ޕްރައިވެޓް ބްރައުޒިންގ ތިޔަ ހީކުރާހާ ރައްކާތެރިއެއް ނޫން!

އަޙްމަދު ދާއޫދު 04 އޯގަސްޓު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެންމެ މަގުބޫލު އިންޓަނެޓް ބްރައުޒާތަކުގައި "ޕްރައިވެޓް" މޯޑްތަކުގައި ވެބްސައިޓްތައް ހޯދައި ޒިޔާރަތް ކުރުމުގެ ފުރުސަތުތައް ހިމަނާފައިވެއެވެ. އެ ފުރުޞަތު ތަކަކީ މިހާރުގެ މި ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ޒަމާނަށް ބަލާއިރު ބައެއް މީހުން ދެކޭގޮތުގައި ވަރަށް ބޭނުންތެރި އަދި އެހާމެ ރައްކާތެރި މުހިންމު ފުރުޞަތުތަކެކެވެ.

އެކަމަކު "ޕްރައިވެޓް" ބްރައުޒިން އޮޕްޝަނަށް ޚިޔާރު ކުރުމަކުން ތިމާ ހީކުރާހާ ރައްކާތެރިކަމެއް ނުލިބިދާނެ ކަމަށް ބައެއް ޕްރައިވެސީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ގިނަ ބްރައުޒަރ ތަކުގައި ހިމަނާފައިވާ މިދެންނެވި ޕްރައިވެޓް އޮޕްޝަންތަކަށް ތަފާތު ނަންތައް ކިޔާފައި ހުންނާތީ ފެނެއެވެ. އެގޮތުން ސަފާރީ އަދި ފަޔަރފޮކްސްގައި ޕްރައިވެޓް ބްރައުޒިންގ، ގެ ނަމުން ނަންދީފައިވާއިރު، ކްރޯމްގައި އެ އޮޕްޝަންއަށް ދީފައިވަނީ އިންކޮގްނިޓޯ މޯޑް ނަމުންނެވެ. ނަން ތަފާތުވީ ނަމަވެސް ކޮންމެ އޮޕްޝަންއެއްގައި ވެސް ފަންކްޝަނަލިޓީ އެއްގޮތެވެ. އެގޮތުން މި ޕްރައިވެޓް މޯޑްތަކުގައި، ބްރައުޒާއިން ޒިޔާރަތްކުރި ސައިޓްތަކާއި، ކޭޝްކޮށްފައިވާ ޕޭޖްތަކާއި، ކްރެޑިޓް ކާޑު ނަންބަރާއި އެޑްރެސް ފަދަ ސޭވްކޮށްފައިވާ މައުލޫމާތުތަކުގެ ލޮގެއް ނުބެހެއްޓޭނެއެވެ. އަދި ސެޝަންތަކުން ލިބޭ މައުލޫމާތު ކްލައުޑްގައި ރައްކާވެސް ނުކުރެވޭނެ އެވެ.

މި އިޚްތިޔާރުތައް ބޭނުންކުރުމުން އޮންލައިންކޮށް ވަކި މިންވަރެއްގެ ރައްކާތެރިކަމެއް އިތުރުވި ނަމަވެސް، ޕްރައިވެސީގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އެއީ ޔޫޒަރ އެއްކޮށް ޓްރެކް ނުކުރެވޭނެ ގޮތް ނުހެދޭނެއެވެ.

"އަޅުގަނޑުމެންނަށް ދެނެގަންނަން ޖެހޭ ކަމަކީ ގިނަ ފަހަރަށް ހަމައެކަނި ޕްރައިވެޓް މޯޑެއްގައި ޓޮގްލް ކުރުމުން ތިންވަނަ ފަރާތެއްގެ ޓްރެކިން އާއި ހާއްސަކޮށް ގާނޫނު ތަންފީޒުކުރާ ފަރާތްތައް ޓްރެކިން ނުހުއްޓުވޭނެކަން،" ސަރވޭލަންސް ޓެކްނޮލޮޖީ އޮވަރސައިޓް ޕްރޮޖެކްޓްގެ ފައުންޑަރ އަދި އެގްޒެކެޓިވް ޑިރެކްޓަރު އަދި ނިއުޔޯކް ސިޓީގެ ފެލޯއެއް ކަމަށްވާ އަލްބަޓް ފޮކްސް ކާން ވިދާޅުވި އެވެ.

