ފުރަތަމަ ފަހަރަށް ބްލޫޓޫތު އިން ޖައްވަށް ގުޅާލައިފި

ޖައްވުގައި ވާ ސެޓެލައިޓަކާ މޯބައިލް ފޯނުގެ ބްލޫޓޫތް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ގުޅާލައި، ބްލޫޓޫތު މެދުވެރިކޮށް ސެޓެލައިޓް އިންޓަނެޓް ލިބޭގޮތް ހެދުމުގެ މަސައްކަތް ޓެކްނޮލޮޖީ ސްޓާޓްއަޕަކުން ފަށައިފިއެވެ.

ހަބްލް ނެޓްވޯކް ނަމަކަށް ކިޔާ ސިއެޓަލްގެ ސްޓާޓްއަޕަކުން ބުނީ ޓެކްނޮލޮޖީގެ ބޮޑު ކާމިޔާބީއެއް ހާސިލްކުރެވިފައިވާ ކަމަށާއި ޖައްވުގައި ވާ ސެޓެލައިޓަކާ މޯބައިލް ޑިވައިސްގެ ބްލޫޓޫތު މެދުވެރިކޮށް ސީދާ ކަނެކްޝަނެއް ގާއިމް ކުރެވިއްޖެ ކަމަށެވެ.

ހަބަލް އިން ބުނީ މިދިޔަ މާޗް މަހު އެކުންފުނިން ލޯންޗްކުރި ލޯ އާތު އޯބިޓް ސެޓެލައިޓްތަކުގެ ތެރެއިން ދެ ސެޓެލައިޓެއް ބޭނުންކޮށްގެން ދުނިޔޭގެ ސަރަޙައްދުގައި ގާތްގަނޑަކަށް 400 މޭލު ދުރުގައި ހުންނަ އޮފް ދަ ޝެލްފް ވަޔަލެސް ޑިވައިސްތަކުން ބްލޫޓޫތު ސިގްނަލްތައް ކާމިޔާބުކަމާއެކު ލިބުނު ކަމަށެވެ.

"600 ކިލޯމީޓަރުގެ ހައިރާންކުރުވަނިވި ދުރުމިނެއްގައި 3.5 މިލިމީޓަރުގެ އާދައިގެ ބްލޫޓޫތު ޗިޕަކުން ސިގްނަލް ތައް ވަނީ ހޯދިފައި،" އެ ކުންފުނީގެ ބްލޮގް ޕޯސްޓެއްގައި ބުނެފައިވެއެވެ.

އެންމެ ބޮޑު ކާމިޔާބީއަކީ ހަބްލްގެ ޕެޓެންޓްޑް ފޭސްޑް އެރޭ އެންޓެނާ ޓެކްނޮލޮޖީގެ ސަބަބުން ބްލޫޓޫތު ސިގްނަލްތައް ހަރުދަނާގޮތެއްގައި ފުޅާކޮށް، ކުދި ސެޓެލައިޓްތަކަށް އާންމުގޮތެއްގައި ކުރު ރާސްތާގެ ވަޔަލެސް ކޮމިއުނިކޭޝަންތައް ދެނެގަނެވޭގޮތް ވުން ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

ހަބްލްގެ ސިސްޓަމް ސްކޭލް ކުރެވިއްޖެނަމަ އިންޓަނެޓް އޮފް ތިންގްސް (އައިއޯޓީ) ޑިވައިސްތަކާއި އެހެނިހެން ކޮމްޕިއުޓިން އިކުއިޕްމަންޓްތަކަށް އާ ޑޭޓާ ނެޓްވޯކެއް ލިބިގެންދާނެއެވެ. ހާއްސަކޮށް ބްރޯޑްބޭންޑް ގެ ހިދުމަތް ލިމިޓެޑް ވާ ދުރު ސަރަހައްދުތަކުގައި މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންޓަނެޓް ފޯރުކޮށްދެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

"ދުރު ހިސާބުތަކުގައި ކަވަރޭޖަށް އެމީހުން މަސައްކަތް ކުރާ އިރު، ޓްރެޑިޝަނަލް ނެޓްވޯކްތައް ގިނަ ފަހަރަށް ދުރު ހިސާބުތަކުގައި ނުހުރޭ، އެހެންކަމުން ބައިނަލްއަގުވާމީ ފެންވަރުގައި ހަރުދަނާ ގޮތެއްގައި އޮޕަރޭޓް ކުރަން ވަރަށް ބޮޑު ޚަރަދެއް ކުރަން ޖެހޭ،" ހަބްލްގެ ބްލޮގް ޕޯސްޓްގައި ބުނެފައިވެއެވެ.

ހަބްލް އިން ބުނީ އެ ކުންފުނީގެ ޓެކްނޮލޮޖީ ރަން ކުރަނީ ހަމައެކަނި ސޮފްޓްވެއާ އަޕްޑޭޓެއް މެދުވެރިކޮށް މިހާރު ހުރި ބްލޫޓޫތު ޗިޕްސްތަކުގައި ކަމުގައެވެ.

ޓެކްނިކަލް ތަފްސީލުތަކަށް އަލިއަޅުއްވާލައްވަމުން ހަބްލް އިން ބުނީ، ކޮންސިއުމާ އިލެކްޓްރޯނިކްސް، އިންފްރާސްޓްރަކްޗާ، ލޮޖިސްޓިކްސް އަދި ޑިފެންސް ފަދަ އިންޑަސްޓްރީތަކުގެ ޕައިލެޓް ކަސްޓަމަރުންނާ އެކު ސެޓެލައިޓް-ޓު-ބްލޫޓޫތު ކަނެކްޓިވިޓީ ތަންފީޒު ކުރުމުގެ މަސައްކަތް މިހާރުވެސް އެކުންފުނިން ކުރަމުން އަންނަ ކަމަށެވެ.

މި ސްޓާޓްއަޕް އިން މިދިޔަ އަހަރު ސީރީޒް އޭ ފަންޑިންގެ ގޮތުގައި 20 މިލިއަން ޑޮލަރު ހޯދީ މިހާރުގެ ޓެރެސްޓްރިއަލް ނެޓްވޯކްތަކަށް ވުރެ ކުޑަ އަގެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އައިއޯޓީ ޑިވައިސްތައް ގުޅާލުމަށް "އިންޓަނެޓް ފްރޮމް ސްޕޭސް" އެއް އުފެއްދުމުގެ އަމާޒަށް ކުރިއަށް ގެންދިއުމަށް ކަމަށް އެކުންފުނިން ބުނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.