އެސް 24 ދައްކާލައިފި، ހުރިހާކަމެއް ބަރޯސާވަނީ އޭއައިއަށް!

އަޙްމަދު ދާއޫދު 18 ޖެނުއަރީ 2024

ސެމްސަންގުން އެންމެ ފަހުގެ ގެލެކްސީ އެސް ސީރީޒްގެ ސްމާޓްފޯންތައް، ފަހުގެ އޭއައި ފީޗާތަކާއެކު ދައްކާލައިފިއެވެ.

ސެމްސަންގުން އެންމެ ފަހުގެ ގެލެކްސީ އެސް ސީރީޒްގެ ފޯނުތައް ތަޢާރަފް ކޮށްފައިވާއިރު، އެފޯނުގެ އެންމެ ޚާއްޞަ އެއްކަމަކީ ފޯންކޯލްތައް ވަގުތުން އަމިއްލަ ބަހަށް ޓްރާންސްލޭޓް ކޮށްލެވޭކަމެވެ.

ސެމްސަންގުން ނެރުނު ބަޔާނެއްގައި ބުނީ މި އިވެންޓުގައި ތައާރަފްކުރި އެސް24 އަލްޓްރާ ފޯނަކީ ފޯނު ކޯލްތަކާއި މެސެޖުތައް ލިބުމުން ވަގުތުން އެމީހަކު ބޭނުންވާ ބަހަކަށް ތަރުޖަމާ ކުރުމުގެ ގާބިލުކަން ލިބިފައިވާ ފޯނެއް ކަމަށެވެ.

ސެމްސަންގުން ސިފަކުރި ގޮތުގައި މިއީ އެކި ބަހުރުވަތަކުން ވާހަކަ ދައްކާ ބައެއްގެ މެދުގައި ތަރުޖަމާނެކެވެ. ސެމްސަންގްގެ އަމިއްލަ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މިފީޗާއިން 13 ބަހަކަށް ތަރުޖަމާ ކުރުމުގެ ޤާބިލްކަން ވަނީ ލިބިފައެވެ.

ސެމްސަންގުން ވަނީ މެސެޖިން އާއި ކާރު ސިސްޓަމް ފީޗާތަކަށް ވެސް އޭއައި ތައާރަފްކޮށްފައެވެ. މީގެ އިތުރުން އޭއައި ފީޗާތައް ކެމެރާއަށް ގެނެސް، ބެކްގްރައުންޑް ރީތިކޮށް އިތުރު ސެޓިންތައް އޮޓޯއިން ހަދާނެއެވެ.

ވާދަވެރި އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯން 15 އެކޭ އެއްގޮތަށް، އެސް24 އަލްޓްރާގައި ވެސް ހިމަނާފައި ވަނީ ޓައިޓޭނިއަމް ފްރޭމެކެވެ. އަދި ބެޓެރީގެ ބާރު ވެސް އެހެން ފޯނުތަކާ އަޅާބަލާއިރު، މިފަހަރު މި ފޯނުގައި ދިގު މުއްދަތަކަށް ހިފަހައްޓާނެއެވެ.

ބޭނުންވާ އިމޭޖެއް ނުވަތަ ބަހެއްގައި ބޮޅެއް އަޅާލުމުން ވަގުތުން ގޫގުލްއިން ސާރޗް ކޮށްލެވޭނެ

އަދި މީގެއިތުރުން، ސެމްސަންގަށް އޯއެސް ހަދައިދޭ ގޫގުލްއާ ގުޅިގެން މިފަހަރު ވަނީ ގޫގުލް ސާޗްކުރުމުގައި ވެސް ހާއްސަ އެކި ފީޗާތައް ހިމަނައިފައެވެ. މި ފީޗާތަކުގެ ތެރޭގައި، ބޭނުންވާ އިމޭޖެއް ނުވަތަ ބަހެއްގައި ބޮޅެއް އަޅާލުމުން އަމިއްލައަށް އެޔާ ބެހޭ މައުލޫމާތު އިންޓަނެޓުން ހޯދައިދިނުން ހިމެނެ އެވެ. ސެމްސަންގުން ބުނީ މިހާރު އިންޓަނެޓުން މައުލޫމާތެއް ސާޗްކުރުމަށް ކޮޮޕީކޮށް ޕޭސްޓުކުރުމާއި ގޫގުލްގެ އެހެން އެޕްތަކަށް ވަކިވަކިން ވަނުން ނިމުނީ ކަމަށެވެ.

ގެލެކްސީ އެސް24 މި މަހުގެ 31 ވަނަ ދުވަހު ޝިޕިން ފަށާއިރު އަލްޓްރާފޯން ވިއްކަން ފަށާ އަގަކީ 1،299 ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 20،000ރ. އެވެ.

ސެމްސަންގްގެ އެންމެ ފަހުގެ އޭއައި ޕަވާޑް ޓްރާންސްލޭޝަން ފީޗާއަކީ މޯބައިލް ފޯނު އިންޑަސްޓްރީގެ އޭއައި އަށް ވަނުމުގެ އެންމެ ހާއްސަ ބަޔަކަށް ވުމަށް އަމާޒު ހިފާފައިވާތީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ކެލިފޯނިއާގެ ސިލިކަން ވެލީ ސިޓީގެ ސެން ހޯސޭގައި ބޭއްވި ހާއްސަ އިވެންޓެއްގައި ސެމްސަންގްގެ ރައީސް ޓީޓީ މެކައުލީ ވިދާޅުވީ "އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ފޯނު އިންޑަސްޓްރީއަށް ބޮޑު ބަދަލެއް އަންނާނެ" ކަމަށެވެ.

ސެމްސަންގްގެ ވާދަވެރިޔާ އެޕަލް އިން ވެސް އަންނަނީ އެންމެ ފަހުގެ އައިފޯން 15 ގެ އޭއައި ޕަވާޑް ފީޗާތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.