ހަނދުގައި ރޭލްވޭ ސިސްޓަމެއް ގާއިމުކުރަން ތައްޔާރުވެއްޖެ

އަޙްމަދު ދާއޫދު 01 އޭޕްރީލު 2024

ހަނދުގައި ދާއިމީ ގޮތެއްގައި އިންސާނުން ތިބުމަށް އެމެރިކާގެ ޑިފެންސް އެޑްވާންސްޑް ރިސާޗް ޕްރޮޖެކްޓްސް އެޖެންސީ (ޑާޕާ) އިން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުން ހަނދުގެ ސަރަޙައްދުގައި ރޭލްވޭ ނެޓްވޯކެއްގެ ކޮންސެޕްޓެއް އުފެއްދުމުގެ މަސައްކަތް ނޯތުރޮޕް ގްރޫމަންއާ ހަވާލުކޮށްފިއެވެ.

މި ކޮންޓްރެކްޓަކީ ޑާޕާގެ 10 އަހަރުގެ ލޫނާ އާކިޓެކްޗާ (ލޫނާ-10) ކެޕޭބިލިޓީ ސްޓަޑީގެ ދަށުން ކުރިއަށް ގެންދާ އެއްބަސްވުމެކެވެ.

ހަނދުގައި ރޭލްވޭއެއް އެޅުމުގެ ވިސްނުމަކީ ތާކުންތާކު ނުޖެހޭވިސްނުމެއް ކަމަށް ބައެއް ފަރާތްތަކަށް ހީވިޔަސް، ނޯތުރޮޕް ގްރޫމަން އިން ހާމަކޮށްފައިވާ ގޮތުގައި މިއީ މުސްތަގުބަލުގައި މައިނިން ސައިޓްތަކާއި އިންޖީނުގެތަކާއި ފެކްޓްރީތަކާއި ހަނދުގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ތަންތަން ގުޅާލުމަށް ދަތުރުފަތުރުގެ ނިޒާމެއްގެ ގޮތުގައި ހަރުދަނާ އަމަލީ މާނައެއް އޮތް ކަމެކެވެ.

ނޯތުރޮޕް ގްރޫމަން ކޯޕަރޭޝަނަކީ އެމެރިކާގެ މަލްޓިނޭޝަނަލް އެރޯސްޕޭސް އެންޑް ޑިފެންސް ޓެކްނޮލޮޖީ ކުންފުންޏެކެވެ. 95،000 މުވައްޒަފުންނާއި އަހަރަކު 30 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ އެ ކުންފުންޏަކީ ހަތިޔާރު އުފައްދާ އަދި އަސްކަރީ ޓެކްނޮލޮޖީ ފޯރުކޮށްދޭ އެމެރިކާގެ އެންމެ ބޮޑު އެއް ކުންފުންޏެވެ.

"ކޮމްޕްލެކްސް ސިސްޓަމްތަކާއި އޮޓޮނޮމަސް ހިދުމަތްތަކުގެ ސާބިތު ތަޖުރިބާއާއެކު ދެމެހެއްޓެނިވި ޖައްވީ އިކޯސިސްޓަމަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދޭނަން،" ނޯތުރޮޕް ގްރޫމަންގެ ނައިބު ރައީސް ކްރިސް އެޑަމްސް ވިދާޅުވިއެވެ.

1960 ގެ އަހަރުތަކުގައި އެޕޯލޯ ޒަމާނުގައި ވެސް ނާސާއިން ގަބޫލުކުރި ގޮތުގައި ހަނދާއި މާސްގައި އިންސާނުން ދެމިތިބުމުގެ ދިގު މުއްދަތުގެ ލަނޑުދަނޑިތައް ހަގީގަތަކަށް ހެދުމަކީ ރޭލްވޭ ފަދަ ހަރުދަނާ އިންފްރާސްޓްރަކްޗާއެއް ބޭނުންވާނެ ކަމެކެވެ.

