އޮކްޓޫބަރ: ސައިބަރ ސެކިޔުރިޓީއަށް ހޭލުންތެރި ކުރުވުމުގެ މަސް

ހިންދު ޢަލީ 01 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

2004 އިން ފެށިގެން އޮކްޓޫބަރ މަހަކީ ސައިބަރ ސެކިޔުރިޓީއަށް ހޭލުންތެރި ކުރުމުގެ މަހުގެ ގޮތުގައި ފާހަގަކުރާ މަހެވެ. މިމަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ އެމެރިކާގެ ރައީސްއާއި ކޮންގްރެސްއިން އެކަން ކަނޑައެޅުމާއި ގުޅިގެން، އެމެރިކާގެ ސަރުކާރާއި ޓެކް އިންޑަސްޓްރީގެ އެކި ބައިވެރިން ގުޅިގެން އޮންލައިންގައި ހަރަކާތްތެރިވާ މީހުންގެ ރައްކާތެރިކަމަށް ބޭނުންވާ އެކި އެކި މަޢުލޫމާތާއި ރިސޯސަސް ހިއްސާކުރުމުގެ މަގުސަދުގައެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް ސައިބަރ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އެޖެންސީ (ސީއައިއެސްއޭ) އާއި ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެލަޔަންސް (އެންސީއޭ) އިން އިސްނަގައިގެން ސަރުކާރާއި އިންޑަސްޓްރީއާއި ގުޅިގެން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި، ސައިބަރ ސެކިޔުރިޓީ އާއި ގުޅުންހުރި މަޢުލޫމާތު ހިއްސާކޮށް، އޮންލައިންގައި ހަރަކާތްތެރިވާއިރު ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި ބޭނުންކުރެވިދާނެ ޓޫލްސް އަދި ރިސޯސަސް ހިއްސާކުރަމުގެ ގިނަ ޕްރޮގްރާމްތައް ހިންގަމުންދެއެވެ.

މިއަހަރު ރާއްޖޭގައިވެސް މިމަގުސަދުގައި ގިނަ ޕްރޮގްރާމްތަކެއް ރާވާ ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީއިން އިސްނަގައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މިޕްރޮގްރާމްގައި މުޅި އޮކްޓޯބަރ މަހަށް ބަހާލައިގެން ގިނަ ސެޝަންތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އިން މައުލޫމާތު ދެއްވައެވެ. މިޕްރޮގްރާމްތަކުގެ މަގުސަދަކީ މުޅި ރާއްޖެ ސައިބަރ ސެކިޔުރިޓީއަށް ހޭލުންތެރިކަން އިތުރުކުރުމާއި، އޮންލައިންގައި ހަރަކާތްތެރިވުމުގައި ޒާތީ އަދި އަމިއްލަ މަޢުލޫމާތު ރައްކާތެރިކުރުމަށް ހިތްވަރުދިނުމެވެ.

މިޕްރޮގްރާމްގައި އެކި މައުލޫތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކާއި، ޕެނަލް ޑިސްކަޝަންތަކާއި، މައުލޫތަކުން ލިބިފައިވާ ކުރިއެރުންތަކާއި ބެހޭ މައުލޫމާތު ހިއްސާ ކުރުމުގެ ސެޝަންތައްވެސް ކުރިއަށް ދާނެއެވެ. އެކި ސެޝަންތައް ނަގައިދެއްވާނީ ދާއިރާގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ އަދި ރާއްޖޭގެ އެކްސްޕަރޓް ބޭފުޅުންކަމަށް މިނިސްޓްރީއިން ވިދާޅުވެއެވެ.

މިޕްރޮގްރާމަކީ މިހާރު ފައްޓާފައިވާ ސައިބަރސޭފް މޯލްޑިވްސް އިނީޝިއޭޓިގެ ދަށުން ހިންގޭ ޕްރޮގްރާމެއްކަމަށް މިނިސްޓްރީއިން މަޢުލޫމާތު ދެއްވައެވެ. އެއީ މިޕްރޮގްރާމާއި އޭގެ ފަހުން ވެސް ދިވެހިރާއްޖޭގައި ސައިބަރ ސެކިޔުރިޓީ ވަރުގަދަކުރުމަށާއި އެކަމަށް ހޭލުންތެރިކުރުމަށް އިތުރު އެހެނިހެން ޕްރޮގްރާމްތައް ހިންގުމުގެ މަގުސަދުގައި ފައްޓާފައިވާ އިނީޝިއޭޓިވްއެކެވެ.


ޕްރޮގްރާމްގައި މަޢުލޫމާތު ދެވޭނެ 4 ދާއިރާއެއް ވަނީ ކަނޑައެޅިފައެވެ.

1- އިންޓަނެޓް ސޭފްޓީ ކުޑަކުދިންނަށް

ހުރިހާ ކަމެއް ސައިބަރ ދުނިޔެއެއްގައި ކުރެވޭ މުޖުތަމައެއްގައި ބޮޑެތިވަމުން އަންނަ ކުޑަކުދިންނަށް، އިންޓަނެޓާއި އެހެނިހެން ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި ދިމާވެދާނެ ނުރައްކާތަކަށް ހޭލުންތެރިކުރުވުމާއި، ރައްކާތެރިކަމާއެކު އޮންލައިންކޮށް އުޅުމަށް ދަސްކޮށްދިނުން ވަރަށް މުހިއްމެވެ.

