1973 ވަނަ އަހަރުގެ މި ދުވަހު މުވާސަލާތާއި ޓެކްނޮލޮޖީގެ ދަތުރު އަބަދަށްޓަކައި ބަދަލުކޮށްލި ތާރީޚީ ހާދިސާއެއް ހިނގިއެވެ. މޮޓޯރޯލާގެ އިންޖިނިއަރެއް ކަމަށްވާ މާޓިން ކޫޕަރު ފުރަތަމަ ފަހަރަށް މޯބައިލް ފޯނަކުން ކާމިޔާބު ކަމާއެކު ކޯލެއް ކުރީއެވެ. އޭނާ އެ ކޯލްކުރީ "ބެލް ލެބޯޓްރީސް"ގެ އޭނާގެ ވާދަވެރިޔާ "ޖޯއެލް އެންގްލް" އަށެވެ. އޭނާ ފަޚުރުވެރިކަމާއެކު އެކޯލުގައި ހުރެގެން އެދުވަހު އިއުލާން ކުރީ އޭނާ ބޭނުން ކުރަމުން އަންނަނީ އަމިއްލަ އަތުން ހިފައިގެން ހުރި، ޕޯޓަބަލް ފޯނެއް ކަމަށެވެ. އެއީ އޭރު އެއްވެސް މީހަކު އަޑުއަހާފައި ނުވާ ޑިވައިސްއެއްގެ ވާހަކައެކެވެ.
އެ ފުރަތަމަ ކޯލް ކުރި ގޮތުގެ އަސާސްތަކަށް މާބޮޑު ބަދަލެއް މިއަދުވެސް އައިސްފައެއް ނުވެއެވެ. މި ފޯނުން ތިބާގެ އަޑު އިލެކްޓްރިކް ސިގްނަލަކަށް ބަދަލުކޮށް، ރޭޑިއޯ ވޭވެއް މޮޑިއުލޭޓް ކުރެއެވެ. ރޭޑިއޯ ވޭވް ދަނީ މާސްޓަކަށެވެ. މާސްޓުން ތިބާގެ އަޑު ތިބާ ގުޅާ މީހާއަށް ފޮނުވާއިރު، އެ ޕްރޮސެސް ގެ ތެރެއިން، އެމީހަކަށް ދެން ތިބާގެ ވާހަކަ ދައްކާ އަޑު އިވޭނެއެވެ. މިހާރުވެސް އެކަން ހިނގަނީ މިބީދައިންނެވެ.
މާޓީ ކޫޕަރގެ އެ ކޯލްކުރި ޕްރޮޓޯޓައިޕް މޮޓޯރޯލާ ޑައިނަޓެކް 8000އެކްސްގެ ވިޔަފާރި ވަރޝަން، ބާޒާރަށް ނެރުނީ ފުރަތަމަ ކޯލްކުރިތާ 11 އަހަރު ފަހުން، 1984 ވަނަ އަހަރު ކަމަށްވާއިރު، މިއަދު އެ ފޯނުގެ އަގަކީ 9،500 ޕައުންޑެވެ. އެއީ ގާތްގަޑަކަށް (11،700 ޑޮލަރު) އާ އެއްވަރުގެ އަގެއް ކަމަށް މޯބައިލް ފޯން މިއުޒިއަމް ހިންގާ "ބެން ވުޑް ބުން" ފާހަގަ ކުރިއެވެ .
މިސްޓަރ ވުޑް ފާހަގަ ކުރެއްވި ގޮތުގައި އެފޯނުން ހަމަ އެކަނި ކުރެވޭ ކަމަކީ ނަންބަރަށް ގުޅައިގެން ކޯލް ކުރުން އެކަންޏެވެ. މެސެޖިންއެއް، ކެމެރާއެއް ވެސް ނެތެވެ. ފުލް ޗާޖްގައި ވާހަކަ ދެއްކެނީ ގިނަވެގެން 30 މިނެޓް އެވެ. އަދި ބެޓެރީ ޗާޖު ކުރަން 10 ގަޑިއިރު ނަގާއިރު، ދިގުމިނުގައި 6 އިންޗި (15 ސެންޓިމީޓަރު) ހުންނަވަރުގެ އެންޓެނާއެއް އެފޯނުގައި ހަރުކޮށްފައި ވެއެވެ.
އަދި 790ގ (1.7 ޕައުންޑް) ގެ ބަރުދަން އެފޯނުގައި ހުންނައިރު، އެއީ އައިފޯން 14 ގެ ބަރުދަނުގެ ގާތްގަނޑަކަށް ހަތަރު ގުނަ އެވެ.
މި ލިމިޓޭޝަންތައް ހުރި ނަމަވެސް މޮޓޯރޯލާގައި ކޫޕަރާއި އޭނާގެ ޓީމުގެ ތަސައްވުރަކީ ލޭންޑްލައިން ނުވަތަ ކާރުތަކުގައި ހަރުކޮށްފައި ހުންނަ ޑިވައިސްތައް ވަކިކޮށްލައި ވައިލެސް ކޮމިއުނިކޭޝަން ޑިވައިސްއެއް އުފެއްދުމެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން އެމީހުންނަށް އިންސްޕަޔަރ ކޮށްފައިވަނީ ފުލުހުންނާ މުއާމަލާތް ކުރުމަށް މިފަދަ މޯބައިލް ފޯނެއް ބޭނުންކުރި ކޮމިކް ފޮތުގެ ކެރެކްޓަރ ޑިކް ޓްރޭސީ އެވެ. އަދި އޭގެ އިތުރުން ކާރަށް ބަރޯސާކޮށް އުފައްދާ ފޯނުތައް އުފެއްދުމުގެ މަސައްކަތް ކުރަމުން އައި ބެލް ލެބޯޓްރީސްގެ ވަރުގަދަ ވާދަވެރިކަމާ ވެސް ކުރިމަތިލާން ޖެހުނެވެ.
