ބޮސްޓަން ޑައިނަމިކްސްގެ ރޮބޮޓްތަކަށް ހަތިޔާރު ނުދިނުމަށް ނުވަތަ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރުމަށް ރޮބޮޓް އުފައްދާ ކުންފުނި ތަކަކުން ވައުދުވެއްޖެ އެވެ.
މެސެޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ސްޕިން އޮފްއެއްގެ ގޮތުގައި 1992 ވަނަ އަހަރު އުފެއްދި އެމެރިކާގެ އިންޖިނިއަރިން އެންޑް ރޮބޮޓިކްސް ޑިޒައިން ކުންފުނި ބޮސްޓަން ޑައިނަމިކްސް ހިމެނޭ ގޮތަށް ރޮބޮޓިކްސްގެ ބައެއް ކުންފުނިތަކުން އެ ކުންފުނިތަކުގެ އުފެއްދުންތައް ހަތިޔާރުގެ ގޮތުގައި ބޭނުން ނުކުރާނެ ކަމަށް ވައުދުވެ، އެ ސިނާއަތުގެ އެހެން ކުންފުނިތަކުން ވެސް އެމަގުން އަމަލު ކުރުމަށް ބޮސްޓަން ޑައިނަމިކްސް އިންވަނީ ގޮވައިވެސް ލައިފައެވެ.
ރޮބޮޓް އުފައްދާ ކުންފުނިތަކަށް ބޮސްޓަން ޑައިނަމިކްސްގެ ފަރާތުން މިކަމަށް ގޮވާލައިފައިވަނީ ހުޅުވާލެވިފައިވާ ސިޓީއެއްގައެވެ.
ރޮބޮޓްތަކަކީ، ޑްރޯންތަކެކޭ އެއްފަދައިން، ސުލްހަވެރި އަދި ފުރާނަ ސަލާމަތް ކުރުމަށް ވެސް ފުޅާ ދާއިރާއެއްގައި ބޭނުން ކުރެވިދާނެ އެއްޗެހި ނަމަވެސް، ހަނގުރާމަ ކުރާ މެޝިންތަކަށް ވެސް އެ ބަދަލު ކުރެވިދާނެ ކަމަށް އެސިޓީގައި ބުނެފައިވެއެވެ. އަދި ރޮބޮޓްތައް ހަތިޔާރުގެ ގޮތުގައި ބޭނުން ނުކުރުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ރޮބޮޓްތަކަށް ކޮންސިއުމަރުންގެ އިތުބާރު ގެއްލިގެން ދިއުމުގެ ފުރުސަތު ފުޅާވެގެން ދިއުން ހިމެނޭކަމަށްވެސް ހުޅުވާލެވިފައިވާ ސިޓީގައި ބުނެފައިވެއެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރިމޯޓުން ނުވަތަ އޮޓޮނޮމިކް ގޮތެއްގައި ހިންގާ، އާންމުންނަށް ފުޅާދާއިރާއެއްގައި ބޭނުންކުރެވޭ، އަދި ކުރިން ނުވަދެވޭ ތަންތަނަށް ދަތުރުކުރެވޭނެ ފަދަ ހަތިޔާރުތައް އިތުރުކުރުމުން ގެއްލުމުގެ އާ ނުރައްކާތަކާއި ބޮޑެތި އަޚްލާގީ މައްސަލަތައް ކުރިމަތިވާނެ،" އެ ސިޓީގައެވެ.
ރޮބޮޓް ހަތިޔާރުގެ ގޮތުގައި ބޭނުން ކުރުމަށް ދެކޮޅުހަދާ ބައެއް ކުންފުނިތަކުން މިހާރުވެސް ވަޢުދުވެފައިވަނީ ހަތިޔާރުގެ ޓެކްނޮލޮޖީ އިތުރު ނުކުރުމަށާއި އެހެން މީހުންނަށް އެކަން ކުރުމަށް ތާއީދު ނުކުރުމަށެވެ. އަދި ކުރެވެން އޮތް ގޮތަކުން މިފަދަ ގޮތްގޮތަށް ރޮބޮޓްގެ ބޭނުންކުރުން ހުއްޓުވޭނެ ޓެކްނިކަލް ފީޗާސްތައް ހޯދުމުގެ އިތުރުން ރޮބޮޓްތައް ހަތިޔާރަށް ބަދަލުކޮށްފާނެ ފަރާތްތަކާއި، މުޢާމަލާތްތް ޤާއިމު ނުކޮށް ކަސްޓަމަރުންގެ ޕްލޭންތައް މުރާޖައާކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.
ބޮސްޓަން ޑައިނަމިކްސްގެ ސީއީއޯ ރޮބަޓް ޕްލޭޓަރ އީމެއިލް މެދުވެރިކޮށް ފޮނުއްވި ބަޔާނެއްގައި ވިދާޅުވީ "ވިޔަފާރީގައި ލިބެން ހުންނަ ރޮބޮޓްތަކަށް ހަތިޔާރު ޖަހަން މަސައްކަތްކުރާ ފަރުދުން ފަހަކަށް އައިސް ވަގުތީ މަސައްކަތްތައް އިތުރުވުމުން ކަންބޮޑުވާކަމަށެވެ.
މި ޓެކްނޮލޮޖީ މުޅި މުޖުތަމައުގައި ފުޅާދާއިރާއެއްގައި ބަލައިގަތުމަށްޓަކައި އާންމުންނަށް އެނގެން ޖެހޭ އެކަމަށް އިތުބާރު ކުރެވޭނެކަމާއި އަދި އޭގެ މާނައަކީ އަޅުގަނޑުމެންނަށް ބޭނުންވަނީ ނުބައި ފަރާތްތަކުން އެކަން ނުބައިކޮށް ބޭނުންކުރުން މަނާކުރާ ސިޔާސަތެއްކަމުގައި ކަމަށްވެސް ޕްލޭޓަރ ވިދާޅުވިއެވެ.
ބޮސްޓަން ޑައިނަމިކްސްގެ އިތުރުން އިތުރު ފަސް ކުންފުންޏަކުން އެގޮތަށް އެއްބަސްވެފައިވާއިރު، އެޖިލިޓީ ރޮބޮޓިކްސް، އެނީބޮޓިކްސް، ކްލިއާޕަތު ރޮބޮޓިކްސް، އޯޕަން ރޮބޮޓިކްސް އަދި ޔުނިޓްރީ ރޮބޮޓިކްސް އުފެއްދުމުގައި އެކަމަށް ސަމާލުވުމަށް އެކުންފުނިތަކުން ވަނީ އެއްބަސްވެފައެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.