ޓިކްޓޮކު ހެކްކޮށް 1 ބިލިއަނަށްވުރެ ގިނަ ޔޫޒަރުންގެ ޕާސަނަލް މައުލޫމާތު ތައް، ޕޭޕަލް މައުލޫމާތު ހިމެނޭގޮތުން ވަގަށް ނަގާފައިވާ ކަމަށް ހެކަރަކު ބުނި ނަމަވެސް އެވާހަކަ ދޮގުކޮށް، ޑޭޓާ ބްރީޗް ވެފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް ޓިކްޓޮކުން ބުނެފިއެވެ.
"އެގޭންސްދަވެސްޓް"ގެ ނަމުން ހަރަކާތްތެރިވަމުންދާ ހެކަރުންގެ ޓީމަކުން ބުނާ ގޮތުގައި އެމީހުންނަށް ޓިކްޓޮކް ބޭނުންކުރާ މީހުންގެ ޕޭޕަލް މައުލޫމާތު ހިމެނޭ ގޮތަށް 1 ބިލިއަނަށް ވުރެ ގިނަ މީހުންގެ ޒާތީ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ސައިބަރ ސެކިއުރިޓީ ރިސާޗް ކުންފުންޏެއް ކަމަށްވާ ބީހައިވް ސައިބަރ ސެކިއުރިޓީން އިންސައިޑާއަށް ފޮނުވި ސީދާ މެސެޖެއްގައި ބުނެފައިވަނީ އެގޭންސްދަވެސްޓްގެ ހެކަރުންގެ ދައުވާތަކަކީ "އިތުބާރު ކުރެވޭ" ދައުވާތަކެއް ކަމަށް ގަބޫލުކުރާ ކަމަށާއި ސައިބަރ ސެކިއުރިޓީ ކޮމިއުނިޓީގައި އެމީހުންގެ ބަހަށް އިތުބާރު ލިބިފައިވާ ކަމަށެވެ.
ނަމަވެސް ބައެއް ފަރާތްތަކުން ވަނީ އެ ކަން ދޮގުކޮށް ޓިކްޓޮކުން ބުނާވާހަކައަށް އެއްބަސްވެފަ އެވެ.
އެގޭންސްދަވެސްޓުން ފުރަތަމަ އެ ބްރީޗް ހާމަކުރި ބީޗް ޑިޓެކްޝަން ޕްލެޓްފޯމްގައެވެ. ބްރީޗްފޯރަމްސްގެ މޮޑެރޭޓަރަކު ބުނީ އެގޭންސްދަވެސްޓަކީ "ބްރީޗްތަކާއި އެހެނިހެން ކަންކަމާ ގުޅޭ ގޮތުން ދޮގުހެދުމުގެ ދިގު ތާރީހެއް" އޮތް ކުންފުންޏެއް ކަމަށެވެ.
ޑޭޓާ ބްރީޗް ކޮށްފައިވާ ކަމަށް ބުނާ ވާހަކަތަކަކީ ދޮގު ދައުވާތަކެއް ކަމަށް ޓިކްޓޮކުން ބުނާއިރު، އިންސައިޑާއަށް ދެއްވި ބަޔާނެއްގައި ޓިކްޓޮކްގެ ތަރުޖަމާނަކު ވިދާޅުވީ "ޓިކްޓޮކްގެ ސެކިއުރިޓީ ޓީމަށް ސެކިއުރިޓީ ބްރީޗް ވެފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާކަމަށެވެ. އަދި ސުވާލު އުފެދޭ ޑޭޓާ ސާމްޕަލްތަކަކީ އެ ހުރިހާ އެއްޗެއްވެސް އާންމުންނަށް ލިބޭނެ އެއްޗެއް ކަމަށާއި އެއީ ޓިކްޓޮކް ސިސްޓަމްތަކާއި، ނެޓްވޯކްތަކާއި، ނުވަތަ ޑޭޓާބޭސްތަކާ އެއްވެސް ގުޅުމެއް ނެތް ނުވަތަ ތިންވަނަ ފަރާތެއްގެ ޑޭޓާ ހިމެނޭ މައުލޫމާތު ތަކެއް ކަމަށް ޤަބޫލުކުރެވޭ ކަމަށްވެސް ޓިކްޓޮކުން ބުނެއެވެ.
ޓިކްޓޮކް އިން ޕްރޮއެކްޓިވް ފިޔަވަޅު އަޅަން ނުޖެހޭ ކަމަށް ބުނި ނަމަވެސް، ބީހައިވް ސައިބަރސެކިއުރިޓީން ވަނީ ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް ޕާސްވޯޑް ބަދަލުކޮށް ޑޭޓާ ރައްކާތެރި ކުރުމަށް ޓޫ ފެކްޓަރ އޮތެންޓިކޭޝަން ސެޓްއަޕް ކުރުމަށް ހުށަހެޅުމެއް ޓްވީޓްކޮށްފަ އެވެ.
ޓިކް ޓޮކްގެ މި އަޑުތައް ފެތުރިފައިވަނީ ސައިބަރ ސެކިއުރިޓީއާ ގުޅޭ ކަންކަމުގައި ޓިކްޓޮކްގައި ވަރަށް ބޮޑަށް ފާރަވެރިވަމުންދާ ދުވަސްވަރެއްގައެވެ. ސޯޝަލް މީޑިއާ އެޕް ޗައިނާގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސްގެ ޔޫޒަރުންނަށް ޖާސޫސްކުރި ކަމަށް ތުހުމަތުކޮށްފައިވާއިރު، މިދިޔަ މަހު ސެކިއުރިޓީ ރިސާޗަރަކަށް ވަނީ އެ އެޕްގައި ޕާސްވޯޑާއި ކްރެޑިޓް ކާޑު ނަންބަރު ހިމެނޭ ގޮތަށް ޔޫޒަރުންގެ ކީސްޓްރޯކްތައް ޓްރެކް ކުރެވޭނެ ކޯޑެއް ފެނިފަ އެވެ. ޓިކްޓޮކުން ވަނީ ޔޫޒަރުންނަށް ޖާސޫސްކޮށް ނުވަތަ ޔޫޒަރުންގެ މައުލޫމާތު ޗައިނާ ސަރުކާރަށް ފޯރުކޮށްދޭކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.