ގޫގަލްގެ ޓައިޓަން ކީއަކީ ޕާސްވޯޑްނެތް މުސްތަގުބަލުގެ ފެށުން

އަޝްނާ ރަޝީދު 12 ޑިސެމްބަރު 2023

ފާއިތުވީ އަހަރު ގޫގަލްއިން ދިޔައި ޕާސްވާޑު ނައްތާލުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ކުއަންޓަމް ކޮމްޕިއުޓިންނަށް ތައްޔާރު އެންކްރިޕްޝަނެއް ތައާރަފުކޮށް، ޕާސްކީ ޑިފޯލްޓު ސައިންއިން ނިޒާމަށް ހަދާފައިވެއެވެ. މިހާރު ގޫގަލްއިން ދަނީ އެމީހުންގެ އެންމެ ފަހުގެ ޓައިޓަން ސެކިއުރިޓީ ކީއާއިއެކު މިކަން ހާސިލުކުރުމުގެ ހާޑްވެއާވެސް ބިނާކޮށްފައެވެ. އެންއެފްސީ ބޭނުންކުރެވޭ މި ޔޫއެސްބީ-ސީ އަދި ޔޫއެސްބީ-އޭއަށް ފަރުމާކޮށްފައިވާ މިކީއަކީ ފަސޭހަކަމާއި ރައްކާތެރިކަމާއެކު ލޮގިން ކުރުމަށް ހަދާފައިވާ ވަރުގަދަ އުކުޅެކެވެ. މިކީތަކުން މިހާރު ޕާސްކީ ވެސް ރައްކާކުރެވެއެވެ. އެސްޕަން ސައިބަރ ސަމިޓުގައި އިއުލާނުކޮށްފައިވާގޮތުން 250 ތަފާތު ޕާސްކީ މީގައި ރައްކާކުރެވޭނެއެވެ. މިއީ ކުރީގެ ފީޑޯ1 ކީތަކާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

ޓައިޓަން ސެކިއުރިޓީ ކީއަކީ ގޫގަލްއިން ގިނަ އަހަރުތަކެއް ވަންދެން ވިއްކާފައިވާ އެއްޗެކެވެ. މިއީ ސެކަންޑަރީ އޮތެންޓިކޭޝަން ފެކްޓަރެއްގެ ގޮތުގައި ވަރަށް ގިނަ ފަރާތްތަކުން ބޭނުންކުރަމުންދާ އެއްޗެކެވެ. ނަމަވެސް މީގެ އެންމެ ފަހުގެ މޮޑެލްތަކުން ޕާސްކީ ސީދާ ޑިވައިސްގައި ރައްކާކުރުމުން މިހާރު މިކީ ޕްރައިމެރީ އޮތެންޓިކޭޝަން ނިޒާމެއްގެ ގޮތުގައި ބޭނުންކުރެވޭނެއެވެ. ފީޑޯ2 ޓެކްނޮލޮޖީގެ މައްޗަށް ބިނާކޮށްފައި މިކީގެ ސަބަބުން ލޮގިން ޕްރޮސެސް ފަސޭހަވެގެންދެއެވެ. މިހާރު ޓައިޓަން ކީ ބޭނުންކުރާފަރާތްތަކުން ޔޫޒަރނޭމް ޖައްސަވާލާފައި، ޕާސްކީ ޑިވައިސަށް ޖައްސާފައި، ޕިންޖަހާލެވުމުން ޕާސްވޯޑަކައި ނުލާ ވަދެވޭނެއެވެ.

މި އާ ޓައިޓަން ކީތަކުން ފީޑޯ އެނެބަލް ކުށްފައިވާ ހުރިހާ ތިންވަނަ ފަރާތެއްގެ ހިދުމަތްތައްވެސް ލިބިގެންދާނެއެވެ. މީގެ މާނައަކީ ފިޑޯ ބޭނުންކުރާ ވަރަށް ގިނަ އޮންލައިން ޕްލެޓްފޯމްތަކުގެ މިކީ މެދުވެރިކޮށް ޕާސްވާޑާއި ނުލައި ވަދެވޭނެއެވެ.

