ޕާކިސްތާނުގައި ވިކިޕީޑިއާ ބްލޮކް ކޮށްފި

އަޙްމަދު ދާއޫދު 05 ފެބްރުއަރީ 2023

އިސްލާމް ދީނަނަށާއި، މުސްލިމުންނަށް ފުރައްސާރަވާފަދަ ކޮންޓެންޓް ތަކެއް ހުރިކަމަށް ބުނެ ޕާކިސްތާނުގައި ވިކިޕީޑިއާ ބްލޮކް ކޮށްފިއެވެ.

ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާކިސްތާން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ) އިން މުޅި ގައުމަށް ވިކިޕީޑިއާއަށް ވަނުމަށް ހުރަސް އަޅާފައި މިވަނީ "އިސްލާމް ދީނަށް ފުރައްސާރަކުރާ" ކަމަށް ބެލެވޭ ކޮންޓެންޓްތަކެއް ހުރިކަން ފާހަގަވެގެން އެފަދަ ލިޔުންތައް ނެގުމަށް އެޤައުމުގެ ސަރުކާރުން ވިކިޕީޑިއާއަށް އެންގުމުންވެސް 48 ގަޑިއިރުގެ ތެރޭގައި އެކަން ކޮށްފައި ނުވާތީކަމަށް ޕީޓީއޭ އިން ބުނެއެވެ.

ޕީޓީއޭގެ ތަރުޖަމާނަކު ވިދާޅުވީ، އެ އެޖެންސީން ވިކިޕީޑިޔާއަށް މައްސަލަ ހުށަހެޅީ ސުވާލު އުފެދިފައިވާ ކޮންޓެންޓް ނައްތާލުމަށް ކޯޓު އަމުރެއްގެ ދަށުން ކަމަށާއި ނަމަވެސް ވެބްސައިޓުން އެގޮތަށް އަމަލުނުކުރުމުން ނުވަތަ ކަމާބެހޭ ފަރާތްތަކުގެ ކުރިމައްޗަށް ހާޒިރު ނުވުމުން އެ އެޖެންސީން ދެ ދުވަސް ވަންދެން އެކްސެސް ދަށްކޮށް، އެންމެ ފަހުން ސައިޓް ބްލޮކް ކޮށްފައިވާ ކަމަށެވެ. ޕީޓީއޭއިން އެބުނާ ލިޔުންތަކަކީ ކޮބައިކަމެއް އާންމުކޮށް ހާމަކޮށްފައެއް ނުވެއެވެ.

ފާއިތުވި އަހަރުތަކުގައި ޕާކިސްތާނުން ވަނީ ޑިޖިޓަލް ޕްލެޓްފޯމްތަކުން ފެންނަ ކޮންޓެންޓްގެ މައްޗަށް އިތުރު ކޮންޓްރޯލެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. 2020 ވަނަ އަހަރު ޕީޓީއޭ އިން ވަނީ ވީޑިއޯ އެޕްލިކޭޝަން ޓިކްޓޮކް އިންވެސް ކޮމިއުނިޓީ ސްޓޭންޑަރޑްސް އަށް ނުފެތޭ ކޮންޓެންޓް ހުރިކަމަށް ބުނެ ވަކި މުއްދަތަކަށް މަނާކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެ ގައުމުގައި އިސްލާމްދީނަށް ފުރައްސާރަކުރުމާއި ދެކޮޅަށް ހަރުކަށި ގާނޫނުތައް އޮންނައިރު، އުމުރު ދުވަހަށް ޖަލަށްލުމުން ފެށިގެން މަރުގެ އަދަބުތައް ވެސް އެ ގައުމުގައި ކަނޑައަޅާފައި އެބަހުއްޓެވެ.

ވިކިމީޑިއާ ފައުންޑޭޝަނުން ބްލޮގް ޕޯސްޓެއްގައި ބްލޮކް ކަށަވަރުކޮށްދިން އިރު، ޕާކިސްތާނުގައި އިނގިރޭސި ވިކިޕީޑިއާއަށް އެކަނި ވެސް މަހަކު 50 މިލިއަނަށް ވުރެ ގިނަ ޕޭޖްވިއު ލިބޭ އިރު، އެޑިޓަރުންގެ ބޮޑު ކޮމިއުނިޓީއަކުން ތާރީހީ އަދި ތައުލީމީ ކޮންޓެންޓް ހިއްސާކުރެއެވެ. އެ ފައުންޑޭޝަނުން ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައި ވަނީ އެ ވެބްސައިޓުގެ ބްލޮކަކުން ފަސްވަނައަށް އެންމެ އާބާދީ ބޮޑު ގައުމަށް ހިލޭ ލިބޭ އެންމެ ބޮޑު ހިލޭ ރިޕޮޒިޓަރީއަށް ވަނުމުގެ ފުރުސަތު ގެއްލިގެން ދާނެތީ، ވިކިޕީޑިއާ އާއި އެ ޖަމިއްޔާގެ އެހެނިހެން ޕްރޮޖެކްޓްތަކަށް އަލުން އެކްސެސް ކޮށްދިނުމަށެވެ.

ޕީޓީއޭގެ ތަރުޖަމާނު ވިދާޅުވީ ވިކިޕީޑިއާގެ އޮފިޝަލުންނާ އެކު އެ އެޖެންސީން އަދިވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި "ބޭއަދަބީ" ކޮންޓެންޓް މުޅިން ނައްތާލައިފި ނަމަ ސައިޓް އަލުން ހުޅުވުމާއިމެދު މެދު ވިސްނާނެ ކަމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.