އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާގެ މިދަނޑިވަޅުގައި އީލޮން މަސްކްގެ ސްޕޭސްއެކްސް ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް މެދުވެރިކޮށް މުވާޞަލާތީ ޚިދުމަތްތައް ބޭނުން ކުރުމަށް އެކުންފުންޏާ މަޝްވަރާ ކުރަމުން ދާ ކަމަށް އިސްރާއީލްގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ބުނެފިއެވެ.
ސްޕޭސް އެކްސްގެ ސްޓާލިންކް ގެ ހިދުމަތަކީ ލޯ-ލެޓެންސީ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ލޯ-އާތު އޯބިޓް ސެޓެލައިޓްތަކުގެ ކޮންސްޓަލޭޝަންތައް ބޭނުންކުރާ ހިދުމަތެކެވެ.
އިޒްރޭލުގައި މި ހިދުމަތް މިވަގުތު ލިބެން ނެތް އިރު، ހަމަނުޖެހުންތަކުގައި މުވާސަލާތު ކުރެވޭނެ ވަސީލަތެއްގެ ގޮތުގައި އެ ހިދުމަތް ގާއިމުކުރުމަށް ދަނީ މަޝްވަރާ ކުރަމުންނެވެ.
އެކަމާ ބެހޭގޮތުން އެކްސްގައި ކުރި ޕޯސްޓެއްގައި އިޒްރޭލުގެ ކޮމިއުނިކޭޝަން މިނިސްޓަރު ޝްލޯމޯ ކާހީ ބުނީ އިޒްރޭލުގައި ސްޓާލިންކް ސެޓެލައިޓް ކޮމިއުނިކޭޝަން ޓާމިނަލްތައް ތައާރަފް ކުރުމަށް ސްޕޭސް އެކްސްއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ޓާމިނަލްތަކުގެ ސަބަބުން ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ލިބިގެންދާނެ ކަމަށާއި، ހަމަނުޖެހުން ހިނގާ ސަރަހައްދުތަކުގައި މޭޔަރުންނާއި ސެޓްލްމަންޓް ލީޑަރުންގެ ލާބައާއި މަންފާއަށް އެ ޓާމިނަލްތައް ބޭނުންކުރެވިދާނެ ކަމަށެވެ.
މިއީ މީގެ ކުރިންވެސް ހަނގުރާމައިގެ މިފަދަ ހާލަތްތަކުގައި ސްޓާލިންކް އެކްޓިވޭޓްކުރި ހާދިސާތަކަކާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
ރަޝިޔާއިން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރެއިންއަށް އަރައިގަތުމުން، ސްޕޭސް އެކްސްގެ ސީއީއޯ އީލޮން މަސްކް ވަނީ ޔޫކްރެއިންގައި ސްޓާލިންކްގެ ހިދުމަތް ތައް އެކްޓިވޭޓްކޮށް، ހަނގުރާމައިގެ މާހައުލެއްގައި މުހިންމު ކަނެކްޓިވިޓީއެއް ފޯރުކޮށްދޭކަން އިއުލާން ކުރައްވާފައެވެ.
މިފަދަ ހާލަތްތަކުގައި ސްޓާލިންކުން އޭގެ ފައިދާ ނަގާފައިވާއިރު، މިހާރު ހިނގަމުންދާ ޣައްޒާގެ ހަމަނުޖެހުންތަކުގައި ސްޓާލިންކުން އަދާކުރާނީ ކޮން ދައުރެއް ކަމެއް އަދި ނޭނގެ އެވެ.
ސްޓާލިންކް ކަވަރޭޖް ރަޝިއާއަށް އިތުރުކޮށްދިނުމަށް ރަޝިއާ ސަރުކާރުގެ ފަރާތުން މީގެ ކުރިން އެލޮން މަސްކް އަށް އެދުނު ނަމަވެސް، ހަމަނުޖެހުންތައް އިތުރުވުމުގައި ބައިވެރިނުވެވޭނެ ކަމަށް ބުނެ މަސްކް ވަނީ އެ ކަމަށް ދެކޮޅު ހަދާފައެވެ.
ހަމަނުޖެހުންތަކުގައި އިޒްރޭލުގައި ސްޓާލިންކްގެ ހިދުމަތް ތައް ދިނުމާ ބެހޭ ގޮތުން ނިންމި ނިންމުން އަދި މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު، އެކަމަކީ ސްޕޭސް އެކްސްގެ ސިޔާސަތާ އެއްގޮތް ކަމެއްތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާނެކަން ކަށަވަރެވެ.
އަދި މިފަދަ ދަނޑިވަޅެއްގައި އިޒްރޭލަށް މިފަދަ ޚިދުމަތެއް ފޯރުކޮށްދީފިނަމަ އީލޮން މަސްކް އަށް ފާޑުކިޔުންތައް ކުރިމަތިވެދާނެކަމަށް ބެލެވެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.