ޓައިޓަން ސެކިއުރިޓީ ކީގެ އަގަކީ ޔޫއެސްބީ-އޭ/އެންއެފްސީ މޮޑެލަށް 30$ އަދި ޔޫއެސްބީ-ސީ/އެންއެފްސީ މޮޑެލަށް އަގު 35$އެވެ. މި ކީތައް މިހާރު އެމެރިކާ، އޮސްޓްރިއާ، ބެލްޖިއަމް، ކެނެޑާ، ފްރާންސް، ޖަރުމަން، އިޓަލީ، ޖަޕާން، ސްޕެއިން، ސްވިޒަލޭންޑް، އަދި އިނގިރޭސިވިލާތް ފަދަ ބައެއް ގައުމުތަކުގެ ގޫގުލް ސްޓޯރުން ލިބެން އެބަ ހުރިއެވެ.

ޔޫޒަރ ސެކިއުރިޓީއަށް ވަރުގަދަ ކުރުމަށްޓަކައި ގޫގަލްއިން ވަނީ އެކްސެސް ނައު، ޑިފެންޑިން ޑިޖިޓަލް ކެމްޕޭންސް، ފްރީޑަމް ހައުސް، އިންޓަނޭޝަނަލް ފައުންޑޭޝަން އޮފް އިލެކްޓޯރަލް ސިސްޓަމްސް އަދި އިންޓަނިއުސް ފަދަ ޖަމިއްޔާތަކާއެކޮށް ޕާޓްނަރު ވެފައިވެއެވެ. މިގޮތުން 2024 ވަނަ އަހަރު ރިސްކް ބޮޑު ޔޫޒަރުންނަށް 100،000 ޓައިޓަން ސެކިއުރިޓީ ކީ ބެހާލާނެކަމަށް ގޫގަލުން ވައުދުވެފައިވެއެވެ. މިކަމުގެ މަގުސަދަކީ އެކްޓިވިސްޓުންނާއި، ނޫސްވެރިން ހިމެނޭ ގޮތަށް ސައިބަރ ސެކިއުރިޓީ ރިސްކް ބޮޑުވެފައިވާ ފަރުދުންގެ ސެކިއުރިޓީ ވަރުގަދަ ކުރުމެވެ. މީގެއިތުރުން ގޫގަލް ވަންގެ ބައެއް ސަބްސްކްރައިބަރުންނަށް ވެސް ޓައޓަން ކީ ހިލޭ ދޫކުރަމުންނެވެ.

މި ހާޑްވެއާއަށް ގެނައި ކުރިއެރުމާއެކު، ގޫގަލްއިން ޕާސްވާޑު ނައްތާލުމަށް ކުރަމުންދާ މަސައްކަތައް އިތުރު ބާރެއްލިބިގެން ދެއެވެ. ނަމަވެސް ކުރީގައި ދިމާވި ހާދިސާތަކާއި އަޅާބަލާއިރު، މިފަދަ ސެކިއުރިޓީ ކީތަކަށް ދިއުމުގެ ކުރިންވެސް ރައްކާތެރިވުމަކީ މުހިންމުކަމެކެވެ. 2019 ވަނަ އަހަރު ގޫގަލުން ނެރުނު ޓައިޓަންކީތައް ބްލޫޓޫތުގައި ހުންނަ ސެކިއުރިޓީ މައްސަލަޔަކާ ހެދި ވަނީ ރިކޯލުކުރަން ޖެހިފައެވެ.

އިތުރަށް ކިޔާލުމަށް:

ގޫގަލް ގައި ޕާސްވޯޑުގެ ބަދަލުގައި ޕާސްކީ

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.