އަހަރުމެން ތައްޔާރުކުރާ ސްޓެޓިކް ޑިޒައިންތައް އެނިމޭޓްކޮށްލުމަށް ބޭނުންކުރެވިދާނެ އެންމެ ފަސޭހަ އެއް ޓޫލަކީ ލޮޓީ ކްރިއޭޓަރއެވެ. އަލަށް ޑިޒައިންކުރަން ފަށާ ފަރާތްތަކުން ފެށިގެން ޕްރޮފެޝަނަލް ޑިޒައިނަރުންނާއި ހަމައަށް، ކޮންމެ ލެވެލްއެއްގެ ޑިޒަނަރަކަށް ވެސް މިއީ ވަރަށް ބޭނުން ހިފޭނެ އެޕްލިކޭޝަނެކެވެ. އަަހަރުމެން ތައްޔާރު ކުރާ ވެބްސައިޓްތަކާއި، މޯބައިލް އެޕްތަކާއި ސޯޝަލް މީޑިއާ ކޮންޓެންޓްތައް އިތުރަށް ސަޅިކޮށްލާ، އިންޓަރެކްޓިވްކޮށްލުމަށް ލޮޓީ ކްރިއޭޓަރ ވަރެއް ނެތެވެ. ލޮޓީ ކްރިއޭޓަރ ބޭނުންކޮށްގެން އާދައިގެ ޑިޒައިންތައް އާދަޔާ ހިލާފު ޑިޒައިންތަކަކަށް ބަދަލުކޮށްލެވިދާނެއެވެ.
ލޮޓީ ކްރިއޭޓަރއަކީ ވެބްސައިޓްތަކާއި، މޯބައިލް އެޕްތަކާއި ސޯޝަލް މީޑިއާ ކޮންޓެންޓްތައް އިންޓަރެކްޓިވްކޮށްލުމަށް ބޭނުންކުރެވިދާނެ ވެބް ބޭސްޑް އެނިމޭޝަން އެޕްލިކޭޝަނެކެވެ. މިއެޕްލިކޭޝަން ބޭނުންކުރުމަށް ލޮޓީ ކްރިއޭޓަރ އެޕްލިކޭޝަންގެ ލިންކަށް ގޮސް އީމެއިލް، ފޭސްބުކް، ޑްރިބްލް ނުވަތަ ގިޓްހަބް އެކައުންޓް ބޭނުންކޮށް، ރަޖިސްޓަރކޮށްލާ ބޭނުންކުރަންވީއެވެ. ލޮޓީ ކްރިއޭޓަރއަކީ ލޮޓީ ފައިލްސްގެ އުފެއްދުމެކެވެ.
ޑިޒައިންތައް އެނިމޭޓްކުރާ އެހެން ޓޫލްތަކާއި އަޅާބަލާފައި ލޮޓީ ކްރިއޭޓަރ ހާއްސަވަނީ އޭގައި އެކުލެވޭ ބައެއް ފީޗަރސްތަކުގެ ސަބަބުންނެވެ.
މިއީ ވަރަށް ބޭނުންކުރަން ފަސޭހަ އިންޓަރފޭސްއެއް ހިމެނޭ ޓޫލްއެކެވެ. ޓައިމްލައިން އާއި ކީފްރޭމްސް ފަދަ ފީޗަރސް ބޭނުންކޮށްގެން ލޮޓީ ޑިޒައިން އުފައްދާ ފަރާތްތަކަށް، ބޭނުންވާގޮތަކަށް އެނިމޭޓްކުރުމުގެ ބާރު ލިބެއެވެ. އަދި މީގައި ހިމެނޭ އެނިމޭޝަން ޕްރީސެޓްތަކުގެ ސަބަބުން އެނިމޭޝަންތައް ފެށޭ އަދި ނިމޭ ގޮތްތައް ފަސޭހައިން ސެޓްކޮށްލެވެއެވެ.
