ޗައިނާއިން ހަނދުގައި ތްރީޑީ ޕްރިންޓިން ބޭނުންކުރަން ވިސްނަނީ

އަޙްމަދު ދާއޫދު 26 އޭޕްރީލު 2023

ޗައިނާގެ ސައިންސްވެރިން ހަނދުގައި އިމާރާތްތައް އެޅުމަށް ތްރީޑީ ޕްރިންޓިން ޓެކްނޮލޮޖީ ބޭނުންކުރުމުގެ ފީސިބިލިޓީ ދެނެގަތުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެ ގައުމުގެ ހަނދު ޕްރޮގްރާމްތަކުގެ ޗީފް ޕްލޭނަރު ވިދާޅުވެއްޖެއެވެ.

ޗައިނީޒް އެކަޑަމީ އޮފް އިންޖިނިއަރިންގެ ވެރިޔާ އަދި ޗައިނާ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަންގެ މަޝްހޫރު ސައިންޓިސްޓެއް ކަމަށްވާ ވޫ ވެއިރެން ވިދާޅުވީ، ހަނދުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ތިން ވަނަ ޗަންގް އީ 8 ރޮބޮޓިކް ޕްރޮބް ހަނދުގެ ސައުތު ޕޯލްއަށް ޖެއްސުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ބައެއް އެޑްވާންސް ޓެކްނޮލޮޖީތައް، މިސާލަކަށް ތްރީޑީ ޕްރިންޓިން، މުސްތަގުބަލުގައި ހަނދުގެ މެޓީރިއަލް ބޭނުންކޮށްގެން ހަނދުގެ ސަރަޙައްދުގައި ބޭނުން ކުރެވިދާނެތޯ ބެލުމުގެ ޓެސްޓްތައް ކުރިއަށް ދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަނދުގައި ގިނަ ދުވަސްތަކެއް ވަންދެން ޤާއިމްވެ ތިބެން ބޭނުންނަމަ ހަނދުގެ އަމިއްލަ ތަކެތި ބޭނުންކޮށްގެން ސްޓޭޝަންތައް ގާއިމުކުރަން ޖެހޭ ކަމަށްވެސް ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެވެ.

"ހަނދުގެ ފަސްގަނޑަކީ އަޅުގަނޑުމެންގެ ރޯ މެޓީރިއަލް، ކޮންސްޓްރަކްޝަން ޔުނިޓްތަކަށް ބޭނުންވާ ތަކެތި ޕްރިންޓް ކުރެވޭނެ ތަނަކަށް ހެދޭނެ، ޝަންހާއީގެ ޓޮންގްޖީ ޔުނިވާސިޓީ އާއި ޝާންޝީ ޕްރޮވިންސްގެ ޝިއާން ޖިއާއޮޓޮންގް ޔުނިވާސިޓީ ފަދަ ޑޮމެސްޓިކް ޔުނިވާސިޓީތަކުގެ ޕްރޮފެސަރުން މިހާރު ވަނީ ހަނދުގައި ތްރީޑީ ޕްރިންޓިން ޓެކްނޮލޮޖީބޭނުންކުރެވިދާނެ ގޮތްތައް ދިރާސާ ކުރަން ފަށާފައި،" އޭނާ ވިދާޅުވި އެވެ.

އަދި ކުރިއަށް އޮތް އަހަރުތަކުގައި އެންމެ ކައިރީގައި ވާ އަވަށްޓެރި ގައުމުތަކުގައި އެކްސްޕްލޮރޭޝަން އެންޑް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގުމަށް ޗައިނާގެ ބޮޑު ރޯޑް މެޕެއް އެބައޮތް ކަމަށްވެސް ޗީފް ޕްލޭނަރު ވިދާޅުވި އެވެ.

