މިހާރު ޖަލުގައި ހުންވި ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ތަޤްރީރެއް އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި އިން އަޑު ކްލޯން ކޮށްގެން އޭނާގެ ސަޕޯޓަރުންނަށް އިއްވައިފިއެވެ.
މިއީ އިމްރާންގެ ފަރާތުން އޭނާގެ ސަޕޯޓަރުން ޓެކްނޮލޮޖީގެ އެހީގައި ކުރި ވަރަށް އާދަޔާޚިލާފު ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
މިކަމަށްޓަކައި އިމްރާންގެ ސޯޝަލް މީޑިއާ ޓީމުން ވަނީ އޭނާގެ އަޑުގެ ކްލޯން އެއް އުފައްދާފައެވެ. އެއާއެކު އާންމު އިންތިޚާބަށް ތައްޔާރުވެފައިވާ މިދަނޑިވަޅުގައި ސަޕޯޓަރުންނާ މުޚާތަބު ކުރެއްވުމުގެ ފުރުސަތު އިމްރާނަށް ވަނީ ލިބިވަޑައިގެންފައެވެ.
އިމްރާންގެ މައްޗަށް ކުރެވިފައިވާ ތުހުމަތށް އޭނާވަނީ ތަކުރާރުކޮށް ދެކޮޅުހައްދަވާފައެވެ. އަދި އެއީ އަންނަ ފެބްރުއަރީ މަހު އޮންނަ އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ގޮތް ހެދުމަށް ކުރި ކަމެއްކަމަށް ދަނީ ވިދާޅުވަމުންނެވެ.
ޕާކިސްތާނުގެ މީޑިއާގެ ކަންކަން ރެގިއުލޭޓް ކުރާ އިދާރާއިން، އިމްރާންގެ ތަގުރީރުތައް ބްރޯޑްކާސްޓްކުރުން ހުރިހާ ޓީވީ ސްޓޭޝަންތަކަށް މަނާކޮށްފައި ވާއިރު އިމްރާނުގެ މީޑިއާ ޓީމުން މިވަނީ ރަނގަޅު ދަނޑިވަޅުގައި ޓެކްނޮލޮޖީގެ ބޭނުން ކޮށްފައެވެ.
އިމްރާންގެ ޕާޓީ ތަހްރީކޭ އިންސާފުން އާދީއްތަ ދުވަހުވަނީ ހަތް ގަޑިއިރެއްހާއިރުގެ އޮންލައިން ރެލީއެއް ބާއްވާފައެވެ. އަދި އިމްރާންގެ ހަތަރު މިނެޓެއްހާއިރުގެ ވާހަކަފުޅު ގެނެސްދީފައިވަނީ މި ރެލީގެ ތެރޭގައެވެ. އޭއައި އޯޑިއޯއަށް ވަނީ ކުރީގެ ފުޓޭޖްތަކާއި ފޮޓޯތައް ހިމަނާފައެވެ.
އިމްރާން ޚާންގެ އޭއައި ސްޕީޗްގައި އެ ތާރީޚީ މަސައްކަތަށްޓަކައި ސޯޝަލް މީޑިއާ ޓީމަށް ޝުކުރު އަދާކުރެއްވުމަށްފަހު ވިދާޅުވެފައިވަނީ ޖަލުގައި އޭނާ ހުންނެވި ހާލަތާމެދު ސަޕޯޓަރުން ވިސްނާނެކަން އެނގިވަޑައިގަންނަވާކަމަށެވެ. އަދި ހަގީގީ މިނިވަންކަން ހޯއްދެވުމަށް ވަރަށް ވަރުގަދަ އަޒުމާއެކު ހުންނެވި ކަމަށް ވިދާޅުވެފައިވެއެވެ. މީގެއިތުރުން ޕާޓީ އަށް އާންމު އެއްވުންތައް ބޭއްވުން މަނާކޮށްފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އަދި ސަރުކާރުން އިމްރާންއަށް ވަފާތެރި ފަރާތްތައް ކިޑްނެޕްކުރުމާއި އާއިލާތަކަށް ދުއްތުރާ ކުރުން ކުރިއަށްގެންދާކަން ފާހަގަކުރައްވާފައިވެއެވެ.
ތަހްރީކޭ އިންސާފުން ބެއްވި ވަރޗުއަލް ރެލީ 1.4 މިލިއަން މީހުން ޔޫޓިއުބުން ބަލާފައިވެއެވެ. އަދި ސޯޝަލްމީޑިޔާ ޕްލެޓްފޯމްތައް ހަތް ގަޑިއިރެއްހާރަށް ބަންދުކޮށްފައި ވީނަމަވެސް ލައިވްކޮށް އެހެން ޕްލެޓްފޯމްތަކުން ވެސް އެތައްހާސްބަޔަކު ވަނީ ބަލާފައެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.