ޑިޝް ނެޓްވޯކް 150،000 ޑޮލަރުން ޖޫރިމަނާކޮށްފި

އަޙްމަދު ދާއޫދު 29 އޮކްޓޯބަރު 2023

ބޭނުން ނުކުރާ ސެޓެލައިޓް ރަނގަޅަށް ނައްތާނުލުމުން ކަމަށްބުނެ އެފްސީސީން ޑިޝް ނެޓްވޯކް 150،000 ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

ޑިޝް ނެޓްވޯކް ކޯޕަރޭޝަނަކީ އެމެރިކާގެ ޓީވީ ޕްރޮވައިޑަރެއް ގެ އިތުރުން ޑައިރެކްޓް ބްރޯޑްކާސްޓް ކުރާ ސެޓެލައިޓް ޕްރޮވައިޑާ އެކެވެ.

އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) އިން ޑިޝް ނެޓްވޯކުން ދޫކޮށްލި ސެޓެލައިޓްތަކުގެ ތެރެއިން އެއް ސެޓެލައިޓް ބޭނުންވާ މިންވަރަށް ބިމުގެ އޯބިޓަށް ތިރިނުކޮށް ނައްތާލުމުން އެ ކުންފުނިން 150،000 ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއީ ޖައްވީ ކުނީގެ މައްސަލަ ބޮޑުވަމުންދާ ކަމަށް ބުނެ އެފްސީސީން ކުންފުންޏަކަށް ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެވެ.

ސުވާލު އުފެދޭ ސެޓެލައިޓަކީ ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތަށް ޑިޝް އިން 2002 ވަނަ އަހަރު ލޯންޗްކުރި އެކޯސްޓާ-7 އެވެ. އެފްސީސީގެ އާ އުސޫލެއްގެ ދަށުން އޮޕަރޭޓަރުން ދޫކޮށްލައިފައިވާ ޖިއޯސްޓޭޝަނަރީ ސެޓެލައިޓްތައް ނައްތާލުމުގެ ކުރިން ދުނިޔެއާ މަދުވެގެން 300 ކިލޯމީޓަރު ކައިރިއަށް ތިރިކުރަން ޖެހެއެވެ.

އެކަމަކު ޑިޝް ބުނީ އެކޯސްޓާ-7 ގައި ބާކީ ހުރީ މަދު ތެޔޮ ކަމަށާއި އެ އަށް ގެންދެވޭނީ ބޭނުންވާ ދުރުމިނުގެ ދެބައިކުޅަ އެއްބައި ކަމަށެވެ. އެފްސީސީން ޑިޝްއާ ހިލާފަށް އަމަލުކޮށްފައިވާކަން ފާހަގަކޮށް، މާލީ ޖޫރިމަނާ ކުރީ ގާނޫނީ ހައްލެއް ގެނައުމުގެ ގޮތުންނެވެ.

ޑިޝްގެ ޖުމްލަ އާމްދަނީއާ އަޅާބަލާއިރު ޖޫރިމަނާގެ އަދަދު ކުޑަ ނަމަވެސް ތަޖުރިބާކާރުން ބުނަނީ މި ޖޫރިމަނާގެ ސަބަބުން މުހިންމު ނަމޫނާއެއް ސާބިތުވާ ކަމަށެވެ. އާ އޮޕަރޭޓަރުންގެ ފަރާތުން ސެޓެލައިޓްތައް ފެތުރެމުންދާއިރު، ޖައްވީ އުޅަނދުފަހަރާއި އެސްޓްރޮނޯޓުންނަށް ކުނީގެ ނުރައްކާ ބޮޑެވެ. ޑިއޯބިޓިން ގައިޑްލައިންހަރުކަށިކޮށް ތަންފީޒުކުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކެއެވެ.

10،000 އަށް ވުރެ ގިނަ އިންއެކްޓިވް ސެޓެލައިޓާއި ކުނީގެ ބައިތައް މިހާރު ވެސް ބިން، ޕްލެނެޓްގެ ވަށައިގެން ދަތުރުކުރެ އެވެ. މިހާގިނަ ޢަދަދެއްގެ ސެޓެލައިޓް ޖައްވުމުގައި ހުރުމުން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނުން ގެންދަނީ އެފަދަ ސެޓެލައިޓްތައް ޕޮޒިޝަން އެޑްޖަސްޓް ކުރަމުންނެވެ. އެއީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގިޔަ ނުދިނުމަށެވެ.

ޑިޝްގެ އަމަލުތަކަށް ފިޔަވަޅު އެޅުމުން އެފްސީސީގެ އުއްމީދަކީ އެ އިންޑަސްޓްރީގެ ޤަވައިދުތަކާއި އުސޫލަށް ބޯލެނބުމަށް މަޖުބޫރު ކުރުމެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.