ޕްރައިވެޓް ބްރައުޒާ މޯޑުން ކުރާ ކަމަކީ ކޮބައި ހެއްޔެވެ؟

ފަރުމާކޮށްފައިވާ ގޮތަށް، ޕްރައިވެޓް ބްރައުޒިން މޯޑްސް އަކީ އެއް ޑިވައިސް ބޭނުންކުރާ އެހެން މީހުންގެ ކިބައިން ތިމާގެ ވެބް އެކްޓިވިޓީ ރައްކާތެރި ކުރުމަށް އެންމެ އެކަށީގެންވާ އެއްޗެއް ކަމަށް ތަޖުރިބާކާރުން ބުނާ ނަމަވެސް އެ ލޯކަލް ޝީލްޑް ހުށަހެޅުމުން މާބޮޑު ކަމެއް ނުކުރެ އެވެ.

"އެކަމަކު އެއީ މިސާލަކަށް މައިންބަފައިން ޓްރެކް ކުރާނެތީ ކަންބޮޑުވާ ކުދިންނަށް އަދި ބްރައުޒާ ހީސްޓްރީއަށް ވަދެވޭނެ އެހެން މީހުންގެ ކިބައިން ކޮމްޕިއުޓަރު ރައްކާތެރިކަމާއެކު ވަކި ނުކުރެވޭނެ ހާލަތެއްގައި ތިބެދާނެ މީހުންނަށް އެހީތެރިވެދޭނެ ކަމެއް." ފޮކްސް ކާން ބުންޏެވެ.

އަދި ވެބްސައިޓްތަކުގެ ތެރެއިން ޓްރެކިން މަދުކުރުމަށް ވެސް ޕްރައިވެޓް މޯޑުން އެހީތެރިވެދެވިދާނެ އެވެ. މިސާލަކަށް ކްރޯމްގައި ޔޫޒަރުންނަށް ބުނަނީ "ވެބްސައިޓްތަކުން ތިބާ ފެންނަނީ އާ ޔޫޒަރެއްގެ ގޮތުގައި ކަމަށާއި ތިބާ ސައިން އިން ނުކުރާހާ ހިނދަކު ތިބާއަކީ ކާކުކަން ނޭނގޭނެ" ކަމަށެވެ.

"މީހުން އަމިއްލައަށް ވެބް ބްރައުޒް ކުރަން އިޚްތިޔާރު ކުރަނީ އެތައް ސަބަބަކާ ހުރެ، ބައެއް މީހުން ބޭނުންވަނީ ޝެއަރކުރާ ނުވަތަ ކުއްޔަށް ނަގާ ޑިވައިސްތަކުގައި އެމީހުންގެ ޕްރައިވެސީ ރައްކާތެރި ކުރުމަށް، ނުވަތަ އެމީހުންގެ ބްރައުޒިން ހީސްޓްރީން ވަކި ހަރަކާތްތަކެއް ސިއްރު ކުރަން. މިފަދަ ޔޫޒަރުންނަށް އިންކޮގްނިޓޯ އެހީތެރިވެދެއެވެ." ކްރޯމް ބްރައުޒާގެ ވީޕީ ޕަރިސާ ޓަބްރިޒް ވިދާޅުވި އެވެ.

އާންމުކޮށް މީހަކު އޮންލައިންކޮށް ބްރައުޒް ކުރާއިރު، ކުންފުނިތަކުން ކުކީސްގެ ޓްރެކިން ބޭނުންކޮށްގެން އެއް ސައިޓުން އަނެއް ސައިޓަށް ބަދަލުވުމާއި، ޑިޖިޓަލްކޮށް ކުރިއަށް ގެންދިއަ ހަރަކާތްތައް ބެލޭނެ އެވެ.

އެކަމަކު ބްރައުޒާއާއި ޔޫޒަރ ޗޮއިސްތަކަށް ބަލާއިރު، ޕްރައިވެޓް ބްރައުޒިންގ މޯޑުން އެ ކްރޮސް ސައިޓް މަޢުލޫމާތު ހިއްސާކުރުން މަދުކުރެވިދާނެއެވެ. ބައެއް ބްރައުޒާތަކާއެކު ވޯކް ކުރާއިރު ހަމައެކަނި ޕްރައިވެޓް މޯޑަށް ޚިޔާރު ކުރުމުގެ ބަދަލުގައި، އިތުރު ގޮތްތައް ޚިޔާރުކުރަން ޔޫޒަރުންނަށް އެނގެން ޖެހެ އެވެ.

