Download Logo
Copy Logo

ޖައްވުގައި މީހުން ދަތުރުކުރުމަށް ތައްޔާރުވާން 100 ދުވަސް އައިސޮލޭޝަންގައި

އަޝްނާ ރަޝީދު 04 ޖެނުއަރީ 2024

ޒަމާނުއްސުރެ އިންސާނުން ފަޒާގެ ސިއްރު ތަހުގީގުކޮށް ހުރަސްކުރުމަށް ޝައުގުވެރިކަން ހާމަކޮށްފައިވެއެވެ. މަޝްހޫރު ސައިންސް ފިކްޝަން ފޮތްތަކާއި ފިލްމުތަކުގައި އިންސާނުން ޖައްވުގައި ދަތުރުފަތުރުކުރާ ވާހަކަތައް އާންމު ވެފައިވާ އިރު، މިކަމަކީ ހާސިލްކުރަން އެހާ ފަސޭހަކަމަކަށް ނުވެއެވެ. ގިނަ ސިޔާސީ ފަރާތްތަކުންނާއި، ވިޔަފާރިވެރިންނާއި އިލްމުވެރިން މާރސް ފަދަ ގުރަހަތަކަށް އިންސާނުން ގެންދުމަށް މަސައްކަތް ކުރަމުންދާއިރު، މިފަދަ ދިގު މުއްދަތަކުގެ ޖައްވީ ދަތުރުފަތުރުގެ ސަބަބުން އިންސާނުންނަށް އެތަކެއް އަސަރުތަކެއް ކުރާނެކަމަށް ބެލެވެއެވެ. މި އަސަރުތައް ތަހުގީގުކުރުމަށްޓަކައި ޔޫރަޕިއަން ސްޕޭސް އެޖެންސީން އާ ދިރާސާއެއް މިހާރު ކުރިޔަށް އެބަ ގެންދެއެވެ.

SOLIS100ގެ ނަންދީފައިވާ މި ދިރާސާގައި 6 ވޮލަންޓިއަރުން 100 ދުވަސްވަންދެން އެންވިހެބް ފެސިލިޓީގައި އައިސޮލޭޝަންގައި ބައިތިއްބައެވެ. ކުރިޔަށް އޮންނަ 3 މަސްތެރޭގައި މި ބަންދުކުރެވިފައިވާ ފެސިލިޓީފގައި ދިރާސާގެ ބައިވެރިން މާރސް ނުވަތަ ހަނދު ފަދަ ތަންތަނަށް ކުރެވޭ ދަތުރުތަކުގައި ގެންގުޅޭނެ ފަދަ ރޫޓީންތަކާއި ޝެޑުއަލްތަކަށް މަސައްކަތްކޮށް ދިރިއުޅޭނެއެވެ.

މިކަމަށް ޔޫރަޕުގެ އެކިކަންކޮޅުން 26 އަހަރާއި 32 އަހަރުގެ ބައިވެރިން ހޮވާފައިވެއެވެ. ބައިވެރިން ހޮވުމަށްޓަކައި އާންމުކޮށް ހުޅުވާލުމުން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެކި މެޑިކަލް، ފިޒިއޮލޮޖިކަލް އަދި ސައިކޮލޮޖިކަލް އިވެލުއޭޝަންތަކެއް އެކި މަރުހަލާތަކެއްގެ މަތިން ހައްދާފައިވެއެވެ. މީގެތެރެއިން ހޮވުނު 6 ބައިވެރިން ޖަރުމަނު، ޕޮލިޝް، ޑަޗް، ޕޯޗުގީޒް، އިޓަލީ އަދި ފްރާންސް ޤައުމުތަކަށް ނިސްބަތްވެއެވެ.

މި ދިރާސާ އަމާޒުކޮށްފައިވަނީ ގިނަމުއްދަތުގެ ގައްވީ ދަތުރުތަކުގައި އިންސާނުން އައިސޯލޭޓްކޮށް ބަންދުކުރުމުން އަންނާނެ ނަފްސާނީ، ސުލޫކީ، ކޮގްނިޓިވް އަދި ފިޒިއޮލޮޖިކަލް އަސަރުތައް ދެނެގަތުމަށެވެ. މި ގޮތުން، ދިރާސާވެރިން ގިނަ ބާއްވަތްތަކުގެ އެކްސްޕެރިމަންޓްތަކެއް މި ޕްރޮޖެކްޓުގެ ތެރޭގައި ހަދަން ނިންމާފައިވެއެވެ. މީ ގެތެރޭގައި ސްޓްރެސް، ނިދުމުގެ ޕެޓާންތައް، ސާރކެޑިއަން ރިތަމްސް، އަދި އެހެނިހެން މީހުންނާ ގުޅުން ހުރި ދިރާސާތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވެއެވެ.

މިޔަކީ މިފަދަ ދިރާސާތަކެއް ކުރެވޭ އެންމެ ފުރަތަމަ ފަހަރެް ނޫނެވެ. މިގޮތުން 2010ގައި ރަޝިޔާގެ Mars500 ޕްރޮޖެކްޓްގެ ދަށުން 520 ދުވަސް ވަންދެން ދުނިޔޭގެ އެކިކަންކޮޅުތަކުން 6 ފަރިހެންބޭފުޅުން މާރސްގެ ހާލަތްތައް ސިމިއުލޭޓްކޮށްފައިވާ ތަނެއްގައި ބަންދުކޮށްފައި އެ ފަރާތްތަކުގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ދިރާސާކޮށްފައިވެއެވެ. މީގެ އިތުރުން ރަޝިޔާގެ SIRIUS-23 ޕްރޮޖެކްޓްގެ ދަށުން އަހަރު ދުވަސް ވަންދެން 6 އަންހެން އަދި ފިރިހެން ބައިވެރިންގެ އަައިސޮލޭޓްކުރުމުން އަންނަ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ދިރާސާކޮށްފައިވެއެވެ.











އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.