ޑީބަންކަތޯން ހެކަތޯން އިއުލާނުކޮށްފި

ނޭޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް (އެންޑީއައި) އާއި ގުޅިގެން ވިމެން އިން ޓެކް އިން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 އަދި 28 ވަނަ ދުވަހު , ހުޅުމާލޭ ވޯޓަރސް އެޖްގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޑީބަންކަތޯން" ގެ ނަމުގައި މުޅިން އާ 24 ގަޑިއިރުގެ ހެކަތޯނެއް އިއުލާނުކޮށްފައެވެ.

މި ހެކަތޯންގެ މަގްސަދަކީ މީޑިއާ ލިޓްރޭސީއާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޓެކްނޮލޮޖީގެ ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ހައްލު ހޯދުމެވެ. ދޮގު މައުލޫމާތު ހުއްޓުވުމަށް ދެމެހެއްޓެނިވި އަދި އީޖާދީ ގޮތްތައް ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި ހެކަތޯންގައި ތިން ނުވަތަ ފަސް މެންބަރުންގެ ޓީމްތަކުގެ ގޮތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓްރީވާ ޓީމުތަކުގެ ތެރެއިން ފަސް ޓީމެއް މި ހެކަތޯންގައި ވާދަކުރުމަށް ހޯވާލެވޭނެއެވެ. މި ހެކަތޯންގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ މާހައުލާއި ގުޅުންހުރި މައްސަލަތަކަށް ހައްލު ހޯދައި، އާ އަދި އިނޮވޭޓިވް ޚިޔާލުތައް ދެނެގަތުމެވެ. މި މުބާރާތުން މޮޅުވާ ޓީމަށް ތައްޔާރުކުރާ ޕްރޮޓޯޓައިޕް ނިންމުމަށް 8،000 ޑޮލަރުގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދޮގު މައުލޫމާތަކީ ގަސްތުގައި އާންމުން އޮޅުވާލައި މެނިޕިއުލޭޓް ކުރުމަށް ބޭނުންކުރެވެމުން އަންނަ ވަސީލަތެކެވެ. އެއީ ކަމާބެހޭ ފަރާތްތަކާއި މީޑިއާތަކަށް އޮންނަ އާންމުންގެ އިތުބާރު ގެއްލުވައި، ރައްޔިތުންނަށް މައުލޫމާތު ލިބިހުރެ ނިންމުންތައް ނިންމުމުގެ ގާބިލްކަމަށް ހުރަސްއަޅައި، ޑިމޮކްރަސީތަކަށް ގެއްލުން ފޯރުވާ ކަމެކެވެ. އަދި ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު އިތުރުވުމާއެކު، މިހާރު ނެޓްވޯކްތަކުގައި ދޮގު މައުލޫމާތުތައް ފަސޭހައިން އަދި ހަލުވިކަމާއެކު، ފަތުރާފަރާތުގެ ނަމެއް ޖެހުމަކާއި ނުލައި، ހަރަދު ކުޑަގޮތެއްގައި ފެތުރިގެންދެއެވެ. މިކަންވެފައިވަނީ މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކަކަށް ހައްލުކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މައްސަލައަކަށްށެވެ. ވިމެން އިން ޓެކް އިން ގަބޫލުކުރާ ގޮތުގައި ޓެކްނޮލޮޖީއާއި، ގުޅިގެން މަސައްކަތްކުރުން އަދި ޢިލްމު ހިއްސާކުރުން މެދުވެރިކޮށްގެން ފައިދާހުރި ގޮތެއްގައި ދޮގު މަޢުލޫމާތު ފެތުރުން ހުއްޓައި، މިހާރަށްވުރެ ބޮޑަށް މަޢުލޫމާތު ލިބިފައިވާ މުޖުތަމަޢެއް ބިނާކުރެވިދާނެއެވެ.

ޔޫއެސްއެއިޑްގެ އެހީތެރިކަމާއެކު ބޭއްވޭ މި ހެކަތޯންއިން، ވިމެން އިން ޓެކް އަދި އެންޑީއައި އިން އުއްމީދު ކުރަނީ އިނޮވޭޓަރުންނާއި، މައްސަލަ ހައްލުކުރާ ފަރާތްތަކާއި، ތެދު މަޢުލޫމާތަށް ވަކާލާތުކުރާ ފަރާތްތައް އެއްތަނަކަށް ގެނެސް، ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށްޓަކައި އައު، އިނޮވޭޓިވް އެޕްރޯޗްތައް ދެނެގަނެ، ތަރައްގީ ކުރުމަށެވެ.

މި ހެކަތޯން ބޭއްވުމުގެ ކުރިން ޑިވެލޮޕަރުންނާއި އިނޮވޭޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން 2 ގަޑިއިރުގެ އިންޓަރެކްޓިވް ޕްރީ ހެކަތޯން ވޯކްޝޮޕެއް 21 އޮކްޓޫބަރު ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގައި ހެކަތޯންގެ މައުލޫމާތު، ދޮގު މައުލޫމާތުގެ ހާލަތާއި، އިޖުތިމާއީ މައްސަލައާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބެން ހުރި ވަސީލަތްތަކާއި ބެހޭ ގޮތުން މައުލޫމާތު ޙިއްޞާކުރެވޭނެއެވެ. ޕްރީހެކަތޯންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އޮންލައިން ފޯރމު https://forms.gle/NVcxYEGBp2f9AnTx8 ފުރިހަމަ ކުރުމުން ބައިވެރިވެވޭނެއެވެ.

ޑީބަންކަތޯންގައި އިންޓަރެކްޓިވް ސެޝަންތަކާއި ނެޓްވޯކިން އިވެންޓްތަކުގެ އިތުރުން މައުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ކުރިއަށް ގެންދެވޭނެއެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ކަމާގުޅޭ ދާއިރާތަކުން ހުނަރުވެރި މެންޓަރުންގެ އިރުޝާދާއި ތަޖުރިބާކާރުންގެ ލަފަޔާއި އެހީތެރިކަން ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.ހެކަތޯންގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމުތަކަށް މިހާރު ރަޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ: https://forms.gle/YPrSs3W54iTB8Sse8 ރަޖިސްޓްރޭޝަން ހުޅުވިފައިވާނީ 23 އޮކްޓޯބަރު 2023 ގެ ނިޔަލަށެވެ.


ވިމެން އިން ޓެކް މޯލްޑިވްސް

ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.