އެމެރިކާގެ "އޮފްޝޯ ވިންޑް އިންޑަސްޓްރީ" ވުޖޫދަށް އަންނަނީ

އަޙްމަދު ދާއޫދު 14 ޖުލައި 2023

އެޓްލާންޓިކް ސިޓީ، އެންޖޭގެ އައްސޭރިފަށުން ގާތްގަނޑަކަށް 100 އެއްހާ ޓާބައިން އުފައްދަން ވިންޑް ކުންފުންޏަކުން ރާވާފައިވާ ޕްލޭނަށް ބައިޑަންގެ ސަރުކާރުން ރުހުން ދީފި އެވެ.

އޯޝަން ވިންޑް 1 ނަމަކަށް ކިޔާ މި ޕްރޮޖެކްޓަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ހުއްދަ ދިން ތިން ވަނަ އޮފްޝޯ ވިންޑް ފާމެވެ. މި ކުރިއެރުމުގެ ސަބަބުން 2025 ވަނަ އަހަރުގެ ނިޔަލަށް 16 ވިންޑް ފާމް ކުރިއަށް ގެންދިއުމަށް ވައިޓް ހައުސްއިން ކަނޑައަޅާފައިވާ އަމާޒަށް އޮތް ފަރަގު ނައްތާލުމަށް އެހީތެރިވެދެއެވެ.

"ބައިޑަން-ހެރިސްގެ ސަރުކާރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮފްޝޯ ވިންޑް އިންޑަސްޓްރީ ޖަމްޕް-ސްޓާޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އޯޝަން ވިންޑް 1 ޕްރޮޖެކްޓަށް ރުހުން ދިނުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކޮށް، ގައުމު ބާރުވެރިކުރުވައި ރަނގަޅު މުސާރަ ލިބޭ ޔޫނިއަން ވަޒީފާތައް އުފެއްދުމަށް ކުރާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް،" އިންޓީރިއާ ސެކްރެޓަރީ ޑެބް ހާލަންޑް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

ޑެންމާކުގެ ހަކަތަ އުފައްދާ ކުންފުންޏެއް ކަމަށްވާ އޮރްސްޓެޑް އޭ/އެސް އިން އުފެއްދި އޯޝަން ވިންޑް 1 އަކީ ނިއު ޖާޒީއާ ގާތްގަނޑަކަށް 15 މޭލު ދުރުގައި ގާއިމްކުރަން ނިންމާފައިވާ މަޝްރޫއެކެވެ.

ސްޓޭޓް އަދި ފެޑެރަލް ސަޕޯޓުގެ ސަބަބުން އެމެރިކާގައި އޮފްޝޯ އަށް މަޤުބޫލްކަން ލިބި ވައިގައި ހިފަމުން އެބަދެއެވެ. ބައިޑަންގެ ވެރިކަމުގައި ފާސްކުރި ފުރަތަމަ ބޮޑު ދެ މަޝްރޫއު މިހާރު ކުރިއަށް ދަނީ ނިއު އިންގްލެންޑްގެ އައްސޭރިފަށުގަ އެވެ.

އޮފްޝޯ ވިންޑް ލީސިން އެންޑް ކޮންސްޓްރަކްޝަން ބަލަހައްޓާ ފެޑެރަލް އެޖެންސީ ކަމަށްވާ ބިއުރޯ އޮފް އޯޝަން އެނާޖީ މެނޭޖްމަންޓްގެ ޑިރެކްޓަރު އެލިޒަބަތު ކްލެއިން ވަނީ މި ޕްރޮޖެކްޓަކީ އެމެރިކާގެ އޮފްޝޯ ވިންޑް އިންޑަސްޓްރީއަށް އެޅުނު އިތުރު މުހިންމު ފިޔަވަޅެއް ކަމަށް ސިފަކުރައްވާފައެވެ.

"މި ޕްރޮޖެކްޓަށް ރުހުން ލިބުމަކީ ސާފު ހަކަތަ އުފެއްދުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ފެޑެރަލް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށާއި މިއީ ނިއު ޖާޒީގެ ލީޑާޝިޕްގެ ހާލަތު ދައްކުވައިދޭ ކަމެއް،" އެކަމަނާ ވިދާޅުވި އެވެ.

