ސައުދީ އަރަބިއްޔާގެ އޭއައި މިސްރާބާއި ތަސައްވުރު

ހިންދު ޢަލީ 20 މާރިޗު 2024

މީގެ ކުރިން ސައުދީ އަރަބިއްޔާ މަޝަހޫރުވެފައިވަނީ ތެލުގެ ބޮޑު ރިޒާވްގެ ގޮތުގައެވެ. އެހެން ނަމަވެސް ހަމައެކަނި ތެލުގެ އިކޮނޮމީއަށް ބަރޯސާވުން މިހާރު ސައުދީއިން ދަނީ ބަދަލުކުރަމުންނެވެ. 2016 ވަނަ އަހަރު ސައުދީ ސަރުކާރުން ވަނީ ވިޝަން 2030 ގެ ނަމުގައި ބޮޑު ޕްލޭނެއް އިފްތިތާހުކޮށްފައެވެ. މި ޕްލޭން އެކުލަވާލާފައިވަނީ ހަމައެކަނި ތެލަށް ބަރޯސާ ނުވެ، ސައުދީ އަރަބިއްޔާގެ އިގްތިސާދު އެކި ގޮތްގޮތުން ހަރުދަނާ ކުރުމުގެ މަގުސަދުގައެވެ. މިޕްލޭންގައި ބޮޑަށް އަލިއަޅުވާލާފައިވަނީ އައު އީޖާދުތަކާއި ޒަމާނީ ހިޔާލުތައް ބޭނުންކޮށްގެން ގައުމުގެ އިގްތިސާދު ކުރިއަރުވާ ބަދަލުކުރުމުގެ މައްޗަށެވެ.

މިޕްލޭންގެ އެންމެ މުހިއްމު އެއްބަޔަކީ އާރޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެވެ. އޭއައި އަކީ މީގެ ކުރިން އިންސާނުން ކުރަމުން އަންނަ، ކަންކަން ދަސްކުރުމާއި ދަސްކުރާ ތަކެއްޗަށް ބިނާކޮށް ނިންމުންތައް ނިންމުން ފަދަ ކަންކަން، ފަހުގެ ބާރުގަދަ ކޮމްޕިޔުޓަރ ބޭނުންކޮށްގެން ކުރުމަށް މަގުފަހިކޮށްދޭ ޓެކްނޮލޮޖީގެ ބާވަތެކެވެ. މިޓެކްނޮލޮޖީއަކީ މިހާރު އަހަރުމެން އިންސާނުންގެ ދިރިއުޅުމުގެ ގިނަ ދާއިރާތައް މުޅިން ބަދަލުކޮށްލަމުންދާ ޓެކްނޮލޮޖީއެކެވެ.

މިއާޓިކަލްގައި ބަލާލާނީ ސައުދީ އަރަބިއްޔާއިން އެގައުމުގެ އިގްތިސާދު ތަރައްގީކުރުމަށް އެކުލަވާލާފައިވާ އޭއައި ޕްލޭން ކަމަށްވާ ނޭޝަނަލް ސްޓްރެޓެޖީ ފޯ ޑޭޓާ އެންޑް އެއައި (އެންއެސްޑީއޭއައި) އަށާއި ސައުދީ އަރަބިއްޔާގެ އުތުރުގައި އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަރައްގީކުރުމަށް ރާވާފައިވާ މުޅިން އައު ސިޓީއެއް "ނިއޯމް"އަށެވެ.

ސައުދީގެ ގައުމީ އޭއައި ޕްލޭނާއި ނިއޯމް އަކީ އެގައުމަކީ 2030 ވަނަ އަހަރުގެ ނިޔަލަށް އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ދުނިޔޭގެ ލީޑަރަކަށްވުމުގެ ތަސައްވުރަށް އަމާޒުހިފާފައިވާ ޕްލޭނެކެވެ.