2- ފިޝިންގ އަދި އަމިއްލަ ރައްކާތެރިކަން

ފިޝިންގއަކީ އިންޓަނެޓްގައި ހަރާކްތެރިވާ ކުށްވެރިން، ފޭކް އީމެއިލްތަކާއި ލިންކުތައް ބޭނުންކޮށްގެން މީހުންގެ ޒާތީ އަދި އަމިއްލަ މަޢުލޫމާތު ވަގަށް ނެގުމަށް ބޭނުންކުރާ އުކުޅެކެވެ. މިފަދަ އުކުޅުތައް ދެނެގަނެ އެކަމަށް ސަމާލުވެ، ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަތުން ވަރަށް މުހިއްމެވެ.

3- ރެންސަމްވެއަރ އަދި މެލްވެއަރއިން ރައްކާތެރިވުން

ރެންސަމްވެއަރ ހަމަލާތަކަކީ ފަހަކަށް އައިސް ވަރަށް ގިނައިން ފެންނަ ހަމަލާތަކެކެވެ. މިފަދަ ހަމަލާތަކުން ގެއްލުންވަނީ ހަމައެކަނި ހަމަލާ އަމާޒުވާ ފަރާތްތައް އެކަންޏެއް ނޫނެވެ. އެފަދަ ހަމަލާތަކުން ވަގަށް ނެގޭ މައުލޫމާތު ލީކުވުމުގެ ސަބަބުން އަހަރުމެން އެންމެނަށްވެސް ގެއްލުން ލިބެއެވެ. އެހެން ކަމުން މިފަދަ ހަމާލާތަކުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކާއި އޭގެން ކުރާ އަސަރުތައް ކުޑަކުރެވޭނެ ގޮތްތައް ދެނެގަތުން ވަރަށް މުހިއްމެވެ.

4- އީ-ކޮމާސްގެ ރައްކާތެރިކަން

އޮންލައިންކޮށް ކުރެވޭ ވިޔަފާރި ނުވަތަ އީ-ކޮމާސް އަކީވެސް ސްކޭމަރުންނާއި ސައިބަރ ދުނިޔޭގައި އުޅޭ ކުށްވެރިން، ތިމާގެ ޒާތީ އަދި އަމިއްލަ މައުލޫމާތުތައް ދަމައިގަތުމަށް މަސައްކަތް ކުރާ އޭރިއާއެކެވެ. އޮންލައިންކޮށް ވިޔަފާރި ކުރަން އުޅޭއިރު، ތިމާގެ މުހިއްމު މައުލޫމާތު ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަތުން ވަރަށް މުހިއްމެވެ.


މިނިސްޓްރީއިން މައުލޫމާތު ދެއްވި ގޮތުން ތަފާތު އެކި މައުލޫއަށް 20 އަށް ވުރެ ގިނަ ސެޝަން ކުރިއަށް ގެންދާނެކަމަށާއި 4000 އަށް ވުރެ ގިނަ މީހުން އެކި ގޮތްގޮތުން ޕްރޮގްރާމްތަކުގައި ބައިވެރިވާނެކަމަށް ލަފާކުރައްވައެވެ. މީގެ ތެރޭގައި ސަރުކާރުގެ އިސްބޭފުޅުންނާއި، އެކިއެކި މަދަނީ ޖަމިއްޔާތަކާއި ހޮސްޕިޓާލިޓީ، ޔުޓިލިޓީސް، މުވާސަލާތީ އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ފަދަ ދާއިރާތަކުގެ ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުގެ އިތުރުން ސްކޫލްތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުން ހިމެނެއެވެ.

ޕްރޮގްރާމްތައް ކުރިއަށް ގެންދާއިރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޕްރޮގްރާމްގެ ޓެކްނޮލޮޖީ ޕާޓްނަރުންނާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކިޔަވާ ކުދިންނަށާއި ބެލެނިވެރިންނަށް ފެންނާނޭހެން ސެޝަންތައް ލައިވް ސްޓްރީމް ކުރެވިގެންދާނޭ ކަމަށްވެސް މިނިސްޓްރީއިން ވިދާޅުވިއެވެ.

ޕްރޮގްރާމްގެ ޕާޓްނަރުން ގޮތުގައި ރާއްޖޭގެ ބައެއް އިދާރާތަކާއި ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ ބައެއް އިދާރާތައްވެސް ބައިވެރިވެއެވެ. މިގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ، ޓެލެކޮމް ކުންފުނިތައްކަމަށްވާ ދިރާގާއި އުރީދޫ މޯލްޑިވްސް، އެމް7 ޕްރިންޓް އާއި ކްރޮސްރޯޑްސް މޯލްޑިވްސް އަދި ވިމެން އިން ޓެކް މޯލްޑިވްސް ހިމެނެއެވެ. މީގެ އިތުރުން ޔޫއެން އޭޕީސީއައިސީޓީ-އެސްކެޕް، އެމެރިކާ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް ކޮމާސް، މެޓާ، މައިކްރޮސޮފްޓް، މާސްޓަރކާޑް، ވެލްޗްމަން ކީން އަދި ކެއިރެޓްސޫ ކުންފުނި ހިމެނެއެވެ.

މި ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 4 ވާ އަންގާރަ ދުވަހު ކްރޮސްރޯޑުގައެވެ.

އިތުރަށް ކިޔާލުމަށް:

ޒާތީ އަދި ސިއްރު މަޢުލޫމާތާއި މެދު ރައްކާތެރިވޭ!

އާދައިގެ ޕާސްވޯޑެއް ހެކުކުރަން އެންމެ ސިކުންތެއް!

ރައްކާތެރިގޮތުގައި ޓެކްނޮލޮޖީގެ ބޭނުންހިފުން

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.