ބަހުން ބަހަށް ތަރުޖަމާ ކުރެވޭ އާ ޓެކްނޮލޮޖީއެއް އުފައްދައިފި

އަޙްމަދު ދާއޫދު 22 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކޮންމެ ބަހަކުންވެސް، އެއްވެސް ދަތިކަމެއްނެތި ކޮންމެ މީހަކަށްވެސް މުއާމަލާތް ކުރެވޭނެ ގޮތް އެއީ ވެދާނެ ކަމެއްހެއްޔެވެ؟ މިދައްކަނީ އާދައިގެ ވާހަކައެއް ނޫނެވެ. ދުނިޔޭގައި އިންސާނުން ޢާއްމުގޮތެއްގައި މުޢާމަލާތްކޮށް އުޅޭ ބަސްތަކަށް ބަލާއިރު 7 ހާހަށްވުރެ ގިނަބަސް ބޭނުންކުރާ ކަމަށް ބަހަވީ ޢިލުމްވެރިންގެ ދިރާސާތަކުން ސާބިތުވެއެވެ. އެހެން ކަމުން މިކަމުގެ ބޮޑުކަން ނިކަން ތަޞައްވުރު ކޮށްލައްވާށެވެ.

އިންސާނުން މުޢާމަލާތް ކޮށްއުޅޭ މިހުރިހާ ބަހެއް، ބަހުން ބަހަށް (ސްޕީޗް ޓު ސްޕީޗް) ރިއަލް ޓައިމް ގައި (ވަގުތުން ވަގުތަށް) ތަރުޖަމާ ކުރެވިދާނެކަމަކަށް އިންސާނީ ބުއްދި ފަހަރެއްގައި ޤަބޫލު ނުކޮށްފާނެއެވެ.

މިއީ ޚިޔާލަށްވެސް ނާންނަވަރުގެ ބޮޑު ބިޔަ ޕްރޮޖެކްޓެއްނަމަވެސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)އިން މިކަން ކުރެވިދާނެކަމުގެ ސާފު ސީދާ ހެކި މިއަދު މިވަނީ ފެނިފައެވެ. އެކަން އެވަނީ ސާބިތުވެސް ކޮށްދީފައެވެ.

ޕްރައިމަރީ އޯރަލް ލޭންގުއޭޖަކަށް ސްޕީޗް ތަރުޖަމާ ކުރުމަށް އޭއައި ބޭނުންކުރުމުގެ މަސައްކަތް ދިރާސާވެރިން މިވަނީ ކާމިޔާބު ކޮށްފައެވެ.

އޭއައި ޕަވަރޑް ސްޕީޗް ޓްރާންސްލެޝަންގައި މައިގަނޑު ގޮތެއްގައި ފޯކަސްކޮށްފައިވަނީ ލިޔެފައިވާ ބަސްތަކަކަށެވެ.

ދުނިޔޭގައި މިހާތަނަށް އުވިނުގޮސް އޮތް ހަތްހާހަށް ވުރެ ގިނަ ބަހުގެ ތެރެއިން ގާތްގަޑަކަށް 3،500 ބަހަކީ އެބަސްތަކަކަށް ބޮޑުއާބާދީއެއް ނިސްބަތްވާ، ގިނަބަޔަކު ވާހަކަ ދައްކާއުޅޭ ބަސްތަކެއް ނަމަވެސް އެ ބަސްތައް ބޭނުންކުރުމުގައި ލިޔުމުގެ ނިޒާމެއް ނެތް ބަސްތަކެކެވެ.

މިކަމުގެ ސަބަބުން މި ބަސްތަކުން ތަރުޖަމާ ކުރުމަށްޓަކައި އޭއައި މޮޑެލްއެއް ތަމްރީނު ކުރުމަށްޓަކައި ގިނަ އަދަދަކަށް ލިޔެފައިވާ ލިޔުން ބޭނުންވާ ސްޓޭންޑަރޑް ޓެކްނިކްސް ބޭނުންކޮށްގެން މެޝިން ޓްރާންސްލޭޝަން ޓޫލްސް ބިނާކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

