އައިފޯންތައް ވަގުތުން އަޕްޑޭޓްކުރުމަށް އިލްތިމާސްކޮށްފި

އަޙްމަދު ދާއޫދު 19 އޯގަސްޓު 2022

އައިފޯނާއި، އައިޕެޑް އަދި މެކް ބުކް ފަދަ އެޕަލްގެ ޑިވައިސްތައް ވަގުތުން އަޕްޑޭޓްކުރުމަށް އެޕަލް ބޭނުންކުރާ ފަރާތްތަކަށް އިލްތިމާސްކޮށްފިއެވެ.

އެޕަލް ކުންފުނީގެ ފަރާތުން މިފަދަ އިލްތިމާސެއް ކޮށްފައި މިވަނީ ހެކަރުން ނުވަތަ ހަމަލާދޭ ފަރާތްތަކަށް އެޕަލް ޑިވައިސްތަކުގެ ފުރިހަމަ ކޮންޓްރޯލް ނަގައިގަނެވޭނެ ފަދަ ސެކިއުރިޓީ ވަލްނަރެބިލިޓީތަކުގެ ޖޯޑަކުން ރައްކާތެރިވުމަށްޓަކައެވެ.

އެޕަލް ކުންފުނިން ބުނެފައިވަނީ ހެކަރުން މިހާރު ވެސް އެ ވަލްނަރެބިލިޓީތަކުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ޔޫޒަރުންނަށް ހަމަލާދެމުން ދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ސޮފްޓްވެއާގެ ބަލިކަށިކަމުގެ އަސަރު ކުރަނީ ހުރިހާ ޑިވައިސްތަކެއްގައި ވެސް އެއްގޮތްވާ އޮޕަރޭޓިން ސިސްޓަމްގެ އެންމެ ފުން ފަށަލަ ކަމަށްވާ ކާނަލް އަށް ކަމަށް އެޕަލް އިން ބުނެ އެވެ. އަނެއް ގޮތަކީ ސަފާރީ ވެބް ބްރައުޒާގެ އަސްލު ޓެކްނޮލޮޖީ ކަމަށްވާ ވެބްކިޓަށް އަސަރުކުރުމެވެ.

ހެކަރުންނަށް ޑިވައިސްތަކާ ސީދާ ކުޅެވިދާނެކަމުގެ އިންޒާރެއް ވަނީ ދީފައި

އެއިން ކޮންމެ ބަގަކަށް ވެސް އެ ކުންފުނިން ބުނީ އިތުރު ތަފްސީލެއް ނުދިން ނަމަވެސް "ހެކަރުން މިބަލިކަން ނާޖާއިޒު ގޮތުގައި ބޭނުންކޮށްފައި ހުރެދާނެ ކަމުގެ ރިޕޯޓް ލިބިފައިވާ" ކަމަށެވެ.

އެޕަލް ކުންފުނިންވަނީ މި ކަންތައް ފާހަގަކޮށްދިން ދިރާސާވެރިންގެ ނަން ހާމަ ނުކުރިނަމަވެސް އެފަރާތްތަކަށް ޝަރަފްވެރި ކަމާއެކު ޝުކުރު އަދާކޮށްފައެވެ.

އެޕަލް ކުންފުނިން ބުނެފައިވަނީ 2015 ވަނަ އަހަރުން ފެށިގެން ފަހުން ނެރުނު އައިފޯނާއި، 2014 ވަނަ އަހަރުން ފެށިގެން ނެރުނު އައިޕެޑެއް ނުވަތަ މެކްއޯއެސް މޮންޓެރީ ބޭނުންކުރާ މެކެއް އޮތް ކޮންމެ މީހަކަށްވެސް އެމީހެއްގެ މޯބައިލް ޑިވައިސްގެ ސެޓިންގްސް މެނޫ ހުޅުވައިގެން، ނުވަތަ އެމީހެއްގެ މޯބައިލް ޑިވައިސްގައި ހުންނަ “އެބައުޓް ދިސް މެކް” މެނޫއިން “ސޮފްޓްވެއާ އަޕްޑޭޓް” ހޯދައިގެން މިހާރު އަޕްޑޭޓް ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

ސޯޝަލްޕްރޫފް ސެކިއުރިޓީގެ ސީއީއޯ ރޭޗަލް ޓޮބަކް ވިދާޅުވީ އެޕަލް އިން މި ވަލްނަރެބިލިޓީ ބަޔާން ކުރުމުން ހެކަރަކަށް "ފުލް އެޑްމިން އެކްސެސް ޓު ދަ ޑިވައިސް" ލިބިދާނެ ކަމަށާއި އެކަން އެހެން ވެއްޖެނަމަ"އެއީ ތިބާގެ ޑިވައިސްއަށް އެކްސެސްވުމަށް ޔޫޒަރެއް ފަދައިން ކޮންމެ ކޯޑެއް ވެސް އެގްޒެކެޓް ކުރެވޭނެ" ފަދަ ކަމެއް ކަމަށެވެ.

