ބައެއް މީހުން ނަގާ ފޮޓޯތަކުގައި އެމީހުންގެ އަމިއްލަ ނަފްސު ހިމަނަނީ ކީއްވެގެންކަން ފަހުގެ ހޯދުންތަކެއް އަލީގައި ދިރާސާވެރިޔަކު ބުނެދީފިއެވެ. އެދިރާސާއިން ދެއްކިގޮތުގައި ބައެއް މީހުން އެމީހުންގެ އަމިލަ ފޮޓޯ ނަގަން ބޭނުންވަނީ ނުވަތަ ސެލްފީ ނަގަނީ އެމީހުންގެ ހުންނަ ބޮޑާކަމަކުން ނުވަތަ ކަންދެއްކުމަކުންނޫނެވެ.
ފަހުގެ ދިރާސާއަކުން ސައިންސްވެރިން ނަށް އެނގުނު ގޮތުގައި ފަސްޓް ޕާސަން ފޮޓޯ (އަމިއްލަ ލޮލުން ފެންނަ ގޮތަށް އެ މަންޒަރު ކެޕްޗާ ކުރުން) އެންމެ ރަނގަޅަށް ރަމްޒުކޮށްދެނީ މީހުންނަށް ދިމާވާ ހާދިސާއެއްގެ ޖިސްމާނީ ތަޖުރިބާ އެވެ.
ނަމަވެސް ސެލްފީ ފަދަ ތިންވަނަ މީހާގެ ފޮޓޯތަކުން (އަމިއްލަ ނަފްސާއެކު ވަގުތުކޮޅެއް ޑޮކިއުމެންޓްކުރުން) އެމީހުންގެ ދިރިއުޅުމުގައި އެ ހާދިސާގެ މާނަ މާ ރަނގަޅަށް ދައްކުވައިދެއެވެ.
"އެ ދިރާސާއިން އަހަރެމެންނަށް އެނގުނީ އެމީހަކުގެ އަމިއްލަ ފޮޓޯނަގަނީ އެމީހަކު ބޭނުންވާ ކަމެއް ފޮޓޯއިން ހާމަކުރުމަށް ކަން،" އޮހާޔޯ ސްޓޭޓް ޔުނިވާސިޓީގެ ޕީއެޗްޑީ ގްރެޖުއޭޓް އަދި މިހާރު ޖަރުމަނުގެ ޔުނިވާސިޓީ އޮފް ޓުބިންގެންގެ ޕޯސްޓްޑޮކްޓޯރަލް ސްކޮލަރެއް ކަމަށްވާ ޒަކަރީ ނީޒް ވިދާޅުވި އެވެ.
އިންސްޓަގްރާމް ފަދަ ސައިޓްތަކުގައި ސެލްފީ ޕޯސްޓް ކުރަނީ ހަމައެކަނި އަމިއްލަ ނަފްސު ޕްރޮމޯޓް ކުރުމަށް ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް މި ނަތީޖާއިން ބާރު ލިބޭ ކަމަށް އޮހާޔޯ ސްޓޭޓްގެ ސައިކޮލޮޖީގެ ޕްރޮފެސަރު އަދި ދިރާސާގެ ކޯ ލިޔުންތެރިޔާ ލީސާ ލިބީ ވިދާޅުވި އެވެ.
މި ދިރާސާ މިއަދު (އޭޕްރީލް 27، 2023) ސޯޝަލް ސައިކޮލޮޖިކަލް އެންޑް ޕާސަނަލިޓީ ސައިންސް ޖާނަލްގައި ވަނީ ޝާއިއުކޮށްފަ އެވެ.
މީގެ ކުރިން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި ހާދިސާއެއްގެ ޖިސްމާނީ ތަޖުރިބާ ނުވަތަ އޭގެ ފޮރުވިފައިވާ މާނަ ހާމަކުރުމަކީ އަމިއްލަ ފޮޓޯ ނެގުމަށް ލިބޭ މުހިންމު ދެ ހިތްވަރަކަށް ވެދާނެ އެވެ.
މިސާލަކަށް ރައްޓެއްސަކާއެކު ގޮނޑުދޮށުގައި އުޅޭ މީހަކު މޫދުގެ ފޮޓޯއެއް ނަގައި، އެ ރީތި އަދި އަރާމު ކުރާ ދުވަހުގެ ޖިސްމާނީ ތަޖުރިބާ ދައްކުވައިދެއެވެ. ނުވަތަ ރަހުމަތްތެރިޔަކާއެކު ވަގުތު ހޭދަކުރުމުގެ ބޮޑު މާނަ ދައްކުވައިދިނުމަށް ޓަކައި އަމިއްލަ ނަފްސާއެކު ފޮޓޯއެއް ނެގިދާނެއެވެ.
2،113 ބައިވެރިން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ހަ ދިރާސާއެއްގައި ސައިންސްވެރިން ވަނީ ޕާސަނަލް ފޮޓޯގްރަފީގައި ނަޒަރިއްޔާތުގެ އަސަރު ދެނެގަނެފަ އެވެ.