މިސާލަކަށް ސަފާރީގައި ޑިފޯލްޓް އިންޓެލިޖެންޓް ޓްރެކިން ޕްރިވެންޝަން ފީޗާއެއް ހުންނައިރު، ކްރޮސް ސައިޓް ޓްރެކިން ލިމިޓް ކުރާއިރު ސައިޓްތައް އާންމުކޮށް މަސައްކަތް ކުރަމުން ގެންދެވޭނެ އެވެ. އޭގެ "ޕްރިވެންޓް ކްރޮސް-ސައިޓް ޓްރެކިން" އަދި "ބްލޮކް އޮލް ކުކީސް" އޮޕްޝަންތަކަކީ ޔޫޒަރުން ރައްކާތެރި ކުރުމަށް އަޅާ އިތުރު ފިޔަވަޅުތަކެއް ނަމަވެސް މި ފީޗާސްތަކަކީ ޕްރައިވެޓް މޯޑާ ވަކި ފީޗާތަކެކެވެ.

މީގެ އިތުރުން ކްރޯމް އިން ލަފާދެނީ އިންކޮގްނިޓޯ މޯޑުގައި ވެސް ތިންވަނަ ފަރާތެއްގެ ކުކީޒް ބްލޮކް ކުރަން އިޚްތިޔާރު ކުރަން ޖެހޭނެ ކަމަށެވެ.

އިންޓަނެޓްގެ ހުރިހާ ޔޫޒަރުން ޓްރެކް ކުރުން ހުއްޓުވުމަށް "ޓޯޓަލް ކުކީ ޕްރޮޓެކްޝަން" ހިމެނޭ ގޮތަށް ފަޔަރފޮކްސް އިން މިދިޔަ އަހަރު އާ ޑިފޯލްޓް ފީޗާސްތައް އިތުރުކުރިއިރު، އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުން ދަނިކޮށް ފޭސްބުކް ނުވަތަ ޓްވިޓާ ފަދަ ސައިޓްތަކުން ތިންވަނަ ފަރާތަކަށް ލޮގިން ކުރެވޭނެ "ސްމާޓް ބްލޮކް" ވެސް ވަނީ ތަޢާރަފް ކޮށްފައެވެ.

އަދި ޑިވައިސްއާ ގުޅިފައިވާ އަދި ޔޫޒަރ ޖިއޮލޮކޭޓް ކުރުމަށް ބޭނުންކުރެވޭ އައިޕީ އެޑްރެސްތަކާ ބެހޭގޮތުން ވާހަކަ ދައްކާއިރު ޕްރައިވެޓް މޯޑްތަކުގެ ފައިދާ ލިމިޓެޑް ވެއެވެ.

"ޕްރައިވެސީ މޯޑުގައި ހުއްޓަސް ތިބާ އެކަމާ ނުހުރުނަސް، އައިޕީ އެޑްރެސް އަބަދުވެސް ލިބޭ ފަރާތަށް އެނގެއެވެ. ސިއްރެއް ނުވެއެވެ. ސަބަބަކީ ބްރައުޒާއިން ޑޭޓާ ހޯދުމަށް ރިކުއެސްޓް ފޮނުވާއިރު، ރިކުއެސްޓް ލިބޭ ސަރވަރަށް އެ ޑޭޓާ އަނބުރާ ފޮނުވާނެ ތަނެއް އެނގެން ޖެހޭތީއެވެ." ޔުނިވަރސިޓީ އޮފް ވޮޝިންޓަން އިންފޮމޭޝަން ސްކޫލްގެ އެސޯސިއޭޓް ޓީޗިންގ ޕްރޮފެސަރ އެންޑްރޫ ރައިފަރސް ވިދާޅުވިއެވެ.

އަދި މީގެއިތުރުން އިންޓަނެޓްގެ ހިދުމަތްދޭ ފަރާތަކަށް ވެސް ބްރައުޒާގެ ޕްރައިވެސީ ސެޓިންގ އަށް ބެލުމެއް ނެތި ޔޫޒަރެއްގެ އޮންލައިން އެކްޓިވިޓީ ފަސޭހަކަމާއެކު ރެކޯޑް ކުރެވޭނެ އެވެ.