ޗައިނާޑެއިލީ ގައި ޝާއިޢު ކޮށްފައިވާ ރިޕޯޓެއްގައި ވާގޮތުން ޗައިނާގެ ހަނދުގެ އެޑްވެންޗާގެ ކުރިއަށް އޮތް ފިޔަވަޅެއް ކަމަށްވާ ޗަންގްއޭ 6 ރޮބޮޓިކް މިޝަން ހަނދުގެ ދުރު ފަރާތަށް ޖައްސަން ތައްޔާރުވެއްޖެކަމަށާއި، ޗަންގްއީ 5 އިން މިހާރު ވަނީ ހަނދުގެ ކައިރީގައި ހުރި ސާމްޕަލްތަކެއް ނަގާފަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ޗަންގް އީ 6 ކާމިޔާބު ވެއްޖެ ނަމަ މިއީ ހަނދުގެ ދުރު ފަރާތުން ސާމްޕަލް ލިބޭ ފުރަތަމަ ފަހަރަށް ވާނެކަމަށްވެސް ވޫ ވިދާޅުވިއެވެ.

ޗަންގްއީ 4 ގެ ލޭންޑާ އާއި ރޯވަރު ހަނދުގައި މަސައްކަތް ކުރާތާ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ސައިންސްވެރިންނަށް ދުރު ފަރާތުގައި ގާތުން އޮބްޒާވްކޮށް ސާވޭތައް ކުރިއަށް ގެންދިއުމުގެ މަގު ފަހިކޮށްދެ އެވެ.

"ޗަންގްއީ 6" އަށް ފަހު ޗަންގް އީ 7 ރޮބޮޓިކް ޕްރޮބް ހަނދުގެ ސައުތު ޕޯލްއަށް ޖައްސަން ފޮނުވާނީ "ހައި ޕްރިސިޝަން އިންވެސްޓިގޭޝަންސް" ހެދުމަށް ކަމަށް ވޫ ވިދާޅުވިއެވެ.

"ޗަންގްއީ 7 މިޝަނަކީ ސައުތު ޕޯލްގައި ފެނުގެ ނިޝާންތައް ހޯދުމާއި އެތަނުގެ މާހައުލާއި މޫސުން ބެލުމާއި ލޭންޑްފޯމް ސާވޭ ކުރުމަށް ފޮނުވާ އުޅަނދެއްކަމަށާއި، މި ޕްރޮބްގައި ހަނދުގެ ސަރަޙައްދުގެ ވަޅުގަނޑުތަކަށް ގޮސް އައިސް ހޯދުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ "ފްލައިބައި ކްރާފްޓް" އެއް ހުންނާނެ ކަމަށްވެސް ސައިންސްވެރިޔާ ވިދާޅުވިއެވެ.

"ހަނދުގެ ސައުތު ޕޯލްގެ ސަރަޙައްދުގެ ތިރީގައި ވާ ގުދުރަތީ ވަސީލަތްތައް ދެނެގަތުމުގެ މަސައްކަތްވެސް ޗަންގްއީ 7 އާ ޙަވާލުކުރެވިގެންދާނެ. މިޝަން ޕްލޭނަރުން މަސައްކަތް ކުރަމުން މިގެންދަނީ ޕްރޮބް ބޭނުންކޮށްގެން ސަރފޭސް އަށް ވަދެ، ބިމުގެ އަޑީގައި ހުރި ސްޓްރަކްޗާތަކާއި އެތަންތަނުގެ ކޮމްޕޮޒިޝަން ދިރާސާ ކުރެވިދާނެތޯ ބެލުމަށް،" އޭނާ ވިދާޅުވިއެވެ.

އަދި ސައިންސްވެރިން ކުރިއަށް އޮތް ތިން މިޝަން ކަމަށްވާ އޯބިޓާސް، ލޭންޑާސް، ރޯވާސް އަދި ސެންސަރުގެ ބައިތައް ބޭނުންކޮށްގެން ރޮބޮޓިކް ސައިންޓިފިކް އައުޓްޕޯސްޓެއްގެ ޕްރޮޓޮޓައިޕް އެކުލަވާލާނެ ކަމަށާއި މިއީ ދިގު މުއްދަތެއްގައި ހަނދު ދިރާސާތައް ހެދުމުގައި ބައިނަލްއަގުވާމީ ގޮތުން ގުޅިގެން މަސައްކަތް ކުރާނެ ޕްލެޓްފޯމެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.