Download Logo
Copy Logo

އަގު %50 ކުޑަކޮށް، އޯޕަންއޭއައިއިން ޖީޕީޓީ-6.1 ޓެރާ ރިލީޒްކޮށްފި

ހިންދު ޢަލީ • 27 އޮކްޓޯބަރު 2026

އޯޕަންއޭއައި އިން ޖީޕީޓީ-6.1 ޓެރާ ރިލީޒްކޮށްފިއެވެ. އޯޕަންއޭއައި އިން ނެރިފައިވާ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން މިމޮޑެލްއަކީ ކުރީ މޮޑެލްތަކަށް ވުރެ ތަފްސީލްކޮށް އިމޭޖް އުފެއްދުމާއި އަދި ސާފު، ނެޗުރަލް ލިޔުންތައް އުފެއްދުމުގެ ބާރު ލިބިފައިވާ އަވަސް އަދި ވަރުގަދަ މޮޑެލްއެކެވެ. މިއީ މިމޮޑެލްގެ ކުރީ ވަރޝަން ޖީޕީޓީ‐5.6 ޓެރާއަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް ގެނެސްދޭ މޮޑެލެއް ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.


އޯޕަންއޭއައި އިން ފާހަގަކުރާ ގޮތުގައި ޖީޕީޓީ-6.1 ޓެރާގެ އަގަކީ، ޓެރާގެ ކުރީ ވަރޝަންގެ އަގާ އަޅާބަލާއިރު %50 ދަށް އަދަދެކެވެ. އެހެންކަމުން މިއީ ކޮމްޕިއުޓަރު މެދުވެރިކޮށް ކުރާ މަސައްކަތްތައް އަގުހެޔޮކޮށް އޮޓޮމޭޓް ކުރުމަށް ބޭނުންކުރަން ރަނގަޅު ވަރޝަނެކެވެ.

ޕްރޮޕޯސަލް ޑްރާފްޓް ކުރުމާއި ޓެކްނިކަލް ކުރެހުންތައް މާނަކުރުމުން ފެށިގެން ފޯމް ފުރުމާއި ވީޑިއޯ އެޑިޓް ކުރުން ފަދަ ކޮންމެ ދުވަހަކު ކުރަންޖެހޭ މަސައްކަތްތަކަށް ކުރިއަށް ވުރެ މިމޮޑެލް މޮޅުވާނެ ކަމަށް ވެއެވެ.

މިދިޔަ މަހު އޯޕަންއޭއައި އިން ސޯލް އާއި ލޫނާގެ ޖީޕީޓީ-6 މޮޑެލްތައް ނެރުނުއިރު، އެ ކުންފުނީގެ މީޑިއަމް ރޭންޖުގެ މޮޑެލް ޓެރާ ނުހިމަނައެވެ. އިއްޔެ މިވަނީ ކުރިން މަދުވި ޓެރާ މޮޑެލް ނެރިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ ސްޕީޑްގެ ގޮތުން އަވަސް އަދި އަގު ހެޔޮ މޮޑެލްއެކެވެ.

އޯޕަންއޭއައިގައި މިހާރު މައިގަނޑު ހަތަރު މޮޑެލް ކްލާހެއް ހިމެނެއެވެ. އެގޮތުން އެންމެ ހެޔޮ އަގާއި ގާބިލްކަން ތަރުތީބު ކުރެވެނީ ލޫނާ، ޓެރާ، ސޯލް، އަދި އެސްޓްރާ އެވެ.

ޗެޓްޖީޕީޓީ ވޯކް، ކޯޑެކްސް، އަދި އޭޕީއައި މެދުވެރިކޮށް އެންމެ ފަހުގެ އައު ޖީޕީޓީ-6.1 ޓެރާ މޮޑެލް ލިބޭނެކަމަށް ކުންފުނިން ބުނެއެވެ.

މައިގަނޑު ގޮތެއްގައި ޓެކްސްޓް އުފެއްދުމަށް ނުވަތަ ސުވާލުތަކަށް ޖަވާބު ދިނުމަށް ފޯކަސްކުރާ މޮޑެލްތަކާއި ހިލާފަށް ޖީޕީޓީ-6.1 ޓެރާ ފަރުމާކޮށްފައިވަނީ ސްކްރީނުން ފެންނަ ކަންތައްތައް ދެނެގަނެ، އެޕްލިކޭޝަންތަކުގެ ތެރެއިން ފިޔަވަޅު އެޅޭގޮތަށެވެ.

މި ރިލީޒް އާއެކު އޯޕަންއޭއައިގެ އަމާޒަކީ ބާރުގަދަ އޭއައި މޮޑެލްތައް ބޭނުންކުރުމުގެ އެއް ހުރަސް ކަމުގައި ހިމެނޭ އަގުގެ މައްސަލަ ކުޑަކުރުމެވެ. މިމޮޑެލްގެ އަގު ހެޔޮވުމުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ވެސް ރޫޓިންކޮށް ކުރާ މަސައްކަތް އޮޓޮމެޓިކް ކުރުމަށް ފަސޭހަ ވެގެން ދާނެއެވެ. ހާއްސަކޮށް އެތައް ހާސް މަސައްކަތެއް ގަވާއިދުން ކުރަން ޖެހޭ ހާލަތްތަކުގައި މަސައްކަތް އޮޓޮމޭޓް ކުރުމަށް މިމޮޑެލް އެހީތެރިއަކަށް ވާނެކަމަށް ކުންފުން ފާހަގަކުރެއެވެ.


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.