ވަން-ގަވް: ސަރުކާރުގެ ހިދުމަތްތައް އެއްތަނަކުން

ހިންދު ޢަލީ 10 ޖުލައި 2023

ސަރުކާރުގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ވަން.ގަވް ޕްލެޓްފޯމް މިއަދު އިފްތިތާހުކޮށްފިއެވެ. މިއީ ސަރުކާރުގެ ހިދުމަތްތައް ރައްޔިތުންނަށް އެއް ތަނަކުން ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމެކެވެ. މިޕްލެޓްފޯމް މެދުވެރިވެ ސަރުކާރުގެ ހިދުމަތް ހޯދުމަށް ކިޔުގައި ޖެހުންފަދަ ދަތިތައް ނައްތާލާ، ހިދުމަތަށް އެދުމަށް ހޭދަވާ ވަގުތު ސަލާމަތްކުރެވޭނެއެވެ. މި ޕްލެޓްފޯމުގެ މަގުސަދަކީ އެއް ވިއުގައެއްގެ ދަށުން ސަރުކާރުގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ފޯރުކޮށްދިނުމެވެ.

މިޕްލެޓްފޯމް ތައާރަފްކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެދުނު ސަލްޓަން ޕާކުގައެވެ. މިރަސްމިއްޔާތުގައި ވަން-ގަވް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވީ މިއީ ޑިޖިޓަލް ސަރުކާރެއްގެ ފެށުންކަމުގައެވެ. އަދި މި ހިދުމަތާއިއެކު ސަރުކާރުންދޭ ހިދުމަތްތައް ރައްޔިތުން ތިބި ތަނަކަށް، އެމީހުންގެ އިނގިލި ކުރިއަށް ތިލަކޮށްދެވުނީކަމަށެވެ.

މިޕްލެޓްފޯމް ޑިވެލޮޕްކޮށްފައިވަނީ ޓްރޭޑްނެޓް މޯލްޑިވްސްގެ ފަރާތުންނެވެ. ޓްރޭޑްނެޓް މޯލްޑިވްސްއަކީ 2019 ގައި އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ. މިކުންފުނި އުފެއްދީ ނޭޝަނަލް ސިންގަލް ވިންޑޯ އާއި ވަން ސަރވިސް މޯލްޑިވްސްގެ ހިދުމަތް އުފެއްދުމާއި ފޯރުކޮށްދިނުމަށެވެ. މިއީ ސަރުކާރުގެ ހިދުމަތްތައް ޑިޖިޓައިޒްކުރުމަށާއި ވިޔަފާރިއާއި ގުޅުންހުރި ހިދުމަތްތައް އެއް ތަނަކުން ފޯރުކޮށްދިނުމަށް އުފައްދާފައިވާ މުހިއްމު 2 ޕްރޮޖެކްޓެވެ.

ވަން-ގަވްއަކީ ސަރުކާރުގެ ހިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ މުހިއްމު ބައެއްކަމަށް އެއިދާރާއިން ހާމަކުރެއެވެ. އަދި އާންމު ހިދުމަތްތައް މިޒަމާނަށް ފެތޭ މިޒަމާނުގެ ރައްޔިތުންނަށް އެކަށޭނެ ގޮތަކަށް ބަދަލުކޮށްލަން ކުރެވޭ މުހިއްމު މަސައްކަތެއްކަމަށެވެ.

މިއަދު ވަން-ގަވް އިފްތިތާހުކުރީ 5 އިދާރާއެއްގެ 106 ހިދުމަތާއެކުގައެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު އިދާރާތަކާއި އިތުރު ހިދުމަތްތައް މިޕްލެޓްފޯމަށް އިތުރުކުރެވިގެންދާނެކަމަށް ޓްރޭޑްނެޓުން މައުލޫމާތު ދެއްވައެވެ. މިހާތަނަށް ވަން-ގަވް ޕްލެޓްފޯމްގައި ހިމެނިފައިވާ އިދާރާތަކަކީ،

- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

- މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރކްޗަރ

- މިނިސްޓްރީ އޮފް ޓުއަރިޒަމް

- ހެލްތު ޕްރޮޓެކްޝަން އޭޖެންސީ

- ފުވައްމުލަކު ސިޓީ ކައުންސިލް


ވަން-ގަވް ޕްލެޓްފޯމްގެ ބައެއް ފީޗަރތައް

ވަން-ގަވް އިން ހިދުމަތް އެދުމަށް ބޭނުންކުރަންޖެހެނީ ސަރުކާރުގެ ޑިޖިޓަލް ލޮގިން އީފާސްއެވެ. މިޕްލެޓްފޯމްގައި ހިދުމަތްތައް ހުރީ ހިދުމަތުގެ ބާވަތުންނާއި އިދާރާގެ ނަމުން ކެޓަގަރައިޒްކޮށްފައެވެ. ބޭނުންވާ ހިދުމަތުގެ ނަން ޖަހައިގެން ހޯދުމަށް ފަހު ހިދުމަތަށް އެދޭ ފޯމު ފުރިހަމަ ކުރަންވަންވީއެވެ. ބޭނުންނަމަ ވަކި އިދާރާއަކުންދޭ ހިދުމަތްތައް ވަކިން ވެސް ހޯދާލެވެއެވެ. އަދި ވަކި ބާވަތެއްގެ ހިދުމަތްތައް ވަކިން ބަލާލެވެއެވެ.

ހިދުމަތަށް އެދުމަށް އަމިއްލަ މީހާގެ ނަމުގައި ނުވަތަ އެމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ އެމީހަކަށް ހުއްދަލިބިފައިވާ ކުންފުނީގެ ނަމުގައިވެސް ހިދުމަތަށް އެދެވެއެވެ. ބައެއް ހިދުމަތްތަކަކީ ހަމަ އެކަނި ކުންފުންޏަކަށް އެދެވޭ ހިދުމަތްތަކެވެ.


ވަކި ހިދުމަތަކަށް އެދުމަށް އެކަމަށް ކަނޑައެޅިފައިވާ ފޯމު ހުޅުވުމުން އެހިދުމަތާއި ގުޅޭ އިތުރު މައުލޫމާތު ފެނެއެވެ. މީގެ ތެރޭގައި އެހިދުމަތަށް އެދޭނެ ގޮތާއި، ބޭނުންވާ ޑޮކިޔުމަންޓްތަކާއި، ދައްކަންޖެހޭ ފައިސާގެ މައުލޫމާތާއި، ހިދުމަތަށް އެދި ނިމުމުން ކަންތައް ވާނޭގޮތާއި ހިދުމަތަށް އެދެން ހޭދަވާނެ ވަގުތާއި ހިދުމަތް ލިބުމަށް އަންދާޒާކުރާ ދިގުމިން ފަދަ މައުލޫމާތު ހިމެނެއެވެ.

ހިދުމަތާއި ގުޅޭ މައުލޫމާތު


ބޭނުންވާ ހިދުމަތެއް އިހްތިޔާރުކުރުމުން އެހިދުމަތަކަށް އެދެން ބޭނުންވާ މައުލޫމާތާއެކު ފުރިހަމަ ކުރަންޖެހޭ ފޯމެއް ފެނެއެވެ. އަދި ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކުރުމަށް ފަހު ހިދުމަތަކަށް އެެދެވެއެވެ.

ހިދުމަތަކަށް އެދޭ ފޯމެއް


ހިދުމަތަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ލިސްޓް ވަކިންވެސް މިޕްލެޓްފޯމް މެދުވެރިވެ ބަލާލެވެއެވެ. މިލިސްޓްގައި ހިދުމަތް ކުރިއަށް ގޮސްފައިވާ ހިސާބު ނުވަތަ ސްޓޭޓަސް ބަލާލެވެއެވެ. އަދި ހިދުމަތް ފޯރުކޮށްދޭ ފަރާތުން ދޭ ޖަވާބާއި ފީޑްބެކްވެސް ބަލާލެވެއެވެ. ހިދުމަތަކަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނަކަށް ކުރިއެރުމެއް ނުވަތަ ބަދަލެއް އަންނަނަމަ ނޮޓިފިކޭޝަން ލިބެއެވެ. އަދި ފައިސާ ދައްކަންޖެހޭ ހިދުމަތެއްނަމަ އޮންލައިންކޮށް ފައިސާ ދައްކާލުމުގެ ފީޗަރވެސް މިޕްލެޓްފޯމްގައި ހިމެނިފައިވެއެވެ.


