ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ ސަބަބުން ހީޓްވޭވްސް އާންމުވެ ދުނިޔޭގައި އިންސާނުންނަށް ދިރިތިބުމަށް ނުކުޅަދާނަވާވަރަށް ދުނިޔޭގެ އެވްރެޖް ހޫނުމިން މައްޗަށް ހިނގައިދާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދީފިއެވެ.
ޖައްވު ހޫނުވުމަށް މެދުވެރިވާ ގްރީންހައުސް ގޭސްތައް ހުއްޓުވުމަށް ކުރާ މަސައްކަތް އިތުރު ނުކުރެވިއްޖެނަމަ ހޫނު މޫސުމުގެ ހޫނުމިން 40 C އަށް ވުރެ މައްޗަށް ދާނެ ކަމަށް ސައިންސްވެރިން އިންޒާރު ކޮށްފައިވާއިރު، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ ސަބަބުން ދުނިޔެ ހޫނުވުމުގެ ސަބަބުން 2050 ވަނަ އަހަރު އަންނަންވާއިރަށް ހޫނުމިން 30 އިންސައްތައަށް އިތުރުވެދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އެމެރިކާއާއި ކެނެޑާގެ ހުޅަނގުގެ ސަރަހައްދުތަކަށް ކުރިމަތިވި "އާދަޔާ ޚިލާފު" ހީޓްވޭވްގެ ސަބަބުން 1500 މީހުން މަރުވެ، ބޮޑެތި އަލިފާންގަނޑުތައް ރޯވީ ކޮން ސަބަބަކާ ހުރެތޯ ޓީމަކުން ވަނީ ބަލާފައެވެ.
އެ ޓީމުން ވަނީ ޖައްވުގެ ދައުރުވުމުގެ ތިން ޕެޓާންއެއްގެ އިތުރުން "އެންތްރޮޕޮޖެނިކް" ގްރީންހައުސް ގޭސްތައް ބަލާފަ އެވެ.
މި ޕެޓާންތަކުން ސިފަކުރަނީ ވައިގެ ފްލޯތައް ދުނިޔޭގެ ވަށައިގެން ވާ ސާފޭސް ޓެމްޕަރޭޗާއަށް ނުފޫޒު ފޯރުވާ ގޮތާއި ދުވާލެއްގެ މައްޗަށް އަދި ދިގު މުއްދަތަކަށް މޫސުން ތަކަށް ޒިންމާވާ ގޮތެވެ.
ކޮމްޕިއުޓަރު ސިމިއުލޭޝަންތައް ބޭނުންކޮށްގެން ދިރާސާ ޓީމުން ވަނީ 2021 ވަނަ އަހަރުގެ ޖޫން މަހު ގްރީންހައުސް ގޭސްތަކުގެ އަސަރު މި ޕެޓާންތަކަށް ކޮށްފައިވާކަން ހޯދާފައެވެ.
ޖައްވުގެ ހޫނުމިން ކުރިއަށް އޮތް ތަނުގައި އިތުރުވުމަށް އެންމެ ބޮޑު ދައުރެއް އަދާކުރާ އެއް ބަޔަކީ ގްރީންހައުސް ގޭސް ކަމަށް ވެދާނެ ކަމަށް ސައިންސްވެރިން ވަނީ އެޓްމޮސްފެރިކް ސައިންސަސް ޖާނަލް އެޑްވާންސްގައި އިންޒާރުކޮށްފަ އެވެ.
ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނޮލޮޖީގެ ޑޮކްޓަރ ޗުންޒާއީ ވަންގް ދެއްކެވި ވާހަކަފުޅުގައި، ޖައްވު ހޫނުވުމުގެ ސަބަބުން ޖައްވު ހޫނުވުމަށް މެދުވެރިވާ ތިން ބާވަތެއްގެ ތަފާތުތަކަށް އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
އަދި އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، ހީޓްވޭވްސް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެ، އިންސާނުންނަށް މިބިންމަތީގައި ދިރި ނުތިބެވޭވަރަށް ތިމާވެށީގެ ބެލެންސަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމަށް ޗުންޒާއީ ވިދާޅުވިއެވެ.
މިހިނގާ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އިނގިރޭސިވިލާތުގެ ލިންކްސްގެ ކޮންސިންސްބީގައި ހޫނުމިން ވަނީ ރެކޯޑް މިންވަރަކަށް 40.3C އަށް އަރާފައެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.