މިކަން ހައްލުކުރުމަށްޓަކައި ބައެއް ބްރައުޒާތަކުން އިތުރު ޕްރޮޓެކްޝަންތަކެއް ވަނީ ތަޢާރަފް ކޮށްފައެވެ.

ސަފާރީގައި ޕްރައިވެޓް ބްރައުޒިން މޯޑާ ވަކިން "ހައިޑް އައިޕީ އެޑްރެސް" ސެލެކްޝަނެއް ހުންނައިރު، އެ އޮޕްޝަން އެނެބަލް ކުރުމުން ޔޫޒަރ ބްރައުޒާގެ މައުލޫމާތު ދަނީ ތަފާތު ދެ ފަރާތަކަށެވެ. އެއް ފަރާތަކަށް އައިޕީ އެޑްރެސް ލިބޭ އިރު، ޒިޔާރަތްކުރާ ވެބްސައިޓްގެ މައުލޫމާތު ނުލިބޭނެއެވެ. އަނެއް ފަރާތަށް ވެބްސައިޓްގެ މައުލޫމާތު ލިބޭ ނަމަވެސް އައިޕީ އެޑްރެސް ނުލިބެ އެވެ .

މި ޕްރޮސެސް މިގޮތަށް ހިނގުމުން ޔޫޒަރެއްގެ ހުރިހާ މައުލޫމާތެއް ވަކި އެއްފަރާތަކަށް ނުލިބެއެވެ. އެހެން ބްރައުޒާތަކުގައި ވެސް އައިޕީ އެޑްރެސްތައް މާސްކް ކުރުމުގެ އިޚްތިޔާރުތައް ހުންނައިރު، ވީޕީއެން އެކްސްޓެންޝަން ނުވަތަ "ޑިސެބަލް ޖިއޯ އައިޕީ" ކެޕޭސިޓީތަކުން ބްރައުޒާތަކުން ޔޫޒަރެއްގެ ލޮކޭޝަން ވެބްސައިޓްތަކާ ހިއްސާކުރުން ހުއްޓުވަ އެވެ.

ޕްރައިވެޓް ބްރައުސަރ މޯޑްތަކުން ރައްކާތެރި ނުކުރެވެނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟

އޮންލައިން ބްރައުޒިންގ ރައްކާކުރެވިފައިވަނީ ދެ ތަނެއްގައެވެ. އެއީ ލޯކަލް ކޮމްޕިއުޓަރުގެ އިތުރުން އަދި ޒިޔާރަތްކުރާ ސައިޓްތަކުގައެވެ. މިސާލަކަށް ޕްރައިވެޓް ބްރައުޒިން މޯޑުގައި ހުންނަ ޔޫޒަރަކު ފޭސްބުކަށް ވަންނައިރު، އެމީހެއްގެ ޑިވައިސްގައި އެ ޒިޔާރަތުގެ ސްޓޯރޑް ރެކޯޑެއް ނުހުންނާނެއެވެ. ނަމަވެސް، އެ ޒިޔާރަތުގެ ސްޓޯރޑް ރެކޯޑެއް އެމީހެއްގެ ފޭސްބުކް އެކައުންޓް ރެކޯޑްތަކުގައި އަދި ފޭސްބުކްގެ އެޑް އެނަލިޓިކްސް އިން ފެންނަން ހުންނާނެއެވެ.

މީގެ އިތުރުން ކުންފުންޏެއްގައި ނުވަތަ ސްކޫލެއްގެ ލެޕްޓޮޕެއްގައި މީހަކު މަސައްކަތް ކުރަމުންދާނަމަ ޕްރައިވެޓް ބްރައުޒިން މޯޑުން އެއްގޮތަކަށްވެސް މާބޮޑު ކަމެއް ނުކުރާނެއެވެ. "އެހެން މީހަކު މެނޭޖް ކުރަމުންދާ ކޮމްޕިއުޓަރެއް ނަމަ އެމީހަކާ ދެކޮޅަށް ޕްރައިވެސީ އޮތުމަކީ ހަގީގަތުގައި ކުރެވޭނެ ކަމެއް ނޫން، ވަޒީފާ ދޭ ފަރާތަކުން ކޮމްޕިއުޓަރުގެ މިލްކުވެރިއެއް ނަމަ، އެމީހުން ބޭނުންވާ ކޮންމެ ކަހަލަ މޮނިޓަރިން ސޮފްޓްވެއާއެއް އެމީހުން ބޭނުންވާ ކޮމްޕިއުޓަރުގައި ބަހައްޓާލެވޭނެ، އަދި ތިބާ ކުރާ ކޮންމެ ކަމެއް ވެސް މިންކުރެވޭނެ. އެހެންވީމަ، ނޫން، އެކަމުން ތިބާ ރައްކާތެރި ނުވާނެ، އެކަމަކު ގާތްގަނޑަކަށް އެއްވެސް ކަމެއް ނުކުރާނެ." މޮޒިލާގެ ސީޓީއޯ އެރިކް ރެސްކޯލާ ވިދާޅުވި އެވެ.

