އޭ.އައި އަށް ވުރެން ކުރީގައި ކުއަންޓަމް ކޮމްޕިއުޓިން

ޝުޖާޢަތު ރަޝީދު 30 ސެޕްޓެމްބަރު 2023

ނިމިގެންދިޔަ 2022 ވަނަ އަހަރުގައި އެމެރިކާގެ ލަޝްކަރީ ބަރުގެ ޓެކްނޮލޮޖީ އާއި ސައިބާސެކިއުރިޓީ ކޮމިއުނިޓީއިން 2023 ވަނަ އަހަރަކީ ކުއަންޓަމް ކޮމްޕިއުޓިންއަށް "ރީސެޓް" އަހަރު ކަމުގައި ބުނެފައިވެއެވެ.

އެމީހުންގެ ހޯދުންތަކުން ދެއްކި ގޮތުގައި ކުއަންޓަމް ސިސްޓަމްތައް ރައްކާތެރި އެއްޗެއް ގޮތުގައި ކަނޑައެޅި ހަމަޖެހިގެންދާން ނަގާނެ ވަގުތަކީ އެމީހުންގެ އަމިއްލަ ރައްކާތެރިކަމަށް ގޮންޖެހުމަކަށް ވާނެ ފަދަ ކޮމްޕިއުޓިން ސިސްޓަމްތައް އުފެދިގެންދާނެ ވަގުތާއި އެެއް ވަގުތަކަށް ވާނެއެވެ. މިއީ ގާތްގަނޑަކަށް 4 އަހަރާއި 6 އަހަރާއި ދެމެދެވެ.

ކުއަންޓަމް ކޮމްޕިއުޓިންއަކީ ތަފާތު ގޮންޖެހުންތަކެއް ހުށަހަޅައި، ހީވެސް ނުކުރާ ފަދަ ކޮމްޕިއުޓޭޝަނަލް ބާރެއް ވައުދުކޮށްދޭ ޒަމާނީ ޓެކްނޮލޮޖީއެކެވެ. ބައިނަރީ ލޮޖިކް (0s އަދި 1s) އަދި ސީކުއެންޝަލް ކަލްކިއުލޭޝަންސް ބޭނުންކޮށްގެން ހިންގާ ޓްރެޑިޝަނަލް ކޮމްޕިއުޓިންއާއި ހިލާފަށް، ކުއަންޓަމް ކޮމްޕިއުޓިން މަސައްކަތް ކުރަނީ ކުއަންޓަމް ބިޓްސް ނުވަތަ ކިއުބިޓްސް ބޭނުންކޮށްގެން ނެވެ.

މިކަމުގެ ސަބަބުން ކުއަންޓަމް ކޮމްޕިއުޓަރުތަކަށް އެއްފަހަރާ ގިނަ އަދަދެއްގެ ހިސާބުތައް ހެދުމަށް މަގުފަހިވެ، ކުއަންޓަމް މެކޭނިކްސްގެ ޕްރޮބެސިބިލިޓީ ސިފަ ގެ ބޭނުން ހިފިއެވެ.

ކުއަންޓަމް ކޮމްޕިއުޓިންގެ ފުރުސަތު އޮންނަނީ ގިނަ އަދަދެއްގެ މަޢުލޫމާތު އެއް ވަގުތެއްގައި ޕްރޮސެސްކުރުމުގެ ޤާބިލުކަމުގެ ސަބަބުން އާންމު ކޮމްޕިއުޓަރުތަކާއި އަޅާބަލާއިރު ކޮމްޕިއުޓޭޝަނަލް ބާރު ވަރަށް ބޮޑުތަނުންވެސް އިތުރުވުމެވެ.

އާންމު ކޮމްޕިއުޓަރަކުން އެންމެ މީހެއްގެ ރޭހެއްގެ ނަތީޖާ ހިސާބު ކުރެވޭއިރު، ކުއަންޓަމް ކޮމްޕިއުޓަރަކުން އެއްފަހަރާ އެކި ރޫޓްތަކާއެކު އެތައް މިލިއަން ބައިވެރިން ބައިވެރިވާ ރޭހެއް އެނަލައިޒްކޮށް، ޕްރޮބެބިލިޓީ ބޭސްޑް އެލްގޯރިދަމްތައް ބޭނުންކޮށްގެން އެންމެ އެކަށީގެންވާ ނަސީބުވެރިޔާ ދެނެގަނެވިދާނެއެވެ.