އޮންލައިންކޮށް ކުރި ދިރާސާއެއްގައި ބައިވެރިން ވަނީ ގާތް ރަހުމަތްތެރިޔަކާއެކު ގޮނޑުދޮށުގައި ދުވަސް ހޭދަކުރުން ފަދަ ފޮޓޯއެއް ނަގަން ބޭނުންވެދާނެ ސިނާރިއޯއެއް ކިޔާފަ އެވެ. އަދި އެ ތަޖުރިބާއަކީ އެމީހުންނަށް ކިހާ މުހިންމު ތަޖުރިބާއެއްކަމާއި، އެއަށްވުރެ ބޮޑު މާނައަކީ ކިހާ މުހިންމު މާނައެއްކަން ރޭޓްކުރުމަށް އެދުނެވެ. ނަތީޖާއިން ދައްކާ ގޮތުގައި މި ހަރަކާތުގެ މާނަ ބައިވެރިން އެ މީހުންނަށް ރޭޓް ކުރި ވަރަކަށް، އެ އިވެންޓުގައި އަމިއްލަ އަށް ފޮޓޯ އެއް ނަގާނެ ކަމަށް ބުނުމުގެ ފުރުސަތު ބޮޑެވެ.
އެހެން ދިރާސާއަކުން ދައްކާގޮތުގައި ކޮންމެ ނަޒަރަކުން ވެސް ހާދިސާތަކުގެ ތަޖުރިބާ ނުވަތަ މާނަ އިން އެނގެނީ މީހުންގެ އިންޓިއުޝަންގެ ހަގީގަތެވެ.
ދިރާސާގައި ބައިވެރިން މީހުންގެ އިންސްޓަގްރާމް ފޮޓޯ ތަކުގައި އެމީހުންގެ އަމިއްލަ ފޮޓޯ ހިމެނިފައިވާ ނަމަ އެއީ ކޮންސަބަބަކާ ހުރެ ނަގާފައިވާ ފޮޓޯއެއްތޯ ވަނީ ސުވާލުކޮށްފައެވެ. ނަތީޖާއިން ދައްކާ ގޮތުގައި އެފަދަ ގިނަފޮޓޯތައް ނެގުމުގެ ބޭނުމަކީ އެފޮޓޯ ނެގިވަގުތުގެ ބޮޑު މާނަ އަންގައިދިނުމެވެ.
ޖުމްލަގޮތެއްގައި ދިރާސާގެ ނަތީޖާއިން އެނގެނީ އަމިއްލަ މީހާގެ ފޮޓޯ ނެގުމާއި ޝެއާކުރަން ބޭނުންވަނީ އެމީހުންގެ އަމިއްލަ އިޙްސާސްތަކާއި، ދެކޭގޮތް އަނެކުންނަށް ހާމަކުރުމުގެ ބޭނުމުގައި ކަމަށް ނިސޭ ވިދާޅުވި އެވެ.
"އަޅުގަނޑު އުންމީދު ކުރަން މި ދިރާސާގެ ސަބަބުން ފޮޓޯނަޒަރިއްޔާއިން ފޮޓޯތަކަށް ރިއެކްޓް ކުރާ ގޮތާ ބެހޭ ގޮތުން މީހުންގެ މައުލޫމާތު އިތުރުވެގެންދާނެ ކަމަށް،" "އޭރުން އެމީހުންގެ އަމާޒަށް ވާސިލްވާނެ ނަޒަރިއްޔާއެއް ހޭލުންތެރިކަމާއެކު އިޚްތިޔާރު ކުރެވިދާނެ." އޭނާ ވިދާޅުވި އެވެ.
އަދި ހަމައެކަނި އޯޑިއަންސަށް ވުރެ ބޮޑަށް އިންސްޓަގްރާމާއި އެހެން ތަންތަނުގައި މީހުން ފޮޓޯ ޕޯސްޓް ކުރާ ކަމަށް ވެސް މި ނަތީޖާއިން ދޭހަވާ ކަމަށް ނީޒް ވިދާޅުވި އެވެ.
"މި މަސައްކަތުން އެނގެނީ ފޮޓޯ ނެގުމުގައި ވެސް މީހުންގެ ވަރަށް އަމިއްލަ މަގްސަދުތަކެއް އެބަހުރި. ސޯޝަލް މީޑިއާގައި ވެސް ފެންނަނީ އެ ހާދިސާގެ ތަޖުރިބާ ނުވަތަ މާނަ ހިފަހައްޓަން މީހުން އަމިއްލައަށް ފަސްއެނބުރި ބަލާލަން ފޮޓޯތައް ކިއުރޭޓް ކުރާ ތަން،" އޭނާ ވިދާޅުވި ކަމަށް އަދި މި ކަމާއި ގުޅޭ ތަފްސީލީ ލިޔުމެއް އޮހާޔޯ ސްޓޭޓް ޔުނިވަރސިޓީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.