މި ޕްރޮޖެކްޓަކީ ނިއު ޖާޒީގެ އައްސޭރިފަށުން ފެޑެރަލް އެޕްރޫވަލް އަށް ވާސިލްވުމަށް ހުށަހަޅާފައިވާ ފުރަތަމަ ޕްރޮޖެކްޓް ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން 2040 ވަނަ އަހަރުގެ ނިޔަލަށް 11 ގިގަވޮޓްގެ އޮފްޝޯ ވިންޑް ކަރަންޓު ގެނައުމަށް ސްޓޭޓްގެ އަމާޒަށް ވާސިލްވުމަށް މަގުފަހިވެގެންދާނެއެވެ.

އިންޓީރިއާ ޑިޕާޓްމަންޓުން ބުނި ގޮތުގައި މަޝްރޫޢުގެ ތެރޭގައި އަދި ގާތްގަނޑަކަށް ތިން އަހަރު ދުވަހުގެ ކޮންސްޓްރަކްޝަން ސައިކަލްގެ ތެރޭގައި ގާތްގަނޑަކަށް 3،000 ވަޒީފާ އުފެދޭނެ އެވެ.

ބިޒްނަސް ނެޓްވޯކް ފޯ އޮފްޝޯ ވިންޑްގެ ސީއީއޯ ލިޒް ބާޑޮކް ވިދާޅުވީ އޯޝަން ވިންޑް 1 އިން ފާހަގަކުރެވެނީ އޮފްޝޯ އިންޑަސްޓްރީގެ ސަބަބުން އުފެދިފައިވާ އިގްތިސާދީ ކުރިއެރުން ކަމަށެވެ.

"އެމެރިކާގެ އޮފްޝޯ ވިންޑް އިންޑަސްޓްރީގައި މިވަގުތު ހަދަމުން ދަނީ ފެނުގައި ދެ ވިންޑް ފާމެއް. ދެން ހުރި ޕްރޮޖެކްޓްތަކުގެ މަސައްކަތް ފަށާނީ އެޕްރޫވަލް ލިބުމުން،" އެކަމަނާ ވިދާޅުވި އެވެ.

އޯޝަން ވިންޑް 1 ގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް މި ޕްރޮޖެކްޓަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ.

ނިއު ޖާޒީގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ފެޑެރަލް ޓެކްސް އިނާޔަތްތަކުގެ ފުރިހަމަ އިގްތިސާދީ މަންފާ މި ޕްރޮޖެކްޓަށް ދިނުމަށް ބިލެއް ފާސްކޮށްފަ އެވެ.

ޕްރޮޖެކްޓް އެޕްރޫވަލް ދިނުމުން އަމިއްލަ ސްޓޭޓްގައި ވެސް ފާޑުކިޔުންތަކަށް ހިތްވަރު ލިބޭނެ ކަމަށް ބެލެވެ އެވެ.

ނިއު ޖާޒީއަކީ ރިޕަބްލިކަން ޕާޓީގެ ބައެއް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ބީޗް ހޯމްއޯނަރުންނާއި ކޮންޒަވޭޓިވް ޕޮލިސީ ގްރޫޕްތަކުން ކަނޑުގެ ދިރުންތަކަށް ކުރާ ނޭދެވޭ އަސަރުތައް ހިމެނޭ ގޮތަށް އެކި ސަބަބުތަކާ ހުރެ އޯޝަން ވިންޑާ ދެކޮޅު ހަދަމުން އަންނަ ބަޔަކު ދިރިއުޅޭ ސިޓީއެކެވެ.

އޯޝަން ވިންޑް 1 އަށް ކޭޕް މޭ ކައުންޓީ، އެންޖޭ ފަދަ އައްސޭރިފަށުގެ މުޖުތަމައުތަކުގެ ނުރުހުން އަމާޒުވެފައިވާއިރު، އެ ސަރަހައްދުގެ ލީޑަރުން ދަނީ ދައުލަތުގެ ހުއްދަތަކާ ދެކޮޅަށް ހަނގުރާމަ ކުރަމުން ކަމަށާއި ވިންޑް ޕްރޮޖެކްޓްގެ ސަބަބުން ޓޫރިޒަމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އެމީހުން ދަނީ ބުންމުންނެވެ.

މިދިޔަ މަހު އޮފްޝޯ ވިންޑާ ދެކޮޅަށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެ ޕްރޮޖެކްޓަށް ދައުލަތުން ރުހުން ދިނުމާ ދެކޮޅަށް ދައުވާކޮށްފަ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.