ވަޓްސްއެޕް އޭއައި އިން މުސްލިމުންނަށް ފުރައްސާރަ ކުރަނީ

އަޙްމަދު ދާއޫދު 06 ނޮވެމްބަރު 2023

ވަޓްސްއެޕް އޭއައި ސްޓިކަރ ނުވަތަ ވަޓްސްއެޕް އޭއައި އިމޭޖް ފީޗާއިން ފަލަސްތީނާށާއި، ޢާއްމުކޮށް މުސްލިމު މުޖުތަމަޢުއަށް ޤަދަރު ކުޑަވާގޮތަށް ފުރައްސާރަ ކުރަމުން ދާކަމަށް ޓެކް ރިޕޯޓްތަކުން ތުހުމަތު ކޮށްފިއެވެ.

މެޓާގެ ބެލެވެނިވެރިކަމުގެ ދަށުން ހިންގަމުން އަންނަ މެސެޖިން އެޕްލިކޭޝަން ވަޓްސްއެޕަށް މިފަދަ ތުހުމަތެއް ކޮށްފައި މިވަނީ މިހުސްވި އޮކްޓޯބަރ މަހުގެ 7 ވަނަދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 10،000 ށް ވުރެ ގިނަ މުސްލިމުން ޝަހީދުވެފައިވާ ދަނޑިވަޅެއްގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފަލަސްތީނު ހަނގުރާމަ ފެށުނު ފަހުން ފާހަގަވެފައިވާ މި މައްސަލައިގައި ވަޓްސްއެޕްގެ އޭއައި ސްޓިކާރ އިން ފޮޓޯއެއް ކްރިއޭޓް ކުރުމަށް ނުވަތަ ސާރޗްކޮށްލުމަށް "ފަލަސްތީނު" ނުވަތަ "މުސްލިމް ބޯއީ" މިހެން ޖަހައިފިނަމަ ފެންނަނީ ހަތިޔާރު އެޅި ފަލަސްތީނުގެ ކުޑަކުދިންގެ ފޮޓޯތަކެއް ކަމަށެވެ. ނަމަވެސް އިސްރާއީލު މީހުންނާ ގުޅޭ އެފަދަ ލަފުޒުތަކުން ދައްކައިދެނީ އެއްވެސް ތަފާތު ކުރުމެއްނެތް ހިތްގައިމު އުފާވެރި ފޮޓޯތަކެކެވެ.

މިސާލަކަށް "އިސްރާއީލުގެ ފިރިހެން ކުއްޖާ" މިފަދަ ކީވޯޑެއް ޖަހައިގެން ސާރޗްކޮށްފިނަމަ ދައްކަނީ ފުޓުބޯޅައެއް ނުވަތަ ފޮތެއް ހިފައިގެން ހިނިތުން ވެފަައި ހުންނަ ކުއްޖެއްގެ ފޮޓޯތަކެވެ. އަދި ހަމައެހެންމެ "އިސްރާއީލުގެ އަސްކަރިއްޔާ" މިހެން ޖަހައިގެން ސާރޗް ކޮށްލިޔަސް ފެންނަނީ ހަތިޔާރު ނެތި ހިނިތުންވެފައި ތިބި ސިފައިންނެވެ.

ވަޓްސްއެޕްގެ އޭއައި އިމޭޖް ފީޗާ މަދުގައުމުތަކަކަށް ލިބުނު ކަމުގައި ވިޔަސް ގިނަބަޔަކު ޤަބޫލުކުރާ ގޮތުގައި މި ކޮންޓްރާސްޓްގެ މާނައަކީ ވަޓްސްއެޕްގެ އޭއައި ތަމްރީނުކުރާ ގޮތާ މެދު ތަފާތުކުރުންތައް ގެންގުޅޭކަމެވެ.

ދިވެހިންގެ ތެރޭގައިވެސް ގިނަބައެއްގެ މަޤްބޫލުކަން ލިބެމުން އަންނަ ވަޓްސްއެޕްގެ އޭއައި އިމޭޖް ފީޗާ ދިވެހިރާއްޖެއަށްވެސް އަދި ދޫކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މެޓާގެ މުވައްޒަފުން ވަނީ އެ މައްސަލަ މިހާރު ފާހަގަކޮށްފަ އެވެ. އަދި ނުރަނގަޅު އޭއައި އައުޓްޕުޓްތައް ކުރިމަތިވެދާނެ ކަމަށް އެ ކުންފުނިން ގަބޫލުކޮށް، ރަނގަޅު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަނީ މި ޓެކްނޮލޮޖީގެ ސަބަބުން އިންސާނީ ނަސްލީ ތަފާތުކުރުންތަކެއް އުފެދި ގްރޫޕްތަކުގެ މެދުގައި ބައިބައިވުމާއި ނަފްރަތުގެ ރޫޙު އުފެދިގެން ނުވާނެ ކަމަށެވެ.

މިފަދަ ބޮޑެތި މައްސަލަތައް އޭއައި އާޓް ޖަނަރޭޓަރުތަކުން ފާހަގަވަމުން އަންނައިރު، ތަޖުރިބާކާރުން އިންޒާރު ދެނީ އޭއައިގެ ތަމްރީނުތައް ރަނގަޅަށް މޮނިޓަރކޮށް ނުބެލެހެއްޓިޖެއްނަމަ ދުވަހަކުވެސް ނުދެކޭފަދަ އިންސާނީ މުސީބާތެއް އޭއައިގެ ސަބަބުން މުސްތަޤްބަލުގައި ކުރިމަތި ވެދާނެކަމަށެވެ. އެހެންކަމުން އެ ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ވަރަކަށް އަޚްލާޤީ ފަރަގުތައް ދެނެގަނެ އެކަމަށް ހައްލެއް ގެނައުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ވަޓްސްއެޕްގެ މި މައްސަލައިގެ ހާލަތު މިހާރު މިއޮތްގޮތުން މިސާލު ދައްކަނީ އެޕްލައިޑް އޭއައި ގެ ހިދުމަތުގައި އެލްގޯރިދަމިކް ތަފާތުކުރުންތަކަށް ފުުރުޞަތު އޮތް މިންވަރު ބޮޑުކަމެވެ. އިންސާފުވެރި އަދި ސައްހަ ނިޒާމުތައް ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަން ޖެހޭކަމެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.