ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ލުއިވާން ކާ ބޭސް ބޭނުންކޮށްފައި ހުއްޓުމުން ވަރަށް އަވަހަށް މީހުން ބަރުވެއެވެ. އަދި މި ބަރުވާ މިންވަރު ލުއިވުމަށް ބޭނުން ކުރާ އެހެން ގޮތްތަކަށް ވުރެ މާ ހަލުވިއެވެ. މިގޮތުން މީހުންގެ ބަރުދަން %15-20 ދަށްކޮށްދީ، ލޭގެ ހަކުރާ، ޕްރެޝަރާއި ސަރުބީ މަދުކުރުމަށް މަޝްހޫރުވެފައިވާ ޖީއެލްޕީ-1 ރިސެޕްޓަށް އެގްނޮސްޓިސް ބޭހަކީ މިކަމަށް ފާހަގަކުރެވޭ ބޭސްތަކަކެވެ. މިއީ އެމެރިކާއާއި ދުނިޔޭގެ އެކި ތަންތަނުގެ އެތައް މިލިއަން ބަޔަކުބޭނުންކުރަމުންދާ ވެގޯވީ، ޒެޕްބައުންޑް، އޮޒެމްޕިކް، އަދި މައުންޖާރޯ ފަދަ ބޭސްތަކުގެ ވައްތަރެވެ. މިފަދަ ބޭސްތަކަކީ ބޭނުންކުރަންފެށުމުން ދާއިމަށް ބޭނުންކުރަން ހަދާފައިވާ ބޭސްތަކެކެވެ. ނަމަވެސް ގިނަ ފަރާތްތަކުން އެކި ސަބަބުތަކާއި ހުރެ މި ބޭސް ބޭނުންކުރުން 2 އަހަރަށް ފަހު ހުއްޓައެވެ. މި ކަމުގެ ސަބަބުން މިބޭހުން ލިބުނު ފައިދާތައް ވަރަށް އަވަހަށް ގެއްލިދާކަން ދިރާސާތަކުން ދައްކައެވެ.
ޔުނިވަރސިޓީ އޮފް އޮކްސްފޯޑް ދަ ބީއެމްޖޭގައި ޝާއިއުކޮށްފައިވާ ދިރާސާ މިކަމާބެހޭ އެތައް ދިރާސާތަކެއް ރިވިއުއަކޮށްފައި ފެނުނުގޮތުގައި މިފަދަ ބޭސްތައް ބޭނުންކޮށްގެން ލިބޭ ފައިދާތައް މި ބޭސް ހުއްޓާލުމުން ވަރަށް އަވަހަށް ގެއްލިގެން ދެއެވެ. ވަކިން ހާއްސަކޮށް ޑަޔަޓްކުރުމުންނާއި ކަސްރަތުކުރުންފަދަ އެހެން ބަރުދަން ދައްކުރާގޮތްތަކަށް ވުރެ 4 ގުނަ އަވަހަށް ފައިދާތައް ގެއްލިގެންދެއެވެ. މިގޮތުން މި ދަރާސާގައި މި ބޭސްބޭނުންކުރުމަށް ފަހު ހުއްޓާލި 9،341 ބައިވެރިންނާއި 37 ކްލިނިކަލް ޓްރައިއަލް މުޅިއެއްކޮށް ހިމެނެއެވެ.
މި ދިރާސާގައި ބަލާފައިވާ ބޭސްތައް ބޭނުންކުރުން ހުއްޓުމުން ވަރަށް އަވަހަށް ގެއްލުނު ބަރުމިން އަނބުރާ އަންނަކަން ފާހަގަކޮށްލެވިފައިވެއެވެ. މިގޮތުން، މި ބޭސްބޭނުންކުރުން ހުއްޓާލާ ފަރާތްތައް މަހަކު 0.4 ކިލޯ ބަރުވާކަމަށް ފާހަގަކޮށްލެވެއެވެ. އަދި ކުރިންހުރި ބަރުމިނަށް ގާތްގަނޑަކަށް 1.7 އަހަރު ފަހުން އަނބުރާ ދެއެވެ.
