އީފާސްގެ މޮބައިލް އެޕްގައި ހިމެނެނީ ކޮން ފީޗާތަކެއް؟

ޝުޖާޢަތު ރަޝީދު 01 މާރިޗު 2023

ރާއްޖޭގެ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯރމުގެ ގޮތުގައި ޕްރޮމޯޓުކުރަމުން އަންނަ އީފާސްގެ (eFaas) ޚަބަރުތައް އެކި މަންސަތަކުން ފެންނަމުން އެބަދެއެވެ. އަދި މިކަމަށް ޚާއްސަ މޯބައިލް އެޕް އެއް ތައްޔާރުކުރަމުން ދާ ވާހަކައިގެ އަޑު މިވަނީ ގަދަވެފައެވެ.

އީފާސް ޑިޖިޓަލް އައިޑީ އަކީ މިހާރު ހުރި ސަރުކާރުގެ އައިޑެންޓިޓީ ޑޮކިއުމަންޓްތަކުގެ މައްޗަށް ބިނާކޮށް ސަރުކާރުން ދޫކުރާ ވެރިފައިޑް ޑިޖިޓަލް އައިޑެންޓިފިކޭޝަން ހިދުމަތެކެވެ. ނަމަވެސް އެއީ ނޭޝަނަލް އައިޑެންޓިޓީ ކާޑު، އެކްސްޕެޓްރިއޭޓް ކާޑު، ޑްރައިވިން ލައިސަންސް ކާޑު، ނުވަތަ ސަރުކާރުން ދޫކުރާ އެއްވެސް އައިޑެންޓިޓީ ކާޑެއްގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ.

2012 ވަނަ އަހަރު ތައާރަފު ކުރެވުނު އީފާސްގެ ވެބް ވާޝަންގެ އެކި ފީޗާތައް އިތުރަށް ރަނގަޅުކޮށް މޯބައިލް ފޯނާއި ހަމަޔަށް ގެނައުމުގެ މަސައްކަތް އެން.ސީ.އައި.ޓީ އިން ދަނީ ކުރަމުންނެވެ.

މި ޑިޖިޓަލް އައިޑެންޓިޓީގެ މޮބައިލް އެޕްލިކޭޝަން ވަރަށް އަވަހަށް އެންޑްރޮއިޑް ނުވަތަ އައިއޯއެސް ފޯނުގައި ބޭނުން ކުރެވޭނެ ކަމަށް އެން.ސީ.އައި.ޓީއިން މަޢުލޫމާތު ދެއެވެ.

އީފާސް ޑިޖިޓަލް އައިޑެންޓިޓީ މޮބައިލް އެޕް މެދުވެރިކޮށް ކުރެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި އީފާސްއަށް ރަޖިސްޓާވުން، މުހިންމު ސަރުކާރުގެ މުއައްސަސާތަކުން ލިބިފައިވާ ހިދުމަތާއި ބެހޭ ގޮތުން މަޢުލޫމާތު ފެނުން، ޑިޖިޓަލް ކާޑުތައް ފެނުން ހިމެނެއެވެ.

މި އާޓިކަލްގައި އަލިއަޅުވާލާނީ މީގެއިން ފާހަގަ ކޮށްލެވޭ މުހިންމު ފީޗާތަކުގެ މައްޗަށެވެ.

އީފާސް ރަޖިސްޓްރޭޝަން

އީފާސް މޮބައިލް އެޕް މެދުވެރިކޮށް ރެޖިސްޓްރޭޝަން ފުރިހަމަކުރާއިރު ދިވެއްސެއްނަމަ، އައިޑީކާޑު ނަންބަރާއި އައިޑީކާޑުގެ ސީރިއަލް ޖެހުމަށްފަހު ރަޖިސްޓާ ކޮށްލެވޭނެއެވެ.

ވޯކް ޕާމިޓް ހުއްދަ އޮންނަ މީހެއްނަމަ، ވޯކްޕާމިޓްގެ ނަންބަރާއި ޕާސްޕޯޓު ނަންބަރު ޖަހާލުމަށްފަހު ރަޖިސްޓާކޮށްލެވޭނެއެވެ.ބޭރުމީހެއްނަމަ، ޕާސްޕޯޓު ނަންބަރު، ޤަޢުމު، ޕާސްޕޯޓު އުފެއްދި ތާރީޙާއި ޕާސްޕޯޓު މުއްދަތު ހަމަވާ ތާރީޙް ޖެހުމަށްފަހު ރަޖިސްޓާ ކޮށްލެވޭނެއެވެ.