ކޫޕަރުގެ ފުރަތަމަ ކޯލަކީ ހަމައެކަނި ޓެކްނޮލޮޖީގެ ކުރިއެރުމެއް ނޫނެވެ. އޭރު ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީގައި ވެރިކަންކުރި އޭޓީ އެންޑް ޓީ އާއި ބެލް ލެބޯޓްރީސްގެ މޮނޮޕޮލީއަށް ގޮންޖަހާ ރަމްޒީ އިޝާރާތެކެވެ. ފަހުން ކޫޕަރު ބުނީ އޭނާ ބޭނުންވަނީ "ޕާސަނަލް ކޮމިއުނިކޭޝަންސް އަކީ މީހުން ބޭނުންވާ ކަމެއް" ކަމަށް ދައްކަން ކަމަށެވެ.
އޭގެ 50 އަހަރު ފަހުން މޯބައިލް ފޯނު އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެހެން ބޭނުންވާ އެއްޗަކަށް ވެފައިވާއިރު، މުޅި ދުނިޔޭގައި ފަސް ބިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރެއެވެ. އެއީ ކޯލު ކުރުމުން ފެށިގެން ފޮޓޯ ނެގުމާއި އިންޓަނެޓް ބްރައުޒް ކުރުމާއި ގޭމް ކުޅުމާއި ސޯޝަލް މީޑިއާ އަށް ވަނުން ފަދަ ތަފާތު މަސައްކަތްތައް ކުރެވޭ ވަރުގަދަ ކޮމްޕިއުޓަރުތަކަށް ތަރައްގީވެފަ އެވެ. އަދި ސިނާއަތްތަކާއި ސަގާފަތާއި މުޖުތަމަޢު އެތައް ގޮތަކުން ބަދަލުކޮށް، މުވާސަލާތާއި މަޢުލޫމާތާއި މުނިފޫހިފިލުވުމާއި ތަޢުލީމުގެ އާ ގޮތްތައް ފަހިކޮށްދީފައިވެއެވެ.
ނަމަވެސް މޯބައިލް ފޯނުތަކުގެ ސަބަބުން ޕްރައިވެސީގެ މައްސަލަތަކާއި، ސައިބަރ ކްރައިމް، އެޑިކްޝަން، ޑިސްޓްރެކްޝަން، އަދި ތިމާވެއްޓަށް ކުރާ އަސަރު ފަދަ ބައެއް ގޮންޖެހުންތަކާއި ނުރައްކާތައް ވެސް ކުރިމަތިވެއެވެ. ޚުދު ކޫޕަރު ވަނީ ސްމާޓްފޯން އެޑިކްޝަނާ މެދު ކަންބޮޑުވުން ފާޅުކޮށް، މޯބައިލް ޓެކްނޮލޮޖީ އިތުރަށް އިންސާނުން މަރުކަޒުކޮށްގެން ޑިޒައިންކޮށް ރެގިއުލޭޓް ކުރުމަށް ވަކާލާތުކޮށްފަ އެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް އާއި ލައިގެން އުޅެވޭ ޑިވައިސްތައް ފަދަ ވައިލެސް ކޮމިއުނިކޭޝަން އަށް އާ ޚިޔާލުތައް އުފެއްދުމާއި ތަޖުރިބާ ކުރުން ވެސް އޭނާ ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ފުރަތަމަ މޯބައިލް ފޯނު ކޯލަށް 50 އަހަރު ފުރުން ފާހަގަކުރާއިރު، މޮޓޯރޯލާގައި މާޓިން ކޫޕަރާއި އޭނާގެ ޓީމުގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި ޚިދުމަތްތަކުގެ އަގުވަޒަން ކުރެވޭބާއެވެ. ޙަޤީޤަތަކީ 2023 ވަނަ އަހަރުގެ ފޯނުތަކުގެ ޑިޒައިން އަށް އައި ބަދަލުތަކާއެކު މިސްޓަރ ކޫޕަރ އަށް އެއްވެސް ތައުރީފެއް ނުލިބޭ ކަމެވެ. ފޯނު އުފައްދާ ކުންފުނިތަކުން އޭނާގެ ނަން ގެންނަންވެސް ފަސްޖެހޭކަހަލައެވެ.
މޯބައިލް ފޯނުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުން ރަނގަޅު ނުވަތަ ނުރަނގަޅަށް ބަދަލުވެފައިވާ ގޮތާއި، ކުރިއަށް އޮތްތަނުގައި ޒިންމާދާރުކަމާއެކު އުފެއްދުންތެރިކަމާއެކު އެ ފޯނުތައް ބޭނުންކުރެވޭނެ ގޮތަކާމެދު އަޅުގަނޑުމެންނަށް މިއަދު ވިސްނާން ޖެހިފައިވާއިރު، މާޓިން ކޫޕަރު އޭނާގެ ފުރަތަމަ ފޯނުކޯލްކުރިތާ 50 އަހަރު ފަހުންވެސް އަދި އޭނާގެ ޢުމުރުން 94 އަހަރުގައި މިއަދު އޭނާ ބުނަނީ އަދިވެސް އަހަރެމެން މިތިބީ މޯބައިލް ފޯނަކުން ކުރެވޭނެ ބައިވަރު ކަންތައް ތަކުގެ ފެށުމުގެ ކުރީކޮޅުގައި ކަމަށެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.