ނިސާންގެ ހުރިހާ ވެހިކަލެއް 2030ގެ ނިޔަލަށް އީވީ އަށް!

އަޙްމަދު ދާއޫދު 05 އޮކްޓޯބަރު 2023

ޖަޕާންގެ މަލްޓިނޭޝަނަލް ކުންފުންޏެއް ކަމުގައިވާ ނިސާން އިން އުފައްދާ ހުރިހާ ވެހިކަލެއް 2030 ވަނަ އަހަރުގެ ނިޔަލަށް އިލެކްޓްރިކް އަށް ބަދަލުކުރާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އިނގިރޭސިވިލާތުގައި ހުންނަ އެކުންފުނީގެ ހެޑްއޮފީހުން މިކަން ހާމަކޮށްފައި މިވަނީ 2030 ވަނަ އަހަރު އިނގިރޭސިވިލާތުން ޕެޓްރޯލާއި ޑީސަލް ވިއްކުން މަނާކުރުން 2035 ވަނަ އަހަރަށް ފަސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ނިސާންގެ ވެރިޔާ ބުނީ އެ ކުންފުނީގެ މި ފިޔަވަޅަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ކާރުވިޔަފާރީގެ މަޝްހޫރު ކުންފުނި، އެސްއެމްއެމްޓީއިން ވަނީ ޕިއުލް ބޭނުންކޮށްގެން ދުއްވާ ކާރުތައް މަނާކުރުން ފަސްކުރުމުން ކަސްޓަމަރުން އިލެކްޓްރިކް އުޅަނދުތަކަށް ބަދަލުވުން ލަސްވާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މީގެ އިތުރުން އިލެކްޓްރިކް ވެހިކަލް (އީވީ) ޗާޖިން ވަގުތާއި ޚަރަދު ވެސް ކުޑަވެގެންދާނެ ކަމަށް ބުނާ މި ދިހަ އަހަރު ނިމުމުގެ ކުރިން ނިސާން އިން އާ ބެޓެރީ ޓެކްނޮލޮޖީ އެއް ތައާރަފް ކުރާނެ އެވެ.

"ނިސާން އިން 2030 ވަނަ އަހަރުގެ ނިޔަލަށް ޔޫރަޕުގައި ފުލް އިލެކްޓްރިކަށް ބަދަލުވާނެ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއީ އަޅުގަނޑުމެންގެ ވިޔަފާރިއަށާއި ކަސްޓަމަރުންނަށާއި ދުނިޔެއަށް ވެސް އެންމެ ރަނގަޅު ގޮތް،" ނިސާންގެ ޗީފް އެގްޒެކެޓިވް މަކޯޓޯ އުޗިޑާ ވިދާޅުވި އެވެ.

ޚަރަދުގެ ޓާގެޓް

ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި އުޗީޑާ ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް ބޭނުންވާ އިލެކްޓްރިކް ވެހިކަލްތަކުގެ އަގު ހެޔޮކުރުން ކަމަށްވާއިރު، އެކުންފުނިން ބުނީ އެގޮތުން ޕެޓްރޯލާއި ޑީސަލް އަޅައިގެން ދުއްވާ ކާރަށް ވުރެ އަގު ބޮޑު ނުވާނެ ކަމަށެވެ.

އެކަމަށް ކުޑަ ވަގުތުކޮޅެއް ނަގާފާނެ ކަމަށާއި ނަމަވެސް ކުރިއަށް އޮތް އަހަރުތަކަށް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުޗީޑާ ވިދާޅުވީ އެ ކުންފުނިން ހަލުވި ކަމާއެކު މަސައްކަތް ކުރަމުން ދަނީ ލުއި، އަގުހެޔޮ އަދި ޗާޖު ކުރަން އަވަސް ބެޓެރީއެއް ކަމަށްވާ އޯލް ސޮލިޑް ސްޓޭޓް ބެޓެރީ (އޭއެސްއެސްބީ) ގެ ނަމުގައި ތަފާތު ވައްތަރެއްގެ ބެޓެރީ ޓެކްނޮލޮޖީއެއް އުފެއްދުމަށް ކަމަށެވެ.

