތައް ނަގަން އިންޑިއާ ސަރުކާރުން ކުރި އަމުރަށް ޓްވިޓާއިން ބޯނުލަނބާނެ ކަމަށް ބުނެ ދެކޮޅު ހަދައިފި އެވެ.
ކޮންޓެންޓް ޑައުން ކުރުމަށް ސަރުކާރުން ނެރުނު އަމުރާ ދެކޮޅަށް ޓްވިޓާ އިން ވަނީ އިންޑިއާގައި ގާނޫނީ ގޮންޖެހުމެއް ކުރިމަތިކޮށްފަ އެވެ.
ސޯޝަލް މީޑިއާގެ މި ބިޔަ ކުންފުނިން ވަނީ އެފަދަ "އެތަކެއް" އަމުރުތަކަކާ ދެކޮޅު ހަދައިގެން ކަރްނާޓަކާ ސްޓޭޓްގެ ހައިކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައި ކަމަށް ބީބީސީއަށް މައުލޫމާތު ދިން ފަރާތްތަކުން ބުނެ އެވެ.
މިފަދަ އަމުރުތަކަށް އަމަލު ނުކުރުމުން "ބޮޑެތި ނަތީޖާތަކެއް" ކުރިމަތިވާނެ ކަމުގެ އިންޒާރު ދީ ޖޫން މަހު ސަރުކާރުން ފޮނުވި ސިޓީއަކަށް ޓްވިޓާ އިން ރައްދުދެމުން ދިޔަ އެވެ.
އިންޑިއާގައި ޓްވިޓާ ބޭނުންކުރާ މީހުންގެ އަދަދު 24 މިލިއަނަށް ވުރެ ގިނަ ކަމަށް އެއް އަންދާޒާއަކުން ދައްކަ އެވެ.
ޕެޓިޝަން ހުށަހެޅިތާ ގަޑިއެއްހާއިރު ފަހުން ފެޑެރަލް މިނިސްޓަރު ރާޖީވް ޗަންދްރަސެކާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭރުގެ ހުރިހާ އިންޓަނެޓް ޕްލެޓްފޯމްތަކެއް އިންޑިއާގެ ގާނޫނުތަކަށް އަމަލުކުރަން ޖެހޭ ކަމަށެވެ.
ބޭރު ސައިޓްތަކުގައި ހުންނަ ކޮންޓެންޓްތަކުގެ ޒިންމާ ބީބީސީން ނުނަގާނެ އެވެ.
މި މައްސަލައަށް އަހުލުވެރި މަސްދަރުތަކުން ބުނީ ޖޫން މަހު ސަރުކާރުން ވަނީ ޓްވިޓާއަށް އިންޒާރު ދީފައި ކަމަށާއި އެއީ އެ ކުންފުނިން ގިނަ އަދަދެއްގެ ބްލޮކިން އޯޑަރުތަކަށް އަމަލު ކުރުމަށް ލިބުނު "އެންމެ ފަހު ފުރުސަތު" ކަމަށް ބުނެފަ އެވެ.
އެއީ އިންޑިއާގެ އިންފޮމޭޝަން ޓެކްނޮލޮޖީ ގާނޫނުގެ ދަށުން ސަރުކާރަށް "ދައުލަތުގެ ސަލާމަތަށް ނުރައްކާވާ" އަދި އާންމު ތަރުތީބަށް ނުރައްކާވާ ފަދަ އޮންލައިން ކޮންޓެންޓް ބްލޮކް ކުރުމުގެ ހުއްދަ ދޭ ގާނޫނުގެ ދަށުންނެވެ.
އެމީހުން ބުނީ ޓްވިޓާއިން ކޯޓަށް ދިއުމަށް އިޚްތިޔާރު ކުރީ "އިންޒާރުތަކުގެ ސީރިއަސް ކަމުން" ގާނޫނަށް އަމަލު ނުކުރުމުން ޖިނާއީ ޝަރީއަތް ހިންގޭނެތީ ކަމަށެވެ.
ޓުވިޓަރ އިން ގަބޫލުކުރާ ގޮތުގައި އެ އަމުރުތަކަކީ ގާނޫނުގައިވާ ޝަރުތުތަކަށް "އިޖުރާއަތުގެ ގޮތުން އަދި މާބޮޑުތަނުން އުނިވެފައިވާ" އަމުރުތަކެއް ކަމަށާއި އޭގެ ތެރެއިން ގިނަ އަމުރުތަކަކީ "ބާރު މާބޮޑަށް ބޭނުންކުރުން ދައްކުވައިދޭ އަދި ނިސްބަތުން ބޮޑު އަމުރުތަކެއް" ކަމަށް މަސްދަރުތަކުން ބުނެ އެވެ.