ހަނދުގެ ސަރފޭސް އޭރިއާއަކީ އެފްރިކާގެ ސަރަޙައްދުފަދަ ބޮޑު ސަރަޙައްދަކަށްވުމުން، ހަނދުގައި ދަތުރުފަތުރު ކުރުމަށް މިހާރު ބޭނުންކުރާ ކުދިކުދި ރޯވަރުތަކަކީ މިހާ ބޮޑު ދުރުމިނެއްގައި އާދައިގެ ދަތުރުފަތުރުކުރުމަށް އެކަށީގެންވާ މިންވަރެއް ނޫނެވެ. ކޮންވެންޝަނަލް ޓްރެކްނުވަތަ މެގްނެޓިކް ލެވިޓޭޝަން ކަމުގައިވިޔަސް ރޭލް ސިސްޓަމްތަކުގެ ސަބަބުން މެޓީރިއަލްސް، ޕެލޯޑްސް އަދި އިންސާނުން ވެސް މިހާރަށްވުރެ ހަރުދަނާގޮތެއްގައި ހަނދަން ގެންދެވޭނެއެވެ.

މިފަދަ ރޭލްވޭއެއް ހެދުމުން ލިބޭ އަނެއް ބޮޑު އެޑްވާންޓޭޖަކީ ހަނދުގެ ކުނީގެ ނުރައްކާ ކުޑަކުރުމެވެ. މިއީ ހަނދުގައި ދިމާވާ އެންމެ ބޮޑު އެއްމައްސަލަކަމަށް އެސްޓްރޮނޯޓުން އަބަދުވެސް ފާހަގަކުރައްވައެވެ. މިފަދަ ރޭލްވޭ ސްޓޭޝަނެއް ހެދުމުން މިކަމަށް ވަރަށް ބޮޑަށް ހައްލު ލިބޭނެކަމަށް ގްރޫމަން ގްރޫޕުން ބުނެއެވެ.

މި އެއްބަސްވުމުގެ ދަށުން ނޯތުރޮޕް ގްރޫމަން އިން ރޮބޮޓިކް ސިސްޓަމްތައް ބޭނުންކޮށްގެން ހަނދުގެ ރޭލް ނެޓްވޯކެއް ބިނާކޮށް، އޮޕަރޭޓްކޮށް ބެލެހެއްޓުމަށް ބޭނުންވާ ޕްރޮޓޯޓައިޕްތަކާއި ޑިޒައިންތައް ތަރައްގީ ކުރާނެއެވެ.

އެކަމަކު މިކަމަށް އޮތް ގޮންޖެހުންތަކުގެ ތެރޭގައި ބޭނުންވާ ވަސީލަތްތައް ދެނެގަތުމާއި ޓެކްނޮލޮޖީގެ ނުރައްކާތަކާއި ހަނދުގެ އާދަޔާ ޚިލާފު މާހައުލަށް ރެޒިލިއަންޓް ކޮންސްޓްރަކްޝަން މެތަޑްތަކާއި ޓްރެކް ގްރޭޑިން އާއި އިންސްޕެކްޝަން ފަދަ ހަރަކާތްތަކުގެ ސްޓްރެޓެޖީތައް ހިމެނޭ ކަމަށް އެކުފުންނިން ބުނެއެވެ.

ހަނދުގެ ރޭލްވޭ ކޮންސެޕްޓް އަދިވެސް އޮތީ ވަރަށް ކުރީ ކޮޅުގައި ކަމަށްވާއިރު، ރޫޓް ޕްލޭނިން، ކަރަންޓް ސޯސް ނުވަތަ ރޭލް ޓެކްނޮލޮޖީ ފަދަ ކަންކަމަށް އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ވެއެވެ. އެހެންނަމަވެސް، ހަނދުގައި ދާއިމީ ގޮތެއްގައި އިންސާނުން ތިބުމަށް ނާސާއިން ކުރަމުންދާ އުންމީދާއި މަސައްކަތްތަކަށް މި ދިރާސާއިން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ދިރާސާ ވެރިން ބުނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.