އަންނަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އައިފޯން 14 ނެރުމަށް ހަމަޖެހިފައިވާ ކަމަށް ބްލޫމްބާގް އިން ރިޕޯޓްކޮށްފިއެވެ.
ބްލޫމްބާގުން ބުނާ ގޮތުގައި އެޕަލް އިން އެ ކުންފުނީގެ އެންމެ ފަހުގެ އައިފޯން ލައިން ތައާރަފު ކުރަން ރާވާފައި ވަނީ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އޮންލައިންކޮށް ސްޓްރީމް ކުރާ އިވެންޓެއްގަ އެވެ.
ޓެކްނޮލޮޖީގެ ބޮޑު ކުންފުނި އެޕަލް އިން އާންމު ގޮތެއްގައި އެ ކުންފުނީގެ އާ ޑިވައިސްތައް ތައާރަފު ކުރަނީ ކެލިފޯނިއާގައި ހުންނަ އެކުންފުނީގެ މައި މަރުކަޒުގަ އެވެ.
އެޕަލް އިން އައިފޯން 13 ނެރެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެ މޮޑެލްގައި އޭ15 ބަޔޮނިކް ޕްރޮސެސަރއެއް ހިމަނާފައިވާއިރު، ކެމެރާގެ ކޮލިޓީވެސް ވަނީ ރަނގަޅުކޮށްފައެވެ. އަދި ކުޑަ ފްރޮންޓް-ފޭސިންގ ސެންސަރ ނޮޗެއްވެސް ހިމަނާފައިވެއެވެ. އަދި 5ޖީ ސެލިއުލާ ގެ ހިދުމަތް ވެސް ވަނީ ހިމަނާފައެވެ.
ސްމާޓްފޯނުގެ އަގުގެ ތަފްސީލް އަދި ހާމަކޮށްފައެއް ނުވެ އެވެ. މިކަމާ ގުޅޭ ގޮތުން އެޕަލްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފައިކަމަށް ބުލޫމްބާގުން ބުނެ އެވެ.
ވެޑްބުޝް ސެކިއުރިޓީޒް ޑޭން އައިވްސް ރިސާޗް ނޯޓެއްގައި ބުނި ގޮތުގައި އައިފޯން 14 ގެ އަގު އައިފޯން 13 އަށް ވުރެ 100 ޑޮލަރު ބޮޑުވާނެ އެވެ.
ހޮންގްކޮންގްގެ ޓީއެފް އިންޓަނޭޝަނަލް ސެކިއުރިޓީޒްގެ ޓެކް އެނަލިސްޓެއް ކަމަށްވާ މިންގް-ޗީ ކުއޯ ލަފާކުރެއްވި ގޮތުގައި އައިފޯން 14، އައިފޯން 13 އަށް ވުރެ 15 ޕަސެންޓް އަގު ބޮޑުވާނެ އެވެ.
ޓެކް ރިޕޯޓްތައް ބުނާ ގޮތުގައި އައިފޯން 14 އަށް އަންނަ އެންމެ ބޮޑު ބަދަލަކީ އޭގެ ކެމެރާ ސިސްޓަމެވެ. ބްލޫމްބާގް އިން ރިޕޯޓްކުރާ ގޮތުގައި މި ފޯނުގައި ބެޓެރީ ލައިފް ދިގުވާނެތީ ، ވީޑިއޯ ރެކޯޑިން ކުރުމުގެ ގާބިލްކަން ވެސް އެހެން ފޯނުތަކާ އަޅައިބަލާއިރު އިތުރުވާނެ އެވެ.
"ސްޕެކް ނަޒަރަކުން ބަލާއިރު އައިފޯން 14 ގައި ކެމެރާ ޓެކްނޮލޮޖީ (48 މެގަޕިކްސެލް) އިތުކޮށްފައިވާއިރ، އައިފޯން 14 ޕްރޯ މޮޑެލްތަކުގައި އީޖާދީ އޭ16 ޗިޕް ހުންނާނެއެވެ. "ބޭސް އައިފޯން 14/ޕްރޯ ގައި ވެސް ކޮންމެވެސް ވަރެއްގެ ސްޓޯރޭޖް އެންހޭންސްމަންޓްތަކެއް ވެސް ހުރެދާނެ." އައިވްސް ވިދާޅުވި އެވެ.
އައިފޯން 14 ވިއްކަން ފަށާނީ ކޮން އިރަކުން ކަން އަދި ޔަގީން ނުވާ ކަމަށް ވެ އެވެ. އެެހެންނަމަވެސް އެޕަލްގެ ބައެއް މުވައްޒަފުންނާއި، ހަވާލާދީ ސީނެޓް ރިޕޯޓްކޮށްފައިވާގޮތުގައި ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އައިފޯނު 14 ވިއްކަން ފަށާނެއެވެ.
މީގެ އިތުރުން މާ ދުރުނޫން މުސްތަޤްބަލެއްގައި، އެޕަލް އިން މެކްގެ އާ ކޮމްޕިއުޓަރުތަކާއި އައިޕެޑްއަދި ގަޑިތައް ވެސް ރޯލްއައުޓް ކުރާނެ ކަމަށް ބެލެވެ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.