ލޮޓީ ކްރިއޭޓަރއިން އުފައްދާ ކޮންމެ އެނިމޭޝަނެއް ބޭނުންގޮތަކަށް ބަދަލުކޮށް ޕާސަނަލައިޒް ކުރުމުގެ މިނިވަންކަން ލިބެއެވެ. ގެންނަ ކޮންމެ ބަދަލަކާއި އެކު ގެނައި ބަދަލުތައް ބަލާލެވޭގޮތަށް، އެނިމޭޝަން އެކިއެކި ވަރޝަންތައް ރައްކާކުރުމުގެ ފީޗަރ މިއެޕްގައި ހިމެނެއެވެ.
ލޮޓީ ކްރިއޭޓަރގައި ހިމެނޭ އެނިމޭޝަން ލައިބްރަރީއަކީ މިއެޕްގެ ވަރަށް ހާއްސަ ފީޗަރއެކެވެ. އަމިއްލަ ޑިޒައިނެއް ތައްޔާރުކުރުމުގެ ކުރިން އިންސްޕިރޭޝަން ހޯދުމަށް، 1 ލައްކައަށް ވުރެ ގިނަ އެނިމޭޝަން ހިމެނޭ އެނިމޭޝަން ލައިބްރަރީ ބޭނުންކުރެވިދާނެއެވެ. މީގެ ތެރޭގައި އެކި އެކި ދާއިރާތަކަށް އަދި ބޭނުންތަކަށް ހާއްސަ އެނިމޭޝަންތައް ހިމެނެއެވެ.
އެސްވީޖީ ފައިލް އިމްޕޯޓް ކުރެވުމަކީ ވެސް ލޮޓީ ކްރިއޭޓަރް ހިމެނޭ ބޭނުންތެރި ފީޗަރއެކެވެ. ކުރިން ތައްޔާރުކޮށްފައިވާ ސްޓެޓިކް އެސްވީޖީ ފައިލްތައް ވަގުތުން ލޮޓީ ކްރިއޭޓަރ އެޕްލިކޭޝަނަށް އިމްޕޯޓްކޮށް އެނިމޭޓްކޮށްލެވެއެވެ.
ލޮޓީ ކްރިއޭޓަރއިން އަހަރުމެން ބޭނުންވާ އެކި އެކި ފޯމެޓަށް އަހަރުމެންގެ އުފެއްދުންތައް އެކްސްޕޯޓްކޮށްލެވެއެވެ. ކޮންމެ ޕްރޮޖެކްޓެއްވެސް ނިމުމުން އެޕްރޮޖެކްޓަކަށް ބޭނުންވާ ފޯމެޓަށް އެކްސްޕޯޓްކުރުމުގެ ފީޗަރ މިއެޕްލިކޭޝަނުން ލިބެއެވެ. މީގެ ތެރޭގައި ލޮޓީ ޖޭސަން، އޮޕްޓިމައިޒްޑް ލޮޓީ ޖޭސަން، ޑޮޓްލޮޓީ، އޮޕްޓިމައިޒްޑް ޑޮޓްލޮޓީ، ޖިފް، އެމްޕީ4، އެމްއޯވީ އަދި ވެބްއެމް ފޯމެޓްތައް ހިމެނެއެވެ.
އޭއައިގެ ޒަމާނުގައި އޭއައި ފީޗަރ ނުހިމަނާ މިހާރު އެއްވެސް އެޕްލިކޭޝަނެއް ފުރިހަމަ ނުވާނެއެވެ. ލޮޓީ ކްރިއޭޓަރގައި ހިމެނޭ "އޭއައި ޕްރޮމްޓް ޓު ވެކްޓަރ" ޕްލަގްއިންއަކީ މިއެޕްގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ފީޗަރއެވެ. މިފީޗަރ ބޭނުންކޮށްގެން ޓެކްސްޓް ޕްރޮމްޓެއް ދިނުމުން ބޭނުންވާ ޑިޒައިނެއް ތައްޔާރުކޮށް، ފަސޭހައިން އިތުރު ބަދަލުތައް ގެނެސް އެނިމޭޓް ކުރެވެއެވެ. އަދި އެކި ބާވަތުގެ (ފްލެޓްއައިކަން، ލޯގޯ، އިލްސްޓްރޭޝަން ފަދަ) ވެކްޓަރ ފައިލް ޖެނެރޭޓް ކުރުމުގެ އޮޕްޝަންވެސް މިފީޗަރއިން ލިބިގެންދެއެވެ. މިބައިގައި ޕްރޮމްޓް ލިޔުމަށް އެހީތެރިވެދޭ ބައެއްވެސް ހިމެނެއެވެ.
