ޣައްޒާގެ ނިއުޓަން: އުފެއްދީ ވައިގެ ހަކަތައިން ކަރަންޓް

އަޙްމަދު ދާއޫދު 11 ފެބްރުއަރީ 2024

އިސްރާއީލްގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާސިޓީގައި ކަރަންޓާ ނުލައި ދިރިއުޅޭތާ މަސްތަކެއް ވެއްޖެއެވެ. ދިރިއުޅެނީ ކަނު އަނދިރީގައޭ ބުނުމަކުން މުޅިން ދޮގަކަށްނުވާނެއެވެ. ގެދޮރު ގެއްލިފައިވާ 2.3 މިލިއަން މީހުން ދިރިއުޅޭ ފޭލިގެތަކުގައި ހާލުގައި ޖެހިފައިވާ އެތައްބަޔަކު ބަނޑުހައި ހޫނުކަމުގައި ނިދަނީވެސް ގަދަހޫނުގައެވެ. ފިނިކޮށްލާނެ ފަންކާއެއް މިންވަރުވެސް އެމީހުންއަތަކު މިއަދަކުނެތެވެ.

ކާބޯތަކެއްޗާއި ފެނާއި ކަރަންޓު ފަދަ އެންމެ އަސާސީ ބޭނުންތައް ކަނޑާލައިފައިވާ ފަލަސްތީނުގެ ޣައްޒާގެ އުމުރުން 15 އަހަރުގެ ހުޝާމް އަލް އައްތާރު ވަނީ އޭނާގެ ކުޅަދާނަ ވިސްނުމާއި، ހުނަރުވެރިކަން ދައްކާލައިފައެވެ. އަސާސީ ވަސީލަތްތައް ބޭނުންކޮށްގެން ވައިގެ ޒަރިއްޔާއިން ކާމިޔާބުކަމާ އެކު ކަރަންޓު އުފައްދައިފައެވެ. އެ ކާމިޔާބީއަށްފަހު އަލްއައްތާރަށް ވަނީ "ޣައްޒާގެ ނިއުޓަން" ލަޤަބުވެސް މިހާރު ލިބިފައެވެ.

އޭނާއަށް ނިއުޓަންކީ ދުނިޔެ ދުށް މަޝްހޫރު ފަލްސަފާ ޢިލްމުވެރިޔާ އަދި ސައެންޓިސްޓް، ސަރ އައިޒަކް ނިއުޓަންއަށް ރިޢާޔަތްކޮށެވެ. ނިއުޓަންގެ ހޯދުންތަކުގެ ތެރޭގައި، އަލީގެ ވަނަވަރުތައް ހިމެނެއެވެ.

17 ވަނަ ޤަރުނުގެ ފަހުކޮޅު އަދި 18 ވަނަ ޤަރުނުގެ ކުރީކޮޅު، ފިޒިކްސް، ހިސާބު އަދި ފަލަކީ ޢިލްމުގެ ދާއިރާއިން އިންތިހާއަށް ކުރިއެރުންތަކެއް ހޯދި، އިނގިރޭސި ސައިންސްވެރިޔާ އައިޒަކް ނިއުޓަން، ޢާންމުންގެ ތެރޭގައި މަޝްހޫރުވެފައި ވަނީ، އޭނާ ކިޔައިދޭ އާފަލުގެ ވާހަކައިންނެވެ.

"އެމީހުން އަހަންނަށް ޣައްޒާގެ ނިއުޓަން ކިޔަން ފެށީ، އަހަރެންނާއި ނިއުޓަންއާ އެއްގޮތްކަމެއް ހުރީމަ. ނިއުޓަން އާފަލު ގަހެއްގެ ދަށުގައި އިށީނދެގެން އިންދާ، އޭނަގެ ބޮލަށް އާފަލެއް ވެއްޓުނު ހިސާބުން، ބިމަށް ދަމާ ބާރު ދެނެގަތީ. އަހަރެމެން މިތާ މި އުޅެނީ އަނދިރިކަމާއި މުސީބާތެއްގެ ތެރޭގަ. އަހަރެމެންގެ ބޮލަށް މި ވެއްޓެނީ ރޮކެޓް. އެހެންވެ އަލި އުފެއްދޭނެ ގޮތެއް ވިސްނީ. އަދި އެކަން ކުރަންވެސް ކުރީ... އުތުރު ދޫކޮށް ރަފަޙުގެ ކޭމްޕަށް ބަދަލުވެ، ފުރަތަމަ 20 ދުވަސް ހޭދަކުރީ ކަނު އަނދިރީގަ. ވަރަށް އަނދިރި ރޭގަނޑުގެ ވަގުތަކުގަ. މަންމައާއި، ބައްޕައާއި، އެއްބަނޑު އެއްބަފާ ކުދިންގެ ޙާލާ މެދު ވަރަށް ހިތްދަތިވި. އެހެންވެ، އެ ތަކުލީފުތަކަށް، ހަނގުރާމައިގެ ތެރޭގަ އަހަރެމެން މި އުޅެން ޖެހިފަ އޮތް ދަތި ޙާލަށް ލުޔެއް ހޯދައިދެވޭތޯ ބެލީ." އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އަލްއައްތާރު ކިޔައިދިނެވެ.