އަދި މި ހާލަތްތަކުގައި އިންކޮގްނިޓޯ މޯޑުން ޓޯޓަލް ޕްރޮޓެކްޝަން ނުދެވޭނެ ކަމަށް ގޫގުލް ކްރޯމް އިން އިންޒާރު ދެއެވެ. "އިންކޮގްނިޓޯ މޯޑުގައި ހުންނައިރު، ތިބާގެ ހަރަކާތް އަދިވެސް ތިބާ ޒިޔާރަތްކުރާ ވެބްސައިޓްތަކަށް، ވަޒީފާދޭ ފަރާތަށް ނުވަތަ ސްކޫލަށް، ނުވަތަ އިންޓަނެޓްގެ ހިދުމަތްދޭ ފަރާތަށް ފެނިދާނެ. އިންކޮގްނިޓޯ މޯޑް ހުޅުވާއިރު މިކަން ސާފުކޮށްދޭނެ،" ތަބްރިޒް ވިދާޅުވި އެވެ.

އަދި ޕްރައިވެޓް މޯޑުގައި ހުށަހަޅާ ޕްރޮޓެކްޝަންތަކަކީ ވެބް ބްރައުޒިންއަށް ހާއްސަ ޕްރޮޓެކްޝަންތަކެއް ކަމުން ސްމާޓްފޯން އެޕްތަކުގައި ކުރާ އެއްވެސް ހަރަކާތެއް ނާޒުކުކަން ވެސް ޔޫޒަރުން ހަނދާނުގައި ބަހައްޓަން ޖެހެ އެވެ. ޔޫޒަރުންގެ ހަރަކާތްތައް ރައްކާތެރި ކުރުމަށް ޕްރައިވެޓް ބްރައުޒިން މޯޑް ކިތަންމެ ރަނގަޅަށް މަސައްކަތް ކުރިޔަސް، އެހެން ތަނަކަށް އެހީއެއް ނުވެވޭނެ އެވެ. "އަޅުގަނޑުމެން ބޭނުންކުރާ ގިނަ އެޕްލިކޭޝަންތަކުގައި ބިލްޓް-އިން އިންކޮގްނިޓޯ މޯޑެއް ނެތް، އެ އެޕްލިކޭޝަނުން ރައްކާކުރަނީ ކޮން އެއްޗެއްކަން ޙަޤީޤަތުގައި ނޭނގޭނެ." ރެއިފަރސް ވިދާޅުވި އެވެ.

އަމިއްލައަށް ރައްކާތެރިވުމަށް އަޅަންޖެހެނީ އިތުރު ކޮން ފިޔަވަޅުތަކެއް ހެއްޔެވެ؟

ޕްރައިވެޓް ބްރައުޒިން މޯޑްސް އެނެބަލް ކުރުމާއި، ކުންފުނިތަކުން އެ ކުންފުނިތަކުގެ ސެޓިންގްސްގައި ހުށަހަޅާ އިތުރު ޕްރައިވެސީ އޮޕްޝަންތައް ހޮވުމުގެ އިތުރުން، ޑިޖިޓަލް ޕްރައިވެސީ އެންމެ ބޮޑު ކުރުމަށް މަސައްކަތް ކުރުމަށް ޔޫޒަރުންނަށް އަޅާނެ އިތުރު ބައެއް ފިޔަވަޅުތައް އެބަހުއްޓެވެ.