ނޯޓު ކޮށްލުން މުހިއްމު

- ވަން-ގަވް ހިދުމަތުގެ ޕްރައިވަސީ ޕޮލިސީގައިވާ ގޮތުން ހިދުމަތަށް އެދޭ މީހާގެ ބައެއް ޒާތީ މައުލޫމާތު ޕްލެޓްފޯމް މެދުވެރިވެ އެއްކުރެއެވެ. އޭގެ ތެރޭގައި މީހާގެ ނަމާއި، އުފަން ތާރީޚާއި، އެޑްރެހާއި، އައިޑީކާޑު ނަންބަރާއި، އީމެއިލް އެޑްރެސް އަދި ފޯނު ނަންބަރު ހިމެނެއެވެ.

- ހިދުމަތުގެ ޖަވާބު ދިނުމަށާއި، ހިދުމަތްތަކާއި ޕްލެޓްފޯމާބެހޭ ހަބަރާއި މައުލޫމާތު ފޮނުވުމަށާއި، އަދި ހިދުމަތް ދިނުމުގެ ފެންވަރު ރަނގަޅު ކުރުމަށް މިމައުލޫމާތު ބޭނުންކުރެވެއެވެ.

- މިމައުލޫމާތު ހިއްސާކުރަނީ ހިދުމަތް ފޯރުކޮށްދޭ އިދާރާތަކަށާއި ޕްލެޓްފޯމް ތަރައްގީކުރުމަށް މަސައްކަތްކުރާ ޕާރޓްނަރުންނާއެވެ.

- ހިދުމަތް ފޯރުކޮށްދޭން ބޭނުންވާ ހުރިހާ މައުލޫމާތެއް ރައްކާކޮށްފައި ހުންނާނީ ވަންގަވްގެ ޑޭޓާ ސެންޓަރުތަކުގައެވެ. އަދި މިމައުލޫމާތު ރައްކާތެރިކަން އެފަރާތުން ކަށަވަރު ކުރާނެއެވެ.

- މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ޑޭޓާ އެންކްރިޕްޓްކުރުމާއި އެކްސެސް ކޮންޓްރޯލްކުރުމާއި ކަނޑައެޅިފައިވާ އުސޫލުން ޑޭޓާ މޮނިޓަރކުރުމާއި އޯޑިޓްކުރުން ފަދަ ކަންކަން ކުރިއަށް ދާނެއެވެ. މީގެ އިތުރުން ރައްކާތެރިގޮތުގައި ޑޭޓާ ބެލެހެއްޓާނޭ ތަމްރީން އިދާރާތަކުގެ މުވައްޒަފުންނަށް ފޯރުކޮށްދެވޭނެކަމަށް ވެއެވެ.

- ހިދުމަތްތައް ފޯރުކޮށްދިނުމަށް އެއްކުރެވޭ މައުލޫމާތު ހިދުމަތަށް އެދޭ މީހާއަށް ބަލާލެވޭނެއެވެ. އަދި މައުލޫމާތު ރަނގަޅު ކުރުން ނުވަތަ އަދާހަމަކުރުމުގެ އިހްތިޔާރު މީހާއަށް މިޕްލެޓްފޯމް މެދުވެރިވެ ލިބޭނެއެވެ. އަދި ޑޭޓާ އެއްކުރުމުގެ ހަރަކާތުން އޮޕްޓް-އައުޓް ކުރުމުގެ އިހްތިޔާރު ވެސް ލިބޭނެކަމަށް ޕޮލިސީގައި ވެއެވެ. އެހެން ނަމަވެސް މިކަން ބިނާވަނީ ހިދުމަތަށް އެދެން ބޭނުންވާ ޑޭޓާއަކަށެވެ.