ނޭޝަނަލް ސްޓްރެޓެޖީ ފޯ ޑޭޓާ އެންޑް އެއައި (އެންއެސްޑީއޭއައި): ސައުދީގެ ޑޭޓާ އާއި އޭއައިގެ ގައުމީ ސްޓްރެޓެޖީ

އެންއެސްޑީއޭއައި އަކީ އޭއައިގެ ދާއިރާއިން ދުނިޔޭގެ ފަންތީގައި އެންމެ ބާރުގަދަ އެއް ގައުމަކަށް ސައުދީ ދަތުރުކުރުމަށް އެކުލަވާލާފައިވާ ބްލޫޕްރިންޓެކެވެ. މިސްޓްރެޓެޖީގައި އޭއައިގެ ވަރުގަދަ ބިންގަލެއް ބިނާކުރުމަށްޓަކައި މުހިންމު ބައެއް ދާއިރާތަކަށް އަލިއަޅުވާލާފައިވެއެވެ.

1. އާއައިގެ ހުނަރު ލިބިފައިވާ މީހުން އުފެއްދުން:

މިޕްލޭންގައި މުހިއްމުކަން ދީފައިވާ އެއް ދާއިރާއަކީ އޭއައި ހުނަރު އިތުރަށް އެގައުމުގައި ތަރައްގީކުރުމަށެވެ. އޭގައި ފާހަގަކޮށްފައިވާ ގޮތުގައި މިޕްލޭން އިމްޕްލިމެންޓް ކުރުމަށާއި ފައިދާހުރި ގޮތެއްގައި އޭއައި ތަރައްގީކޮށް ބޭނުންކުރުމަށް ހުނަރުވެރި މީހުން ބިނާކުރުން ވަރަށް މުހިންމުކަމެވެ. އެގޮތުން އޭއައިގެ އައު ޖީލެއްގެ ސްޕެޝަލިސްޓުންނާއި ތަޖުރިބާކާރުން ތަމްރީނު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މިމަސައްކަތުގެ ތެރޭގައި މިދާއިރާއިން އަންހެނުން އިތުރުކުރުމަށާއި، ބާރުވެރިކުރުމަށާއި އޭއައި ވޯކްފޯސްއާއި ގުޅުމަށް ހިތްވަރު ދިނުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ.

2. އީޖާދީ އުފެއްދުންތެރިކަމުގެ ދިރާސާކުރުން:

އޭއައި ޓެކްނޮލޮޖީއިން އީޖާދީ އުފެއްދުންތައް އުފެއްދުމަށާއި މިދާއިރާއިން ގައުމެއް ކުރިއެރުވުމަށް ދިރާސާކުރުމަކީ ވަރަށް މުހިންމު ކަމެއް ގޮތުގައި ސައުދީގެ ޕްލޭންތަކުގައި ފާހަގަކުރެއެވެ. އެންއެސްޑީއޭއައިގެ އަމާޒަކީ ދިރާސާކުރާ މުއައްސަސާތައް ހަރުދަނާކޮށް، ޒަމާނީ ހޯދުންތައް އުފެއްދުމަށް މަގުފަހިވާ މާހައުލެއް އުފެއްދުމެވެ. މިކަމުގެ ސަބަބުން ސައުދީ އަރަބިއްޔާއަށް އަމިއްލަ އޭއައި ސޮލިއުޝަންތައް ތަރައްގީކޮށް، މި ދާއިރާގެ ދުނިޔޭގެ ކުރިއެރުމަށް އެހީތެރިވެދެވޭނެކަމަށް ސްޓްރެޓެޖީތަކުގައި ފާހަގަކޮށްފައިވެއެވެ.

