އިންސާނުން މާސްގައި އާބާދު ވުމަށް ކުރެވޭ އުންމީދު ބޮޑު!

އަޙްމަދު ދާއޫދު 24 އޮކްޓޯބަރު 2023

އިންސާނުން މާސްގައި އާބާދުކުރެވިދާނެކަމަށް ސައިންސްވެރިން ދެކެމުން އަންނަ ހުވަފެންތަކުގައި ކުލަޖެހިދާނެ ކަމުގެ އުންމީދު އާވެއްޖެއެވެ. އެކަމަށް މަގުފަހި ކުރުމުގެ ގޮތުން ސައިންސްވެރިންނާއި ޖައްވީ އިދާރާތަކުން ދަނީ ރަތް ޕްލެނެޓް(މާސް)ގެ ޖިއޮގްރަފީ އާއި މޫސުމުގެ ވައްޓަފާޅިތަކުގެ ތަފާތު ތަފްސީލުތައް ހޯދަމުންނެވެ.

ނާސާގެ ސައިންސްވެރިން ޓެކްސަސްގެ ސިމިއުލޭޓެޑް މާސް ހެބިޓޭޓެއްގައި އަހަރެއްހާ ދުވަހުގެ މިޝަނެއް ވަނީ ފަށައިފައެވެ. ހަމައެއާއެކު ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) އިން ދަނީ މި ދިހަ އަހަރު ނިމުމުގެ ކުރިން ދުނިޔެއިން މާސްއަށް ފުރަތަމަ ރައުންޑް ޓްރިޕް މިޝަނަށް ތައްޔާރުވަމުންނެވެ.

މާސްގެ ސައްހަ އަދި ފުރިހަމަ މެޕްތަކާއި، މޫސުމާ ބެހޭ ލޯކަލް ޑޭޓާއަކީ ރައްކާތެރި ޖައްވީ އުޅަނދުތައް ޖެއްސުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ނިއުޔޯކް ޔުނިވާސިޓީ އަބޫދާބީ (އެންޔޫއޭއޭޑީ) ގެ ސައިންސްވެރިން އަންނަނީ މާސް އެޓްލަސް އުފައްދައިގެން މި ހުވަފެން ހަގީގަތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

2021 ވަނަ އަހަރުން ފެށިގެން މާސްގެ ވަށައިގެން ދަތުރުކުރަމުން އަންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ހޯޕް ޕްރޮބްއިން ނަގާފައިވާ 3،000 އަށް ވުރެ ގިނަ ހައި ރިޒޮލިއުޝަން ފޮޓޯތަކުން، އެންވައިޔޫއޭޑީގެ ޓީމުން ވަނީ "މުޅި ޕްލެނެޓްގެ ރީތި ކުލައެއްގެ މޮޒެއިކެއް" އެކުގައި ސްޓިޗްކޮށްފައި ކަމަށް އެންވައިޔޫއޭޑީގެ މާސް ރިސާޗް ގްރޫޕްގެ ވެރިޔާ ޑިމިތުރާ އަޓްރީ ވިދާޅުވި އެވެ.

މާސްއަށް ޖެއްސުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި އަޓްރީ ވިދާޅުވީ މީގެ ކުރިން ވެސް ގިނަ ޕްރޮބްތައް ޕްލެނެޓްގެ ޖައްވު ތުނިވުމުގެ ސަބަބުން އެ ޕްލެނެޓްގެ ސަރަޙައްދުގައި ހިތާމަވެރި ނިމުންތަކެއް އައިސްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ޖައްވީ އުޅަނދުތައް މަޑުކުރުމަށް އުނދަގޫވާ ކަމަށެވެ.

ކުދި ކުދި ވިންޑް ޑިސްޓަރބެންސް ތަކުގެ ސަބަބުން ވެސް ލޭންޑިން ޓްރެޖެކްޓަރީތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. އެހެންކަމުން ސައިންސްވެރިޔާ އަޓްރީ ވަނީ ޕްރޮބެއް ވެއްޓިއްޖެ ނަމަ އެއީ ސައިންސާއި ވަސީލަތްތަކަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވެފަ އެވެ.

މާސްގައި ދުވާލެއްގެ މައްޗަށް ރިޢާޔަތްކޮށް މޫސުމީ ވައްޓަފާޅިތައް ދެނެގަތުމަކީ ލޭންޑިން މިޝަންތަކަށް އެންމެ ރައްކާތެރި ވަގުތުތަކާއި ތަންތަން ދެނެގަތުމެވެ.

އެޓްރީ ވިދާޅުވީ ލޭންޑިންއަކީ ސައްހަ އެޓްލަސްތަކުން އަރައިގަނެވޭނެ ގޮންޖެހުންތަކުގެ ތެރެއިން އެއް ގޮންޖެހުން ކަމަށެވެ.

ލޭންޑްސްކޭޕް، ފިނިހޫނުމިން އަދި ވަސީލަތްތައް ލިބުން ފަދަ ކަންކަމަށް ރިއާޔަތްކޮށް، އިންސާނުން ވަޒަންވެރިކުރުމަށް އެންމެ އެކަށީގެންވާ ތަންތަން ދެނެގަތުމަކީ ވެސް ވަރަށް މުހިންމު އަނެއް ކަމެކެވެ.

"އައިސް ލިބެން ހުރި ނަމަ ފެނަށް ބަދަލުކުރެވިދާނެ، އެ ފެން ދިރިއުޅުމަށް ބޭނުން ކުރެވިދާނެ،" އަޓްރީ ވިދާޅުވި އެވެ.

މާސްގައި އިންސާނުން ދިރިއުޅެމުންދާ ކަމުގެ ވިސްނުން ފިއުޗަރިސްޓިކް ކަމަށް ހީވިޔަސް، އަޓްރީ ދެކޭ ގޮތުގައި އެއީ ފުރުޞަތުގެ ތެރޭގައި އޮތް ޚިޔާލެކެވެ. "މިއީ މޮޔަކަމެއް ހެން ހީވެދާނެ، އެކަމަކު މުސްތަގުބަލުގައި މާސްއަށް މީހުން ގޮސް އެތަނުގައި ދިރިއުޅުމަކީ ވެސް ވަރަށް އާންމު ކަމަކަށް ވެދާނެ،" އޭނާ ފާހަގަކުރައްވަ އެވެ.

މިހާރު ކުރިއަށްދާ ދިރާސާތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު، އެ ވިސްނުން އަޅުގަނޑުމެން ހީކުރާ ވަރަށްވުރެ ހަގީގަތަކަށް ވުމާ ގާތްވެދާނެއެވެ.


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.