އޭއައި ޗެޓްބޮޓްތަކާއި ދެކޮޅަށް ޓާންއިޓްއިން

މުހައްމަދު ސުނާދު 12 ފެބްރުއަރީ 2023

ދާދިފަހުން ނެރުނު ޗެޓްޖީޕީޓީއާއިއެކު ޖެނެރޭޓިވް އޭއައިގެ ދާއިރާ މިވަނީ މުޅިން އެހެން ހަރުފަތަކަށް ގިރާކޮށްފައެވެ. މި ޓެކްނޮލޮޖީގެ ސަބަބުން އެކި ދާއިރާތަކުގެ ގިނަ ބަޔަކަށް ފަސޭހަވެގެން ދިޔަނަމަވެސް މީގެ ނޭދެވޭ އަސަރުވަނީ ބައެއް ދާއިރާތަކަށް ކޮށްފައެވެ. އެގޮތުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކޮށްފައިވާ އެއް ދާއިރާއަކީ ތައުލީމީ ދާއިރާއެވެ. ޗެޓްް ޖީޕީޓީގެ އެހީގައި މަކަރުހެދުން މިވަނީ އިންތިހާއަށް ގިނަވެފައެވެ. ބައެއް ލިޔުންތަކަކީ މުޅި ލިޔުން އެއްކޮށް ޗެޓް ޖީޕީޓީ ބޭނުންކޮށްގެން ލިޔެފައިވާ ލިޔުންތަކަށްވާއިރު، މިކަމުގެ ކަންބޮޑުވުން ގިނަ ސްކޫލުތަކާއި ޔުނިވަރސިޓީތަކުންވަނީ ފާޅުކޮށްފައެވެ. ސަބަބަކީ، މިކަމަކީ ކުދިންގެ ތޫނުފިލިކަން ކޮށިވެ، އުފެއްދުންތެރިކަން ދައްވާނެ ކަމަކަށްވާނެތީއެވެ. ގިނަ ސްކޫލުތަކާއި ޔުނިވަރސިޓީތަކުންވަނީ ޗެޓް ޖީޕީޓީ ބޭނުންކުރުން މަނާވެސް ކޮށްފައެވެ.

މިފަދަ ކަންބޮޑުވުމެއް އިތުރުވެފައިވައި ދަނޑިވަޅެއްގައި، ޓާންއިޓްއިން މިވަނީ ޗެޓް ޖީޕީޓީފަދަ އޭއައި ޗެޓްބޮޓްއަކުން ލިޔެފައިވާ ލިޔުމެއްތޯ ދެނެގަންނަ ސޮފްޓްވެއަރއެއް އުފައްދައިފައެވެ. ޓާންއިޓްއިންއަކީ އެކެޑެމިކް އިންޓެގްރިޓީ ހިފެއްޓުމަށްޓަކައި ވަރަށް ގިނަ ސްކޫލުތަކާއި ޔުނިވަރސިޓީތަކުން ބޭނުންކުރަމުންދާ ޓޫލްއެކެވެ.

ޓާންއިޓްއިންގެ އޭއައި ސައިންޓިސްޓްއެއް ކަމަށްވާ ޑޭވިޑް އެޑަމްސަންވަނީ މި ސޮފްޓްވެއަރ ބޭނުންކުރާނެ ގޮތުގެ ޑެމޯއެއް ދައްކާލާފައެވެ. މި ޑެމޯއިން ފެންނަގޮތުގައި، ޗެޓް ޖީޕީޓީ ބޭނުންކޮށްގެން ލިޔެފައިވާ ލިޔުމަކަށް އަމިއްލަ ޖުމްލަތައް ލުމަށްފަހު މި ސޮފްޓްވެއަރއަށް އަޕްލޯޑުކޮށްލައެވެ. އެއަށްފަހު އެނަލައިޒްކޮށްލާއިރަށް ފެނިގެންދަނީ، މި ލިޔުމުގައި ހިމެނޭ 43 ޖުމްލައިގެ ތެރެއެިން 22 ޖުމްލައަކީ އޭއައި ޓޫލްއެއް ބޭނުންކޮށްގެން ލިޔެފައިވާ ޖުމްލަކަމެވެ.

މި ޓޫލް އަދި ޓެސްޓިން ސްޓޭޖްގައި ވީނަމަވެސް ފުލް ޓޫލް ވީހާވެސް އަވަހަކަށް ދައްކާލާނެކަމަށް ޓާންއިޓްއިންވަނީ ބުނެފައެވެ. ޓާންއިޓްއިން އިން ބުނެފައިވާގޮތުގައި މި ޓޫލްގެ މައިގަނޑު ފޯކަސްއެއްދީފައިވާނީ ދަރިވަރުންގެ ނަޒާހަތްތެރިކަން ދެނެގަތުމަށެވެ. އަދި މި މޮޑެލް ބިނާވެފައިވާނީވެސް ކޮންޕްރެހެންސިވް ޑޭޓާބޭސްއަކުން ނަގައިފައިވާ ތައުލީމީ ލިޔުންތަކެއްގެ މައްޗަށެވެ.

ޓާންއިޓްއިންގެ ސީއީއޯ ބުނާގޮތުގައި، އޭއައި ޗެޓްބޮޓްތައް ބޭނުންކޮށްގެން ލިޔާ ތައުލީމީ ލިޔުންތަކުގައި ނަޒޭހަތްތެރިކަން ހިފެހެއްޓުމަކީ ދަރިވަރުންނާއި މުދައްރިސުންގެ ޒިންމާއެކެވެ. އަދި މިކަން މިގޮތަށް ކުރުމަށްޓައި ގަވާއިދުތަށްހަދާ އެގަވާއިދުދަށް ތަންފީޒުކުރުންވެސް މުހިންމެވެ.



ޓާނިޓިން އަކީ އިނގިރޭސިވިލާތުގެ ގިނަ ޔުނިވާސިޓީތަކުން ބޭނުންކުރާ ވެބް ބޭސްޑް ޕްލެޖިއަރިޒަމް ޕްރިވެންޝަން ސިސްޓަމެކެވެ. ޕްލެޖިއަރިޒަމް އާއި ދެކޮޅަށް ޑިޓަރެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމާއި މަކަރުހެދުމުގެ ހާދިސާތައް ދެނެގަތުމަށް އެހީވެދޭނެ ރިޕޯރޓުތައް ފޯރުކޮށްދިނުމާއި އެކަޑަމިކް ލިޔުންތައް އިސްލާހުކޮށް ދަރިވަރުންނަށް ލިޔުން ރަނގަޅުކުރުމަށް ބޭނުންވާ ވަސީލަތް ފޯރުކޮށްދޭ ސިސްޓަމްއެކެވެ.


މުހައްމަދު ސުނާދު

މުހައްމަދު ސުނާދު

ޓެކް އެންތުސިއަސްޓެއްގެ ހައިސިއްޔަތުން ޓެކްނޮލޮޖީގެ ފަހުގެ ހަބަރުތަށް ގެނެސްދިނުމަށް ޓެކްނިއުސްއާއިއެކީ ކުރިއަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.