އުކާލާފައި ހުންނަ ސާމާނު ވިއްކާ ބާޒަރަކުން ގެނައި 2 ފަންކާއެއް ކަރަންޓު ވާތަކަކާ ގުޅިގެން ހުސާމް ވަނީ އޭނާގެ ޓެންޓަށް އަލިކަމެއް ލިބޭނެ ފަދަ މަސްދަރެއް އީޖާދު ކޮށްފައެވެ.

ހުޝާމްވަނީ ފުރާޅު މައްޗަށް އަރާ، އެއް ފަންކާ މަތީ އަނެއް ފަންކާ ހުންނަ ގޮތަށް، 2 ފަންކާ ތަރުތީބު ކޮށް ވައިގެ ހަކަތަ ހޯދޭނޭ ފަދަ ނިޒާމެއް ޤާއިމް ކޮށްފައެވެ. 2 ފަންކާގެ ބުރަފަތި މަސައްކަތް ކުރަނީ، ވައިން ހަކަތަ އުފައްދާ ވިންޑް ޓަރބައިންއެއް ފަދައިންނެވެ. އެ އުފެދޭ ހަކަތައިން، ބެޓެރީ ޗާޖު ކުރެވޭ ގޮތަށެވެ. އެއަށްފަހު ގޭތެރެއިން ތިރިއަށް ދަތުރުކުރާ ނަރުތަކާ ފަންކާތައް ގުޅުވައި، ސްވިޗްތަކާއި ބޮކި ބޭނުންކޮށްގެން ފޭލިގޭގެ އެތެރެއަށް ވާ ގޮތަށް، އެ ފޭލިގެއަށް އަލިކަން ގެނެސްދިނެވެ.

ހުޝަމް ބުނީ ފޭލިގެއަށް އަލިކަމެއް ގެނެސްދެވޭތޯ އޭނާ މީގެ ކުރިންވެސް 2 ފަހަރެއްގެ މަތިން މަސައްކަތް ކުރިކަމަށެވެ. ނަމަވެސް ކާމިޔާބު ލިބުނީ 3 ވަނަ ފަހަރު ކުރި މަސައްކަތުންނެވެ.

ޣައްޒާގެ އެހެންކުދިންނާ އަޅާބަލާއިރު، ހުޝަމްއަކީ ތަފާތު ކުއްޖެކެވެ. އޭނާ އަދިވެސް ހުރީ ސާބިތުކަމާއެކުގައެވެ. ހުވަފެންތައް ޙަޤީޤަކަށް ހަދާ، ޢަމާޒުތައް ހާސިލުކުރުމުގެ މިޞްރާބުން ކަސިޔާރު ނުވާނެހާ ވަރުގަދަކޮށެވެ.

މިކަން ކާމިޔާބު ވީމަ ވަރަށް އުފަލުން މި ހުންނަނީ. އަހަރެންގެ ޢާއިލާއަށް، މަންމައަށް، ބަލި ބައްޕައަށް، ބޭބެގެ ކުޑަކުޑަ ދަރިންކޮޅަށް، މިތާ ހަނގުރާމަގަނޑުގެ ތެރޭގަ އިންތިހާ ދަތި ޙާލުގަ އުޅެމުންދާ އެންމެންނަށްވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައިދެވުނީމަ. މި ކޭމްޕު މީހުން އަހަންނަށް ޣައްޒާގެ ނިއުޓަންއޭ ކިޔާތީ ވަރަށް އުފާވޭ. ހުވަފެންތައް ޙަޤީޤަތަކަށް ހަދާ، ނިއުޓަން ކަހަލަ ސައެންސްޓިސްޓަކަށް ވެވޭނެނަމައޭ ވަރަށް ހިތަށް އަރާ. ޣައްޒާ އެކަންޏެއް ނޫން، މުޅި ދުނިޔެއަށްވެސް ފައިދާ ކުރާކަހަލަ އީޖާދެއް ކޮށްލެއްވޭނެ ދުވަހަކަށް ވަރަށް އުންމީދު ކުރެވޭ." ޖަޒީރާއަށް ދިން ބަސްދީ ގަތުމުގައި އޭނާ ކިޔައިދިނެވެ.

ހުޝާމް އަލް އައްތާރަކީ ޣައްޒާގެ އުތުރުގައި ހުންނަ ޖަބެލް މުކަބަރު ސްކޫލުގައި ކިޔަވަމުން ދިޔަ ދަރިވަރެކެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުން ވަށާލާފައިވާ އެންކްލޭވްއަށް ބޮން އަޅަން ފެށުމުން އޭނާގެ ގެދޮރު ގެއްލުނެވެ. އެއަށްފަހު އަލްއައްތާރު އެމީހުންގެ ގެއިން ބެއިޓް ލަހިޔާއިން އަލްނަސްރަށް ބަދަލުވެ، ދެން ޚާން ޔޫނުސްއަށް ފައިމަގުގައި ދިޔައެވެ. މިހާރު އެމީހުން ތިބީ މިސްރުގެ ބޯޑަރު ކައިރީގައި އޮންނަ ރަފާހުގައެވެ.

ފަލަސްތީނުގެ ޒުވާން އުފެއްދުންތެރިޔާ ހުޝާމް ބުނީ ޣައްޒާގައި އޭނާ ފަދަ "އިނޮވޭޓިވް މީހުން" ވަރަށް ގިނަ ކަމަށާއި ނަމަވެސް އެމީހުންގެ އުފެއްދުންތަކަށް އެކަކުވެސް ފަރުވާލެއް ނުވަތަ ސަމާލުކަމެއް ނުދޭ ކަމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.