ވަޓްސްއެޕުން ޝޯޓް ވީޑިއޯ މެސެޖް ފީޗާ ތައާރަފްކުރަން ފަށައިފިއެވެ.
މެޓާގެ ސީއީއޯ މާކް ޒަކަބާގް މިއަދު ވިދާޅުވީ ވަޓްސްއެޕުން އާ ފީޗާއެއް، ކުރު ވީޑިއޯ މެސެޖް ތައާރަފް ކުރަން ނިންމާފައިވާ ކަމަށެވެ.
ބުރާސްފަތި ދުވަހުން ފެށިގެން މި އަޕްޑޭޓް ތައާރަފްކުރަމުން އަންނައިރު، ވަޓްސްއެޕް ޗެޓްތަކުގެ ތެރޭގައި ސީދާ ކުރު، ޕާސަނަލް ވީޑިއޯތައް މިފީޗާއިން ފަސޭހަކަމާއެކު ރެކޯޑްކޮށް ޝެއާ ކުރެވޭނެ އެވެ.
މީގެ ކުރިން ވަޓްސްއެޕުން ވޮއިސް މެސެޖް ތައާރަފްކޮށްފައިވާއިރު، މިހާރު އާ އަޕްޑޭޓާއެކު ވީޑިއޯ މެސެޖް ތައާރަފްކުރުމާއެކު، ވާހަކަ ދެއްކުމުގައި ވިޝުއަލް އެލިމެންޓްތައް ހިމަނައިގެން މުއާމަލާތްތައް އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް ވަޓްސްއެޕުން ބުނެއެވެ.
މި ވީޑިއޯ މެސެޖު ފީޗާގެ ސަބަބުން 60 ސިކުންތުގެ ކްލިޕްތަކުގައި ރިއަލް ޓައިމްގައި ޗެޓްތަކަށް ޖަވާބު ދެވޭނެ އެވެ.
ވަޓްސްއެޕުން ބުނީ މި ފީޗާގެ ސަބަބުން "ވަގުތުތައް ޝެއާ ކުރުމަށް މުޅިން އާ ސިފައެއް އަންނާނެ ކަމަށް އުންމީދު ކުރާ ކަމަށާއި، އޭގެ ސަބަބުން ނަފްސާނީ ގޮތުން އިތުރު އެކްސްޕްރެސިވް އެކްސްޕީރިއަންސަކަށް މަގުފަހިވެގެންދާނެ ކަމަށެވެ.
އުފަންދުވަހުގެ ތަހުނިޔާ ފޮނުވުން ކަމުގައި ވިޔަސް، ޖޯކަކަށް ހިތްގައިމު ހިނިތުންވުމެއް ހިއްސާކުރުން ކަމުގައި ވިޔަސް، ނުވަތަ އުފާވެރި ޚަބަރެއް ދިނުން ކަމުގައި ވިޔަސް، ވީޑިއޯ މެސެޖުތަކުން ވާހަކަދެއްކުމަކީ އިތުރަށް ހިތްގައިމު އަދި ދިރުންހުރި ވާހަކަތަކަކަށް ހެދުމަށް މަގުފަހިވެގެން ދާނެކަމަކެވެ.
މި ފީޗާ ބޭނުންކުރާނީ ކިހިނެއް؟.
އެޕްގެ މަތީ ކަނާތް ފަރާތުގައިވާ މެސެޖް ބޮކްސް ކައިރީގައި ކެމެރާ އައިކަންއެއް މި އަޕްޑޭޓް ލިބުމުން ފެންނާނެއެވެ. އެ އައިކަންއަށް އޮބާލުމުން ވީޑިއޯ ފީޗާ ހުޅުވޭނެއެވެ. ދެން ވީޑިއޯ ރެކޯޑް ބަޓަން އަށް ފިތާލައިގެން ހިފަހައްޓައިގެން ވީޑިއޯ ނަގަމުން ދާށެވެ.
މީގެ އިތުރުން ސްކްރީންގައި ސްވައިޕްކޮށްގެން ހޭންޑްސް ފްރީ ރެކޯޑިން އޮޕްޝަނެއް ވެސް ލިބެން ހުންނާނެ އެވެ.
ޗެޓަކަށް ލިބުމުން ކޮންމެ ވީޑިއޯއެއްވެސް އޮޓޮމެޓިކުން މިއުޓްވާނެއެވެ. އޭގެ މާނައަކީ ރައްޓެއްސަކު ފޮނުވާ ވީޑިޯ ކްލިޕެއް ޕްލޭކޮށްލިޔަސް އަޑު ހުންނާނީ ޑިފޯލްޓްކޮށް މިއުޓްވެފައެވެ. އަޑާއެކު ޕްލޭކޮށްލަން ބޭނުންނަމަ އަޑު އަން މިއުޓް ކޮށްލަން ޖެހޭނެއެވެ.
ވަޓްސްއެޕުން ބުނީ ވީޑިއޯ މެސެޖުތައް ހިމާޔަތް ކުރާނީ ބޭނުންކުރާ މީހުންގެ ޕްރައިވެސީ ހިމާޔަތް ކުރުމުގެ ގޮތުން އެންޑް ޓު އެންޑް އެންކްރިޕްޝަން މެދުވެރިކޮށް ކަމަށެވެ.
ވަޓްސްއެޕުން ބުނީ މި ފީޗާ މިހާރު ރޯލްއައުޓް ކުރަން ފަށާފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަޓްސްއެޕް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް މި ފީޗާ ލިބެން ހަފުތާތަކެއް ނަގާފާނެ ކަމަށެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.