ކްލައުޑް ހިދުމަތްތަކުން ޗައިނާ ބޭރުކުރަން އެމެރިކާ ވިސްނަނީ

އަޙްމަދު ދާއޫދު 08 ޖުލައި 2023

އެމެޒޯން ވެބް ސާވިސް (އޭޑަބްލިއުއެސް)އާއި މައިކްރޯސޮފްޓްގެ އަޒޫރު ފަދަ އެމެރިކާއަށް ނިސްބަތްވާ ކުންފުނިތަކުން ދެމުންދާ ކްލައުޑް ސާވިސްތަކަށް ޗައިނާގެ ކްލައުޑް އެކްސެސް ކަނޑާލަން އެމެރިކާ އިން ވިސްނަމުންދާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބައިޑަންގެ ސަރުކާރުން ކްލައުޑް ކޮމްޕިއުޓިންގެ ހިދުމަތް ތައް ޗައިނާއަށް ލިބުން ހުއްޓުމަކަށް އަންނާނެ ޕްލޭނެއް އެކުލަވާލަމުން މިދަނީ އެމެރިކާއިން ކަނޑައަޅާފައިވާ ޗިޕްތައް މަނާކުރުން ޗައިނާގެ ކުންފުނިތަކުން ބައިޕާސްކޮށް، އަގުހެޔޮކޮށް، ކްލައުޑް ކޮމްޕިއުޓް އިންސްޓެންސް ކުއްޔަށް ހިފައިގެން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ބެލެވޭ ގޮތުގައި އެމެރިކާއިން ކަނޑައަޅާ އާ އުސޫލަކީ ކްލައުޑް ކޮމްޕިއުޓިން ކުންފުނިތަކުން ޗައިނާގެ ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގެ ކުރިން ސަރުކާރުގެ ހުއްދަ ހޯދަން ޖެހޭނެ އުސޫލެކެވެ.

ޗައިނާގެ ކަސްޓަމަރުންނަށް ކްލައުޑް ކޮމްޕިއުޓިން މަނާކުރުން:

ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް އެންމެ ބާރުގަދަ ބައެއް ހާޑްވެއާތައް ދެ ގައުމަށް ވެސް ލިބިފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަސްޓަމަރުން އަމިއްލަ އަށް ބޮޑެތި މޮޑެލްތަކާއި އެހެނިހެން އާޓިފިޝަލް އިންޓެލިޖެންސް ވޯކްލޯޑްތައް އުފެއްދުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ކްލައުޑް އެކްސެސް އަކީ ވަރަށް މުހިންމު ޚިދުމަތެކެވެ.

އެމެރިކާ އާއި ޗައިނާއިން ވަނީ އެއްބައެއްގެ މައްޗަށް އަނެއްބަޔަކު ބާރު ގަދަ ކުރިޔަ ނުދިނުމުގެ ގޮތުން ކޮމްޕިއުޓިން އެލިމެންޓުތައް ސަޕްލައި ކުރުން މަދުކުރުމަށް ތަފާތު ދަތިކުރުމުގެ ފިޔަވަޅުތަކާއި އުސޫލްތައް ކަނޑައަޅައިފައެވެ.

އެގޮތުން ޗައިނާއިން އެމެރިކާއަށް އޭއައި ޗިޕްސް އެކްސްޕޯޓް ކުރުން މިހާރު ވެސް މަނާކޮށްފައި ވާއިރު، އަލަށް އެކުލަވާލާ އުސޫލުގެ ސަބަބުން އޭއައި ޓޫލްސް އުފެއްދުމަށް ޗައިނާގެ އެއްވެސް ޓެކްނޮލޮޖީއެއް އެމެރިކާގައި ވާޗުއަލްކޮށްވެސް ބޭނުންކުރުން މަނާކުރާނެއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސް އިން މިހާތަނަށް އެކަމާ މެދު އެއްވެސް އެއްޗެއް ނުބުނެ ހަމަހިމޭނުން ތިބި ނަމަވެސް، އެކަމާ ބެހޭ މައުލޫމާތު އެނގޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި އެމެރިކާގެ ކްލައުޑް ކުންފުނިތަކުން ޗައިނާގެ ކަސްޓަމަރުންނާ މުއާމަލާތް ނުކުރެވޭ ގޮތަށް ގެނައި ބަދަލަށް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަމަލު ކުރަން ފަށާނެ އެވެ.

އެމެރިކާގެ ޤައުމީ ސަލާމަތަށް ހުރި ނުރައްކާތަކުން ސަލާމަތްވުމަށް ކަމަށް ބުނެ ރައްޔިތުންގެ ހައްގުގައި ޗައިނާއަށް އަޅާފައިވާ ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ ކުންފުނިތަކަށް އަންނަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.

އެމެރިކާގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ޗައިނާއިންވެސް ވަނީ ޗިޕްސް ހަދަން ބޭނުންކުރާ ބައެއް ސާމާނާއި ބައެއް ޗިޕްތައް އަމިއްލައަށް އެކްސްޕޯޓް ކުރުން މަނާކޮށް، އެމެރިކާގެ ބައެއް މައިކްރޯން ކަސްޓަމަރުންނަށް އޭގެ އަސަރު ކުރާނެ ފަދަ ފިޔަވަޅުތަކެއް އަޅާފައެވެ.

ދެޤައުމުގެ މެދުގައި އުފެދިފައިވާ އިޤްތިޞާދީ ވާދަވެރިކަމާއި، ސަލާމަތާއި ރައްކާތެރިކަމުގެ ނުތަނަވަސްކަމުގެ ތެރެއިން އުފެދިފައިވާ ރުޅިވެރިކަން ހައްލު ކުރުމަށް އެމެރިކާގެ އިސް އޮފިޝަލަކު ދާދިފަހުން ވަނީ ޗައިނާއަށް ދަތުރުފުޅެއްވެސް ކުރައްވާފައެވެ.

އެދަތުރުފުޅުގައި ޗައިނާއިން އެމެރިކާއަށް ދިން އިންޒާރަކީ ޗައިނާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު އުވައިނުލައި އަދި ސުލުހަވެރިކަން އިސްނުކުރާނަމަ ހަތިޔާރުގެ ދިފާއުއަށް ތައްޔާރަށް ތިބުމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.