ފަހަކަށް އައިސް އޯޕަން އޭއައި ގާތްގަނޑަކަށް ހުރިހާ ދާއިރާއަކަށް ހާއްސަކޕށް ޗެޓް-ޖީޕީޓީގެ ފީޗަރތަކެއް ނެރެފައިވެއެވެ. ތައުލީމާއި، ސިއްހަތާއި ދުޅަހެޔޮކަމާއި، ޑެވަލޮޕްކުރުމާއި، ސައިބަރސެކިއުރިޓީ ފަދަ ދާއިރާތަކާއި ގުޅޭ ފީޗަރތައް މީގެކުރިން ތައާރަފުކޮށްފައިވީއިރު، އެންމެފަހުން ނެރެފައިވާ ފީޗަރއަކުން އާދާއިރާއަކަށް ވަދެފައިވެއެވެ. އެއީ ޕާސަނަލް ފައިނޭންސެވެ. ޕްލެއިޑްއާއި ޕާރޓްނަރުވެފައި އެމެރިކާގެ ޗެޓް-ޖީޕީޓީ ޕްރޯ ޔޫޒަރުންނަށް 12000 ފައިނާންޝަލް އިންސްޓިޓިއުޓްގެ ޔޫޒަރ އެކައުންޓުތަކާއި ގުޅުވައިގެން މާލީ ހިދުމަތްތަކުގެ ބޭނުން ހިފޭނެއެވެ.
ޗެޓްޖީޕީޓީއަށް މި އައު ފީޗަރގެ އެހީގައި މާލީ މައުލޫމާތު ލިބިފައިވީ ނަމަވެސް އެ މައުލޫމާތު މޮޑިފައިނުކުރެވެއެވެ. މި ފީޗަރު މެދުވެރިކޮށް މާލީ މައުލޫމާތު ކޮންޓެކްސްޓާއި އެކު ތަހުލީލުކޮށް، ޕެޓާނުތައް ދެނެގަނެ، މާލީ ގޮތުން ރަނގަޅު ނިންމުންތައް ޕްލޭންކޮށް ނިންމުމަށް އެހީތެރިވެދެއެވެ. މި ހުރިހާ ކަމެއް ވެސް ކަސްޓަމައިޒް ކޮށްފައިވަނީ ޔޫޒަރުން އިސްކަންދޭ ކަންކަމާއި ލަނޑުދަނޑިތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ބެހޭ މައުލޫމާތު ހިއްސާކޮށްފައިވާ މައުލޫމާތުގެމައްޗަށެވެ. މި މައުލޫމާތުތައް ޔޫޒަރުންގެ ޕޯޓްފޯލިއޯ، ޚަރަދުކުރުން ފަދަ އެހެނިހެން މައުލޫމާތުތައް ދައްކައިދޭ ޑޭޝްބޯޑެއްގައި އެކުލެވިގެންވެއެވެ.
މި ފީޗަރ ބޭނުންކުރަނީ އެންމެފަހުގެ GPT-5.5 މޮޑަލެވެ. މި މޮޑަލު ފަރުމާކުރުމަށްޓަކައި ޕާސަނަލް ފައިނޭންސްއާ ގުޅުންހުރި ސުވާލުތަކަށް ސިސްޓަމް ތަމްރީނުކޮށް ބެންޗްމާކް ކުރުމަށް ފައިނޭންސްގެ ތަޖުރިބާކާރުންގެ އެހީ ހޯދާފައިވެއެވެ. މި ފީޗަރު ބޭނުންކުރުމަށްޓަކައި ޔޫޒަރުން ޗެޓްޖީޕީޓީގައި އަލަށް ތައާރަފުކުރެވިފައިވާ ފައިނޭންސާސް ސެކްޝަން ބޭނުންކުރެވިދާނެވެ. ނުވަތަ "Finances@" ބޭނުންކޮށްފައި ފައިނޭންސާއި ބެހޭ ކޮމާންޑުތައް ޓައިޕްކުރެވޭނެއެވެ.
އޯޕަންއޭއައި ދާދިފަހުން ހޯދި ހިރޯ ޓީމުގެ މާލީ ތަޖުރިބާގެ ބޭނުންކޮށްފައިވާކަމަށް ޙަބަރު ލިބިފައިވީއިރު، އެމީހުންގެ ކޮންޓްރިބިއުޝަންގެ މިންވަރު މުޅިއެކު ނޭނގެއެވެ. ޕާސަނަލް ފައިނޭންސް ސްޓާޓްއަޕް ހިރޯ މި އޭޕްރީލް މަހުގައި އޯޕަންއޭއައި ގަނެފައިވެއެވެ. ނަމަވެސް ރިޕޯޓްތަކުން ދައްކާ ގޮތުގައި މި ފީޗަރ ތަރައްގީ ކުރުމުގެ މަސައްކަތް އޭގެ ކުރިން ފަށާފައިވެއެވެ.
އޯޕަންއޭއައި ބުނާ ގޮތުގައި މިހާރު ވެސް ކޮންމެ މަހަކު ޗެޓްޖީޕީޓީގައި ފައިނޭންސްއާ ގުޅުން ހުރި ސުވާލުތައް 200 މިލިއަނަށް ވުރެ ގިނަ ޔޫޒަރުން ކޮށްފައިވެއެވެ. މިވަގުތު މި ތައާރަފުކުރެވުނު ފައިނޭންސް ޓޫލްސް ލިމިޓްކޮށްފައިވަނީ ވެބް އަދި އައިއޯއެސްގައި ޗެޓްޖީޕީޓީ ޕްރޯ ބޭނުންކުރާ ފަރާތްތަކަށް އެކަންޔެވެ. ނަމަވެސް، އޯޕަންއޭއައި ބުނާ ގޮތުގައި ޔޫޒަރުންގެ ފީޑްބެކް އެއްކުރުމަށްފަހު ޕްލަސް ޔޫޒަރުންނަށް ވެސް މި ފީޗަރ ފޯރުކޮށްދިނުމަށް ރާވާފައިވެއެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.