މައިކްރޯސޮފްޓް އެކްސެލްގެ އިމޭޖް ފަންކްޝަނަށް ބޮޑު ބަދަލެއް!

އަޙްމަދު ދާއޫދު 31 އޯގަސްޓު 2022

މައިކްރޮސޮފްޓް އެކްސެލް އިން ސްޕްރެޑްޝީޓްތަކަށް ތަސްވީރު އިންސާރޓް ކުރުމަށް ސަޕޯޓް ކުރާތާ އަހަރުތަކެއް ވެފައިވާއިރު، އެ ތަސްވީރުތައް ހުންނަނީ ސެލްތަކުގައި ހުންނަ އެލިމަންޓްތަކެއްގެ ބަދަލުގައި ޝީޓްގެ މަތީގައި ފްލޯޓް ކުރާގޮތަށެވެ. އެގޮތަށް އެކަން ހުރުމުން ބައެއް ފަހަރު ވަރަށް އުނދަގޫ ތަކާއި ދިމާވެއެވެ. މައިކްރޯސޮފްޓް ބޭނުންކުރާ ގިނަބައެއްގެ އެދުމާއި އެކު މިހާރު އެކަން އެވަނީ ބަދަލުކޮށްފައެވެ.

މައިކްރޮސޮފްޓުން މިހާރު އެކްސެލްގައި ޓެސްޓް ކުރަމުންދާ IMAGE ކިޔާ އައު ފަންކްޝަނުގައި ސެލްއެއްގެ ތެރެއަށް ތަސްވީރެއް ވެއްދޭނެއެވެ. އެކްސެލް ޝީޓަކަށް ތަސްވީރެއް އިންސަރޓް(އިންސަރޓް ޓެބުން)ކުރާ ގޮތާ ހިލާފަށް އާ ފަންކްޝަނުން ތަސްވީރެއް، ސެލްގެ ތެރޭގައި ބެހެއްޓޭތީ، ރޯތަކާއި ކޮލަމްތައް އެޖެސްޓް ކުރާއިރު އެ ތަސްވީރު އެއަށް ކަނޑައެޅިފައިވާ ތަނުގައި ފަސޭހަކަމާއެކު ރީތިކޮށް ބޭނުންވާ ސައިޒްގައި ބެހެއްޓޭނެއެވެ.

އާ IMAGE ފަންކްޝަން އިން، ކަނޑައެޅިފައިވާ ޔޫ.އާރ.އެލް އިން އިމޭޖެއް އިމްޕޯޓް ކުރާއިރު، އެއީ ބީއެމްޕީ، ޖޭޕީޖީ/ޖޭޕީއީޖީ، ޖީއައިއެފް، ޓީއައިއެފް، ޕީއެންޖީ، އައިސީއޯ، ނުވަތަ ވެބްޕީ ފޯމެޓްގައި ވިޔަސް ތަސްވީރު އިމްޕޯޓް ކުރެވޭނެ އެވެ. އަދި އެކަމަށް ބޭނުންނަމަ އިޚްތިޔާރީ ގޮތެއްގައި alt ޓެކްސްޓް (އަލްޓަނޭޓިވް ޓެކްސްޓް) ވެލިއުއެއް ސެޓް ކުރެވިދާނެއެވެ. މިއީ ސްކްރީން ރީޑަރސް އާއި އެހެނިހެން އެކްސެސިބިލިޓީ ޓޫލްސް އަށް އެހީތެރިވެދޭ އެއްޗެކެވެ.

=IMAGE(source, [alt_text], [sizing], [height], [width]

ތަސްވީރުގެ ފުޅާމިނާއި އުސްމިން ޕިކްސެލްތަކުން ކަނޑައެޅިދާނެއެވެ. ނުވަތަ އިތުރު ތިން ގޮތެއްވެސް ޚިޔާރު ކުރެވިދާނެއެވެ. އެއީ ތަސްވީރު އޭގެ އެސްޕެކްޓް ރޭޝިއޯ ފިޓްކުރުން ނުވަތަ އެސްޕެކްޓް ރޭޝިއޯއަށް އަޅާނުލާ ބޭނުންވާ ޖާގައަކަށް ތަސްވީރު ފިޓްކުރުން، ނުވަތަ އަސްލު ސައިޒުގައި ބެހެއްޓުމެވެ.

އެކްސެލް ސްޕްރެޑްޝީޓްތަކަށް ތަސްވީރުތަކަކީ މިހާރުވެސް ވަރަށް ގިނައިން ލާންޖެހޭ އެއްޗަކަށްވާއިރު، ޚާއްޞަކޮށް ސެލްތަކަށް ސީދާ ތަސްވީރުތައް ވައްދައިދިނުމުގެ ޤާބިލުކަމަކީ ވެބް ޕޭޖެއް ނުވަތަ ވޯރޑް ޑޮކިއުމަންޓެއް ފަދައިން ޓެމްޕްލޭޓްތަކާއި ލިޔެކިޔުންތައް އުފައްދާ ކޮންމެ މީހަކަށްވެސް ފަސޭހަ ވެގެންދާނެ ކަމެކެވެ.

މި އިމޭޖް ފަންކްޝަން މިހާރު ވިންޑޯޒް، މެކް، އައިފޯން، އައިޕެޑް، އަދި އެންޑްރޮއިޑްގައި އޮފީސް އިންސައިޑާސް އަށް ހާއްސަކޮށްގެން ބީޓާ ޗެނަލް ބިލްޑްސް އިން ލިބެން ހުންނާނެ އެވެ.

މައިކްރޯސޮފްޓުން ޓެސްޓް ކުރަމުންދާ މި ފަންކްޝަންގެ ހުރިހާ މައްސަލައެއް ހައްލުވުމުން، މައިކްރޮސޮފްޓުން އެކަން އެންމެންނަށް ވެސް ރޯލް އައުޓް ކުރާނެއެވެ.

މައިކްރޮސޮފްޓް 365 ސަބްސްކްރިޕްޝަން ނެތް ކޮމްޕިއުޓަރެއްގައި އެކްސެލް ބޭނުންކުރާ ފަރާތްތަކަށް އާ ފީޗާސްތައް ރޯލް އައުޓް ނުވާތީ ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ.


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.