އެެހެންކަމުން ސޮފްޓްވެއާ އަޕްޑޭޓް ކުރުމަށް ޚާއްސަކޮށް ސަމާލުކަން ދޭން ޖެހޭ މީހުންނަކީ "އާންމުންގެ ލޮލުގައި އަޅައިގަންނަ މީހުން" ކަމަށް ޓޮބަކް ވިދާޅުވި އެވެ.

ބުދަ ދުވަހު މި ފިކްސް އާންމު ކުރުމާ ހަމައަށް، އެ ވަލްނަރެބިލިޓީތައް ކްލާސް ކުރެވިފައި އޮންނާނީ "ޒީރޯ ޑޭ" ބަގްސްގެ ގޮތުގައެވެ. ސަބަބަކީ އެ ވަލްނަރެބިލިޓީތަކަށް ފިކްސްއެއް ލިބޭނެ ދުވަހެއް އަންދާޒާ ކުރެވިފައި ނުވާތީ އެވެ. މިފަދަ ބަލިކަށިކަންތަކަކީ ސައިބަރ ހަތިޔާރުގެ ބްރޯކަރުން ލައްކަ ލައްކަ ނުވަތަ މިލިއަން ޑޮލަރަށް ގަނެވޭނެ އޯޕަން މާކެޓުގައި ވަރަށް ބޮޑު އަގުހުރި ކަންތައްތަކެކެވެ.

މިސާލަކަށް ބްރޯކަރު ޒީރޯޑިއަމް އިން ސަފާރީ މެދުވެރިކޮށް ޔޫޒަރަކު ހެކް ކުރުމަށް ބޭނުންކުރެވޭ ސެކިއުރިޓީ ބަލިކަށިކަމެއްގެ ސަބަބުން ދިމާވާ މައްސަލަ ތަކެއް ޙައްލު ކުރުމަށް "500،000 ޑޮލަރާއި ހަމައަށް" ހެކަރުން ޑިމާންޑު ކުރާއިރު، ޔޫޒަރަކަށް ބޭނުން ނުކުރެވޭ ގޮތަށް އައިފޯނެއް ހެކް ކުރެވޭނެ މެލްވެއަރ އަަކަށް 2 މިލިއަން ޑޮލަރާއި ހަމައަށް ބައެއް ކުންފުނި ތަކުން ހެކަރުންނަށް ހޭދަކުރާ ކަމަށްވެއެވެ.

އިސްރާއީލުގެ އެންއެސްއޯ ގްރޫޕް ފަދަ ވިޔަފާރި ސްޕައިވެއާ ކުންފުނިތަކަކީ މިފަދަ އުނިކަންތައްތައް ދެނެގަނެ އެ އުނިކަންތައްތައް ބޭނުންކޮށް، ޓާގެޓްތަކުގެ ސްމާޓްފޯނަށް ސިއްރުން ބަލިކޮށް، އެތަކެތީގެ ކޮންޓެންޓް ސައިފޯންކޮށް، ރިއަލް ޓައިމްގައި ޓާގެޓްތައް ފާރަވެރިކުރާ މެލްވޭއާގައި އެ އުނިކަންތައްތައް ބޭނުންކުރުމުގައި މަޝްހޫރު ކުންފުނިތަކެކެވެ.

އެންއެސްއޯ ގްރޫޕް އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ވަނީ ބްލެކްލިސްޓްކޮށްފަ އެވެ. އޭގެ ސްޕައިވެއާ ޔޫރަޕާއި މެދުއިރުމައްޗާއި އެފްރިކާ އަދި ލެޓިން އެމެރިކާގައި ނޫސްވެރިންނާއި ޚިޔާލުތަފާތުވާ ފަރާތްތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ބޭނުންކުރިކަން އެނގެ އެވެ.

ސެކިއުރިޓީ ރިސާޗަރެއް ކަމަށްވާ ވިލް ސްޓްރެފަޗް ބުނީ އެޕަލް އިން ޕެޗްކުރި ވަލްނަރެބިލިޓީތަކުގެ ޓެކްނިކަލް އެނަލިސިސްއެއް އޭނާއަށް ފެނިފައި ނުވާ ކަމަށެވެ. އެ ކުންފުނިން މީގެ ކުރިން ވެސް މިފަދަ ބޮޑެތި އުނިކަންތައްތަކެއް ހުރިކަން ގަބޫލުކޮށްފައިވާއިރު، ސްޓްރަފަޗް ލަފާކުރި ގޮތުގައި ފަހަރެއްގައި ދިހަވަރަކަށް ފަހަރު، އެފަދަ ސެކިއުރިޓީ ހޯލްތައް ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ.


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.