މި ގޮންޖެހުމަށް ހައްލެއް ހޯދުމަށްޓަކައި، ޗައިނާގެ ޑައިސްޕޯރާ (ޗައިނާއިން ބޭރުގައި ދިރިއުޅޭ ޗައިނާގެ ބައެއް) ގެ ތެރޭގައި 40 މިލިއަނެއްހާ މީހުން ނިސްބަތްވާ އެބަހަކުން ވާހަކަ ދައްކާއުޅޭ، ލިޔުމުގެ ނިޒާމެއްނެތް، ހަމައެކަނި އަނގަބަހުން ވާހަކަދައްކާ އުޅޭ ބަހެއް ކަމަށްވާ "ހޮކިއެން"އަށް ފުރަތަމަ އޭއައި ޕަވަރޑް ސްޕީޗް ޓު ސްޕީޗް ތަރުޖަމާ ނިޒާމެއް މިވަނީ ބިނާކޮށްފައެވެ.

މި ތަރުޖަމާ ނިޒާމަކީ މެޓާގެ ބާނީ މާކް ޒަކްބާގްގެ މެޓަވާސް ޔުނިވާސަލް ސްޕީޗް ޓްރާންސްލޭޓަރ ޕްރޮޖެކްޓްގެ ބައެއް ކަމަށާއި، މި ޕްރޮޖެކްޓްގައި އާ އޭއައި މެތަޑްތައް ތަރައްޤީ ކުރަމުންދާއިރު، މިއީ އެންމެ ފަހުން ގިނަ ބަސްތަކެއްގެ ތެރެއިން ރިއަލް ޓައިމް ސްޕީޗް ޓު ސްޕީޗް ތަރުޖަމާ ކުރެވޭނެ ކަމަށް އުންމީދުކުރާ ނިޒާމެއް ކަމަށް ޒުކަބާގްވަނީ ހާމަކޮށްފައެވެ.


އާ މޮޑެލިންގ އެޕްރޯޗެއް

ގިނަ ސްޕީޗް ޓްރާންސްލެޝަން ސިސްޓަމްތައް ބަރޯސާވެފައިވަނީ ޓްރާންސްކްރިޕްޝަންތަކަށެވެ. ނަމަވެސް ލިޔުމުގެ ނިޒާމެއްނެތި އަނގަބަހުން ވާހަކަ ދައްކާ ބަސްތަކުގައި ލިޔެވޭނެ ނިޒާމެއް ނެތުމުން، ތަރުޖަމާގެ އައުޓްޕުޓްގެ ގޮތުގައި ޓްރާންސްކްރިޕްޓް ކުރެވިފައިވާ ލިޔުން އުފެއްދުމަކީ ފައިދާއެއް ނުކުރާ ކަމެކެވެ. އެހެންކަމުން އެކަން ހައްލުކުރުމަށްޓަކައި މިވަނީ ސްޕީޗް ޓު ސްޕީޗް (ބަހުން ބަހަށް) ތަރުޖަމާ ކުރުމަށް އަމާޒު ހިފާފައެވެ.

މިކަން ކުރުމަށްޓަކައި ދިރާސާވެރިން ތަފާތު ގޮތްތައް ތަރައްޤީކުރީ، އިންޕުޓް ސްޕީޗް އެކޮސްޓިކް އަޑުތަކުގެ ސިކުނޑިއަކަށް ތަރުޖަމާކުރުމަށް ސްޕީޗް ޓު ޔުނިޓް ތަރުޖަމާ ބޭނުންކުރުމާއި، އެއަޑުތަކުން ވޭވްސް އުފައްދާ ނުވަތަ ގުޅުންހުރި ބަހަކުން ލިޔުމަކަށް ރިޢާޔަތްކޮށްގެންނެވެ.