3. މިދާއިރާއަށް އިންވެސްޓްކުރުން:

ވަރުގަދަ އޭއައި އިކޯސިސްޓަމެއް ބިނާކުރުމަށް ގިނަ ވަސީލަތްތަކެއް ބޭނުންވެއެވެ. އެންއެސްޑީއޭއައިގެ އަމާޒަކީ އެގައުމުން އަދި ބައިނަލްއަގްވާމީ މަސްދަރުތަކުން 20 ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ އިންވެސްޓްމަންޓް ހޯދުމެވެ. މިކަން ހާސިލް ކުރުމަށްޓަކައި ސައުދީގެ ޕްލޭނަކީ އެގައުމުގައި މިދާއިރާއިން ވިޔަފާރި ކުރެވޭނެ ފަސޭހަ މާހައުލެއް އުފައްދާ، އިންވެސްޓް ކުރުމަށް ބޭނުންވާ ކުންފުނިތަކަށް ހިއްވަރު ދިނުންކަމަށް ފާހަގަކުރެއެވެ.

4. ޓެކްނޮލޮޖީ ބޭނުންކުރުމާއި ގުޅޭ ގާނޫނީ އޮނިގަނޑު އެކުލަވާލުން:

މިޒަމާނުގެ ކޮންމެ ޓެކްނޮލޮޖީއަކާ އެކުވެސް ވިސްނަންޖެހޭ ފަދައިން އޭއައި ވެސް ޒިންމާދާރު ގޮތެއްގައި ތަރައްގީކޮށް ބޭނުންކުރުން ކަށަވަރު ކުރުމަށްޓަކައި ޓެކްނޮލޮޖީ ތަރައްގީ ކުރުމާއި އެއް ސަފުގައި ޓެކްނޮލޮޖީއިން އުފައްދާ ތަކެތި ބޭނުންކުރުމުގެ ގާނޫނު ގަވާއިދާއި، އުސޫލުތަކަކާއި ގައިޑްލައިންތަކެއް ބޭނުންވެއެވެ. އެންއެސްޑީއޭއައި ގައި ފާހަގަކޮށްފައިވާ ގޮތުގައި ޕްރައިވަސީ ރައްކާތެރިކުރުމަށާއި ޓެކްނޮލިޖީ ބޭނުންކުރުމުގެ ސުލޫކީ މިންގަނޑުތައް ކަނޑައަޅުމުގެ އިތުރުން އިނޮވޭޝަން ކުރިއެރުވުމަށް ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުމުގެ މުހިންމެވެ.

5. އުފެއްދުންތެރިކަމުގެ ޕާރޓްނަޝިޕްގެ މުހިއްމުކަން:

ސައުދީގެ ޕްލޭންތަކުގައި ބުނާގޮތުން އެއްވެސް ބަޔަކަށް އެކަނި އޭއައިގެ ހުރިހާކަމެއް ހާސިލްނުކުރެވޭނެއެވެ. އެގޮތުން އެންއެސްޑީއޭއައިއިން ބާރުއަޅަނީ ސަރުކާރާއި، ދިރާސާވެރިންނާއި، އަމިއްލަ ކުންފުނިތައް އެއްބައިވެ އޭއައި ޓެކްނޮލޮޖީގެ އޭގެ އެންމެ ފައިދާ ހުރިގޮތުގައި ތަރައްގީކުރުމަށެވެ. މިދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމުން، އޭއައި ތައާރަފްކުރުން އަވަސްކޮށް، ސައުދީ އަރަބިއްޔާއަށް އޭގެ ފައިދާ އެންމެ ފުރިހަމައަށް ހޯދައިދެވޭނެ ކަމަށެވެ.

އޭއައި ޓެކްނޮލޮޖީގެ އެހީގައި ކުރިއަރުވުމަށް އިސްކަންދޭނެ ސެކްޓަރތަކެއް މިޕްލޭންގައި ފާހަގަކޮށްފައިވެއެވެ. އޭގެތެރޭގައި ތައުލީމީ ދާއިރާއާއި، ސިއްހީ ދާއިރާއާއި، ހަކަތަ އުފެއްދުމާއި، ސްމާޓް ސިޓީ އުފެއްދުމާއި، ސަރުކާރުގެ ހިދުމަތްތަކާއި ޕަބްލިކް ސެކްޓަރ ހިމެނެއެވެ. މިމުހިންމު ދާއިރާތަކަށް ފޯކަސްކޮށްގެން އެންއެސްޑީއޭއައިއިން ދަނީ އޭއައި އުފެއްދުމުގެ ދުނިޔޭގައި ސައުދީ އަރަބިއްޔާއިން އިސް ދައުރެއް އަދާކުރާ މުސްތަގުބަލެއްގެ ބިންގާ އަޅަމުންނެވެ.