ކުއަންޓަމް ކޮމްޕިއުޓަރުތަކަކީ ލޮޖިސްޓިކްސް، ސިއްޙީ ދާއިރާ، ފައިނޭންސް، ސައިބާ ސެކިއުރިޓީ، ވެދަރ ޓްރެކިންގ، އެގްރިކަލްޗަރ ފަދަ ދާއިރާތަކަށް އިންގިލާބީ ބަދަލުތަކެއް ގެނައުމާއި، ގިނަ ޕްރޮބެބިލިޓީ ނަތީޖާތަކާއެކު އޮޕްޓިމައިޒޭޝަން މައްސަލަތަކާއި ސިމިއުލޭޝަންތައް ޙައްލުކުރުމަށް އެންމެ އެކަށީގެންވާ ކޮމްޕިއުޓަރެކެވެ.

އޭގެ އަސަރު ޖިއޮޕޮލިޓިކްސްއަށް ފެތުރި، ދުނިޔޭގެ ފެންވަރުގައި ޕަވަރ ޑައިނަމިކްސް އަލުން ބައްޓަން ކުރެވިދާނެއެވެ.

ކުއަންޓަމް ކޮމްޕިއުޓަރުތަކުގެ ފުރިހަމަ ގާބިލުކަމާއި ހަމައަށް ވާސިލްވުމަށްޓަކައި، އެއާރ-ކަރެކްޓިންގ ކިއުބިޓްތައް އުފެއްދުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިހާރުގެ ކުއަންޓަމް ޕްރޮސެސަރުތަކަށް ގިނަ ފަހަރަށް ގިނަ އަދަދެއްގެ ސްޓޭންޑަޑް ކިއުބިޓް ބޭނުންވަނީ އެއް ކުށެއް ރަނގަޅުކުރާ ކުއިބިޓެއް ހާސިލް ކުރުމަށެވެ. ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މިކަމަށް ހައްލެއް ލިބޭނެ ކަމުގެ އުއްމީދު އެބައޮތެވެ.

ކުއަންޓަމް ކޮމްޕިއުޓިންއަކީ މީގެ ކުރިން ނުދެކޭ ފަދަ ކޮމްޕިއުޓޭޝަނަލް ބާރެއް ފޯރުކޮށްދީ، އެކި ސިނާއަތްތަކާއި ދާއިރާތަކަށް އިންގިލާބީ ބަދަލެއް ގެނެސް، އަޅުގަނޑުމެންގެ ދުނިޔެ ބަދަލުކުރުމުގެ ވައުދެވެ. ގޮންޖެހުންތައް ހުރި ނަމަވެސް، ކުއަންޓަމް ޓެކްނޮލޮޖީއަށް ލިބެމުންދާ ކުރިއެރުންތަކުން އެނގެނީ ކޮންމެ ވަގުތެއްގައިވެސް ކާމިޔާބީތަކެއް ލިބިދާނެ ކަމެވެ.

ކުއަންޓަމް ކޮމްޕިއުޓިންގެ ޕޮޓެންޝަލް ބޭނުންކުރާއިރު، މިއީ ހުރިހާ ފްރޮންޓިއަރ ޓެކްނޮލޮޖީތަކުގެ ތެރެއިން ވެސް އެންމެ އަސަރުގަދަ ޓެކްނޮލޮޖީއަކަށް ވުމުގެ ފުރުސަތު އެބައޮތެވެ.

މިހާރުވެސް ދުނިޔޭގެ އެތަކެއް ވިޔަފާރިތަކުން ކުއަންޓަމް ކޮމްޕިއުޓިން ބޭނުން ކުރާކަން އެކި ތަފާސް ހިސާބުތަކުން ދައްކައެވެ.

މިފަދަ ޓެކްނޮލޮޖީތަކަށް ތައްޔާރު ވުމަށްޓަކައި މިހާރުންސުރެން ދިރާސާތައްކޮށް، ދުނިޔޭގެ ކަންކޮޅުތަކުގައި ކޮށްފައިވާ ދިރާސާތައް ބަލައި ތަޢުލީމީ ދާއިރާގައި މިފަދަ ޓެކްނޮލޮޖީގެ ބޭނުން އުނގަންނައި ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

އިތުރަށް ކިޔާލުމަށް:

69% ވިޔަފާރިތަކުން ކުއަންޓަމް ކޮމްޕިއުޓިން ބޭނުންކުރޭ

މާލީ އެކްސްޗޭންޖްތައް ކްލައުޑް ކޮމްޕިއުޓިންއާއި ދިމާލަށް

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.