ވީޕީއެން ނުވަތަ ވާޗުއަލް ޕްރައިވެޓް ނެޓްވޯކަކުން އައިޕީ އެޑްރެހެއް ފޮރުވައިގެން އޮންލައިންކޮށް ޔޫޒަރެއްގެ ނަން ނުޖެހޭ ގޮތަށް ހެދުމުން އެ ޔޫޒަރަކީ ކޮން ޔޫޒަރެއް ކަމާއި، އެ ޔޫޒަރަކު ހުންނަތަން ރައްކާތެރި ކޮށްދެއެވެ. "އަމިއްލަ ރައްކާތެރި ކަމަށް އަޅަން ރަނގަޅު ފުރަތަމަ ފިޔަވަޅަކީ ޕްރައިވެޓް ބްރައުޒިން މޯޑަކާއި ވީޕީއެން އެއްކޮށް ބޭނުން ކުރުން،" ރެސްކޯލާ ބުންޏެވެ.

އެކަމަކު ވީޕީއެން ބޭނުންކުރުމުން ވީޕީއެން އޮޕަރޭޓަރަށް ތިބާގެ ބްރައުޒިން އެކްޓިވިޓީއަށް ވަދެވޭނެ ގޮތް ވެދާނެ އެވެ. "މިއިން ގިނަ ބަޔަކު އެ މައުލޫމާތު ވިއްކާލާނެ ނުވަތަ ހަމަ ޔަގީނުންވެސް ފުލުހުންނަށް އަމުރެއް ދީފިނަމަ އެ މައުލޫމާތު ލިބޭނެ،" ފޮކްސް ކާން އިންޒާރު ދެއްވަ އެވެ.

އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް ވެސް ޓޯ ފަދަ ބްރައުޒާއަކަށް އެނބުރުމަށް ވިސްނާލެވޭނެ ކަމަށާއި އެއީ އެއްވެސް ސަރވަރެއް ފުރިހަމައަށް ހަރަކާތްތެރިކަން ޓްރެކް ނުކުރުމަށް ގިނަ އިންޓަރމިޑިއަރީ ސާވަރތަކެއް ބޭނުންކުރާ ރައްކާތެރި އަދި ނަން ނުޖެހޭ ގޮތެކެވެ.

ތަޖުރިބާކާރުން ފާހަގަކުރައްވާ ގޮތުގައި އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެނގެން ޖެހޭނީ އޮންލައިން ހަރަކާތަކީ އަސާސީ ގޮތުން ހަމައެކަނި ޕްރައިވެޓް ކަމެއް ނޫން ކަމާއި، ބްރައުޒާ ސެޓިންގ އަކީ ބައެއް ހާލަތްތަކުގައި އެއްވެެސް އިތުބާރެއް ނެތް އެއްޗެއް ކަމެވެ. އަދި ބްރައުޒިން ހީސްޓްރީ ސާފުކުރުމާއި ކުކީ ކޭޝްތައް ހުސްކުރުމަކީ ތިންވަނަ ފަރާތްތަކަށް ޑޭޓާ ރިކަވަރީ ކުރުމަށް ދަތިވާ ކަމެއް ނަމަވެސް، ވަކި ފޮރެންސިކް ޓޫލްތަކާއި ވޮރެންޓްތަކާއެކު އަދިވެސް އެއީ ނުކުރެވޭނެ ކަމެއް ނޫންކަމެވެ.

ފޮކްސް ކާން ބާރުއަޅަނީ ޑޭޓާ ޕްރައިވެސީއާ މެދު ކަންބޮޑުވާ ފަރާތްތަކުން ވީހާވެސް ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި، ޓްރޭސް ނުކުރެވޭ އާ ޑިވައިސްއެއް ގަނެގެން ނުވަތަ ޓޯ ފަދަ ހިދުމަތްތައް ބޭނުން ކުރަން ޖެހޭ ކަމަށެވެ. "އެއީ އުނދަގޫ ކަމެއް، އެކަމަކު އެކަމުން ލިބޭ ވަރަށް ގިނަ ރައްކާތެރިކަން، ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ މި ހުރިހާ ކަމެއް ކުރެވިދާނެ ކަމަކީ ރިސްކް ކުޑަކުރުން. އެއިން އެއްވެސް ކަމަކީ މުޅިން ފުރިހަމަ ކަމެއް ނޫން." އޭނާ ވިދާޅުވި އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.