ޖަޕާން، ނެދަލޭންޑްސް އަދި އެމެރިކާއިން ޗައިނާއަށް ދަތިކުރަނީ

އަޙްމަދު ދާއޫދު 01 ފެބްރުއަރީ 2023

ޖަޕާނާއި ނެދަލޭންޑްސް އިން އެމެރިކާއާ ގުޅިގެން ޓެކް ދާއިރާއިން ޗައިނާއަށް ދަތިކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބްލޫމްބާގް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޗައިނާއަށް ބޭނުންވާ ޒަމާނީ ސެމިކޮންޑަކްޓަރު އުފެއްދުމަށް ބޭނުންވާ އާލާތްތައް ލިބުން ތާށި ކުރުމަށް ޖަޕާނާއި ނެދަލޭންޑްސް އިން އެމެރިކާއާ ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ.

ތިން ޤައުމުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެ އާލާތްތަކާއި ވަސީލަތްތަކުގެ ބާވަތްތަކަށް ޖޮއިންޓް ލިމިޓްތަކެއް ކަނޑައެޅޭނެއެވެ. އަދި އެކަން ކުރާނެ ގޮތަކާ މެދު ތިން ގައުމުން މަޝްވަރާ ކުރަމުން އަންނަ އިރު، އެ މަޝްވަރާތައް ވަރަށް އަވަހަށް ނިމުމަކަށްއައިސް އެކަމަށް އަމަލީސިފަ އަންނާނެ ކަމަށް ބެލެވެއެވެ.

މިއީ ދުނިޔޭގެ ސެމިކޮންޑަކްޓަރ އިންޑަސްޓްރީގައި ޗައިނާގެ ބާރު ގަދަވުމާއި ސަޕްލައި ޗެއިންގެ ކޮންޓްރޯލް އިތުރުވަމުންދާކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން އެމެރިކާ އިސްވެ އޮވެ އެޅި ފިޔަވަޅެކެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެމެރިކާއިން ވަނީ ޗައިނާގެ ބައެއް ކުންފުނިތަކަށް އެކްސްޕޯޓް ކުރުންވެސް މަނާކޮށްފަ އެވެ.

މި ތިން ޤައުމުގެ މެދުގައި ވާހަކަ ދެކެވެމުން މިދާ މައްސަލައަށް އެއްބަސްވުމަކަށް އާދެވުނު ނަމަވެސް އެކަން ރަސްމީކޮށް އިއުލާނު ނުކުރާނެ ކަމަށް އޮންލައިން ރިޕޯޓްތައް ބުނެއެވެ. އޭގެ ބަދަލުގައި އެ ފިޔަވަޅުތަކަށް ވަގުތުން އަމަލުކުރަންފަށާނެއެވެ. އަދި ތިންޤައުމަށްވެސް އެގޮތަށް އަމަލުކުރަން ފެށުން މަޖުބޫރުވާނެއެވެ.

ލިމިޓްތަކުގެ ސީދާ ތަފްސީލާއި ކޮން ކަހަލަ އިކުއިޕްމަންޓަކަށް އަސަރު ކުރާނެ ކަމެއް ހާމަކޮށްފައި ނުވި ނަމަވެސް، މި ކަމުގެ ސަބަބުން ޗައިނާއަށް އެޑްވާންސް ސެމިކޮންޑަކްޓަރުތައް އެތެރެކޮށް އުފެއްދުމުގެ ގާބިލުކަމަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެ އެވެ.

މިއީ އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ އަދި ޓެކްނޮލޮޖީގެ ހަނގުރާމައެއް ހިނގަމުންދާ ކަމުގެ ވަރުގަދަ ހެއްކެކެވެ. ޖަޕާނާއި ނެދަލޭންޑްސް ގުޅިގެން ޗައިނާއަށް ބޭނުންވާ ޒަމާނީ ސެމިކޮންޑަކްޓަރު އުފެއްދުމުގެ އާލާތްތައް ލިބުން މަދުކުރުމަށް ކުރަމުންދާ މަސައްކަތަކީ ގައުމީ ސަލާމަތުގެ މަސްލަހަތު ހިމާޔަތްކޮށް ޓެކް އިންޑަސްޓްރީގައި ދުނިޔޭގެ ބާރުގެ ބެލެންސް ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބައެއް ފަރާތަކުން ދެކެއެވެ.

އެހެން ގައުމުތަކުން ޗައިނާއަށް ސެމިކޮންޑަކްޓަރު އެތެރެކުރުމަކީ ޗައިނާގެ ހައިޓެކް ސިނާއަތްތައް ތަރައްގީކޮށް އަމިއްލައަށް ފުދޭ ސެމިކޮންޑަކްޓަރ ސަޕްލައި ޗެއިންއެއް ބިނާކުރުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިންމު ބައެކެވެ. ސްމާޓްފޯން، ކޮމްޕިއުޓަރު އަދި އޮޓޯމޯބައިލް ފަދަ ހައިޓެކް ގިނަ އުފެއްދުންތަކުގައި ސެމިކޮންޑަކްޓަރުތަކަކީ ވަރަށް މުހިންމު މާއްދާއެއް ކަމަށްވާއިރު، އެފަދަ މެޓީރިއަލްސް އަކީ ދުނިޔޭގެ ޓެކްނޮލޮޖީގެ ބާޒާރުގައި ހަރުދަނާ ދައުރެއް ގާއިމުކުރުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ނަމަވެސް އެމެރިކާ، ޖަޕާން އަދި ނެދަލޭންޑްސް ފަދަ ބައެއް ގައުމުތަކުން އަޅާފައިވާ ވިޔަފާރީގެ ނުތަނަވަސްކަމާއި އެކްސްޕޯޓު ކުރުން މަނާކުރުމުގެ ސަބަބުން މި އެޑްވާންސް ކޮމްޕޯނެންޓްތައް އެތެރެކުރުމަކީ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން ބައެއް އެޑްވާންސް ސެމިކޮންޑަކްޓަރު އުފެއްދުމުގެ އާލާތްތަކާއި ވަސީލަތްތައް ލިބުން ލިމިޓްވެ، ޗައިނާގެ އަމިއްލަ އެޑްވާންސް ސެމިކޮންޑަކްޓަރުއުފެއްދުމުގެ ގާބިލުކަމަށް ހުރަސް އެޅިދާނެ އެވެ. މި ގޮންޖެހުންތަކާއެކުވެސް، ހަރުދަނާ އަދި ވާދަވެރި ސެމިކޮންޑަކްޓަރ އިންޑަސްޓްރީއެއް ބިނާކުރުމަށް ބޭނުންވާ ޓެކްނޮލޮޖީ އާއި ކޮމްޕޯނެންޓްތައް އިމްޕޯޓްކުރުމަށް ޗައިނާއިން އަބަދުވެސް މަސައްކަތް ކުރެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.