ނިއޯމް: ސައުދީއިން ތަރައްގީކުރާ އޭއައި ސިޓީ

އާންމު ދިރިއުޅުމުގެ ހުރިހާ ކަމެއް އޭއައިގެ މައްޗަށް ބިނާކޮށްފައިވާ ސިޓީއަކީ މިހާރު ތަސައްވުރުކޮށްލަން އުނދަގޫ ކަމެއް ނޫނެވެ. މިއީ މިހާރު ސައިންސް ފިކްޝަން ފިލްމަކުން ފެންނަ ފަދަ ގަބޫލުކުރަން ދަތި، ބީރައްޓެހި ކަމެއް ނޫނެވެ.

ސައުދީ އަރަބިއްޔާގެ ހުޅަނގު އުތުރުގައި އުފެދިގެން އަންނަ އިންގިލާބީ "މެގަ ސިޓީ" މަޝްރޫއެއް ކަމަށްވާ ނިއޯމްއަކީ މީގެ މިސާލެކެވެ. މިއީ އޭއައިގެ މައްޗަށް ބިނާކުރެވޭ މުސްތަގްބަލެއްގައި ދުނިޔޭގެ ހުރިހާ ސިޓީއެއް ތަރައްގީކުރުމަށް ބަލާނޭ ބްލޫޕްރިންޓެއްކަމަށް ސައުދީއިން ދެކެއެވެ. މިސިޓީ ތަރައްގީކުރުމުގެ މައިގަނޑު ބިނާވެފައިވަނީ މުޅިންވެސް އޭއައިގެ މައްޗަށެވެ.

"ލިވިންގް އިން ދަ ފިއުޗަރ، ޓުޑޭ" ގެ ސްލޯގަން ދީފައިވާ ނިއޯމް ވެގެންދާނީ އީޖާދީ ޓެކްނޮލޮޖީގެ އުފެއްދުންތެރިކަމުގެ އަޖައިބަކަށެވެ. ސިޓީގެ އިންފްރާސްޓަރކްޗަރއާއި ހަކަތައިގެ ގްރިޑުން ފެށިގެން، ކޮންމެ ރައްޔިތަކަށް ހާއްސަކުރެވޭ ޕަރސަނަލައިޒްޑް ހިދުމަތްތައް ފޯރުކޮށްދިނުމާއި ހަމައަށް ހުރިހާ ކަމެއް ބިނާކުރާނީ އޭއައިގެ މައްޗަށެވެ. މިސިޓީގައި އަމިއްލައަށް ދުއްވާ ކާރުތަކާއި، ޑެލިވަރީތައް ބެލެހެއްޓުމަށް ބޭނުންކުރެވޭނެ ރޮބޮޓްތަކާއި، ސިއްހީ އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކުލެވޭނެ ހެލްތު ސިސްޓަމްތަކުން ރައްޔިތުންގެ ދިރިއުޅުމުގެ ހުރިހާ ބޭނުމެއް ފޯރުކޮށްދެވޭނެއެވެ.

ނިއޯމް އަކީ ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސްޓްރެޓެޖީ ފޯ ޑޭޓާ އެންޑް އޭއައި (އެންއެސްޑީއޭއައި) ގައި ބަޔާންކޮށްފައިވާ އޭއައި ސްޓްރެޓެޖީތައް ޓެސްޓްކޮށް އޭގެ މައްޗަށް އިތުރަށް ތަރައްގީކުރެވޭނެ ޓެސްޓް ބެޑެކެވެ. ސިޓީގެ ޑިޖިޓަލް އިންޓަގްރޭޝަންގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ ނިއޯމްގެ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ޑިވެލޮޕްމަންޓަށް ފޯކަސް ކުރާ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓޮނޮމަސްއެވެ.

އެންއެސްޑީއޭއައިގައި ބަޔާންކޮށްފައިވާ ގޮތަށް އޭއައިގެ ވޯކްފޯސް އުފެއްދުމާއި، ރިސާޗް ކުރިއެރުވުމާއި، އިންވެސްޓްމަންޓް ޝައުގުވެރި ކުރުވުމަށް އަމާޒުކޮށްގެން ހިންގާ މަސައްކަތްތައް ނިއޯމްގެ ތަރައްގީގެ ތެރޭގައި އަމަލީ ގޮތުން ތަންފީޒު ކުރަމުންދާނެ ކަމަށް ސިޓީ އުފެއްދުމުގެ ޕްލޭންތަކުގައި ފާހަގަކޮށްފައިވެއެވެ.

ނިއޯމްގެ ކާމިޔާބީވެގެން ދާނީ ސައުދީ އަރަބިއްޔާއިން އޭއައިއަށް ކުރާ ވައުދާއި ތަސައްވުރު ހަގީގަތަކަށް ވެގެން ދާނެ ފުރަތަމަ މަރުހަލާއަށެވެ. އަދި އެއަށްފަހު އެހެން ގައުމުތަކުން ނަމޫނާއެއްގެ ގޮތުގައި ބަލާނޭ އެއްޗަކަށް ވެގެން ދާނެކަމަށް ސައުދީއިން ތަސައްވުރުކުރެއެވެ. މިސިޓީއިން އަހަރެމެން ދިރިއުޅޭ ގޮތާއި، މަސައްކަތްކުރާ ގޮތަށް ބޮޑު އިންގިލާބެއް ގެނައުމުގެ ގާބިލްކަން އެބަހުރިކަމަށް ދެކެއެވެ.


ސައުދީގެ އޭއައި ޕްލޭންގެ ލަނޑުދަނޑިތަކާއި ކާމިޔާބީތައް

2030 ވަނަ އަހަރަށް ސައުދީއިން ހާސިލްކުރަން ބޭނުންވާ އޭއައިގެ މުހިންމު ބައެއް އަމާޒުތަކަކީ:

- އޭއައި އުފެއްދުމާއި ބޭނުންކުރުމުގެ ދުނިޔޭގެ ގަދަ 15 ގައުމުގެ ތެރޭގައި ހިމެނުން

- ޑޭޓާ އާއި އޭއައި ހުނަރު ހުރި، މަދުވެގެން 20،000 މީހުން އެގައުމުގައި އުފެއްދުން

- އީޖާދީ އުފެއްދުންތެރިކަން ކުރިއެރުވުމަށް އެގައުމުގެ ސްޓާޓްއަޕް އިކޯސިސްޓަމެއް އުފައްދާ، 300 އަށް ވުރެ ގިނަ އޭއައި ސްޓާޓްއަޕް އެކުލަވާލުން

- ޑޭޓާ އަދި އޭއައި ދާއިރާއަށް އެންމެ މަދުވެގެން 75 ބިލިއަން ސައުދީ ރިޔާލްގެ އިންވެސްޓްމެންޓް ހޯދުން

- މިދާއިރާއިން ސައިންޓިފިކް ދިރާސާ ކުރާ ގައުމުތަކުގެ ގަދަ 20 ގެ ތެރޭގައި ހިމެނުން

އަދި މިއީ ޕްލޭންތަކުގެ ފުރަތަމަކޮޅުކަމުގައި ވީނަމަވެސް، ސައުދީއިން ދަނީ ލަނޑުދަނޑިތަކުގެ މުހިއްމު ބައެއް ކަންތައްތައް ހާސިލްކުރަމުންނެވެ. މީގެ ތެރޭގައި ސައުދީ ޑޭޓާ އެންޑް އޭއައި އޮތޯރިޓީ (އެސްޑީއޭއައިއޭ) އުފެއްދުން ހިމެނެއެވެ. އަދި އޭއައިގެ ދާއިރާއިން ދުނިޔޭގެ މަޝްހޫރު ކުންފުނިތަކާއި ޔުނިވަރސިޓީތަކާއި ގުޅި މުހިއްމު ދިރާސާތައް ވެސް ވަނީ ފަށާފައެވެ.