- މިޕްލެޓްފޯމް މެދުވެރިވެ ހިދުމަތް ހޯދުމަށް ފައިސާ ދައްކަން ބޭނުންކުރެވެނީ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި-ޕޭ މެދުވެރިވެއެވެ.

- މިހާތަނަށް މިޕްލެޓްފޯމުގައި ހިމެނިފައިވަނީ ހަމައެކަނި 5 އިދާރާކަމުން މިއީ އަދި މުޅި ސަރުކާރުގެ ހިދުމަތްތަކުގެ ކުޑަ އިންތައްސައެކެވެ. ގިނަ ހިދުމަތްތައް އިތުރު ކުރެވުނު ވަރަކުން އާންމުންނަށް އިތުރަށް ފަސޭހަވާނެއެވެ.

- މީގެ ކުރިން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ފޯރުކޮށްދޭ ހިދުމަތްތައް މިޕްލެޓްފޯމާއި ގުޅާލެވިއްޖެނަމަ އަދި އިތުރަށް ފުރިހަމަވާނެއެވެ. މިހާރުވެސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެޕްމަންޓްއިން އޮންލައިންކޮށް ފޯރުކޮށްދޭ ބިޒްނަސް ޕޯޓަލްއާއި އެކްސްޕެޓް އޮންލައިންގެ ގިނަ ހިދުމަތްތަކެއް މިޕްލެޓްފޯމާއި ވަނީ އިންޓަރގްރޭޓްކުރެވިފައެވެ.

- މީގެ ކުރިން ގަވް.އެމްވީގެ ނަމުގައި އެހެން ޕްލެޓްފޯމެއް އެންސީއައިޓީއިން ވަނީ ތަރައްގީކޮށްފައެވެ. އެއީ ސަރުކާރު އިދާރާތަކުން ކުރާ މަސައްކަތްތަކާއި އިއުލާނުތައް ފަދަ މައުލޫމާތު ފެންނަ ސަރުކާރުގެ ވެބްސައިޓްތައް އެއްތަނަކުން ފެންނަ ޕްލެޓްފޯމެކެވެ. ވަންގަވް ޕްލެޓްފޯމަކީ ސަރުކާރުގެ ހުރިހާ އިދާރާތަކުގެ ހިދުމަތްތަކުގެ މައުލޫމާތާއި އެހިދުމަތްތަކަށް އޮންލައިންކޮށް އެދި ހުށަހެޅުމަށް އުފެއްދިފައިވާ ޕްލެޓްފޯމެކެވެ.

ސަރުކާރުގެ މިފަދަ އެހެން އިނީޝިއޭޓިވްތަކަކީ ވަރަށް ފޯރީގައި ލޯންޗުކުރެވުނު ނަމަވެސް އިތުރަށް ކުރިއެރުމާއި ތަރައްގީކުރުން ލަސް ކަންތައްތައްކަން ފާހަގަވެއެވެ. އެހެންކަމުން މިޕްލެޓްފޯމްގެ އަޕްޑޭޓްތައް އަވަސް މުއްދަތެއްގެ ތެރޭގައި ފެނުމަކީ ސަރުކާރުންދޭ ހިދުމަތްތައް ޒަމާނީކޮށް ޑިޖިޓައިޒްކުރުމަށާއި މިފަދަ އިނީޝިއޭޓިވްތަކަށް ސަރުކާރުންދޭ އަހަންމިއްޔަތު ދައްކުވައިދޭނެ މުހިއްމު ފިޔަވަޅެކެވެ.

އިތުރަށް ކިޔާލުމަށް

ގަވް.އެމްވީ މެސެޖުގެ ޚިދުމަތް ތަޢާރަފްކޮށްފި

ޓެކްނިއުސް އާއިއެެކު މިނިސްޓަރ ޝައުނާ


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.