ލޮޓީ ކްރިއޭޓަރގެ އިތުރު ޕްލަގްއިން އެއް ކަމަށްވާ "ކައިނެޓިކް ޓައިޕޯގްރަފީ" އަކީވެސް ބޭނުންތެރި ފީޗަރއެކެވެ. މިއީ ޓެކްސްޓެއް ވެކްޓަރއަކަށް ބަދަލުކޮށްލެވޭ ފީޗަރއެކެވެ. ވެކްޓަރ ތައްޔާރުކޮށް އެއަށް އިތުރު ބަދަލުތައް ނެގެސް އެނިމޭޓް ކުރެވެއެވެ.
ޑިޒައިންކުރުމުގެ ތެރޭގައި އެއްކަމެއް އެތަށް ފަހަރަކު ރިޕީޓްކުރަން ޖެހޭ ޖެހުން ފަސޭހަކުރުމަށް "ޑުޕްލިކޭޓަރ" ޕްލަގްއިންއެއް ލޮޓީ ކްރިއޭޓަރގައި ހިމެނިފައިވެއެވެ. މިފީޗަރ ބޭނުންކޮށްގެން ވަރަށް ފަސޭހައިން އަދި އަވަހަށް ޑިޒައިންތައް އެނިމޭޓްކުރުމުގައި އެހީތެރިކަން ލިބިގެން ދެއެވެ.
ލޮޓީ ކްރިއޭޓަރއަކީ ހަމައެކަނި ޑިޒައިންރުންނަށް ނުވަތަ އެނިމޭޓަރުންނަށް ހާއްސަ އެޕްލިކޭޝަނެއް ނޫނެވެ. މިއީ ޑިޒައިނިންގ ތަޖުރިބާ ނެތް ނަމަވެސް ގިނަ ބަޔަކަށް ބޭނުންކުރެވިދާނެ ފަސޭހަ ޓޫލްއެކެވެ. ވެބް ޑިޒައިނަރުން އެމީހުންގެ ވެބްސައިޓްތަކާއި އެޕްލިކޭޝަންތައް ޔޫސަރ ފްރެންޑްލީ ކުރުމަށް ލޮޓީ ކްރިއޭޓަރ ބޭނުންކުރެވިދާނެއެވެ. މޯބައިލް އެޕްލިކޭޝަން ތައްޔާރުކުރާ ޑިވެލޮޕަރުންނަށް ވެސް އެމީހުން އުފައްދާ އެޕްތައް އިންޓަރެކްޓިވް ކުރުމަށާއި، އިތުރަށް ޝައުގުވެރިކުރުމަށް ލޮޓީ އެނިމޭޝަންތައް ތައްޔާރުކުރުމަށް މިއެޕް ބޭނުންކުރެވޭނެއެވެ. ގްރެފިކްސް ޑިޒައިނަރުން ތައްޔާރުކުރާ ސްޓެޓިކް ޑިޒައިންތައް އެނިމޭޓް ކުރުމަށް އެމީހުންގެ ޑިޒައިންތަކުގައި ލޮޓީ އެނިމޭޝަންތައް ހިމެނިދާނެއެވެ. އަދި ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމަށް ކޮންޓެންޓް އުފައްދާ ފަރާތްތަކަށް މިއީ ނުހަނު ޝައުގުވެރި ޓޫލަކަށް ވެގެން ދާނެކަން ޔަގީނެވެ. ސޯޝަލް މީޑިއާގެ ޕޯސްޓްތަކަށާއި ޕްރެޒެންޓޭޝަންތަކަށް މީހުންގެ ސަމާލުކަން ހޯދައި އެންގޭޖްމަންޓް އިތުރުކޮށްދިނުމަށް ލޮޓީ އެނިމޭޝަން ބޭނުންކުރެވިދާނެއެވެ.