ތަރުޖަމާގެ މުސްތަޤްބަލަށް ބަލައިލުން

ހޮކިއެން ތަރުޖަމާ މޮޑެލްއަކީ އަދިވެސް ކުރިއަށްދާ މަސައްކަތެއް ކަމަށާއި އެއްފަހަރާ ތަރުޖަމާ ކުރެވޭނީ ފުރިހަމަ އެންމެ ޖުމްލައެއް ނަމަވެސް، މިއީ ބަސްތަކުގެ މެދުގައި އެއްފަހަރާ ތަރުޖަމާ ކުރެވޭނެ މުސްތަގުބަލަށް އެޅި ފިޔަވަޅެކެވެ. ދިރާސާވެރިން އުންމީދު ކުރާގޮތުގައި މިއީ އަލަށް ފަށައިގަނެވު މަސައްކަތެއްނަމަވެސް ލިޔުމުގެ ނިޒާމެއްނެތް އެތައް ބަހަކަށް ވެސް ނި ޒާމް ފުޅާކުރެވިދާނެއެވެ.

މި ތަރުޖަމާ މޮޑެލްއާއި ބެހޭގޮތުން ވާހަކަދައްކަވަމުން މާކް ޒަކްބާގް ވިދާޅުވީ މިއީ މެޓަވާސްގެ އާ ނެޗުރަލް ލޭންގުއޭޖް ޕްރޮސެސިންގ ޓޫލްކިޓް ކަމަށްވާ ލޭޒަރ މެދުވެރިކޮށް ތަރައްޤީކޮށްފައިވާ ސްޕީޗް ޓު ސްޕީޗް ތަރުޖަމާތަކުގެ ބޮޑު ޖަމާއަތެއް ކަމަށެވެ.

މި ވަސީލަތްތަކުގެ ސަބަބުން އެހެން ދިރާސާވެރިންނަށް އަމިއްލައަށް ސްޕީޗް ޓު ސްޕީޗް ތަރުޖަމާ ކުރުމުގެ ނިޒާމުތައް އުފައްދައި، އެ މަސައްކަތުގެ މައްޗަށް ބިނާކުރެވޭނެއެވެ. އަދި އަންސުޕަރވައިޒްޑް ލާރނިންގ ގެ ނަމުން ނަންދެވިފައިވާ ކަންކަމުގައި މެޓަވާސް އަށް ލިބިފައިވާ ކުރިއެރުންތަކުން ދައްކުވައިދެނީ އިންސާނީ އެއްވެސް އެނޮޓޭޝަނެއް ނެތިވެސް މަތީ ފެންވަރުގެ ސްޕީޗް ޓު ސްޕީޗް ތަރުޖަމާ މޮޑެލްތައް ބިނާކުރުމުގެ ފުރުޞަތު އޮތްކަމެވެ.

މިއީ ސިސްޓަމް ތަމްރީނު ކުރުމަށް ލޭބަލް ކުރެވިފައިވާ ތަމްރީނު ޑޭޓާއެއް ނެތް ބަސްތަކަށް މަސައްކަތް ކުރުމަށް އެ މޮޑެލްތައް ފުޅާކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ޒުކަބާގް އިތުރަށް ތަފްޞީލް ކޮށްދެއްވިއެވެ.

"އަޅުގަނޑުމެންގެ އޭއައި ދިރާސާއިން މަސައްކަތް ކުރަމުން މިދަނީ ފިޒިކަލް ދުނިޔޭގައިވެސް އަދި މެޓަވަރސްގައިވެސް ބަހުގެ ހުރަސްތައް ނައްތާލުމަށް އެހީތެރިވެދީ، އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން ދިރިއުޅުމަށް ވިސްނައިދިނުމަށް ހިތްވަރު ދިނުމަށް. އަޅުގަނޑުމެން އިންތިޒާރު ކުރަނީ އަޅުގަނޑުމެންގެ ދިރާސާތައް ފުޅާކޮށް، ކުރިއަށް އޮތްތަނުގައި މި ޓެކްނޮލޮޖީ އިތުރު އުސްމިންތަކަކަށް ވާސިލުވުމަށް" ޒުކަބާގް ވިދާޅުވިއެވެ.

މެޓާގެ މި ޓެކްނޮލޮޖީ ވެގެންދާނީ މުސްތަޤުބަލުގައި މިދާއިރާއިން އެތައް ދިރާސާވެރިންނަކަށް އެމީހުންގެ މަސައްކަތްތައް ފުޅާކޮށް ތަރައްޤީ ކުރުމަށް ލިބިގެންދިޔަ ފަހި ފުރުޞަތެއްކަމަށް ރިޕޯޓްތައްބުނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.