އީފާހަށް ލޮގިންވުމަށް ބޭނުންކުރާ ޔޫޒާނޭމްއަކީ ދިވެއްސެއްނަމަ އައިޑީކާޑު ނަންބަރެވެ. ވޯކްޕާމިޓް އޮންނަ މީހެއްނަމަ ވޯކްޕާމިޓް ނަންބަރު އަދި އެހެން މީހެއްނަމަ އެމީހާގެ ޤަޢުމުގެ އައި.އެސް.އޯ ކޯޑާއި ޕާސްޕޯޓު ނަންބަރެވެ.

އީފާސްގެ ލޮގިން އެކައުންޓު ވެރިފައިކޮށް ލޮގިން ކުރާމީހާއާއި ހަމައަށް ލިބެނީ އޮޓޮމެޓިކް ވެރިފިކޭޝަން ޕްރޮސަސްއެއް މެދުވެރިކޮންނެވެ.

އެކައުންޓުގެ ލޮގިން ޕާސްވޯޑް ހަދާންނެތިފައިވާނަމަ "ފޮގޮޓް ޕާސްވޯޑް" ލިންކު މެދުވެރިކޮށް ޕާސްވޯޑް އަލުން ރީސެޓްކޮށްލެވޭނެއެވެ. އަދި މަލްޓިފެކްޓާ އޮތެންޓިކޭޝަން މެދުވެރިކޮށް އެކައުންޓު ވެރިފައި ކުރެވޭނެއެވެ.

އެއްވެސް ސަބަބަކާއިހުރެ އެކައުންޓު ޑީއެކްޓިވޭޓް ވެފައިވާނަމަ އަލުން ރަޖިސްޓްރީ ކުރެވޭނެއެވެ.

ރަޖިސްޓާވެފައިވާ މީހާގެ ޕްރޮފައިލް އިތުރަށް ފުރިހަމަކޮށް އެއްވެސް މަޢުލޫމާތަކަށް ބަދަލެއް ގެންނަން ބޭނުންވާނަމަ މިވަގުތު ބޭނުން ކުރަން ޖެހެނީ އީފާސްގެ ވެބްސައިޓެވެ.

ރަޖިސްޓްރީ ކުރާ މީހާ ކަށަވަރުކުރުން

އީފާސް ވެރިފިކޭޝަން އަދި އީފާސް މޮބައިލް ލޮގިންގައި ބަޔޯމެޓްރިކް ފޭސް ޗެކް ބޭނުންކުރާއިރު އޭގެ ތެރޭގައި ވަގުތުން ފޭސް ޗެކްކޮށް މެޗްވޭތޯ ބެލުން ހިމެނެ އެވެ.

މިއީ ހުށައެޅޭ އައިޑީ ޑޮކިއުމަންޓްތަކުގައި ވާ ފޮޓޯތަކާ އަޅާކިޔާ މީހާގެ މޫނުގެ ހަރަކާތްތަކުގެ ބަޔޯމެޓްރިކް އެނަލިސިސް ކުރުމަށް ކުރެވޭ ކަމެކެވެ. ބަޔޯމެޓްރިކް ފޭސް ނުވަތަ މޫނުގެ ފޮޓޯ ގެ މައުލޫމާތު 5 އަހަރުވަންދެން ރިޓެއިން ކުރާނެކަމަށް އީފާސްގެ ވެބްސައިޓުގައި ހިމަނާފައިވެއެވެ. އެ މުއްދަތުގެ ފަހުން ރައްކާތެރިގޮތުގައި އެމައުލޫމާތު ޑިލީޓްކުރާނެ ކަމަށްވެސް އެންސީއައިޓީއިން ބުނެފައިވެއެވެ.

އީފާސް މޮބައިލް އެޕްގައި ހިމަނާފައިވާ އިތުރު ކަންތައްތައް

އީފާސް އެޕް ގައި ބޭނުންކުރާ ޔޫޒަރސް އަށް ފެންނަ ރިކޯޑުތަކަކީ އެމީހެއްގެ ހުއްދަ ނުވަތަ ކޮންސެންޓް އާއެކު ދައްކާނެ މައުލޫމާތުކަމަށް އެންސީއައިޓީއިން ބުނެއެވެ.

މިގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދޫކުރާ ޑިޖިޓަލް ޑްރައިވަރ ލައިސަންސް ކާޑު ހިމެނެއެވެ. މި މަޢުލޫމާތަކީ މޯބައިލް އެޕްގައި 24 ގަޑިއިރުވަންދެން ކޭޝްކޮށްފައި ބަހައްޓާ މަޢުލޫމާތެވެ.

މީގެ އިތުރުން އާއިލާއާއި ގުޅުންހުރި މަޢުލޫމާތު ޑިޕާޓްމެންޓް އޮން ނޭޝަނަލް ރަޖިސްޓްރޭޝަންގެ ރިކޯޑުތަކުންނާއި، ކައިވެނީ(އަނބިމީހާ އަދި ފިރިމީހާ)ގެ މައުލޫމާތު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ރިކޯޑުތަކުން އަދި ދަރީންގެ މަޢުލޫމާތު ޑީއެންއާރުގެ ރިކޯޑުތަކުން ހޯދާފައި އެޕް ބޭނުންކުރާ މީހާގެ ރުހުމާއެކު ދައްކާނެއެވެ.

މި މަޢުލޫމާތަކީ ވެސް އިތުރު ތަނެއްގައި ރައްކާނުކޮށް ބޭނުންކުރާ މީހާގެ މޯބައިލް ފޯނުގައި 24 ގަޑިއިރު ވަންދެން ކޭޝްކުރާނެ މަޢުލޫމާތެވެ.

ދެން ހިމަނާލާފައިވާ ރިކޯޑަކީ އާސަންދައިން އެންމެ ފަހުން ކުރެވުނު 5 މުޢާމަލާތާއި، ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އާސަންދަ ސްކީމުން ކުރި ޖުމްލަ ޚަރަދެވެ.

މި މަޢުލޫމާތަކީ ވެސް އިތުރު ތަނެއްގައި ރައްކާނުކޮށް ބޭނުންކުރާ މީހާގެ މޯބައިލް ފޯނުގައި 1 ގަޑިއިރު ވަންދެން މޯބައިލް އެޕްގައި ކޭޝްކުރާނެ މަޢުލޫމާތެވެ. މީގެ އިތުރުން ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާނަމަ ނުވަތަ އަދާކުރިނަމަ މަސައްކަތުގެ ބައެއް މަޢުލޫމާތު ދައްކާނެއެވެ.

ޚިދުމަތުގެ ރިކޯޑު ނުވަތަ މަޢުލޫމާތު އެޕް މެދުވެރިކޮށް ވެރިފަރާތް ނުވަތަ ބޭނުން ކުރާ މީހާގެ ހުއްދައާއެކު ދެއްކި ކަމުގައި ވިޔަސް އަދި މި އެޕްގައި ރިވޯކް ފީޗަރ (މަޢުލޫމާތު އެޕް މެދުވެރިކޮށް ދިނުމަށް އެމީހަކު އަމިއްލަޔަށް ދީފައިވާ ހުއްދަ ނުވަތަ ރުހުން ކެންސަލް ކުރުން) ހިމެނިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

އެހެންކަމުން ކުރިން ދިން ހުއްދަ ކެންސަލް ކުރުމުގެ ފުރުސަތެއް އަދި ނުލިބޭނެއެވެ. މޯބައިލް އެޕް ލޯންޗުކުރުމުގެ ކުރިން ރިވޯކް ފީޗަރ އުފެއްދުމުގެ މަސައްކަތްކުރަމުންދާކަމަށް އެން.ސީ.އައި.ޓީ އިން ހާމަކުރެއެވެ.

އީފާސް ހެލްޕް ޕޭޖްގައި އީފާސްގެ މައުލޫމާތު ހިމެނޭ

އީފާސްއަކީ ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިރާއްޖޭގެ ސަރުކާރުގެ އެކި މުއައްސަސާތަކުން ބޭނުން ކުރާ ޑިޖިޓަލް ލޮގިން އައިޑެންޓިޓީއަށް ވެގެންދާނެއެވެ. ދިވެހި ރައްޔިތުން ސަރުކާރުގެ މުއައްސަސާތަކުން ހޯދަމުންދާ ޚިދުމަތްތަކާއި އެ ޚިދުމަތްތަކާއި ބެހޭ މުހިންމު މަޢުލޫމާތުތައް އެއްތަނަކުން ފެނި ކަރުދާސް ރެކޯޑުތައް ގެންގުޅުން މަދުވުމަކީ އީފާސްއާއި ހެދި ވެގެން ހިނގައިދާނެ ކަމެއް ކަމުގައި ބެލެވެއެވެ. މިފަދަ އެޕް އެއް ނެރުމަށް ތައްޔާރުވާއިރު ވިސްނާލަންވީ ބައެއްކަންތައް ތައް ހިމަނާލާނަމެވެ.

1.ޑޭޓާ ސެކިއުރިޓީ، ޕްރައިވެސީ އަދި ގާނޫނީ އޮނިގަނޑު: ޑޭޓާ އަދި ޕްރައިވެސީ ކުރިޔަށް ނެރެ އެއް އިދާރާއަކަށް މީހެއްގެ ޒާތީ އަދި އެެހެނިހެން މައުލޫމާތުއަށް އެކްސެސް ނުވެވޭގޮތަށް ހެދުމަކީ ކޮންމެހެން ކުރަން ޖެހޭކަމެއް ކަމުގައި ފެނެއެވެ. ވަރުގަދަ އެންކްރިޕްޝަން އަދި ޔޫޒަރ އޮތެންޓިކޭޝަން ޕްރޮޓޮކޯލްތައް ހިމެނޭ ގޮތަށް ހަރުދަނާ ސެކިއުރިޓީ އަދި ޕްރައިވެސީ ފީޗާސްތަކަށް އިސްކަންދީގެން ސިސްޓަމްސް އުފެއްދުން ހިމެނެއެވެ. އަދި ޑިޖިޓަލް އައިޑީ ބޭނުންކުރުމާއި ގުޅޭގޮތުން ރައްޔިތުންނާއި ސަރުކާރުގެ ޙައްޤުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލަންޖެހެއެވެ. މީގެ ތެރޭގައި ޑޭޓާ ޕްރޮޓެކްޝަން އަދި ޕްރައިވެސީއާ ބެހޭ މާއްދާތަކުގެ އިތުރުން ރައްޔިތުންގެ ޑޭޓާ ބޭނުންކުރުމާއި ހިއްސާކުރުމުގެ ގައިޑްލައިންތައް ހިމަނަން ޖެހެ އެވެ.

2. އެންމެންނަށް ބޭނުން ކުރެވޭ އެއްޗަކަށް ވުން:

މިފަދަ ޑިޖިޓަލް އައިޑީ ސިސްޓަމްތަކަކީ އިޖްތިމާއީ އިގްތިސާދީ ހާލަތާއި ނުކުޅެދުންތެރިކަން ހުންނަ މީހުންވެސް ހިމަނައިގެން އެންމެންނަށް ވެސް ލިބޭނެ ނިޒާމުތަކަކަށް ވާންޖެހެއެވެ. އިންޓަނެޓް ނުވަތަ ޑިޖިޓަލް ޑިވައިސްތައް ބޭނުން ނުކުރެވިދާނެ ފަރާތްތައް ހިމެނޭ ގޮތަށް ހުރިހާ ރައްޔިތުންނަށް ވެސް ޔޫޒަރ ފްރެންޑްލީ އަދި ފަސޭހައިން ލިބޭނެ ނިޒާމެއްކަން ކަށަވަރު ކުރުން މުހިންމުވެއެވެ.

3. ހޭލުންތެރިކަން އިތުރުކުރުން:

ޑިޖިޓަލް އައިޑީތަކުގެ ފައިދާއާއި ނުރައްކާތަކުގެ އިތުރުން، އެ އައިޑީތައް ފައިދާހުރި ގޮތެއްގައި އަދި ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ގޮތްތައް ކިޔައިދީ ހޭލުންތެރިކަމުގެ ޕްރޮގްރާމް އެކުލަވާލަން ޖެހެއެވެ.


އިތުރަށް ކިޔާލުމަށް:

ޑިޖިޓަލް އައިޑެންޓިޓީއަށް ތަޢާރަފެއް

ޑީއެންއާރު އޮންލައިން ޕްލެޓްފޯމް ތައާރަފުކޮށްފި







ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.