ލޮޓީ ކްރިއޭޓަރގެ އެކި އެކި ފީޗަރތައް އަމިއްލަތަށް ތަޖުރިބާކޮށް، އެކި ލެވެލްގެ އެނިމޭޝަން ހުނަރުތައް ދައްކާލުމަށް ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ބައެއް އުފެއްދުންތައް ދައްކާލާފައެވެ. މިފަދަ ޔޫޒަރ ޖެނެރޭޓް އުފެއްދުންތަކުން އެޕްގެ ފަސޭހަކަމާއި އެކިއެކި ބާވަތުގެ އުފެއްދުންތައް އުފެއްދުމުގެ ކުޅަދާނަކަން މިއެޕްގައި ހިމެނޭކަން ހާމަކޮށްދެއެވެ. އަދި ލޮޓީ ކްރިއޭޓަރ ބޭނުންކޮށްގެން އެނިމޭޝަން އުފެއްދުމުގެ ޝައުގުވެރިން ހުރި އެހެން ފަރާތްތަކަށް އިންސްޕަޔަރ ކޮށްދެއެވެ.
ލޮޓީ ކްރިއޭޓަރ އަކީ ބޮޑެތި ކޮމްޕްލެކްސް ސޮފްޓްވެއަރތައް އިންސްޓޯލްނުކޮށް އަދި ކޯޑިން ހުނަރަކާއި ނުލާ އިންޓަރެކްޓިވް އެނިމޭޝަންތައް އުފެއްދުމަށް ބޭނުންކުރެވިދާނެ ވަރަށް ފަސޭހަ އެހެން ނަމަވެސް ބާރު ގަދަ އޮންލައިން ވަސީލަތެކެވެ. ފަސޭހައިން ދެނެގަނެވޭނެ އަދި ޕްލެކްސިބަލް ފީޗަރސްތަކަކާއި، އެނިމޭޝަންގެ ބޮޑު ލައިބްރަރީއެއް ހިމެނޭ ލޮޓީ ކްރިއޭޓަރަކީ އަހަރުމެންގެ ޑިޒައިން ޕްރޮޖެކްޓްތަކުގައި އެނިމޭޝަންގެ ޖާދޫ ޖައްސާ، ޑިޒައިންތަކަށް ދިރުމެއް ގެނެސް، ޑިޒައިންތަކުގެ ލެވްލް މައްޗަށް ޖައްސާލަން ބޭނުންވާ ކޮންމެ މީހަކަށް ބޭނުކުރެވިދާނެ އަގުހުރި ޓޫލެކެވެ.
2018 ވަނަ އަހަރުގެ ތެރޭގައި ވުޖޫދުވި ލޮޓީ ފައިލްސް އަކީ ދިވެހި ޑިވެލޮޕަރ ނަސްރުﷲ އަދުނާނު (ނައްޓު) އަދި ޝިޓީޖް މިންގަލްނީ ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ. ލޮޓީފައިލް އަކީ ޖޭސަން ސްކްރިޕްޓްގެ މައްޗައް ބިނާކުރެވިފައިވާ ލޮޓީ އެނީމޭޝަން ތަކަށް ޚާއްސަ ޕްލެޓްފޯރމެކެވެ.
އިތުރަށް ކިޔާލުމަށް
ލޮޓީފައިލްސްއިން 37 މިލިއަންޑޮލަރުގެ ފަންޑިންއެއް ހޯދައިފި
ލޮޓީފައިލްސް އިން އައިކޮންސްކައުޓް ގަނެފި
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް