ސްޓާލިންކްގެ ހައިސްޕީޑް އިންޓަނެޓް ރާއްޖެއަށް ދޫކޮށްފި

އަޙްމަދު ދާއޫދު 10 ނޮވެމްބަރު 2023

މަހުޖަނު އީލޮން މަސްކްގެ ސްޓާލިންކް އިން ދުނިޔޭގެ ކަންކޮޅުތަކުގައި ސެޓެލައިޓް މެދުވެރިކޮށް ފޯރުކޮށްދެމުންދާ ހައިސްޕީޑް އިންޓަނެޓްގެ ޚިދުމަތް ރާއްޖޭއަށް ދޫކޮށްފިއެވެ. އެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު އާންމުކޮށް މިހާރުވަނީ ހުޅުވާލައިފައެވެ.

ސްޕޭސް އެކްސްގެ ސްޓާލިންކްއިން ފޯރުކޮށްދޭ ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ރާއްޖެއަށް ދޫކުރުމާއި ގުޅިގެން ސްޓާލިންކުގެ ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ލިބޭ ޤައުމުތަކުގެ ޗާޓުގައި ރާއްޖެވަނީ ހިމަނާފަ އެވެ. ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ސްޓާލިންކްގެ ޚިދުމަތް ދިނުމުގެ ލައިސަންސް އެންމެ ފުރަތަމަ ދޫކުރީ ދިވެހިރާއްޖެ އިންނެވެ.

ސްޓާލިންކުން އެކުންފުނީގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވަނީ 200 އެމްބީޕީއެސްއާ ހަމައަށް ސްޕީޑް ލިބޭ މި ޚިދުމަތަށް މަހުފީގެ ގޮތުގައި ދައްކަން ޖެހޭނީ މަހަކު 1000 ރުފިޔާ އެވެ. އަދި މި ޚިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުން ނެޓްވޯކާ ގުޅެން، ސެޓެލައިޓް ޑިޝް ކިޓެއް އިންސްޓޯލް ކުރަން ޖެހޭނެ އެވެ. އެ ޑިޝް ކިޓުގެ އަގަކީ 10،000 ރުފިޔާ ކަމަށްވެސް ސްޓާލިންކުން ބުނެފައި ވެއެވެ.

ސްޓާލިންކް އިންޓަނެޓް ޚިދުމަތް ލިބިގަތުމަށް ބޭނުންވާ ހާޑްވެއާ ޕެކޭޖުގައި ހިމެނެނީ ޑިޝް އެންޓަނާއަކާއި މައުންޓެއްގެ އިތުރުން ވައިފައި ރައުޓަރު ޔުނިޓެކެވެ. ޝިޕިންގ ފީއާއެކު 10300 ރުފިޔާއަށް ލިބޭ މި ޕެކޭޖަށް ޕްރީ އޯޑަރުކުރާ ފަރާތްތަކަށް ދެހަފްތާގެ ތެރޭގައި ތަކެތިލިބޭނެ ކަމަށް ސްޓާލިންކުން ބުނެއެވެ.

މީގެއިތުރުން ވިޔަފާރިތަކަށް ޚާއްޞަ ޕެކޭޖްތަކާއި، އުޅަނދުފަހަރާއި، ދަތުރުފަތުރު ކުރައްވާ ފަރާތްތަކަށްވެސް ޚާއްޞަ ޕެކޭޖުތަކެއް ސްޓާލިންކުން ވަނީ ތައާރަފް ކޮށްފައެވެ.

ސްޓާލިންކްގެ ޚިދުމަތަށް ރަޖިސްޓަރ ކުރުމަށް ބޭނުންވާ ކޮންމެ ފަރާތަކަށްވެސް އެފުރުޞަތު ހުޅުވާލައިފައިވާއިރު، އެކަމަށް އެދޭ ފަރާތްތަކުން ފުރަތަމަ ޖެހޭނީ ސްޓާލިންކްގެ ވެބްސައިޓް އަށް ވަދެ ސާވިސް އެޑްރެސް ޖަހާށެވެ. އޯޑަރ ކޮންފަރމް ކޮށްލާށެވެ. އޭރުން ސައިންއަޕް ވެވޭނެއެވެ.

އެއަށްފަހު 'ޔޫސަރނޭމް' އާއި ޝިޕިން އެޑްރެސް ނުވަތަ ބިލިން އެޑްރެސް ޖަހައި ޕޯސްޓް ކޯޑް ނުވަތަ ޒިޕްކޯޑް ޖަހާނީއެވެ. އެއަށްފަހު ސްޓާލިންކްގެ ސެޓެލައިޓް ޓާމިނަލް ގަންނަން ފައިސާ ދައްކައި، އޯޑަރު ކޮންފާމްކޮށްލާނީއެވެ.

ސްޓާލިންކް އިން ބުނެފައިވަނީ ގިނަވެގެން ދެ ހަފްތާތެރޭގައި އޯޑަރ ޑެލިވަރ ކުރާނެކަމަށެވެ.


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.