ގޮންޖެހުންތަކާއި ފުރުސަތުތައް

ސައުދީގެ އަމާޒުތައް ވަރަށް އުންމީދީއެވެ. އެހެން ނަމަވެސް މިކަންތައް ހާސިލްކުރުމަށް ގޮންޖެހުންތަކެއްވެސް ކުރިމަތިވެއެވެ. މީގެ ތެރޭގައި އެންމެ ބޮޑަށް އެގައުމުން ފާހަގަކުރާ އެއްކަމަކީ އޭއައިގެ ހުނަރު ހުރި މީހުން މަދުކަމެވެ. އަދި ޓެކްނޮލޮޖީ ބޭނުންކުރުމާއި ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަކީވެސް އުނދަގޫކަމެއް ކަމަށެވެ.

މިއީ ނިއޯމް ސިޓީ ތަރައްގީކުރުމުގެ ތެރެއިން ޓެސްޓް ކުރެވިދާނެ ބައެއް ކަންތައްތަކެވެ. ނިއޯމްގެ ތެރޭގައި ކުޑަ ސްކޭލެއްގައި އޭއައި ސޮލިއުޝަންތައް އިމްޕްލިމެންޓްކޮށްގެން ސައުދީއަށް މުޅި ގައުމުގައި ބޮޑެތި ސްކޭލެއްގައި ތަންފީޒު ކުރުމުގެ ކުރިން ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ އެކަން ހައްލުކުރެވިދާނެއެވެ. އަދި އޭއައި ގަވަރނަންސްގެ އެންމެ ރަނގަޅު މޮޑެލްއެއްވެސް މިމަސައްކަތުގެ ތެރެއިން ދެނެގަނެވިދާނެއެވެ. ނިއޯމްގެ ތަރައްގީއިން ލިބޭ ފިލާވަޅުތަކަކީ ސައުދީ އަރަބިއްޔާއާއި މުޅި ދުނިޔޭގެ އޭއައިގެ މުސްތަގުބަލު ބައްޓަންކުރުމުގައި މުހިންމު ފިލާވަޅުތަކަކަށް ވާނެއެވެ.

މުސްތަގުބަލަށް ބަލާއިރު، ސައުދީއިން އޭއައި ދާއިރާއިން ކުރާ މަސައްކަތްތަކަކީ ވަރަށް އުންމީދީ އަދި ގާބިލް މަސައްކަތްތަކެކެވެ. މިކަމާއި ގުޅިގެން ކަނޑައެޅިފައިވާ ސްޓްރެޓެޖީތަކާއި، އިންވެސްޓްމަންޓާއި، ނިއޯމް ފަދަ މަޝްރޫއަކާއެކު، ސައުދީ އަރަބިއްޔާ ވަނީ ދުނިޔޭގެ އޭއައި ލޭންޑްސްކޭޕްގައި ބޮޑު ދައުރެއް އަދާކުރުމަށް ތައްޔާރުވެފައެވެ. މޮޑެލް އޭއައި ސިޓީއެއްގެ ގޮތުގައި ނިއޯމްގެ ކާމިޔާބީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އެހެން މަޝްރޫއުތަކަށް އިންސްޕަޔަރކޮށް، އޭއައި ޓެކްނޮލޮޖީ އެތަށް ގުނައެއް ކުރިއަށް ޖައްސާލެވޭނެ ކަމެކެވެ.

އިތުރަށް ކިޔާލުމަށް

ހައިޕަރލޫޕް: ޖިއްދާއިން މައްކާއަށް ދިޔުމަށް އެންމެ 5 މިނިޓް!

ސައޫދީން "ސްމާޓް ޕިލްގްރިމް" އެޕެއް ތައާރަފްކުރަނީ


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.