މިސާލަކަށް ބައެއް ހާލަތްތަކުގައި މުޅި އެކައުންޓްތައް ބްލޮކް ކުރުމަށް ޑިމާންޑްތަކެއް ހުރި ކަމަށް ވެސް މަސްދަރުތަކުން އިތުރަށް ބުންޏެވެ. އަދި ބައެއް އެކައުންޓްތަކުގައި "ސިޔާސީ ޕާޓީތަކުގެ ރަސްމީ ހޭންޑްލްތަކުން" ޕޯސްޓްކުރާ ކޮންޓެންޓް ހިމެނިދާނެ އެވެ.
މިއީ ޓްވިޓާ އާއި އިންޑިއާގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިސްވެ ހުންނަވާ ސަރުކާރާ ދެމެދު ކުރިއަށްދާ ކުރިމަތިލުމެއްގެ އެންމެ ފަހުގެ ފިޔަވަޅެވެ.
ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކަމާބެހޭ ފަރާތްތަކުން ވަނީ އާންމު ތަރުތީބަށް ބިނާކޮށް އިއުތިރާޒު ކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާ ޖަޔަންޓަށް ޓްވީޓްތައް ނައްތާލުމަށާއި އެކައުންޓްތައް ބްލޮކް ކުރުމަށް އެދިފަ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ދަނޑުވެރިން ކުރި ބޮޑު މުޒާހަރާއާ ގުޅޭ އެކައުންޓްތަކާއި ޓްވީޓްތަކާއި ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އަމަލުކުރާ ގޮތާމެދު ފާޑުވިދާޅުވި ޓްވީޓްތައް ހިމެނެ އެވެ.
ދަނޑުވެރިންގެ މުޒާހަރާތަކުގެ ތެރޭގައި އާންމު ތަރުތީބެއްގެ މައްޗަށް ބިނާކޮށް އިއުތިރާޒުތަކެއް ކުރި ކަމަށް ބުނެ ސަރުކާރުން ނެރުނު ގާނޫނީ އެންގުމަކަށް ރައްދުދީ ޓްވިޓާ އިން ވަނީ 250 އެއްހާ އެކައުންޓް ކުރު މުއްދަތަކަށް ބްލޮކްކޮށްފަ އެވެ.
އޭގެ ތެރޭގައި ތަހުގީގު ޚަބަރު މަޖައްލާއެއްގެ އެކައުންޓްތަކާއި، ދިއްލީގެ ބޭރުގައި މަސްތަކެއް ވަންދެން ކުރިއަށް ގެންދިޔަ މުޒާހަރާތަކަށް ތާއީދުކުރުމާ ގުޅުން ހުރި އެކްޓިވިސްޓުންނާއި ޖަމާއަތްތައް ހިމެނެ އެވެ.
އެކަމަކު ސަސްޕެންޝަން ކުރިއަށް ގެންދިއުމަށް "އެކަށީގެންވާ ޖަސްޓިފިކޭޝަން ނެތް" ކަމަށް ބުނެ ޓްވިޓާ އިން ވަނީ ހަ ގަޑިއިރުގެ ތެރޭގައި އެކައުންޓްތައް އަލުން އާލާކޮށްފަ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޓްވިޓާއަށް ބުނީ "އިންޑިއާގައި ވިޔަފާރި ކުރުމަށް މަރުހަބާ ކިޔާ" ކަމަށާއި ނަމަވެސް "ޓްވިޓާގެ އަމިއްލަ ގަވާއިދުތަކާއި ގައިޑްލައިންތަކަށް ބެލުމެއް ނެތި" އެގައުމުގެ ގާނޫނުތަކަށް އަމަލު ކުރަން ޖެހުނު ކަމަށެވެ.
އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ އެ ކުންފުނީގެ އޮފީސްތަކަށް ފުލުހުން ޒިޔާރަތްކުރިތާ ދުވަސްތަކެއް ފަހުން އިންޑިއާގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ މެދު ޓްވިޓާ އިން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ މިދިޔަ މެއި މަހު އެވެ.
ފުލުހުން އެ ސައިޓަށް ނޯޓިސް ދީފައި ވަނީ ބީޖޭޕީން ކުރި ޓްވީޓެއް "މެނިޕިއުލޭޓެޑް މީޑިއާ" ކަމަށް ލޭބަލް ކުރުމުންނެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.