ޑިޖިޓަލް ސްޓްރީމިން ސާވިސް ޕްލެކްސް އިން ދާދި ފަހުން ޑޭޓާ ބްރީޗް ވެފައިވާކަން ހާމަކޮށްފައިވާއިރު، އެކަމުގެ ސަބަބުން މެމްބަރުންގެ އީމެއިލް އެޑްރެސްތަކާއި ޕާސްވޯޑްތަކާއި ޔޫޒަރ ނޭމްތަކަށް ގެއްލުން ލިބިދާނެ އެވެ.
ޝައްކު ކުރެވޭ ކަންތައް ތަކެއް އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ އިއްޔެ (އޮގަސްޓް 24 ވީ އަންގާރަ ދުވަހު) ކަމަށް ޕްލެކްސް އިން ކަސްޓަމަރުންނަށް ފޮނުވި އީމެއިލެއްގައި ބުނެފައިވެ އެވެ. ޕްލެކްސް އިން ބުނީ ގޮތް ނޭނގޭ ތިންވަނަ ފަރާތަކަށް އެ ކުންފުނީގެ އެއް ޑޭޓާބޭސްގައި ހުރި ބައެއް މައުލޫމާތުތައް ލިބިފައިވާކަން ޔަގީން ކުރެވިފައި ވާކަމަށެވެ.
އެ ޑޭޓާގައި ހިމެނެނީ ޔޫޒަރ ނޭމްތަކާއި، އީމެއިލް އެޑްރެސްތަކާއި، އެންކްރިޕްޓް ކުރެވިފައިވާ ޕާސްވޯޑްތަކެވެ. ޕްލެކްސް އިން ސަބްސްކްރައިބަރުންނަށް ޔަގީންކަން ދެނީ ކޮމްޕްރޮމައިޒް ވެދާނެ ޕާސްވޯޑްތައް "އެންމެ ރަނގަޅު އުސޫލުތަކާ އެއްގޮތަށް ހެޝްކޮށް ސެކިއުރިޓީ ކޮށްފައިވާ" ކަމަށެވެ. ނަމަވެސް އެފަދަ ޕާސްވޯޑްތައް ވަގުތުން ބަދަލުކުރުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި އެ ކެޓަގަރީގެ ޑޭޓާ އޭގެ ސާވަރުތަކުގައި ރައްކާކޮށްފައި ނުވާތީ ކްރެޑިޓް ކާޑު ނުވަތަ އެހެން ޕޭމަންޓް މައުލޫމާތާ މެދު ކަންބޮޑު ނުވުމަށް ކަސްޓަމަރުންނަށް ވަނީ އަންގާފައެވެ.
ޕްލެކްސް މެމްބަރުންނަށް އަންގަނީ ވީހާވެސް އަވަހަކަށް އެކައުންޓް ޕާސްވޯޑް ރީސެޓް ކުރުމަށާއި އިތުރު ރައްކާތެރިކަމުގެ ގޮތުން "ޕާސްވޯޑް ބަދަލު ކުރުމަށްފަހު ގުޅިފައިވާ ޑިވައިސްތައް ސައިން އައުޓް ކުރުމަށެވެ. އަދި މީގެ ކުރިން އޮންކޮށްފައި ނުވާނަމަ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ބޭނުން ކުރުމަށް ވެސް ވަނީ ބުނެފައެވެ.
ޕްލެކްސްގެ މީހެއް ކަމަށް ބުނެ މީހަކު ނުވަތަ ބަޔަކު މުޢާމަލާތެއް ކުރިކަމުގައި ވިޔަސް އެފަދަ ފަރާތަކަށް ތިބާގެ އީމެއިލް މެދުވެރިކޮށް ޕާސްވޯޑް ނުވަތަ ކްރެޑިޓް ކާޑު ނަންބަރު ނުދިނުމަށް ވެސް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ސްޓްރީމިން ސާވިސް އިން ބުނަނީ އެފަދަ ބްރީޗެއް އަލުން ހިނގިޔަ ނުދިނުމަށް ޑިފެންސްތައް ވަރުގަދަކޮށް ސެކިއުރިޓީ ހަރުދަނާ ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.