"އަންނަ އަހަރުން ފެށިގެން ޖަޕާނުގައި އޭއެސްއެސްބީގެ ޕައިލެޓް ޕްލާންޓެއް ގާއިމުކުރާނަން، އަޅުގަނޑުމެން ބޭނުންވަނީ 2028 ވަނަ އަހަރުގެ ކުރިން ޔަޤީންކަމާއެކު އުފެއްދޭނެ ކަން ކަށަވަރު ކުރަން،" އޭނާ ވިދާޅުވި އެވެ.

"މިކަމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި، އެކަމަކު އަޅުގަނޑުމެންނަށް ހައްލެއް އެބައޮތް، އަޅުގަނޑުމެން މިތިބީ އެ ޓާގެޓް ހާސިލްކުރަން،" އޭނާ ވިދާޅުވި އެވެ.

ބެޓެރީ ފެކްޓްރީ

ނިސާން އަކީ އިނގިރޭސިވިލާތުގައި އަމިއްލަ ބެޓެރީ އުފެއްދުމުގެ ގާބިލުކަން ހުރި ހަމައެކަނި ކާރު ކުންފުންޏެވެ.

މިދިޔަ އަހަރު އެ ކުންފުނިން ވަނީ އެ ކުންފުނީގެ ސަންޑަލޭންޑް ކާރު ޕްލާންޓް ކައިރީގައި ހުންނަ ފެސިލިޓީ ފުޅާކުރުމަށް އެއް ބިލިއަން ޕައުންޑް އިންވެސްޓް ކުރަން ނިންމާފައިވާ ކަން އިއުލާންކޮށްފަ އެވެ. މި މަސައްކަތަށް ސަރުކާރުން ވަނީ 100 މިލިއަން ޕައުންޑްގެ އެހީއެއް ދީފަ އެވެ.

އެކަމުގެ ސަބަބުން ޗައިނާ އިން ބެޓެރީގެ ބޮޑު ބައެއް އެތެރެކުރާ އެހެން ކާރު އުފައްދާ ކުންފުނިތަކަށް ވުރެ ނިސާން އަށް އެޑްވާންޓޭޖެއް ލިބެ އެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހު އަމަލުކުރަން ފަށާ ބްރެކްސިޓަށް ފަހު ވިޔަފާރީގެ އުސޫލަށް އަމަލުކުރަން ފަށާއިރު، އިނގިރޭސިވިލާތުގައި ނުވަތަ އީޔޫގައި އުފައްދާ އުޅަނދުތަކުން އެ އުޅަނދުތަކުގެ ކޮމްޕޯނެންޓްތަކުގެ 45 ޕަސެންޓް އިނގިރޭސިވިލާތުން ނުވަތަ އީޔޫ އިން އަގުން ނަގަން ޖެހެ އެވެ.

ބެޓެރީއަކީ އިލެކްޓްރިކް ވެހިކަލެއްގެ އެންމެ އަގުބޮޑު ބައި ކަމަށްވާތީ، އިނގިރޭސިވިލާތާއި އީޔޫގެ ބައެއް އުފެއްދުންތެރިން ވެސް ވަނީ އެ ލަނޑުދަނޑިއަށް ވާޞިލްނުވެވޭނެ ކަމަށް ބުނެ، ޕްލާންޓްތައް ތައްޔާރުކޮށް ބެޓެރީ ސަޕްލައި ކުރެވެންދެން ފަސްކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.

ބިޒްނަސް ސެކްރެޓަރީ ކެމީ ބަޑެނޯޗް ދާދި ފަހުން ބީބީސީއަށް ވިދާޅުވީ ސަރުކާރުން އުއްމީދު ކުރަނީ ފަސްކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.