ބަރުދަން ދަށްކުރާ ކޮންމެ ފަރުވާއެއްވެސް ހުއްޓުމުން އަނބުރާ ބަރުވާ ކަމުގައިވިސް، މިބޭސްތައް ބޭނުން ކުރުން ހުއްޓުމުން ބޮޑަށް ފާހަގަކޮށްލެވެނީ އެހެން ފަރުވާތަަކަށް ވުރެ އަވަހަށް ބަރުދަން އަނބުރާ އިތުރުވާކަމެވެ. މީގެ އިތުރުން، މިފަދަ ބޭސްތަކުން ލިބޭ ލޭގެ ޕްރެޝަރާއި، ހަކުރާއި ސަރުބީ މަދުވުން ފަދަ ފައިދާތައް ގާތްގަނޑަކަށް 1.4 އަހަރުތަކުގައި ގެއްލޭކަމަށް ފާހަގަކޮށްލެވެއެވެ. މިޔަކީ ކަސްރަތުކުރުން ފަދަ އެހެން ބަރުދަން ބަލަހައްޓަން ބޭނުންކުރާ ފަރުވާތަކަށްވުރެ 4 ގުނަ އިތުރުވުމެކެވެ.
ކުއްލިޔަކަށް މިފަދަ ބޭސްތައް ހުއްޓުމުން ލިބޭ ސިއްހީ ފައިދާތައް އަވަހަށް ގެއްލުމުގެ އިތުރުން، ބަލިމީހުންގެ ދުޅަހެޔޮކަމަށްވެސް ނޭދެވޭ އަސަރުތައް ކުރިމަތިވެދާނެކަމަށް ސިއްހީ މާހިރުން ފާހަގަކޮށްލާފައިވެއެވެ.
ޖީއެލްޕީ-1 ބޭސްތަކަކީ ގިނަ ފައިދާތަކެއް ލިބޭ، ދިގުމުއްދަތަކަށް ބޭނުންކުރަން ހަދާފައިވާ ބޭސްތަކެކެވެ. ނަމަވެސް، މި ބޭސްތަކަކީ ވަރަށް ގިނަ ފަރާތްތަކުން އެކި ސަބަބުތަކަކާއި ހެދި މެދު ކަނޑާލަން ޖެހިފައިވާ ބޭހެކެވެ. މި ކަމަށް މެދުވެރިވާ މައިގަނޑު ސަބަބަކަށް ފާހަގަކޮށްލެވިފައިވަނީ މި ބޭސްތަކުގެ އަގު ބޮޑުވުމާއި މި ބޭސް ބޭނުންކުރާ ބައެއް ފަރާތްތަކަށް މޭނުބައިކުރުމާއި އެފަދަ އެހެން ސައިޑްއިފެކްޓްތައް ކަން ފާހަގަކޮށްލެވެއެވެ.
ދިރާސާވެރިން ފާހަގަކޮށްލާފައިވާގޮތުގައި މި ބޭސްހުއްޓާ ގިނަ ފަރާތްތަކުން ބަރުދަން އަނބުރާ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މި ބޭސްތަކެއް ނޫނެވެ. މިފަދަ ބޭސްތައް މަސައްކަތްކުރަނީ ބަނޑުހައިކަން މަދުކޮށް، މީހުން ކާންބޭނުންވާ ވަރު ކުޑަކުރަމުންނެވެ. ދިރިއުޅުމަށް ބަދަލުތަކެއް ނުގެނެސް މި ބޭސް ހުއްޓުމުން އަވަހަށް ބަރުދަން އަނބުރާ އިތުރުވާކަމަށް ދިރާސާވެރިން ފާހަގަކޮށްލާފައިވެއެވެ. މިކަމުގެ ހައްލަކަށް ބަރުދަން ލުއިކުރުމަށް ދިގުދެމިގެންދާނެ ފުރިހަމަ ނިޒާމުތަކެއް ގާއިމުކުރުން މުހިންމުކަމަށް ފާހަގަކޮށްލާފައިވެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.